ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރާޅުތައް – ޗެޕްޓަރ 9

އިހުސާސް

އެ އެއްޗެއް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ.

އޭނާއަށް އެކަން ކަށަވަރުވެއެވެ.

ލޮލެއް، މޫނެއް ނެތް ނަމަވެސް… އެ އެއްޗެއްގެ އިހުސާސް އޭނާއަށް ކުރެވެއެވެ.

އޭނާގެ ސިކުނޑިއަށް ބަރުދަނެއް އިހުސާސްވަމުންދިޔައެވެ. ފިނި، ބަރު، އަދި ކެތްތެރި އިހުސާސެކެވެ.
އަމްޝަދުގެ ނޭވާ އަވަސްވެ، މޭތަޅެމުންދިޔައީ އާދަޔާ ހިލާފު ބާރުމިނެއްގައެވެ. އެ ބަރުދަނުގެ ސަބަބުން އޭނާގެ ހިޔާލުތައް އޮޅުންބޮޅުންވަމުންދިޔައެވެ.

“ދުވާށެވެ!”

އޭނާގެ ސިކުނޑީގެ ތެރޭގައި އެ ބަސް ބާރަށް ގުގުމަމުންދިޔައެވެ.

އެހެނަސް…

އޭނާގެ ހަނދާނުގައި ޔަސްމީންގެ ހަޅޭކުގެ އަޑު އަނެއްކާވެސް ގުގުމާލިއެވެ. އޭނާ ވެއްޓުނު ގޮތެވެ. އޭގެ ފަހުން ވެރިވި ހިމޭންކަމެވެ.

އޭނާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ މައްޗަށް އެހެން އިހުސާސެއް ކުރިހޯދިއެވެ.

“ނޫން…” ތުރުތުރުލަމުން ދިޔަ، އެހެނަސް ސާބިތު އަޑަކުން އޭނާ ބުންޏެވެ. “އޭނާ ދޫކޮށެއް ނުދާނަން.”

ދުންގަނޑެއް ފަދަ އެ ސޫރަ ބަދަލުވަމުންދިޔައެވެ. އޭގެ ތެރޭގައިވާ ރިހިކުލައިގެ އަލިގަދަވެ، ކޮންމެވެސް ކަމަކަށް އިޖާބަދޭ ފަދައެވެ.

އޭނާގެ ފައި ތުރުތުރުލަމުންދިޔަ ނަމަވެސް، މިފަހަރު އޭނާ ގަދަކަމުން ފިޔަވަޅު އެޅިއެވެ. ފަހަތަކަށް ނޫނެވެ. އަރިމައްޗަށެވެ. ދޮރާ ދިމާލަށެވެ.

ވަގުތުން ވައިގެ ތެރޭގައިވާ ބަރުދަން އިތުރުވެ، އޭނާއަށް ހުރަސް އަޅާ ފަދަ އިހުސާސެއް ކުރެވުނެވެ. އެއީ އޭނާއަށް ދެވޭ އިންޒާރެއް ފަދައެވެ. އޭނާގެ ހިތުގެ ތެޅުން އިތުރަށް އަވަސްވިއެވެ.

“އަހަރެން އޭނާ ދޫކޮށްލާފަ ނުދާނަން،” އަޑަށް ބާރުލާފައި އޭނާ ބުންޏެވެ. “ކަލެއަކީ ކޮންމެ އެއްޗަކަށް ވިޔަސް، އޭނާގެ މައްޗަށް މިގޮތަށް ބާރު ފޯރުވުމުގެ ފުރުސަތެއް ނުދޭނަން.”

އެ ބަސްތައް ނިކަމެތިހެން ހީވި ނަމަވެސް، އެއީ އޭނާގެ އަމިއްލަ ނިންމުމެވެ.

އެ ސޫރަ ހަރަކާތްކުރަން ފެށިއެވެ. ކުރިއަކަށް ނޫނެވެ. ފަހަތަކަށްވެސް ނޫނެވެ. އޭނާގެ ވަށައިގެންނެވެ. ވަޔެއް ނެތި ދައުރުވާ ދުންގަނޑެއް ފަދައިން، އެ އެއްޗެއް އޭނާ ވަށާލިއެވެ. އޭގެ ތެރޭގައިވާ ރިހިކުލައިގެ ނާރުތައް ފަނޑު އަލިކަމަކާއެކު ދިއްލެމުންދިޔައީ، އެ އެއްޗެއް ކޮންމެވެސް ކަމަކާ މެދު ވިސްނަމުންދާ ފަދައަކުންނެވެ. އޭނާ ނިންމާ ނިންމުމަކަށް އެ އެއްޗެއް ބަލަހައްޓައިގެން ހުރި ކަހަލައެވެ.

އޭނާގެ އަތް ދޮރުގައި ޖެހުނެވެ. އެ ވަގުތު، އެ ދޮރު ނުހަނު ބަރުހެން ހީވިއެވެ. ކޮންމެވެސް ނުފެންނަ ބާރަކުން އެ ދޮރު ބަންދުކޮށްގެން ހުރި ފަދައެވެ. އެ ދޮރުން އެތެރެއަށް ވަނުމަކީ ހަމައެކަނި ފިޔަވަޅެއް އެޅުން ނޫންކަމާއި، އެއީ މާ ފުން މާނައެއް އެކުލެވޭ ކަމެއްކަން އޭނާއަށް އިހުސާސްވިއެވެ.

އޭނާ މަޑުޖެހިލިއެވެ. އެންމެ ހިނދުކޮޅަކަށެވެ.

އެ ހިނދުކޮޅުގެ ތެރޭގައި އޭނާއަށް އަނެއްކާވެސް އެ އިހުސާސް ކުރެވުނެވެ. ބިރުވެރިކަމެއް ނޫނެވެ. ނުފެންނަ ބާރެއްގެ ބަރުދަނެއްވެސް ނޫނެވެ. އެހެން ކަމެކެވެ. ކޮންމެވެސް ފަނޑު އަޑެއްގެ ގުގުމުމެކެވެ. އެއީ ބޭރުގައި ހުރި ސޫރައިގެ ފަރާތުން އައި ކަމެއް ނޫނެވެ. އެއީ ގޭގެ ތެރެއިން، އޭނާގެ ފަރާތުން އައި އިހުސާސެކެވެ. ބަލިކަށި، ފަނޑުވަމުންދިޔަ ނަމަވެސް، އެއީ ހަގީގަތެކެވެ.

އޭނާގެ ދަތްކުޑިވިދާލިއެވެ. އަދި އިތުރަށް ވިސްނުމެއް ނެތި، ދޮރަށް ބާރުލާފައި ކޮއްޕާލިއެވެ.

ދޮރު ހުޅުވިގެންދިޔައެވެ. އޭނާ ގޭގެ ތެރެއަށް ވަތް ވަގުތު، މުޅި މާހައުލު ބަދަލުވެގެންދިޔައެވެ. ވައި ފިނިވިއެވެ. ކުރިން އިހުސާސްވަމުންދިޔަ ބަރުދަން ކެނޑި، އޭނާގެ ފަހަތުން އެ ބަރުދަން އަލުން އިހުސާސްވާން ފެށިއެވެ. ދުންގަނޑެއް ފަދަ އެ ސޫރަ އެތެރެއަކަށް ނުވަދެއެވެ. އެ އެއްޗެއް މަޑުކޮށްލީ ދޮރުމަތީގައެވެ. ބަލަހައްޓައިގެން، އިންތިޒާރުގައެވެ. ނުފެންނަ ކޮންމެވެސް ބާރަކުން އެ އެއްޗެއް ހިފަހައްޓާފައިވާ ފަދައެވެ.

ގޭގެ ތެރޭގައި، ޔަސްމީން ބިންމަތީގައި ހަރަކާތެއް ނެތި އޮތެވެ. އޭނާގެ ހުދު ހެދުން ބިންމަތީގައި ފެތުރިފައި އޮތްއިރު، އިސްތަށިގަނޑު ވަނީ މޫނުމައްޗަށް އެޅިފައެވެ. އޭނާ އޮތް ގޮތުން އަމްޝަދުގެ މެޔަށް ތަދުވާ ފަދަ އިހުސާސެއް ކުރެވުނެވެ.

“އޭ” އޭނާ ދުވެފައި ގޮސް އޭނާގެ ކައިރިއަށް ތިރިވިއެވެ. “ހޭލަބަލަ! ތެދުވެބަލަ…!”

އޭނާގެ އަތް އޮތީ އޭނާއާ ދާދި ގާތުގައެވެ. ބިރުން ހުރެ އަތްލާން ނުކެރިފައި، ނުވަތަ އަތްނުލާން ކެތްނުކުރެވިފައި ހުރި ކަހަލައެވެ. “އަހަރެންގެ އަޑު އިވޭތަ؟” މަޑުމަޑުން އަމްޝަދު އެހިއެވެ.
ކުޑަ ހިނދުކޮޅަކަށް ހިމޭންކަން ވެރިވިއެވެ.
ދެން ޔަސްމީންގެ އިނގިލިތައް ކުޑަކޮށް ހަރަކާތްކޮށްލިއެވެ. ވަރަށް ކުޑަކޮށް ނަމަވެސް، އެއީ ފުދޭވަރެކެވެ. އަމްޝަދަށް ނޭވާ ހިފަހައްޓާލެވުނެވެ.

ބޭރުގައި، ދުންގަނޑުގެ ތެރޭގައިވާ ރިހިކުލައިގެ އަލި އަނެއްކާވެސް ފަނޑުވެލާފައި ގަދަވިއެވެ. ކުރިއަށްވުރެ ބާރަށް، ކުރިއަށްވުރެ އަލިގަދަކޮށްނެވެ. އެއީ އަނބުރާ ނޭނބުރޭނެ ފަދަ ކޮންމެވެސް ބޮޑު ކަމެއް ފެށުނު ކަމުގެ ނިޝާނެއް ފަދައެވެ.

އޭނާގެ އިނގިލިތަކަށް އަނެއްކާވެސް ހަރަކާތެއް އައެވެ.
ދެން ފެނުނީ…
ފުން ނޭވާއެއްލި ތަނެވެ.
އަމްޝާދުގެ ބެލުންތަކުގެ ދަށުގައިވި އޭނާގެ ހަށިގަނޑަށް ލޮޅުމެއް އަރައި، ދުރު ތަނަކުން އަނބުރާ އަންނަ ފަދަ ގޮތަކަށް ހަށިގަނޑަށް ބާރުވިއެވެ.

“ހޭއި…” އަމްޝާދު މަޑުމައިތިރި އަޑަކުން ކައިރިވެލަމުން ބުންޏެވެ. “މި ކޮޅަށް ބަލާބަލަ… އަހަރެން ދައްކާ ވާހަކަ އަޑުއިވޭތަ؟”

ޔަސްމީންގެ ކުޑަކޮށް ބުމަ ހަލުވާލުމަށްފަހު، ތުންފަތުގެ ދޭތެރެއިން މަޑު އަޑެއް ބޭރުވިއެވެ. އެއީ ބަހެއް ނޫނެވެ، ނަމަވެސް ހަމައެކަނި ނޭވާއެއްވެސް ނޫނެވެ.
ދެން އޭނާ ލޯ ހުޅުވައިލިއެވެ.
ލަސްލަހުންނެވެ.
ނުހަނު އުނދަގުލުންނެވެ.

ހިނދުކޮޅަކަށް އެ ދެލޮލުގެ ފެނުން އެއް ތަނަކަށް ހުއްޓޭ ގޮތެއް ނުވިއެވެ. ހީވަނީ ފެންނަން ނެތް ކަމެއް ހޯދަމުންދާ ހެންނެވެ.
ދެން އޭނާގެ ބެލުން އަމްޝާދާ ބައްދަލުވިއެވެ. މުޅި މާހައުލު ހިމޭންވިއެވެ. އެ ދެމެދުގައި އުފެދުނު ކަރަންޓެއް ފަދަ އިހުސާސަކުން ދެމީހުންނަށްވެސް ބުނެދޭން ނޭނގޭ ފަދަ އަސަރެއް ކުރިއެވެ. އޭނާގެ ނޭވާ ހުއްޓުނު ކަހަލައެވެ. އޭނާގެ ކޮނޑާ ކައިރީގައި ހުރި އަމްޝާދުގެ އަތްވެސް ހަރަކާތް ހުއްޓި ހަރުވިއެވެ. އެ ދެމީހުން ތިބީ ވަރަށް ކައިރީގައެވެ. މާ ބޮޑަށްވެސް ކައިރީގައެވެ. އޭނާގެ ހަމުގެ ހޫނުކަމާއި، މޭމަތީގެ ތެޅުމާއި، އޭނާގެ ގައިން ދުވާ މީރުވަސް އަމްޝާދަށް އިހުސާސްވާހާ ކައިރީގައެވެ.

އެއީ މި ދުނިޔެއަށް ނިސްބަތްނުވާ ފަދަ ނާޒުކު އަސަރެކެވެ.
“ތީ…” އޭނާ މަޑުމަޑުން ބުނެލިއެވެ. އެ އަޑު ހީވަނީ އަމިއްލަ ނަފްސަށްވެސް އާ އަޑެއް ހެންނެވެ. ނަމަވެސް އޭނާ ދުރަކަށް ނުދިޔައެވެ. އޭގެ ބަދަލުގައި، އޭނާގެ އިނގިލިތައް ލަސްލަހުން އުފުލައި، އަމްޝަދުގެ އަތުކުރީގައި ޖައްސައިލިއެވެ. އެއީ ވަރަށް މަޑު ކަހާލުމެކެވެ. ނަމަވެސް އެ ބައްދަލުވުމުން ދެމީހުންގެ ހަށިގަނޑު ތެރެއިން ކޮންމެވެސް އެއްޗެއް ދައުރުވެގެން ދިޔަ ކަހަލައެވެ.

ކުޑަ ސިހުމެކެވެ.
ވޭނެއް ނޫނެވެ.
ބިރެއްވެސް ނޫނެވެ.
އޭގެއަށްވުރެ ފުން އަސަރެކެވެ. އަމްޝަދުގެ ނޭވާ ތާށިވިއެވެ. އޭނާގެ ހިފުން ކުޑަކޮށް ބާރުކޮށްލީ، އަމިއްލަ ނަފްސަށް ސާބިތުކަން ހޯދުމަށް ނުވަތަ ބުނެދޭން ނޭނގޭ ސަބަބަކާ ހުރެ އަމްޝަދު ހިފެހެއްޓުމަށެވެ.

ބޭރުން ފެންނަމުންދިޔަ ރިހިކުލައިގެ އަލިގަދަވަމުން ދިޔައެވެ. އެތެރޭގެ މާހައުލު ހޫނުވަމުން ދިޔައެވެ.
“ތި އައީ…” އޭނާގެ ބެލުން އަމްޝަދަށް ހުއްޓިފައި ހުރެ ބުނެލިއެވެ. ހީވަނީ ގަބޫލުކުރަން ދަތިވެފައި ހުރި ހެންނެވެ.
“އަހަރެން ހީކުރީ” ޔަސްމީންގެ އަޑު މަޑުވިއެވެ،
“ފިލާނެ ކަމަށް؟” އަމްޝާދު މަޑުމަޑުން ބޯ ހޫރައިލިއެވެ.
“މަސައްކަތް ކުރިން.” އޭނާގެ ތުންފަތަށް ކުޑަ ހިނިތުންވުމެއް އައެވެ. އެ ޖަވާބުގައިވި ތެދުވެރިކަމުން، މި އާދަޔާ ހިލާފު ވަގުތުކޮޅުގައިވެސް ހަގީގީ ކަމެއްވާކަން އިހުސާސް ކުރެވުނެވެ.

އޭނާގެ އަތް ލަސްލަހުން އަމްޝަދުގެ އަތުކުރިން އަތްތިލައަށް ބަދަލުކޮށްލިއެވެ. އެމީހުންގެ އިނގިލިތައް ބައްދަލުވިއެވެ. ދެން އެގޮތުގައި ހުއްޓުނެވެ. އެ ބައްދަލުވުން ދެމިގެން ދިޔައެވެ. އިއްތިފާގަކަށްވުރެ އެ ވަގުތު މާ ދިގުވިއެވެ.

އަޅާނުލާ ދޫކޮށްލަން މާ ހިމޭނެވެ. އަމްޝަދުގެ މޭ ބާރަށް ތެޅިލިއެވެ. އޭނާގެ ބެލުން ކުޑަ ހިނދުކޮޅަކަށް އޭނާގެ ތުންފަތަށް ހުއްޓުމަށްފަހު އަލުން ދެލޮލަށް ބަދަލުވިއެވެ. އޭނާއަށް އެކަން ފާހަގަވިއެވެ. ބަހެއް ބުނުމެއް ނެތި ދެމީހުންނަށް އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަނެވުނެވެ. އެ ވަގުތުކޮޅު ނުހަނު ބަރުދަނެވެ. އޭނާގެ ނޭވާލުން އަވަސްވިއެވެ. ހަށިގަނޑު ބަލިކަށި ނަމަވެސް، މިހާރު ހީވަނީ އޭނާ މާހައުލަށް ހޭނިއްޖެ ހެންނެވެ.

އޭނާގެ ބެލުމުގައި މިހާރު އާ ކަމެއް އެބަހުއްޓެވެ.
ކޮންމެވެސް ހޭލުމެކެވެ…
ކޮންމެވެސް އާ ކަމެއް ދެނެގަތުމުގެ ޝައުގުވެރިކަމެކެވެ…
ދުރަށް ދިއުމުގެ ބަދަލުގައި ކައިރިވުމުގެ އެދުމެކެވެ. ހީވަނީ އޭނާއަށް ދާދި ދެންމެވީ ކަމަކުން… އޭނާ ހަމައެކަނި ސިއްސުވައިލީ ނޫން ހެންނެވެ.—އާ ކަމެއް ހުޅުވައިލަދިނީ ހެންނެވެ.

ބޭރުގައި އެ ހިޔަނި މަޑުކޮށްލައިގެން ހުއްޓެވެ. ބަލަހައްޓައިގެންނެވެ. އޭގެ ތެރޭގައިވި ރިހިކުލައިގެ އަލި ވިންދެއް ޖަހާ ފަދައިން ބަބުޅަމުން ދިޔައެވެ. ހީވަނީ ރުހުން ދެނީ ހެންނެވެ. ނޫނީ އިންތިޒާރެއް ކުރަނީ ހެންނެވެ. އެތެރޭގައި، ދެމީހުން ކުރެ އެކަކުވެސް ހަރަކާތެއް ނުކުރެއެވެ. ނަމަވެސް ދެމީހުން ކުރެ އެކަކުވެސް ދޫކޮށެއް ނުލައެވެ. އަދި އެ ނާޒުކު ހިނދުކޮޅުގައި ބިރުވެރިކަން ފިލައިގެން ނުދެއެވެ. ނަމަވެސް އޭގެ ކައިރީގައި އެހެން ކަމެއް އުފަންވެއްޖެއެވެ. މާ ހޫނު ކަމެކެވެ. މާ ނުރައްކާތެރި ކަމެކެވެ. ހިމޭން، ނަމަވެސް އިންކާރު ނުކުރެވޭ ފަދަ ދަމާ ބާރެކެވެ… ދެން ދުވަހަކުވެސް އެ ދެމީހުންނަށް ދެކޮޅު ނުހެދޭނެ ފަދަ ބާރެކެވެ.

އެ ދެމީހުން ކުރެ އެކަކުވެސް ދުރަކަށް ނުދެއެވެ.

ޔަސްމީންގެ އިނގިލިތައް ވަނީ އަމްޝަދުގެ އަތްތިލަ ތެރޭގައެވެ. މަޑުމޮޅިކަމާއެކުގައެވެ. ނަމަވެސް އެއީ ކޮންމެވެސް ވަރުގަދަ ނިންމުމެއް ނިންމާފައިވާ ފަދަ ގޮތަކަށެވެ. އެއީ އޭނާގެ ސިކުނޑިއަށް އަދި ފަހުމްނުވާ، އެކަމަކު ހިތުން ނިންމާފައިވާ ނިންމުމެއް ފަދައެވެ.

އަމްޝަދަށް އެކަން އިހުސާސްވިއެވެ. އެއީ ހިމޭންކަމާއެކު ދެވުނު ހުއްދައެކެވެ. ނުވަތަ ދެމީހުންނަށްވެސް އިހުސާސް ކުރެވުނު ފުން އަސަރެކެވެ.

އަމްޝަދުގެ ނަޒަރު ދަތުރުކުރީ އޭނާގެ ތުންފަތަށެވެ. މިފަހަރު ކުރިއަށްވުރެ ލަސްލަހުންނެވެ. އެ ތުންފަތް ވަނީ ކުޑަކޮށް ހުޅުވިފައެވެ. ދެންމެ ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އޭނާގެ ނޭވާ އަދިވެސް ހަމައަކަށް ނޭޅެއެވެ.

އަމްޝަދުގެ ނަޒަރު އަނބުރާ އޭނާގެ ލޮލަށް ހުއްޓުނުއިރު، އޭނާވެސް ހުރީ އަމްޝަދަށް ބަލަހައްޓައިގެންނެވެ. އިންތިޒާރުގައެވެ. ބިރުގަތުމެއް ނެތިއެވެ. އޭނާގެ އަތަށް ބާރުކޮށްލީ އަމްޝަދަށް އެކަން އިހުސާސްވާނެ މިންވަރަށެވެ.

އަމްޝަދު ކުރިއަށް ޖެހިލިއެވެ. ވަރަށް ލަހުންނެވެ. ވަރަށް ފަރުވާތެރިކަމާއެކުގައެވެ. އެއީ އަނބުރާ ރުޖޫޢަނުވެވޭނެ ފަދަ އިންތިޚާބެއް ކުރާ ފަދަ ގޮތަކަށެވެ. ޔަސްމީންގެ ނޭވާ ކުރުވި ނަމަވެސް، އޭނާ ދުރަކަށް ނުދެއެވެ. އޭގެ ބަދަލުގައި، އޭނާގެ އަނެއް އަތް އުފުލާލިއެވެ. ތުރުތުރުލާ ހާލުގައެވެ. އަދި އަމްޝަދުގެ ކޮނޑުމަތީގައިވާ ފޭރާމުގައި މަޑުމަޑުން ހިފަހައްޓާލިއެވެ. ދެން ކުޑަކޮށް ބާރުކޮށްލިއެވެ. ދެމީހުންގެ ދެމެދުގައިވާ ދުރުމިން ކުޑަކުރަމުންނެވެ.

އެ ދެމީހުންގެ ދެމެދުގައިވާ ޖައްވު ހޫނުވެ، ނުބުނެވި ހުރި އެތައް ވާހަކައަކުން ބަރުވިއެވެ. އެއީ މާ ކުރިންސުރެ އުފެދެމުން އައި އަސަރެކެވެ. މިހާރު ދެމީހުންގެ މޫނު ހުރީ ވަރަށް ކައިރީގައެވެ. އެކަކު އަނެކެއްގެ ހޫނު ނޭވާ އިހުސާސްވާހާ ކައިރީގައެވެ. މުޅި ދުނިޔެމަތިން ހަނދާން ނެތޭހާ ކައިރީގައެވެ.

ކުއްލިއަކަށް މުޅި ކޮޓަރީގެ ހާލަތު ބަދަލުވިއެވެ. ހޫނުކަން ކެނޑި، ފިނި ރޯޅިއެއް އޭނާގެ ހަށިގަނޑުގައި ބީހިލި ފަދަ އިހުސާސެއް ކުރެވުނެވެ. ހިނދުކޮޅަކަށް އޭނާގެ ލޯ މަރާލެވުނެވެ. އެއީ ކޮންމެވެސް ކަމެއް ބަދަލުވެއްޖެކަން އަންގައިދޭން ފުދޭ މިންވަރެކެވެ.

އަމްޝަދަށްވެސް އެކަން އިހުސާސްވިއެވެ. އެތަނުގައި ކޮންމެވެސް އެހެން އެއްޗެއްގެ ހާޒިރުވުން މިހާރު ކުރިއަށްވުރެ ވަރުގަދައެވެ. އަދި މާ ގާތުގައެވެ. އަމްޝަދުގެ ފަހަތުގައެވެ. ޔަސްމީންގެ ލޮލުން ރިހިކުލައިގެ ފަނޑު އަލިކަމެއް ދެންމެ ފެނިގެންދިޔައެވެ. އެއީ އަމްޝަދުގެ ފަރާތުން އައި އަލިކަމެއް ނޫނެވެ. އެއީ އެހެން އެއްޗެއްގެ ފަރާތުން އައި އަލިކަމެކެވެ. އެމީހުންނަށް ބަލަންހުރި އެއްޗެކެވެ. އަޅާނުލާ ދޫކޮށްލަން ބޭނުންނުވާ އެއްޗެކެވެ.

އަމްޝަދު ދުރަކަށް ނުޖެހެއެވެ. ޔަސމީންވެސް ދުރަކަށް ނުދެއެވެ. އޭގެ ބަދަލުގައި، އޭނާ އަމްޝަދުގެ ލޮލަށް ބަލަހައްޓައިގެން ހުރީ ކޮންމެވެސް ކަމަކަށް އެދޭ ފަދަ އަސަރަކާއެކުގައެވެ. އޭނާއަށް ކޮންމެވެސް ކަމެއް އެނގޭ ފަދައެވެ. މި ފުރުސަތު ދެން ދުވަހަކުވެސް ނުލިބިދާނެކަން އޭނާއަށް ވިސްނޭ ފަދައެވެ.

އޭނާ ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ. “ހުއްޓާނުލާ…”

އެ ބަސްތަކުން އަމްޝަދުގެ ހަށިގަނޑަށް އާދަޔާޚިލާފު ހޫނުކަމެއް ލިބިގެންދިޔައެވެ. ވަށައިގެންވާ ފިނިކަން ފޫއަޅުވާލާފައެވެ. ނަމަވެސް، އެންމެ ފަހު ފިޔަވަޅު އަޅަން އޭނާ ތައްޔާރުވި ވަގުތު….

ފަހަތުގައިވާ ދޮރުން އަޑެއް އިވުނެވެ. ވަރަށް ލަހުން، ގަސްތުގައި ދޮރު ހުޅުވުނު އަޑެވެ. ވަށައިގެންވާ ވައި ކުރިއަށްވުރެ ބަރުވިއެވެ. އެއީ ހަމައެކަނި ބަލަން ހުރުމެއް ނޫނެވެ. އެއީ ހުރަސްއެޅުމެކެވެ. މުޅި މާހައުލުގައި މަޑު އަޑެއް ގުގުމާލިއެވެ. އެއީ ކަންފަތަށް އިވޭ އަޑަކަށްވުރެ ބޮޑަށް، ހަށިގަނޑުގެ އެތެރެއަށް އިހުސާސްވާ އަޑެކެވެ.

ކުއްލިއަކަށް ޔަސްމީން އަމްޝަދުގެ ގައިގައި ބާރަށް ހިފަހައްޓާލިއެވެ. އެއީ ބިރުގަތުމަކުން ނޫނެވެ. އެއީ ދެކޮޅުވެރިވުމުގެ ގޮތުންނެވެ. ކޮންމެވެސް އެއްޗެއް އޭނާ ފަހަތަށް ދަމާ ފަދައެވެ.

“ނޫން…” އޭނާ މަޑުމަޑުން ބުންޏެވެ. އޭނާގެ އަޑުގައި ހުރީ އުނދަގޫ ގޮތެކެވެ. އޭނާގެ ނަޒަރު އަމްޝަދުގެ ފަހަތަށް ހުއްޓުނެވެ. އެ ރިހިކުލައިގެ އަލިކަން ގަދަވިއެވެ. އެ ހާޒިރުވުން ވަރުގަދަވިއެވެ.

އެ ހިނދުކޮޅުގެ ތެރޭގައި، އެދުންވެރިކަމާއި އެއަށްވުރެ މާ މާޒީީީީ، މާ ވަރުގަދަ ކަމެއްގެ ދެމެދުގައި ތާށިވެފައި ތިބެ، އެ ދެމީހުންނަށްވެސް ކަމެއް ފަހުމްވިއެވެ. މިއީ މިހާރު ހަމައެކަނި އެ ދެމީހުންގެ މެދުގައި އޮތް ކަމެއް ނޫންކަމެވެ.

( ނުނިމޭ )

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top