ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ގޮހޮރުގެ ކެންސަރުގެ އިންޒާރުގެ ނިޝާންތައް އަނގައިން ފެނިދާނެ!

ގޮހޮރުގެ ކެންސަރަކީ ދުނިޔޭގައި އެންމެ ގިނައިން ފުރާނަ ގެއްލޭ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. ގޮހޮރުގެ އާދަތަކަށް އަންނަ ބަދަލާއި ބަނޑުގެ އުނދަގޫތަކަކީ އެންމެ ގިނައިން އެނގޭ ނިޝާންތައް ކަމުގައި ވިޔަސް، ދިރާސާތަކުން ދައްކާ ގޮތުގައި އަނގައިގެ ތެރެއިން ފެންނަ ބައެއް ބަދަލުތައް ވެސް މި ކެންސަރާ ގުޅިފައި ހުރެދާނެއެވެ.

“ދަ ސްލީޕް ޑެންޓިސްޓް”ގެ ނަމުން އޮންލައިންގައި މަޝްހޫރު ޑރ. މާކް ބާހެން ބުނާ ގޮތުގައި، ދަތުގެ އާންމު މައްސަލަތަކަކީ އަނގައިގެ ތެރޭގައި ހުންނަ ރަނގަޅު ބެކްޓީރިއާގެ ނިޒާމު ގޯސްވެފައިވާ ކަމުގެ ނިޝާނަކަށް ވެދާނެއެވެ. ގެއްލުންދެނިވި ބެކްޓީރިއާ އިތުރުވެއްޖެ ނަމަ، ގޮހޮރުގެ ކެންސަރުގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. އަނގައިގެ ތެރޭގައި ހުންނަ ބައެއް ނުރައްކާތެރި ބެކްޓީރިއާ ގޮހޮރާ ހަމައަށް ދަތުރުކޮށް، ކެންސަރު ބޮޑުވުމަށް މަގުފަހިކޮށްދޭ ދުޅަ އުފެދުމާ ގުޅިފައި ހުރެދާނެ ކަމަށް ދިރާސާތައް ބުނެއެވެ. ރަނގަޅަށް ދަތް ނޫނގުޅުމާއި ފްލޮސް ނުކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި މާ ގިނައިން ބަނގުރާ ބުއިމާއި ހަކުރު ގިނަ، ފައިބަރ މަދު ކާނާ ކެއުމުގެ ސަބަބުން މި ނާޒުކު ނިޒާމު ގޯސްވެދާނެއެވެ.

ޑރ. ބާހެން ފާހަގަކުރާ ނިޝާންތަކުގެ ތެރޭގައި ފުރަތަމަ ކަމަކީ ހިރުގަނޑުން ލޭ އައުމާއި ހިރުގަނޑު ދުޅަވުމާއި ހިރުގަނޑު ފޭބުމެވެ. ދަތް އުނގުޅާއިރު ލޭ އައުމަކީ ހިރުގަނޑުގެ ބައްޔެއް ކަމުގައިވާ ޖިންޖިވައިޓިސް ނުވަތަ ޕީރިއޮޑޮންޓައިޓިސްގެ ނިޝާނެކެވެ. ހާވާޑް ޔުނިވާސިޓީގެ ދިރާސާވެރިން ހޯދި ގޮތުގައި ޕީރިއޮޑޮންޓަލް ބަލި ހުންނަ މީހުންގެ ގޮހޮރުގައި ކެންސަރަށް ބަދަލުވެދާނެ ޕޮލިޕްސް ހެދުމުގެ ނުރައްކާ 17 އިން 21 ޕަސެންޓް ބޮޑު ކަމަށް ޑރ. ބާހެން ބުނެއެވެ.

“ލޭ އައުމަކީ ހަމައެކަނި ނިޝާނެއް ނޫން. އެއީ އެ ކަން ހިނގާ ގޮތް” ކަމަށް އޭނާ ބުނެއެވެ. މީގެ އިތުރުން، ލޭ ނައި ނަމަވެސް ހިރުގަނޑު ދުޅަވެ ތަދުވުމަކީ ހިރުގަނޑުގެ ދުޅައިގެ ކުރީކޮޅުގެ ނިޝާނެއް ކަމަށާއި، “މިއީ އެއްވެސް ޢަލާމާތެއް ނުފެނި ދާ ކަމެއް، އެހެންވެ އެތައް އަހަރެއް ވާއިރު ވެސް ފަރުވާ ނުހޯދައި ހުރެވެނީ” ކަމަށް ޑރ. ބާހެން ބުނެއެވެ.

ދެވަނަ ނިޝާނަކީ ނުބައި ވަސް ނުކެނޑި ހުރުމެވެ. މިއީ ފިއުޒޯބެކްޓީރިއަމް ނިއުކްލިއޭޓަމް ކިޔާ ބެކްޓީރިއާއަކާ ގުޅިފައި ހުރެދާނެ ކަމެއް ކަމަށް ދިރާސާތައް ބުނެއެވެ. މި ބެކްޓީރިއާ ގޮހޮރުގެ ކެންސަރު ޓިއުމަރުތަކުގައި ގިނަ ޢަދަދަކަށް ފެނިފައިވެއެވެ. މި ބެކްޓީރިއާ ކުޅު ނުވަތަ ލޭގެ ސެލްތައް މެދުވެރިކޮށް ހަށިގަނޑުގެ އެހެން ބައިތަކަށް ދަތުރުކޮށް، ދިފާޢީ ނިޒާމުގެ ހަމަލާތަކުން ސެލްތައް ރައްކާތެރިކޮށްދީގެން ކެންސަރު ބޮޑުވުމަށް އެހީވެދޭ ކަމަށް ބެލެވެއެވެ.

ތިންވަނަ ނިޝާނަކީ ދުލުގައި ހުދު ނުވަތަ ރީނދޫ ފަށަލައެއް ޖެހުމެވެ. މިއީ ޢާންމުކޮށް އަނގައިގެ ސާފުތާހިރުކަން ކުޑަވުމާއި ފެން މަދުވުމުގެ ސަބަބުން ބެކްޓީރިއާ ޖަމާވެގެން ވާ ކަމެކެވެ. “އެ ފަށަލައަކީ ބެކްޓީރިއާ ރައްކާކުރާ ގުދަނެއް ކަހަލަ އެއްޗެއް. ކޮންމެ ދުވަހަކު ލީޓަރެއްގެ ކުޅު ދިރުވާލާއިރު، ދުލުގައި ހުންނަ ހުރިހާ އެއްޗެއް އެއާ އެކު ދާނެ” ކަމަށް ޑރ. ބާހެން ބުނެއެވެ.

ހަތަރުވަނަ ނިޝާނަކީ ހަތަރު ދަތް ނުވަތަ އެއަށްވުރެ ގިނަ ދަތް ވެއްޓުމެވެ. ހާވާޑާއި އޭއޭސީއާރްގެ ޑޭޓާ ދައްކާ ގޮތުގައި، ހަތަރު ދަތް ނުވަތަ އެއަށްވުރެ ގިނަ ދަތް ވެއްޓިފައިވާ މީހުންގެ ގޮހޮރުގައި ކެންސަރަށް ބަދަލުވެދާނެ ޕޮލިޕްސް ހެދުމުގެ ނުރައްކާ 20 ޕަސެންޓް ބޮޑެވެ.

ދަތުގެ މައްސަލަތަކަކީ ހަމައެކަނި ގޮހޮރުގެ ކެންސަރުގެ ޔަޤީން ނިޝާނެއް ނޫން ނަމަވެސް، އަނގައިގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި ގަވާއިދުން ސްކްރީނިން ހެދުމަކީ ފުރާނަ ސަލާމަތް ކޮށްދީފާނެ ކަންކަން ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ރަނގަޅަށް ދަތް އުނގުޅުމާއި ފްލޮސް ކުރުމާއި ގަވާއިދުން ޑެންޓިސްޓަށް ދެއްކުމުގެ އިތުރުން، ރަނގަޅު ކެއުމާއި ކަސްރަތާއި ދުފުމާއި، ދުންފަތާއި ބަނގުރަލާ ދުރުހެލިވުމަކީ ވެސް މުހިންމު ކަންކަން ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ނޯޓް
މިއީ ޑެއިލީ މެއިލްއިން ނަގާފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top