ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްރީލަންކާ ބަލިކޮށް ބޫޓާން ސެމީފައިނަލަށް!
ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން

ދިވެހިރާއްޖޭގައި މިހާރު ކުރިޔަށްދާ ސާފްގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ބޫޓާން ޖާގަ ހޯދައިފިއެވެ. ސްރީލަންކާއާ ބޫޓާން ރޭ ބައްދަލުކުރި މެޗުން ބޫޓާން މޮޅުވީ 1-0 އިންނެވެ. މިމެޗުން ލިބުނު 3 ޕޮއިންޓާއިއެކު 4 ޕޮއިންޓް ހަމަކޮށް ބޫޓާނުން ވަނީ ގްރޫޕް އޭ ގެ ދެވަނަ ހޯދައިފިއެވެ. މިގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނޭޕާލް ސެމީފައިނަލަށް ގޮސްފައިވާއިރު، ތިން ޕޮއިންޓް ލިބުނު ސްރީލަންކާ އާއި 2 ޕޮއިންޓް ލިބުނު ދިވެހިރާއްޖެއަށް ވަނީ މުބާރާތް ނިމިފައެވެ.

މެޗް އެއްވަރުކޮށްލައިގެން ވެސް ސެމީފައިނަލަށް ދިއުމުގެ ފުރުސަތު އޮތުމުން ޑިފެންސަށް ބޮޑު އިސްކަމެއް ދީގެން ސްރީލަންކާއިން ކުޅުނުއިރު، މޮޅުވެގެން ނޫނީ ސެމީފައިނަލަށް ދިއުމުގެ ފުރުސަތު ނެތް ބޫޓާނުން ކުޅުނީ އެޓޭކަށް އިސްކަން ދީގެންނެވެ.

ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތު ސްރީލަންކާއަށް ވުރެ ގިނައިން ލިބުނީ ބޫޓާނަށެވެ. ބޫޓާނުން އުފެއްދި ހަމަލާއެއްގައި ސްރީލަންކާ ކުޅުންތެރިއެއް ފައިގަ ޖެހިފަ ގޯލަށް ވަންނަން ދިޔަ ބޯޅަ އެޓީމުގެ ކުޅުންތެރިއަކު ގޯލް ލައިން ކައިރިން ވެސް ސަލާމަތްކުރިއެވެ.

ގިނައިރު ބޯޅަ ހިފަހައްޓައިގެން ބޫޓާނުން މޮޅަށް ކުޅުނު ނަމަވެސް، ދޭތެރެއަކުން ސްރީލަންކާއިން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ހޯދާފައެވެ. ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ ޓީމަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފު ވެސް ފެނުނީ ސްރީލަންކާއަށްވުރެ ރަނގަޅަށް ބޫޓާނުން ކުޅުނު ތަނެވެ. މެޗް ޑްރޯކޮށްލައިގެން ސެމީފައިނަލަށް ދިއުމުގެ ފުރުސަތު އޮތުމުން މުޅިޓީމު އެޓީމުގެ ހާފުތެރޭ މަޑުކޮށްގެން ކަހަލަ ގޮތަކަށް ކުޅެމުންދިޔަ ސްރީލަންކާ ކޮޅަށް ބޫޓާނުން ލަނޑު ޖެހީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 6 މިނިޓުން 2 ވަނަ މިނިޓްގައެވެ.

ބޫޓާންގެ ހާފުތެރެއިން އެޓީމުގެ ކުޅުންތެރިން ޕާސްދީގެން ކުޅެމުން އައި ބޯޅަ އެޓީމުގެ 12 ނަންބަރު ކުޅުންތެރިޔާ ޓަންޑިން ޝެވާން ކުރިއަށް އަރައި ސްރީލަންކާގެ އޭރިޔާ އަރިމަތިން ގޯލް ކުރިމައްޗަށް ހުރަސްކޮށްލިއިރު، އެބޯޅަ ހޯދުމަށް ސްރީލަންކާގެ ޑިފެންޑަރުންނާއި ކީޕަރު ވެސް މަސައްކަތް ކުރިއެވެ. މަތިންމަތިން ނަގައިދިން އެބޯޅަ ލިބުނީ ގޯލްގެ ފަހަތު ދަނޑި ކައިރީ ހުރި އެޓީމުގެ 15 ނަންބަރު ކުޅުންތެރިޔާ ދެންޑުޕް ގެޔެސްޓެން އަށެވެ. އޭނާ އެއްފަހަރުން ބޮލުން ޖަހައި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލިއިރު އެބޯޅަ ސަލާމަތް ކުރުމުގެ ފުރުސަތު ސްރީލަންކާ އެއްވެސް ކުޅުންތެރިއަކަށް ނުލިބުނެވެ.

މިމުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. ގުރޫޕް ބީ ގެ މިމެޗްގައި ބައްދަލުކުރާނީ ބަންގުލަދޭސް އާއި އިންޑިއާއެވެ. މި ގުރޫޕްގެ އެއްވަނަ އާއި ދެވަނަ ޔަގީންވާނީ މިމެޗަށްފަހު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top