ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާއި ފިރިމީހާ އާނަންދު އަހޫޖާއަށް ދެވަނަ ދަރިއަކު ލިބިއްޖެއެވެ.
މި އުފާވެރި ޚަބަރު އިންސްޓަގްރާމުގައި ހިއްސާކުރަމުން ލިޔެފައިވެއެވެ.
“ހިތްތައް ލޯބިން ފުރިގެންވާ ހާލު، 29 މާރިޗު 2026 ގައި އަހަރެމެންގެ ފިރިހެން ދަރިފުޅު ދުނިޔެއަށް އައިކަމުގެ އުފާވެރި ޚަބަރު ދެން. ވާޔޫ އޭނާގެ ކޮއްކޮއަށް މަރުހަބާ ކިޔަން ވަރަށް ފޯރީގައި ހުރީ. އަހަރެމެން ހަތަރު މީހުންގެ އާއިލާއެއްގެ ގޮތުގައި މި ރީތި ބާބު ފެށުމުގެ ނިއުމަތް ލިބުނީތީ ޝުކުރުކުރަން.”
View this post on Instagram
ސޯނަމްގެ ދެމަފިރިންގެ ދެވަނަ ދަރިފުޅު އުފަންވިކަން ހާމަކުރުމާއެކު ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ވަނީ އެ ދެމަފިރިންނަށް ތަހުނިޔާ ކިޔާފައެވެ. އެގޮތުން ކަނީރާ ކަޕޫރް ޚާން، ޕަރިނީތީ ޗޯޕްރާ، ސްވާރާ ބާސްކަރް، ދިޔާ މިރްޒާ، ސަންޖޭ ކަޕޫރް، ހުމާ ޤުރައިޝީ އަދި ރިއާ ކަޕޫރް ފަދަ ގިނަ ތަރިން ވަނީ ހެޔޮދުޢާގެ މެސެޖުތައް ފޮނުވާފައެވެ.
2007 ވަނަ އަހަރު “ސާވަރިޔާ” އިން ފިލްމީ ދާއިރާއަށް ނުކުމެ “ނީރްޖާ” ފަދަ ފިލްމުތަކުން ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ހޯދި ސޯނަމް ދެވަނަ ފަހަރަށް ބަލިވެ އިންކަން ހާމަކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޭނާގެ ބޮޑު ބަނޑުު ދައްކާލާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓް ކުރަމުންނެވެ. ސޯނަމްއާއި ވިޔަފާރިވެރިޔާ އާނަންދު ކައިވެނިކުރީ 2018 ވަނަ އަހަރުއެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ވާޔޫ ލިބުނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.
