ޝާހް ރުކް ޚާންގެ އާ ފިލްމު “ކިންގް”ގެ ދުބާއީ ޝޫޓިން ކެންސަލްކޮށްފިއެވެ.
ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމުގެ މުހިންމު މަންޒަރުތަކެއް ދުބާއީގެ ސަހަރާގައި ނެގުމަށް ނިންމާފައިވާއިރު އެ މަންޒަރުތަކުގައި ހަރަކާތްތެރިވާނީ އަނިލް ކަޕޫރާއި ސުހާނާ ޚާންއެވެ. ނަމަވެސް މިހާރު ހިނގަމުންދާ އެމެރިކާ-އީރާން ހަނގުރާމައާއި ގުޅިގެން އެ ޝެޑިއުލް ވަނީ ކެންސަލްކޮށްފައެވެ.
އަންނަ އޭޕްރިލް މަހުގެ 9 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްގެ ޝެޑިއުލެއް ކުރިއަށް ގެންދިއުމަށްޓަކައި ޓީމުން ވަނީ ބޭނުންވާ ހުރިހާ ހުއްދައެއްވެސް ހޯދާފައެވެ. ނަމަވެސް އެ ސަރަހައްދުގެ ހާލަތަށް ބަލައި، ކާސްޓާއި ކްރޫގެ ސަލާމަތާމެދު ރިސްކެއް ނުނެގުމަށްޓަކައި ޝޫޓިން ޝެޑިއުލް ކެންސަލް ކުރުމަށް ފިލްމުގެ ޕްރޮޑިއުސަރުން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޝާހް ރުކް ޚާން ލީޑް ރޯލުން ފެނިގެންދާ “ކިންގް” ގައި ދީޕިކާ ޕަޑުކޯން، ރާނީ މުކަރްޖީ، އަބީޝެކް ބައްޗަން، އަނިލް ކަޕޫރް، އަރްޝަދު ވަރްސީ، ޖެކީ ޝްރޯފް، ޖައިދީޕް އަހްލަވަތު، ރާގަވް ޖުޔަލް، އަބޭ ވަރްމާ އަދި ސުހާނާ ޚާން ފަދަ ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.
ރެޑް ޗިލީސް އެންޓަޓެއިންމެންޓާއި މާރފްލިކްސް ޕިކްޗާސް ގުޅިގެން އުފައްދާ “ކިންގް” ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 24 ގައެވެ.
