މާލޭގެ ހަލަބޮލި މަގުތަކުގެ ތެރެއިން ބާވެފައިވާ ކުޑަ ގެއެއްގެ ބަދިގެ ތެރޭގައި ޒާނާ ހުރީ ފުށްގަނޑު މޮޑޭށެވެ. އުމުރުން އެންމެ ވިހި އަހަރުގެ ޒާނާއަކީ އެ އާއިލާގެ ތަނބެވެ. އޭނާގެ ބައްޕަ ނިޔާވީ ޒާނާ ވަރަށް ކުޑައިރުއެވެ. އެދުވަހުން ފެށިގެން އޭނާގެ މަންމަ ހަލީމާ އުޅެމުން އައީ ދެ ކުދިން ބަލައި ބޮޑުކުރުމަށްޓަކައި ނުހަނު ބުރަ މަސައްކަތުގައެވެ.
“ދަރިފުޅާ ޒާނާ. މާ ގިނައިރު ނުހުރެ އިށީނދެލައިގެން ތި މަސައްކަތް ކޮށްބަލަ.” ހަލީމާ ބަދިގެއަށް ވަންނަމުން ބުންޏެވެ. އޭނާގެ އަތުގައި އޮތީ ފަސް އަހަރުގެ ކުޑަ ޒައިންގެ އަތެވެ. ޒައިންއަކީ ޒާނާގެ ފުރާނައެވެ. އޭނާގެ ހުރިހާވެސް އުފަލަކީ އެ ކުޑަކުޑަ ކޮއްކޮއެވެ.
“މަންމާ އަހަރެން އޯކޭއޭ. މިރޭގެ އޯޑަރުތައް ނިންމާލާފައި ނޫނީ އަރާމެއް ނުކުރެވޭނެ.” ޒާނާ ހިނިތުންވެލަމުން ޖަވާބު ދިނެވެ. މި އާއިލާގެ ދިރިއުޅުން ބިނާވެފައިވަނީ މީހުންނަށް ރޮށި ފިހެދިނުމާއި ހަދާ ހެދިކާކޮޅު ވިއްކައިގެން ލިބޭ މަދު ފައިސާކޮޅެއްގެ މައްޗަށެވެ.
ހެނދުނުއްސުރެ ވިއްސާރައިގެ ކުލަވަރު ދައްކަމުން ދިޔައެވެ. އުޑުމަތި ބޯ ވިލާތަކުން ބައްދާލާފައިވާއިރު ގަދަ ވަޔާއެކު މަގުމަތީގައި ހުރި ގަސްތައް ހޫރެމުން ދިޔައެވެ. ޒާނާ ހުރީ އޯޑަރަކަށް ތައްޔާރުކުރި ހެދިކާ ތަށިތަކެއް ހިފައިގެން ބޭރަށް ނުކުންނަން ތައްޔާރުވެގެންނެވެ.
“ދަރިފުޅާ. މިއޮއް ވިއްސާރައިގައި ކިހިނެއް ދާނީވެސް؟ ތުނިކޮށްލަންދެން މަޑުކުރަންވީނު. ނޫނީ ކާރެއް ހޯދަންވީނު.” ހަލީމާ ކަންބޮޑުވެފައި ބުނެލިއެވެ.
“މަންމާ. ނުގޮހެއް ނުވާނެއެއްނު. އެމީހުން އޯޑަރު ކެންސަލެއް ނުކުރޭ. އެމީހުން ބުނި ގަޑިއަށް ޑެލިވަރީ ކޮށްނުދިނިއްޔާ ދެފަރާތަށްވެސް ގެއްލުން ވާނެ. އަނެއްކޮޅުން ތިބުނީ ކާރެއްގެ ވާހަކަ. މިއޮއް ވިއްސާރަ ރޭ ކިހިނެއް ކާރެއް ލިބޭނީ؟ މިއުޅެނީ މާލެ މަގުތައް ފުރިގެން ބަންޑުންވާވަރަށް ކާރު އޮންނައިރު ވެސް ކާރެއް ނުލިބިގެން. ހިނގާލާފަ ދާނީ. އެހާ ދުރެއްވެސް ނޫނެއްނު. ވިއްސަކަށް މިނެޓުން ދެވޭހާ ކައިރި.” ޒާނާ މަންމަގެ ހިތްހަމަޖެއްސުމަށްޓަކައި އެހެން ބުނި ނަމަވެސް މިއޮއް ވިއްސާރައިގައި އޭނާވެސް ދާކަށް ބޭނުމެއް ނޫނެވެ.
“ޒައިން. ކޮއްކޮ މަންމަ ކައިރީގައި މަޑުކުރާތި. ބޭރަށް ނުނިކުންނާތި އިނގޭ. ދައްތަ މިދަނީ. ވަރަށް އަވަހަށް އަންނާނަން.” ޒާނާ ކުޑަ ހިފައިގެން ބޭރަށް ނުކުތެވެ.
މަގުތައް އޮތީ ފެންބޮޑުވެފައެވެ. އޭނާ ދާންވާ ގެއަށް ދިޔުމަށް ގާތްގަނޑަކަށް ވިއްސަކަށް މިނެޓު ނަގާނެއެވެ. ފުދޭވަރަކަށް ދުރަށް ގޮސްފައި މަގު ހުރަސްކުރަން އުޅުނު ވަގުތު ކުއްލިއަކަށް ބާރު ސްޕީޑެއްގައި އައި ކާރެއްގެ ފްލެޑް ލައިޓްގެ އަލި އޭނާގެ ލޮލަށް އެޅުނެވެ. ޒާނާއަށް ހަޅޭއްލަވައިގަނެވުނު އަޑާއެކު ބާރު އަޑުފަށްގަނޑެއް އިވުނެވެ. އޭނާ ވިއްސައިގެން ގޮސް ޖެހުނީ މަގުގެ އަރިމަތީގައި ހުރި ހޮޅިދަނޑީގައެވެ.
އޭނާގެ ލޯ މެރެމުންދިޔަ ވަގުތު ކާރުގެ ދޮރުގެ ދޮރު ހުޅުވާލާފައި މީހަކު ނުކުތް މަންޒަރު ފުސްކޮށް ފެނުނެވެ. ދެން ވީގޮތެއް ނޭނގުނެވެ. އޭނާ ހޭނެތުނީއެވެ.
ޒާނާއަށް ލޯ ހުޅުވާލެވުނުއިރު އޭނާ އޮތީ ހޮސްޕިޓަލުގެ ހުދު ފާރުތަކުގެ މެދުގައެވެ. އޭނާގެ މުޅި ހަށިގަނޑުގައި އަޅަމުންދިޔަ ގަދަ ވޭނުގެ ސަބަބުން ލޯ ހުޅުވާލަންވެސް އުނދަގުލެވެ.
“ދަރިފުޅާ. ﷲ އަށް ޙަމްދުކުރަން ދަރިފުޅު ހޭއެރީތީ.” ހަލީމާ ރޮމުން ޒާނާގެ އަތުގައި ހިފާލިއެވެ.
“މަންމާ. އަހަންނަށް ކިހިނެއްވީ؟” ޒާނާ ގައިގައި އެޅި ވޭނަށް ކެތްކުރަމުން އެހިއެވެ.
“ދަރިފުޅާ. ދަރިފުޅަކަށް..”
ޒާނާ މަޑުމަޑުން އޭނާގެ ފައި ގުޑުވާލަން މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް އިހުސާސެއް ނުވިއެވެ.
“މަންމާ.. އަހަރެންގެ ފައި.. އަހަރެންގެ ފަޔަށް އިހުސާސެއް ނުވޭ!” ޒާނާ ހާސްވެފައި ބުންޏެވެ. ހަލީމާގެ ޖުމްލަ މެދުކެނޑުނީ ޒާނާ ވާހަކަދައްކަން ފެށީމައެވެ.
ޑޮކްޓަރުން ބުނީ ޒާނާގެ މައިބަދައަށް ލިބުނު ގެއްލުމުގެ ސަބަބުން އޭނާގެ ދެފައިގެ ވާގި ނެތިފައިވާ ކަމަށެވެ. ޒާނާ ރޮވެން ފެށުނެވެ.
“ޒާނާ. ހިތްވަރުކުރޭ. މިއީ ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރަންޖެހޭ ކަމެއް. އެ އޮޕަރޭޝަން ކޮށްފިއްޔާ އަދިވެސް ހިނގިދާނެކަމުގެ އުންމީދު އެބައޮތް.” ޑޮކްޓަރު އޯގާތެރިކަމާއެކު ބުންޏެވެ.
ނަމަވެސް އެހާ ބޮޑު ޚަރަދެއް އެމީހުން ކުރާނީ ކިހިނެއް ހެއްޔެވެ؟ ހަލީމާގެ ހިތް ކުދިކުދިވިއެވެ. ޒާނާގެ ހުވަފެންތައް ފެނަށް ވީއެވެ. މަންމައަށް އިތުރު ބުރައެއް ޖެހުނީއެވެ. ނަމަވެސް ހީވެސް ނުކުރާ ފަދަ ގޮތަކަށް ހޮސްޕިޓަލުން އެންގީ ޒާނާގެ އޮޕަރޭޝަންގެ ހުރިހާ ކަމެއް “ސިއްރު ފަރާތަކުން” ހަމަޖައްސައިދީފައިވާ ކަމަށެވެ. އެއީ ކާކުކަމެއް އެމީހުންނަކަށް ނޭނގެއެވެ.
ޒާނާގެ އޮޕަރޭޝަން ކުރެވުނެވެ. ކާމިޔާބު އޮޕަރޭޝަނެކެވެ. މަސްތަކެއްގެ ފިޒިއޮތެރަޕީއަށްފަހު ޒާނާގެ ފަޔަށް އަލުން ވާގި ލިބެން ފެށިއެވެ. އޭނާ ފުރަތަމަ ފަހަރަށް ފައި ބިމުގައި ޖެއްސި ދުވަހު އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހުނެވެ. ނަމަވެސް އެކްސިޑެންޓްގެ އަސަރު މުޅިން ފިލައިގެނެއް ނުދެއެވެ. ޒާނާ ހިނގާއިރު އޭނާގެ ކަނާތު ފައިގައި ކުޑަ “ކޮރެއް” ހުރެއެވެ.
ޒާނާ އޭނައަށް އެހީވި މީހާއާ ބައްދަލުވުމުގެ އުންމީދުގައި ހުއްޓެވެ. އެމީހާއާ ބައްދަލުވާނެ ގޮތެއް ވޭތޯ އޭނާ ދުޢާވެސް ކުރެއެވެ. އެމީހަކަށް ޝުކުރު އަދާކުރަން އޭނާ ބޭނުމެވެ.
އެއްދުވަހަކު ޒާނާ އާޓިފިޝަލް ބީޗްގައި އިށީނދެލައިގެން އިންދާ ޒުވާނަކު އޭނާގެ ކައިރިއަށް އައެވެ. އެއީ އަޔާންއެވެ.
“ޒާނާ. ހާލު ކިހިނެއް؟” އަޔާން މަޑުމައިތިރި އަޑަކުން އަހާލިއެވެ. ޒާނާ ކުޑަކޮށް ހައިރާންވެފައި ބަލައިލިއެވެ.
“އަލްޙަމްދު ލިﷲ. ﷲ ގެ އިރާދަފުޅުން މިހާރު އެބަ ހިނގާލެވޭ.” ޒާނާ ހިނިތުންވުމަކާއެކު ޖަވާބު ދިނެވެ. އޭނައަށް އަޔާން ކޮންމެވެސް ތަނަކުން ފެންނަ ހަނދާނެއް ވެއެވެ.
“ކޮންމެވެސް ތާކުން ފެންނަ ހަނދާނެއް ވޭ. އެކަމަކު ކޮންތާކުން ކަމެއް ހަނދާނެއް ނުވި.” ޒާނާ ބުނެލިއެވެ.
“ފިޒިއޯ ހަދަން ދާތަނުން. އެނީވޭސް މީ އަޔާން.” ސަލާމަށް އަތްދިއްކޮށްލަމުން އަޔާން ބުނެލިއެވެ.
“އާނ. ހަނދާންވެއްޖެ.” ޒާނާ ހިނިތުންވެލަމުން ސަލާން ކޮށްލިއެވެ.
ޒާނާގެ އެ ހިނިތުންވުމަކީ އަޔާންގެ ހިތް ފަތަޙަކުރި ފުރަތަމަ ހަތިޔާރެވެ. އޭނާއަށް ޒާނާގެ މައުސޫމްކަމާއި ހިތްވަރުގަދަކަން ފެނި އޭނާގެ ހިތުގައި އުފެދުނު ހަމްދަރުދީ މަޑުމަޑުން ލޯތްބަށް ބަދަލުވާން ފެށިއެވެ. ދެމީހުންގެ މެދުގައި ގާތް ރަހުމަތްތެރިކަމެއް އުފެދުނެވެ.
އަޔާންއަކީ ކާކުކަމެއް ޒާނާއަކަށް ނޭނގެއެވެ. އޭނާއަށް އެނގެނީ އަޔާންއަކީ ވަރަށް ހިތްހެޔޮ އޯގާތެރި މީހެއް ކަމެވެ.
“އަޔާން ކީއްވެ އަހަރެން ކަހަލަ އާދައިގެ ކުއްޖަކާ ތިހާ ގާތްކޮށް އުޅެނީ؟” އެއްދުވަހު ޒާނާ އަހާލިއެވެ. އަޔާން ޒާނާގެ މޫނަށް ބަލައިލިއެވެ.
“މީހަކާ ގުޅުން ބާއްވަން އެމީހާގެ ފެންވަރަށް ބަލަން ޖެހޭތަ؟ އެހެންނޫނަސް އިންސާނެއްގެ ރީތިކަން ހުންނަނީ އޭނާގެ ހިނގުމުގައެއް ނޫން. އޭނާގެ ހިތުގައި. ޒާނާގެ ހިތްވަރަކީ އަހަރެން ދުށް އެންމެ ރީތި ސިފަ.” އަޔާންގެ މި ބަސްތަކުން ޒާނާގެ ހިތުގައި އަޔާންއަށްޓަކައި ޚާއްސަ މަގާމެއް އުފެދުނެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ޒާނާގެ ހިތުގައިވެސް އަޔާންގެ މައްޗަށް ލޯބި އުފެދެމުން ދިޔައެވެ. ދެމީހުން ދެމީހުންނަށް ހިތުގައިވާ ލޯބި ހާމަކޮށް އެ ގުޅުން އެހެން ހަރުފަތަކަށް ގެންދިޔައެވެ. ނަމަވެސް އަޔާންގެ މުއްސަނދިކަމުގެ ސަބަބުން ޒާނާއަށް އެ ލޯބި ކުރިއަށް ގެންދެވިދާނެކަމާމެދު ސުވާލު އުފެދެއެވެ. އޭނާ ފަދަ އާދައިގެ ކުއްޖަކާ އަޔާންގެ މައިންބަފައިން ރުހޭނެބާއޭ އޭނާގެ ހިތަށް އަބަދުވެސް އަރައެވެ.
ލޯބީގެ އުފާވެރި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނަމަވެސް އަޔާންގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާ ލޯބިވާ އަންހެންކުއްޖާ ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ބެހެއްޓުމަކީ އޭނާގެ ނަފްސަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. ކޮންމެ ފަހަރަކު ޒާނާ ކޮރު ޖަހަމުން ހިނގާފައި އަންނަ މަންޒަރު ފެނުމުން އަޔާންގެ ހިތުގައި ޚަންޖަރެއް ހަރާލާ ފަދަ އިހުސާސެއް ކުރެވެއެވެ.
އެއްރެއަކު ހަމަ އެފަދަ ވިއްސާރަ ރެއެއްގައި އަޔާން ޒާނާ ގޮވައިގެން އެކްސިޑެންޓް ހިނގި މަގުގެ އެކްސިޑެންޓް ހިނގި ހިސާބަށް ދިޔައެވެ.
“ޒާނާ. މިތަނަށް އައިމަ އެއްވެސް ކަމެއް ހަނދާންވޭތަ؟” އަޔާން އަހާލިއެވެ.
“އާނ. މިތަން ކިހިނެއް ހަނދާން ނެތޭނީ؟ މީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ތަން. އަހަންނަށް އެހީ ނުލިބުނުނަމަ.. ދެން އެވާހަކަ ބާއްވަބަލަ. ކީއްކުރަންތަ އެވާހަކަ މި ދައްކަނީ؟” ޒާނާ ބުނެލިއެވެ.
“އަޔާން. ކިހިނެއްވީ؟” ޒާނާ އަޔާންއަށް ބަލައިލިއިރު އަޔާން ހުރިގޮތުން ޒާނާ އެހިއެވެ.
“ޒާނާ. އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް ބުނަން. އަހަންނަށް ޒާނާއަށް ވަރަށް ބޮޑު ކަމެއް ސިއްރުކުރެވިފައި އެބައޮތް. ފަހަރެއްގައި މިވާހަކަ ބުނީމާ ޒާނާ އަހަންނަށް ނަފުރަތުވެސް ކޮށްފާނެ.” އަޔާންގެ އަޑު ތުރުތުރުލައެވެ. އޭނާގެ ލޮލުން ކަރުނަ ފޭދުނެވެ.
“އަޔާން. ކީކޭތަ ތި ކިޔަނީ؟” ޒާނާއަކަށް ނުވިސްނެއެވެ. އަޔާން އިސްދަށަށް ޖަހާލިއެވެ.
“ޒާނާ. އެރޭ.. އެ ވިއްސާރަ ރޭ ޒާނާގެ ގައިގައި ޖެހުނީ އަހަރެންގެ ކާރުން. އަހަންނަށް ޒާނާ ނުފެނުނީ. ބިރުން ގޮސް އަހަރެންނަށް ހަޤީޤަތް ފޮރުވުނީ. ޒާނާގެ އޮޕަރޭޝަނާއި އެ ހުރިހާ ކަމެއް އަހަރެން ކުރީ ކުށްވެރިކަމުގެ އިހުސާސް ކުރެވޭތީ. އެކަމަކު ޒާނާއާ ބައްދަލުވެ ޒާނާގެ ގާތުގައި އުޅެވެން ފެށުމުން ޒާނާގެ ރަނގަޅުކަމާއި ހިތްވަރުގަދަކަން ފެނި އަހަންނަށް ޒާނާދެކެ ލޯބި ވެވުނީ. އަހަންނަށް މާފުކުރޭ.” ވަރަށް ހިތްވަރުކޮށްފައި އަޔާން ހަޤީޤަތް ކިޔައިދިނެވެ.
ޒާނާ ހުރީ ގަނޑުވެފައެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި މީހަކީ އޭނާގެ ކުރިމަތީގައި މިހިރަ އޭނާ އެންމެ ލޯބިވާ މީހާއެވެ. ޒާނާގެ ލޮލުން ކަރުނަ އޮހިގަތެވެ. އޭނާ އިރުކޮޅަކު ހިމޭނުން ހުއްޓެވެ.
“އަޔާން.” ޒާނާ މަޑުމަޑުން ގޮވާލިއެވެ. އޭނާ އޭނާގެ ކޮރުޖަހާ ފަޔަށް ބަލާލިއެވެ.
“މި ފަޔަށް ބަލާލާ ކޮންމެ ފަހަރަކު އަހަރެން ހިތަށްއަރާ އެއީ ކާކުބާއޭ. އެކަމަކު އަޔާން. އަހަރެންގެ ފައިގެ ވާގި ނެތުނު ރޭ އަހަރެން ހީކުރީ އަހަރެންގެ ދުނިޔެ ނިމުނީ ކަމަށް. އެކަމަކު އެ ހާދިސާގެ ސަބަބުން އަހަރެންނަށް މި ލިބުނީ އަޔާން ކަހަލަ ހިތްހެޔޮ ބައިވެރިއެއް.” ޒާނާ ބުނެލިއެވެ.
އަޔާން އުންމީދާއެކު ޒާނާގެ މޫނަށް ބަލާލިއެވެ.
“އާނ އަޔާން. އަހަންނަށް އަޔާންދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ. އަހަންނަކަށް ދެން އަޔާންއާ ވަކިންނެއް ނޫޅެވޭނެ. އަޔާންގެ ސަބަބުން އަހަންނަށް މިހެން ވިޔަސް އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. އެއީ އަޔާން އަހަންނަށްޓަކައި ކޮށްދިން ކަންތައްތަކުން އަޔާން ސާބިތުކޮށްދީފި އަޔާންއަކީ ކިހާ ރަނގަޅު މީހެއްކަން. އަޔާން ބޭނުންނަމަ އެރޭ އަހަރެން މަރުވާން ދޫކޮށްލާފައި ފިލުނީސް. އެކަކަށް އެކައްޗެއްވެސް ނޭނގުނީސް. އެކަމަކު އަޔާން އެހެން ނުހެދީތީވެސް އަހަރެން އަޔާންއަށް މާފްކޮށްފިން.” ޒާނާ އަޔާންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
އަޔާން ޒާނާގެ އަތުގައި ބާރަށް ހިފާލިއެވެ. އޭނާގެ ހިތާއި ސިކުނޑިން ބޮޑު ބަރެއް ނަގައި އެއްލާލެވުނުކަމުގެ އިހުސާސް ކުރެވުނެވެ. ވެހެމުންދިޔަ ވާރޭގެ ތެރެއިން އެ ދެމީހުންގެ ލޯބީގެ އާ ބާބެއް ފެށުނެވެ. ކޮންމެ ކަމެއްވެސް ހިނގަނީ ރަނގަޅަކަށްކަން މިއަދު އެމީހުން ޤަބޫލުކުރެއެވެ.
(ނިމުނީ)
