ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ޝަޝާންކް ކައިތާންގެ އާ ފިލްމުން އާ ދެ ތަރިން ތައާރަފުކުރާނެކަމަށް ޚަބަރުތައް ބުނެފިއެވެ.
ޝަޝާންކްގެ އާ ފިލްމުން އެކްޓަރު ރޯހިތު ރޯއީގެ ދަރިފުޅު ކިއާރާ ބޯސް ރޯއީ އާއި ސާޖިދު ނާދިއާޑްވާލާގެ ދަރިފުޅު ސުބްހާން ނާދިއާޑްވާލާ ތައާރަފުކުރާނެކަމަށް ޚަބަރުތައް ބުނާއިރު މި ފިލްމަކީ އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެއް ކަމަށް ވެއެވެ.
“އޭސީ ދީވާންގީ” ގެ ނަން ދީފައިވާ މި ފިލްމާއި ގާތް ފަރާތަކުން ހާމަކޮށްފަައިވާ ގޮތުގައި ޝަޝާންކް މި ފިލްމުގެ މަސައްކަތްކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މި ފިލްމުގެ ބޮޑު ބައެއް ނަގާނީ އުތުރު އިންޑިއާގެ މަނާލީގެ ރީތި ފަރުބަދަތަކުގެ ތެރޭގައެވެ. އަދި ފިލްމުގެ ލަވަތަކަކީ ވާހަކައާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗަކަށް ވާތީ ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެފަދަ ލަވަތަކަކަށް ހެދުމަށް ޝަޝާންކް ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަމުން ދާކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއެވެ.
“އޭސީ ދީވާންގީ” ގެ ޝޫޓިން މިދިޔަ މާރިޗު މަހު ފަށާފައިވާއިރު މިއީ ޝަޝާންކްގެ އަމިއްލަ ކުންފުނި “މެންޓާ ޑިސައިޕަލް އެންޓަޓެއިންމަންޓް” ގެ ދަށުން އޭނާ ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ ފިލްމެކެވެ.
ޝަޝާންކް އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ 2025 ގައި ވަރުން ދަވަން އާއި ޖާންވީ ކަޕޫރް ލީޑް ރޯލުން ފެނިގެންދިޔަ “ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ” އެވެ.
