ދީނީ ސުވާލެއް އޮތީތަ؟
މަޢުލޫމާތު
އެއްކަމަކާ މެދު ތަކުރާރުކޮށް ވިސްނޭ ވިސްނުން ނުވަތަ “ރުމިނޭޝަން” ހުއްޓުވުމަށް ކުރެވިދާނެ 8 ކަމެއް
އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ މަންޒަރެއް / މުނިއަވަސް

ކުރުކޮށް ފޮނިކޮށް:

– އެއްކަމަކާ މެދު މާބޮޑަށް ތަކުރާރުކޮށް ފިކުރުބޮޑުވާނަމަ، ނަފުސާނީ ދާއިރާގެ މާހިރެއްގެ އެހީގައި “ޓޯކް ތެރަޕީ” ނުވަތަ ވާހަކަދައްކައިގެން ފަރުވާ ހޯދިދާނެއެވެ.
– ދުވަހީގޮތުން ކުރާ ކަންކަމާއި ވިސްނޭ ކަންތައްތައް ލިޔެ ބެލެހެއްޓުމުން (ޖާނަލް ކުރުން)، މިފަދަ ވިސްނުންތައް މެދުވެރިވާ ސަބަބުތައް ދެނެގަނެވި، އެކަންކަމުން ދުރުހެލިވުމަށް ފަސޭހަވާނެއެވެ.
– ފުންކޮށް ނޭވާލުމުގެ ކަސްރަތުތަކާއި މެޑިޓޭޝަންގެ އެހީގައި، ނޭދެވޭ ޚިޔާލުތަކުން ދުރަށް ފޯކަސް ބަދަލުކުރެވިދާނެއެވެ.
– ތަކުރާރުކޮށް އެއްކަމަކާ މެދު ވިސްނުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ، ނޭދެވޭ ޚިޔާލުތަކުގެ ބުރު އެނބުރުމެވެ. މިއީ ގިނަފަހަރަށް ހާސްކަން (އެންޒައިޓީ) ނުވަތަ އޯ.ސީ.ޑީ (އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑަރ) ފަދަ ބަލިތަކާ ގުޅިފައިވާ ކަމެކެވެ.

ރުމިނޭޝަންއަކީ ކޮބައި؟
ރުމިނޭޝަންއަކީ ކަމަކާ މެދު މާބޮޑަށް ހިތްހަމަނުޖެހި، އެއްކަމެއްގެ ޚިޔާލު ތަކުރާރުކޮށް ހިތަށް އެރުމެވެ. މީގެ ސަބަބުން ސިކުނޑީގެ މަސައްކަތްތަކަށް ބުރޫއަރައި، މީހާގެ މިޒާޖަށާއި ހަކަތައަށް ނޭދެވޭ އަސަރުކުރެއެވެ. ބައެއް ފަހަރު މީހުންނާ ދުރުހެލިވެ، ވަހުމްތައް ގިނަވެ، ރުޅިގަދަވުން ފަދަ ކަންކަން މެދުވެރިވެއެވެ.

މީގެ ސަބަބުން ކުރިމަތިވެދާނެ އެހެނިހެން މައްސަލަތައް:

* ދިގުމުއްދަތަކަށް ފިކުރުބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ސްޓްރެސް.

* ހަށިގަނޑުގެ އެކި ގުނަވަންތައް ދުޅަވުން.

* ވިސްނުމާއި އިހުސާސްތައް ކޮންޓްރޯލްކުރުމަށް އުނދަގޫވުން.

* މަސްތުވާތަކެތި ބޭނުންކުރުމަށް ހިތްޖެހުން.

* ހާސްކަން، ދެރަވުން، އަދި ނިދީގެ މައްސަލަތައް އިތުރަށް ގޯސްވުން.

އާންމުކޮށް ކުރެވޭ ފިކުރާއި ރުމިނޭޝަންއާ ހުރި ތަފާތަކީ، އާންމު ފިކުރުތައް ބޮޑަށް ބިނާވެފައި ހުންނާނީ މުސްތަޤުބަލަށެވެ. (މިސާލަކަށް: “އަހަރެންގެ އާއިލާ ސަލާމަތުން ތިބޭނެބާ؟”). ނަމަވެސް ރުމިނޭޝަން ބޮޑަށް ބިނާވަނީ މާޒީއަށް ނުވަތަ މިހާރުގެ ހާލަތަށެވެ. (މިސާލަކަށް: “އަހަރެން ދުވަހަކުވެސް ރަނގަޅުވާނެބާ؟” ނުވަތަ “އެމީހާ އަހަރެންނާ މެދު ހީކުރީ ކީކޭބާ؟”).

ތަކުރާރުކޮށް ވިސްނެނީ ކީއްވެ؟
މިއީ ހާސްކަމާއި އޯ.ސީ.ޑީ ފަދަ ނަފްސާނީ ބަލިތަކުގެ ނިޝާނަކަށް ވެދާނެއެވެ. ބައެއް ފަހަރު މިފަދަ ވިސްނުންތައް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި:

– މައްސަލައެއް ހައްލުކުރުމަށް ނުވަތަ ދެނެގަތުމަށްޓަކައި މާބޮޑަށް ވިސްނަން ބޭނުންވުން.

– މާޒީގައި ކުރިމަތިވެފައިވާ ނަފުސާނީ ނުވަތަ ޖިސްމާނީ އަނިޔާއެއް.

– ދިރިއުޅުމުގެ ކަންކަމާ (ސިއްހަތު، ގުޅުންތައް، ކިޔެވުން ނުވަތަ ވަޒީފާ) ގުޅިފައިވާ ސްޓްރެސް.

ތަކުރާރުކޮށް ވިސްނޭ ވިސްނުންތައް ހުއްޓުވާނީ ކިހިނެއް؟
އަމިއްލައަށް ހިތަށް ވަންނަ ނޭދެވޭ ޚިޔާލުތައް ހުއްޓުވުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް، އެފަދަ ޚިޔާލެއް އަންނަކަން އެނގޭ ހިސާބުން އެއަށް ގޮންޖެހުން މުހިންމެވެ. ތިރީގައިވާ ކަންކަމަކީ މިކަމަށް އެހީތެރިވެދޭނެ ކަންކަމެވެ.

1- ޚިޔާލުތަކާ މެދު ސުވާލުކުރުން:
ތަކުރާރުކޮށް ވިސްނޭކަން ފާހަގަވުމުން އަމިއްލަ ނަފްސާ ސުވާލުކުރާށެވެ. “މި ވިސްނުމުގެ ސަބަބުން އަހަންނަށް ކުރިއެރުމެއް ލިބޭ ހެއްޔެވެ؟” “މިވަގުތު މިކަމުގެ ހައްލެއް ލިބޭނެ ހެއްޔެވެ؟” ހައްލެއް ނުލިބޭ ކަމެއްނަމަ އެ ވިސްނުން ދޫކޮށްލާފައި އެހެން ކަމަކަށް ސަމާލުކަން ބަދަލުކުރާށެވެ.

2- ތެރަޕީގެ އެހީ ހޯދުން:
ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީއަކީ ހާސްކަމާއި އޯ.ސީ.ޑީ ހުންނަ މީހުންނަށް ދެވޭ ވަރަށް ކާމިޔާބު ފަރުވާއެކެވެ. މީގެ އެހީގައި މިފަދަ ވިސްނުންތައް މެދުވެރިވާ އަސްލު ސަބަބު ދެނެގަނެ، އެކަންކަމާ ކުރިމަތިލާނެ ގޮތް ތެރަޕިސްޓެއްގެ އެހީގައި ދަސްކުރެވޭނެއެވެ.

3- ސަމާލުކަން އެހެން ކަމަކަށް ބަދަލުކުރުން:
ވިސްނޭ ކަމަކުން ދުރަށް ދިއުމަށްޓަކައި “ޕަޒްލް” ކުޅުން ފަދަ ސިކުނޑި ބޭނުންކުރަންޖެހޭ ކަމެއް ކުރުމުން ހިތްހަމަޖެހުން ލިބި، ނޭދެވޭ ޚިޔާލުތަކުން ދުރުވެވެއެވެ. އުފާވެރިކަން ލިބޭ ފަދަ ކަންކަމާއި (ހޮބީ)، އާއިލާއާއި ރައްޓެހިންނާ ވާހަކަދެއްކުން ނުވަތަ ކަސްރަތު ކުރުމަކީވެސް ފައިދާހުރި ކަންކަމެވެ. ނަމަވެސް، ފޯނާ ކުޅުން ނުވަތަ ދުންފަތާއި މަސްތުވާތަކެތި ފަދަ ކަންކަމަކީ ވަގުތީ ހައްލަކަށް ވިޔަސް، ދުރުމުއްދަތުގައި އޭގެ ގެއްލުން ބޮޑުވާނެއެވެ.

4- އާ ކަންތައްތަކެއް ތަޖުރިބާކުރުން:
އެއް މާހައުލެއްގައި، އެއް ބަޔަކާއެކު، އަބަދު އެއް ޚަބަރުތަކެއް އިވުމަކީވެސް މިފަދަ ވިސްނުންތައް ގިނަވާ ސަބަބެކެވެ. އެހެންކަމުން މާހައުލު ބަދަލުކޮށްލާށެވެ. ނުދާ ދިމާލަކަށް ހިނގާލަން ދިއުން ނުވަތަ ގުދުރަތީ ރީތި މަންޒަރުތައް ފެންނަ ތަނަކަށް ދިއުމުން ނަފްސާނީ ހަމަޖެހުން ލިބޭނެއެވެ.

5- ސިއްހީ ރަނގަޅު އާދަތަކަށް ސަމާލުކަން ދިނުން:
ހަމަނިދި ހޯދުމާއި، ރަނގަޅު ކާނާ ކެއުމާއި، ގާތް މީހުންނާ ގުޅުން ބޭއްވުން މުހިންމެވެ. ޚާއްޞަކޮށް ނިދި ހަމަވުމަކީ ސިކުނޑި ކޮންޓްރޯލް ކުރުމަށް ލިބޭ ބާރެކެވެ.

6- ވިސްނުން އުފެދޭ ސަބަބުތައް ދެނެގަތުން:
ކޮން ކަމެއް ހިނގައިގެން ނުވަތަ ކޮން ވަގުތެއްގައި ހިނގި ކަމެއްތޯ މިފަދަ ވިސްނުންތައް އަންނަނަމަ ފާހަގަކޮށް ލިޔާށެވެ. އޭރުން އެފަދަ ހާލަތްތަކުން ދުރުހެލިވާން ފަސޭހަވާނެއެވެ. ލިޔުމަކީ ހާސްކަން ކުޑަކުރުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ.

7- އެހެން މީހުންނާ ވާހަކަދެއްކުން:
މިފަދަ ވިސްނުންތަކުގެ ސަބަބުން އެކަނިވެރިވާހެން ހީވާނަމަ، އިތުބާރުކުރެވޭ ރަހުމަތްތެރިއަކަށް ނުވަތަ އާއިލާގެ މީހަކަށް ކިޔައިދޭށެވެ. އެމީހުންގެ ވިސްނުން ހުންނަ ގޮތުން ތިބާއަށް އާ ހައްލެއް ފެނިދާނެއެވެ.

8- ހަށިގަނޑާއި ސިކުނޑި ރީލެކްސް ކުރުން:
ފުންކޮށް ނޭވާލުމާއި، މެޑިޓޭޝަން ފަދަ ކަންކަމުން ހާސްކަން ކުޑަކޮށްދެއެވެ. ހިމޭން ތަނެއްގައި އިށީނދެ، ލޯ މަރާލައިގެން އިނދެ “އަހަރެން މިހުރީ އަމާންކަމާއެކު” ފަދަ ހިތްވަރު ލިބޭ ބަސްތައް އަމިއްލަ ނަފްސަށް ބުނެދޭށެވެ.

އާންމުކޮށް ކުރެވޭ ސުވާލުތައް:

ރުމިނޭޝަން ހުއްޓުވާނެ ބޭހެއް ހުރޭތަ؟
ރުމިނޭޝަންއަށް އެކަނި ހާއްސަ ބޭހެއް ނުހުރެއެވެ. ނަމަވެސް މީގެ އަސްލު ސަބަބަކީ ހާސްކަން ނުވަތަ އޯ.ސީ.ޑީ ކަމަށްވާނަމަ، ޑޮކްޓަރެއްގެ ލަފާގެ މަތިން އެ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސްތައް ބޭނުންކުރެވިދާނެއެވެ.

މިކަން ދުވަހަކުވެސް ރަނގަޅުވާނެތަ؟
ތަކުރާރުކޮށް ވިސްނޭ ވިސްނުންތައް މުޅިން ހުއްޓުވުމަކީ އުނދަގޫ ކަމެއް ނަމަވެސް، މަތީގައިވާ ފަދަ އުކުޅުތައް ބޭނުންކޮށްގެން އެކަން ވަރަށް ބޮޑަށް ކުޑަކުރެވިދާނެއެވެ.

ނޯޓް
މިއީ ހެލްތު ކޮމް އިން ނަގާފައިވާ ލިޔުމެއް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top