ޕްލާސްޓިކް ފެން ކައްކާ ޖަގަކީ ގިނަ ގޭބިސީތަކެއްގައި ސައި ނުވަތަ ކޮފީ ތައްޔާރުކުރުމަށް އާންމުކޮށް ބޭނުންކުރާ ވަސީލަތެކެވެ. ނަމަވެސް، ޕްލާސްޓިކް ކެއްކުމުގެ ދަރަޖައަށް ހޫނުވުމުން އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން ކުރެވެމުންދާ ދިރާސާތަކާއެކު، މިކަމާ މެދު އޮތް ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި އދ. ގެ އެންވަޔަރަންމަންޓް ޕްރޮގްރާމުން ފާހަގަކޮށްފައިވާ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި، ބޯފެނުގެ ތެރޭގައި މައިކްރޯޕްލާސްޓިކްސް (ޕްލާސްޓިކްގެ ކުދި އެތިކޮޅުތައް) މިހާރު ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ސައިންސްވެރިން ހާމަކުރާ ގޮތުގައި، ޕްލާސްޓިކް 100 ޑިގްރީ ސެލްސިއަސްއަށް ހޫނުވުމުން، އޭގެ ތެރެއިން ވަރަށް ކުދިކުދި ޒައްރާތައް ފެނުގެ ތެރެއަށް ދޫވެގެންދެއެވެ. މީގެ ތެރޭގައި ހިމެނޭ މައިކްރޯޕްލާސްޓިކްސް އާއި ނެނޯޕްލާސްޓިކްސް އަކީ، އެ ފެން ބުއިމުގެ ތެރެއިން އިންސާނާގެ ހަށިގަނޑުގެ އެތެރެއަށް ވާސިލުވާ މާއްދާތަކެކެވެ.
ސިއްޙީ ދިރާސާތަކުން ދައްކާ ގޮތުގައި، ޕްލާސްޓިކާ ގުޅުންހުރި ބައެއް ކެމިކަލްތަކަކީ ހަށިގަނޑުގެ ހޯރމޯންތަކަށް ބަދަލު ގެނުވާ މާއްދާތަކަކަށް ވެދާނެއެވެ. މީގެ ސަބަބުން ހޯރމޯންތަކަށާއި، ތައިރޮއިޑްގެ މަސައްކަތްތަކަށާއި، އާންމު ސިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް، މާހިރުން ފާހަގަކުރާ ގޮތުގައި މިކަމުގެ ދިގު މުއްދަތުގެ އަސަރުތައް އަދިވެސް ދަނީ ދިރާސާ ކުރެވެމުންނެވެ. އަދި އާންމު ދިރިއުޅުމުގައި މިފަދަ ތަކެތި ބޭނުންކުރުމުން ވަގުތުން ބޮޑު ގެއްލުމެއް ލިބޭކަން މިހާތަނަށް ހޯދިފައިވާ ހެކިތަކުން ކަށަވަރެއް ނުވެއެވެ.
ސިއްހީ ނުރައްކާތައް ކުޑަކުރުމަށްޓަކައި އަންނަަނިވި ކަންތައްތަކަށް ސަމާލުކަން ދެވިދާނެއެވެ:
• ސްޓެއިންލެސް ސްޓީލް ނުވަތަ ބިއްލޫރި ކެޓަލް ބޭނުންކުރުން.
• އެއް ފެންގަނޑެއް ތަކުރާރުކޮށް ޕްލާސްޓިކް ކެޓަލްގައި ނުކެއްކުން.
• ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ޕްލާސްޓިކް ތަކެތި ބޭނުންކުރުން ހުއްޓާލުން.
ޕްލާސްޓިކްގައި ފެން ކެއްކުމަކީ ވަގުތުން ކުރިމަތިވާ ނުރައްކަލަކަށް ނުވި ނަމަވެސް، މިއީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި މައިކްރޯޕްލާސްޓިކްސްއަށް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ. މިކަމާ ގުޅޭ ދިރާސާތައް ކުރިއަށްދާއިރު، ހޭލުންތެރިކަމާއެކު ނިންމާ ކުދިކުދި ނިންމުންތަކުގެ ސަބަބުން، ދިގު މުއްދަތުގައި ސިއްޙަތަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އެހީތެރިވެދޭނެއެވެ.
