ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޖިންސީގުޅުމުގެ ސަބަބުން ބޮލުގައި ރިހުމަށް ލުޔެއް ލިބިދާނެ ހެއްޔެވެ؟
އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ މަންޒަރެއް

ކުރުގޮތަކަށް ބަލާލާއިރު:

* ބައެއް މީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖިންސީ އެދުންވެރިކަން ފުދޭ ވަގުތު ނުވަތަ އެއަށްފަހު ބައިގަޑިއިރެއްހާއިރު ތެރޭގައި މައިގްރޭން (ބޮލުގެ އެއްފަޅީގައި ރިހުމު)ގެ އުނދަގޫތަކަށް ލުޔެއް ލިބެއެވެ.

* ނަމަވެސް، އަނެއް ބައި މީހުންނަށް ޖިންސީ ގުޅުމަށްފަހު ބޮލުގައި ރިހުން އިތުރަށް ގޯސްވާކަން ފާހަގަކުރެވިފައިވެއެވެ.

* ޖިންސީ ގުޅުން ހިންގާއިރު ހަށިގަނޑުން ބޭރުވާ ‘އެންޑޯފިންސް’ގެ ސަބަބުން ބޮލުގައި ރިހުން ކުޑަކޮށްދިނުމަށް އެހީތެރިވެދެއެވެ.

* ވަކި ބަޔަކަށް ޖިންސީ ގުޅުމުގެ ސަބަބުން ބޮލުގައި ރިހުމަށް ލުޔެއް ލިބުނު ކަމުގައިވިޔަސް، އަނެއް ބަޔަކަށް މީގެ ސަބަބުން ބޮލުގައި ރިހުން އުފެދި ނުވަތަ އިތުރަށް ގޯސްވެދާނެއެވެ.

ކޮންމެ ކަހަލަ ޖިންސީ ގުޅުމަކުންވެސް ބޮލުގައި ރިހުމަށް ލުޔެއް ލިބޭ ހެއްޔެވެ؟
ޖިންސީ ގުޅުމުގެ ސަބަބުން ބޮލުގައި ރިހުމަށް ލުޔެއް ލިބޭނަމަ، އެއީ ކޮން ބާވަތެއްގެ ގުޅުމެއް (އަނގައިން ކުރާ ޖިންސީ ގުޅުން، އާދައިގެ ގުޅުން) ކަމަކުން މާބޮޑު ތަފާތެއް ނާންނާނެއެވެ.

މި މައުޟޫޢުގައި ކުރެވިފައިވާ ދިރާސާތައް މަދު ނަމަވެސް، 2013 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން މުހިންމު މަޢުލޫމާތުތަކެއް ލިބިފައިވެއެވެ. މައިގްރޭން އަދި ‘ކްލަސްޓަރ ހެޑޭކް’ (ލޮލުގެ ވަށައިގެން ގަދައަށް ރިހުން) ހުންނަ 402 މީހުންގެ މެދުގައި ކުރެވުނު ސާވޭއަކުން ދެއްކި ގޮތުގައި، މައިގްރޭން ހުންނަ ގިނަ މީހުންނާއި ކްލަސްޓަރ ހެޑޭކް ހުންނަ މީހުންގެ ތިންބައިކުޅަ އެއްބަޔަށް ޖިންސީ ގުޅުމުގެ ސަބަބުން ލުޔެއް ލިބެއެވެ.

މި ލުއި ލިބުމުގައި ޖިންސީ ގުޅުން ހިންގާ ގޮތާއި ނުވަތަ ބޭނުންކުރާ ޕޮޒިޝަނަކުން ތަފާތެއް ނާދެއެވެ. ނަމަވެސް، ޖިންސީ އެދުންވެރިކަން އެންމެ މައްޗަށް ދިއުމާ (އޯރގެޒަމް) ބޮލުގެ ރިހުން ކުޑަވުމާ ދެމެދު ވަރުގަދަ ގުޅުމެއް އޮތްކަން ފާހަގަކުރެވުނެވެ:

* މައިގްރޭން ހުންނަ މީހުންގެ 43 އިންސައްތަ މީހުންނަށް ޖިންސީ އެދުންވެރިކަން ފުދުމަށްފަހު ނުވަތަ އެންމެ މައްޗަށް ދާ ވަގުތު ލުއި ލިބެއެވެ.

* 17.7 އިންސައްތަ މީހުންނަށް ލުއި ލިބެނީ ޖިންސީ އެދުންވެރިކަން ފުދޭ ވަގުތުގައެވެ.

* 20.3 އިންސައްތަ މީހުންނަށް ލުއި ލިބެނީ އެދުންވެރިކަން ފުދޭތާ ބައިގަޑިއިރު ތެރޭގައެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، އެދުންވެރިކަން ފުދުން (އޯރގެޒަމް) މަޖުބޫރު ނޫން ކަމެވެ. ގާތްގަނޑަކަށް 20 އިންސައްތަ މީހުންނަށް ޖިންސީ ހަރަކާތް ފެށުމާއެކު، އެދުންވެރިކަން ފުދުމުގެ ކުރިންވެސް ލުއި ލިބެން ފަށައެވެ.

ޖިންސީ ގުޅުމުން ލުއި ލިބެނީ ކޮން ކަހަލަ ބޮލުގެ ރިހުންތަކަކަށް؟
ބޮލުގައި ރިހުމުގެ ތަފާތު ބާވަތްތައް ހުރެއެވެ. އޭގެ ތެރޭގައި މައިގްރޭން، ޓެންޝަން ހެޑޭކް، ކްލަސްޓަރ ހެޑޭކް، މައްސަރު ކަންތަކާ ގުޅިގެން އަންނަ ބޮލުގައި ރިހުން، ކުއްލިއަކަށް އަންނަ ގަދަ ރިހުން (ތަންޑާރކްލެޕް ހެޑޭކްސް) އަދި ބޭހުގެ ސަބަބުން އުފެދޭ ރިހުން ހިމެނެއެވެ.

މިކަމާ ގުޅޭ ދިރާސާތައް މަދުވުމާއެކު، 2013 ގެ ދިރާސާގައި ބަލާފައިވަނީ ހަމައެކަނި މައިގްރޭން އަދި ކްލަސްޓަރ ހެޑޭކް އަށެވެ. އޭގެ ނަތީޖާއަކީ:

* މައިގްރޭން: 60 އިންސައްތަ މީހުންނަށް ލުއި ލިބުނު ނަމަވެސް، 33 އިންސައްތަ މީހުން ބުނި ގޮތުގައި ޖިންސީ ގުޅުމުން ރިހުން އިތުރަށް ގޯސްވިއެވެ.

* ކްލަސްޓަރ ހެޑްއޭކް: 37 އިންސައްތަ މީހުންނަށް ލުއި ލިބުނު އިރު، 50 އިންސައްތަ މީހުންނަށް ރިހުން ގޯސްވިއެވެ.

ތަދު ކުޑަވާ ސަބަބަކީ ކޮބައި؟
ޤަވާއިދުން ކަސްރަތު ކުރުމަކީ މައިގްރޭނުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން ދިރާސާތަކުން ދައްކައެވެ. ކަސްރަތުކުރުމުން ހަށިގަނޑުން ‘އެންޑޯފިންސް’ ފަދަ ކެމިކަލްތައް ބޭރުވެ، ބޮލުގައި ރިހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ޖިންސީ ގުޅުމުގެ ސަބަބުންވެސް ހަމަ މިފަދަ އަސަރުތަކެއް ކުރެއެވެ.

އެހެނިހެން ސަބަބުތަކުގެ ތެރޭގައި:

* ތަދަށް ދެވޭ ސަމާލުކަން އެހެން ދިމާލަކަށް އެނބުރުން.

* ޖިންސީ ގުޅުމަށްފަހު ހަށިގަނޑާއި ސިކުނޑިއަށް ލިބޭ ހަމަޖެހުން.

* ލޭގެ ޕްރެޝަރަށާއި ލޭ ދައުރުވުމަށް އަންނަ ބަދަލުތައް.

ޖިންސީ ގުޅުމުގެ ސަބަބުން ބޮލުގައި ރިހުން އުފެދިދާނެ ހެއްޔެވެ؟
ބައެއް މީހުންނަށް ޖިންސީ ގުޅުމުގެ ސަބަބުން ބޮލުގައި ރިހުން ގޯސްވެއެވެ. މިއަށް ކިޔަނީ “ޕްރައިމަރީ ހެޑޭކް އެސޯސިއޭޓެޑް ވިތު ސެކްޝުއަލް އެކްޓިވިޓީ (ޖިންސީ ގުޅުން ހިންގުމާ ގުޅިގެން ކުރިމަތިވާ ބޮލުގައި ރިހުން)” އެވެ. މި ހާލަތުގައި ޖިންސީގުޅުން ހިންގުމުގެ ވަގުތުގައި ބޮލުގައި ރިހުން އުފެދި، އެދުންވެރިކަން އިތުރުވާ ވަރަކަށް ތަދު ގަދަވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް 1 އިންސައްތަ އާއި 1.6 އިންސައްތައާ ދެމެދުގެ މީހުންނަށް މި މައްސަލަ ދިމާވެއެވެ. މިއީ އަންނަނިވި މީހުންގެ މެދުގައި އާންމު ކަމެކެވެ:

* ފިރިހެނުން.

* މެދު އުމުރުގެ މީހުން.

* ބަރުދަން އިތުރު މީހުން.

* ލޭގެ ޕްރެޝަރު މަތި މީހުން.

* އާއިލާގައި މި މައްސަލަ ހުންނަ މީހުން.

ބޮލުގައި ރިހުމަށް ލުއި ހޯދުމަށް ކުރެވިދާނެ އެހެން ކަންތައްތައް:
ބޮލުގައި ރިހުން ކުޑަކުރުމަށް ގިނަ ގޮތްތަކެއް ހުރެއެވެ. އޭގެ ތެރޭގައި:

* އާންމުކޮށް ބޭނުންކުރާ ތަދުކަނޑުވާ ބޭސްތައް (ޕެނަޑޯލް ނުވަތަ އެޑްވިލް ފަދަ ބޭސް).

* ޑޮކްޓަރުގެ އިރުޝާދުގެ މަތިން ބޭނުންކުރާ ޚާއްޞަ ބޭސްތައް.

* މެޑިޓޭޝަން އަދި ނަފްސާނީ ގޮތުން ހަމަޖެހުން ހޯދައިދޭ ފަރިތަކުރުންތައް.

* ފިޒިއޮތެރަޕީ އަދި މަސާޖު ކުރުން.

* ދިރިއުޅުމުގެ އާދަކާދަތައް ބަދަލުކުރުން (ޤަވާއިދުން ކަސްރަތު ކުރުން، ފުރިހަމަ ނިދި ހޯދުން، އަދި ގިނައިން ފެން ބުއިން).

އާންމުކޮށް ބޮލުގައި ރިހި، އޭގެ ސަބަބުން ދިރިއުޅުމުގެ ކަންކަމަށް ހުރަސްއެޅޭނަމަ، ޑޮކްޓަރަކަށް ދައްކައިގެން ބަލީގެ އަސްލު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއް ފަހަރު ބޮލުގައި ރިހުމަކީ ހަށިގަނޑުގައި ހުންނަ އެހެން ބައްޔެއްގެ ނިޝާނަކަށް ވެސް ވެދާނެއެވެ.

ނޯޓް
ހެލްތު ކޮމް އިން ނަގާފައިވާ ލިޔުމެއްގެ ތަރުޖަމާއެއް
2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top