އިޚްތިޔާރުކުރި ހަތިޔާރު
ދޮރު ލެއްޕުމާއެކު އަމީރާއަށް އެންމެ ބޭނުންވި އެކަނިވެރިކަމާއި ހަމަހިމޭންކަން ލިބިއްޖެއެވެ.
އޭނާ ކުޑަ ވަގުތުކޮޅަކަށް ހުއްޓިލައިގެން ހުރީ އޭނާގެ އަމިއްލަ ސޫރައަށް ބަލާށެވެ. ލޯގަނޑުން އެ ފެންނަނީ ކުރީގެ އަމީރާއެއް ނޫނެވެ. އެއީ ނާޒުކު، ފިރިމީހާގެ ހިމާޔަތުގައި އުޅުނު އަނބިމީހާއެއް ނޫނެވެ. މިހާރު މިހުރީ އާ ކަންތައްތަކެއް ދަސްކުރަމުންދާ އަންހެނެކެވެ. ކަންކަމާ ކުރިމަތިލާން ދަސްކޮށް، އަމިއްލަ ނަފްސު ބަދަލުކުރަމުންދާ އަންހެނެކެވެ. އޭނާ ދަތްކުނޑި ވިކައިލިއެވެ. ހަމައެކަނި ބާރުގެ ބޭނުންކޮށްގެން އަމިއްލަ ނަފްސު ސަލާމަތް ނުކުރެވޭނެ ނަމަ، އޭނާގެ އަތުގައި ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފާނެއެވެ. ހުރިހާ ކަމެއްގެ ބޭނުން ކުރާނެއެވެ.
ލޯގަނޑުން އަމިއްލަ ހަށިގަނޑަށް އޭނާ ފުންކޮށް ބަލައިލިއެވެ. ގާއްޑޭ އޭނާއާ ދިމާލަށް ބަލަނީ ހަމައެކަނި ރުޅިވެރިކަމާއެކުގައެއް ނޫނެވެ. ނުވަތަ ހަމައެކަނި ޝައްކުގެ ނަޒަރަކުންނެއްވެސް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެއް އޭނާގެ ލޮލުން ފެނުނެވެ. އެއީ ބަލިކަށިކަމެކެވެ. އަމީރާ ގަސްތުކުރީ އެ ބަލިކަށިކަމުގެ ބޭނުން ހިފާށެވެ. އަމީރާ ފާޚާނާގެ ވަތްގަނޑު ހުޅުވައި ކުޑަ ކަތުރެއް ނެގިއެވެ. އޭނާގެ ނޭވާ ހަމައަކަށް އަޅުވަމުން، އެ ކަތުރު އަތަށް ބާރުކޮށްލިއެވެ. އެއަށްފަހު ވަރަށް ފަރުވާތެރިކަމާއެކު ހަށިގަނޑުގައި ކުޑަ ތަންކޮޅެއް ކެނޑޭވަރަށް ޖައްސާލިއެވެ. މާ ފުން ނޫން، ނަމަވެސް ފެންނަން ހުންނާނެ މިންވަރަށެވެ. އެއީ ވަރަށް ބޮޑަށް ރާވައިގެން ކުރި ކަމެކެވެ.
ލޭގެ ރަތްކަން ފާޅުވާން ފެށުމުން އޭނާ އެއަށް ބަލަހައްޓައިގެން ހުއްޓެވެ. ދެން އޭނާ ލައިގެން ހުރި ބާވެފައިވާ ހެދުމުގެ ކޮނޑުމަތިން ތަންކޮޅެއް ވީދާލިއެވެ. އެއީ އޭނާގެ ނާޒުކުކަމާއި، ލިބިފައިވާ އަނިޔާތައް ދެއްކުމަށެވެ. އެއީ ހަޤީޤީ ކަމެއްކަން ދެއްކުމަށްޓަކައެވެ.
އޭނާގެ އިސްތަށިގަނޑު ނިއުޅުވާލައި، ކޮނޑުމައްޗަށް ވައްޓާލިއެވެ. އެއީ ރީތިކަން ދެއްކުމަކަށް ނޫނެވެ. އެއީ ކަންކަން އޭނާގެ ބާރުގެ ދަށަށް ގެނައުމަށެވެ. ގާއްޑޭގެ ހިތުގައި ޝައްކާއި އޮޅުންބޮޅުން އުފެއްދުމަށެވެ. ގާއްޑޭ ފަދަ މީހުންނަށް ބާރާއި ބިރުވެރިކަން ވިސްނުނަސް، އޮޅުންބޮޅުން އަރާ ހާލަތްތަކުގައި ގޯސްތައް ހެދޭނެކަން އަމީރާއަށް އެނގެއެވެ.
އަމީރާ ފުން ނޭވާއެއްލުމަށްފަހު ބޭރަށް ނިކުތެވެ. ކޮރިޑޯ އޮތީ ފަނޑު އަލިކަމެއްގައެވެ. އޭނާ ހިނގަމުން ދިޔައީ މަޑުމަޑުންނެވެ. ފިލާކަށް ނޫޅެއެވެ. ގާއްޑޭއަށް އޭނާ ފެންނަން ބޭނުންވިއެވެ. ގާއްޑޭ އިނީ ބޮޑުކޮޓަރީގައި ފޯނަށް ބަލާށެވެ. ނަމަވެސް އަމީރާ ފެނުމާއެކު އޭނާގެ ސަމާލުކަން އެއްކޮށް އަމީރާއަށް ހުއްޓުނެވެ. އޭނާގެ ލޮލުގެ ކަޅި އަމީރާގެ ވީދިފައިވާ ހެދުމަށާއި، ހަށިގަނޑުގައިވާ ލޭގެ ނިޝާނަށް ހުއްޓުނެވެ.
“މިތާ އަޅަން ކޮންމެވެސް އެއްޗެއް ބޭނުން.” އަމީރާ ވަރަށް މަޑުމަޑުން ބުންޏެވެ. އޭނާގެ އަޑުގައި ބަލިކަށިކަމެއް ނެތެވެ. ނަމަވެސް އާދަޔާ ޚިލާފު މަޑުމައިތިރިކަމެއް ހުއްޓެވެ.
ގާއްޑޭ މަޑުމަޑުން ތެދުވިއެވެ. އޭނާގެ ނަޒަރު އަމީރާއާ ވަކިނުވެއެވެ. “ތީ ތިމާ އަމިއްލައަށް ކުރި ކަމެއްތަ؟” އޭނާ ސުވާލުކުރިއެވެ.
އަމީރާ ކުޑަކޮށް ޖެހިލުންވި ކަމަށް ދެއްކިއެވެ. “ކުރިއަކުން ފާހަގައެއް ނުކުރެވޭ..” އޭނާ ބުންޏެވެ. އެއީ ބައެއް ހަޤީޤަތެވެ.
ގާއްޑޭ ކައިރިއަށް ޖެހިލިއެވެ. އޭނާގެ މޫނުމަތިން މިފަހަރު ފެންނަނީ ރުޅިވެރިކަމެއް ނޫނެވެ. އެއަށްވުރެ ބަރު، އޮޅުންބޮޅުން ބޮޑު އަސަރުތަކެކެވެ. އަމީރާ ފަހަތަކަށް ނުޖެހި ސާބިތުކަމާއެކު ހުއްޓެވެ. ގާއްޑޭ އަމީރާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. މިފަހަރު އެ ހިފުމުގައި ހަރުކަށިކަމެއް ނެތެވެ. “ތި ކޮންއިރަކު ވީ ކަމެއް؟” އޭނާ އަހާލިއެވެ. ނަމަވެސް އެ ބަސްތަކުގައި ރުޅިވެރިކަމެއް ނެތެވެ.
“ނޭނގެ ކޮންއިރަކު ކިހިނެއް ކަމެއް.” އަމީރާ މަޑުމަޑުން ބުންޏެވެ. އެ ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އެ ދެމެދުގައި އޮތް ގުޅުމަށް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. ގާއްޑޭ މަޑުމަޑުން އަތުން ދޫކޮށްލި ނަމަވެސް، ދުރަކަށް ނުދެއެވެ. އަމީރާ ފުރަތަމަ ނަޒަރު ވަކިކޮށްލިއެވެ. އެއީ ބަލިވެގެނެއް ނޫނެވެ. އެއީ ކަންކަން އޭނާގެ ބާރުގެ ދަށަށް ގެނައުމުގެ ގޮތުންނެވެ. “ޕްލީޒް ލެޓް މީ ހެލްޕް ޔޫ، އަހަންނަށް ފުރުސަތެއް ދީ” އަމީރާ ބުންޏެވެ.
ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ގާއްޑޭ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ބަލާނަން.” އޭނާ ބުންޏެވެ. އޭނާގެ އަޑުގައި ކުރިން ހުރި ޔަޤީންކަން މިހާރު ކުޑަވެއްޖެއެވެ. އަމީރާ ހިނގައިގަތްއިރު، ގާއްޑޭގެ ނަޒަރު އޭނާއަށް ހުއްޓިފައިވާކަން އެނގެއެވެ. މިހާރު އެއީ ހަމައެކަނި ބެލުމެއް ނޫނެވެ. އެއީ ބޭނުންވުމާއި، ސުވާލު އުފެދުމުގެ ނަޒަރެކެވެ. އަމީރާ ބޭނުންވީވެސް އެކަން އެގޮތަށް ވާށެވެ. އޭނާގެ ރޭވުން ކާމިޔާބު ވާނީ މިގޮތަށެވެ. އެކަމަކު ކުއްލިއަކަށް ގާއްޑޭ މޫޑު ބަދަލުވެއްޖެއެވެ.
“ކޮން އާ ގޭމެއް ތި ކުޅެނީ؟” ދެން ކުޑަ ވަގުތުކޮޅަކަށްފަހު ވަރަށް ބާރަށް ގާއްޑޭ ނުލަފާ ފާޑަކަށް އަމީރާއަށް ބަލަހައްޓައިން ހުރެ ހަޅޭލަވައިގަތެވެ. “ހެދުން ބާލާ މިހާރު!”
އެ ބަސްތައް މުޅި ކޮޓަރިތެރޭ ގުގުމާލިއެވެ. އަމުރުވެރި، ބާރުގަދަ، އަދި އެންމެ ފަހުގެ ނިންމުމެއްގެ ގޮތުގައެވެ.
އަމީރާ ގުޑައެއް ނުލިއެވެ. ވަގުތުންނެއް ނޫނެވެ. ގާއްޑެގެ ދެލޮލުން އަމީރާއަށް އަމާޒުވެފައިވަނީ ނުރުހުމާއި، ޝައްކާއި، އަދި އެއަށްވުރެ މާ ނުރައްކާތެރި އަސަރުތަކެކެވެ. “މިހާރު!” ކޮޓަރިތެރޭގައި ހިމޭންކަން ދެމިގެންދިޔައެވެ.
ދެން އަމީރާ އިސްއުފުލާލިއެވެ. އަދި ސީދާ ގާއްޑެގެ ދެލޮލަށް ބަލާލިއެވެ. އެ ބެލުމުގައި ބިރުވެރިކަމެއް ބޯލަނބާލުމެއްވެސް ނެތެވެ. ލަސްލަހުން އޭނާގެ އިނގިލިތައް ވީދިފައިވާ ގަމީހުގެ ގޮށްތަކާ ދިމާއަށް ގެންދިޔައެވެ. އަވަސްއަރުވާލުމެއް ނެތެވެ. ތުރުތުރުލުމެއްވެސް ނެތެވެ. ކެރިހުރެއެވެ. އޭނާ އެ ގަމީސް ދޫކޮށްލިއެވެ. ކޮނޑުމަތިން ގަމީސް ކުޑަކޮށް ތިރިވާވަރަށެވެ. އެވަރުން ފުދޭނެއެވެ. ގާއްޑެގެ ދަތްކުނޑި ވިކުނެވެ. އޭނާގެ ނަޒަރު އަމީރާގެ ކޮންމެ ހަރަކާތަކަށް ހުއްޓިފައި ހުއްޓެވެ. ބަލަމުން، ހިސާބު ޖަހަމުން، ކޮންމެވެސް ކަހަލަ މަކަރެއް ނުވަތަ ރޭވުމެއް އޮތްތޯ ބަލަމުންނެވެ. ދޮގެއް ނުވަތަ ފޮރުވިފައިވާ ކަމެއް ފެނޭތޯއެވެ.
އަމީރާ އޭނާގެ ނަޒަރު ވަކި ނުކުރެއެވެ. މިއީ އޭނާ ލަދުގަންނުވާލުމަށް ނޫނީ އޭނާގެ މައްޗަށް ބާރު ފޯރުވައި، އޭނާ ނިކަމެތިކޮށްލުމަށް ކުރާ ކަމެއް ނަމަ ގާއްޑެ އެކަމުގައި ނާކާމިޔާބުވީއެވެ. ސަބަބަކީ އަމީރާގެ އަތުން މިހާރުވެސް ހުރިހާ އެއްޗެއް ބީވެ ގޮސްފައިވުމެވެ. ދެން އޭނާގެ އަތުން އަތުލެވޭނީ ވަކި ކޮން އެއްޗެއް ހެއްޔެވެ؟ އަމީރާގެ އަޑު ނުކުތީ މަޑުމައިތިރިކޮށެވެ. ނަމަވެސް ކެރިހުރެއެވެ. “މިކަމުން ކަލެއަށް ކޮން އުފަލެއް ބާރެއް ލިބެނީ؟”
“ތި ފެންނަނީ ހަށިގަނޑެއް. ކަލެއަށް ގަދަ ބާރުން ބޭނުން ކޮށްލަން މިކަހަލަ ބައިވަރު އަންހެނުން ވާނެ. ރުހުމަކު ނުވާނެ. ޔަޤީން.” އަމީރާ ރުޅިވެރިކަމާ އެކު ގާއްޑެއަށް ބަލަހައްޓައިން ހުރެ ބުންޏެވެ.
ގާއްޑެގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. ކުއްލިއަކަށް ގާއްޑެ ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އަމީރާގެ ކޮނޑުމަތީގައި އޮތް ގަމީހުގައި ހިފައި ބާރަށް އެއްފަރާތް ކޮށްލީ ކަމެއް ޗެކް ކުރުމަށެވެ. އޭނާގެ ދެލޮލުން ހޯދަމުން ދިޔައެވެ. ބަލަމުން ދިޔައެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުފެނުނެވެ. އެއްވެސް ހަތިޔާރެއް ނެތެވެ. ފޮރުވާފައިވާ އެއްވެސް ވަސީލަތެއް ނެތެވެ. އެއްވެސް ދޮގެއް ނެތެވެ. ފެންނަން ހުރީ ހަމައެކަނި އޭނާއެވެ. އަނިޔާ ލިބި، ވަރުބަލިވެފައިވީ ނަމަވެސް، ހިތްވަރު އެލިފައި ނުވާ އަންހެނެކެވެ.
ގާއްޑެ ކުއްލިއަކަށް އޭނާގެ ގައިން ދޫކޮށްލިއެވެ. އޭނާގެ މޫނުމަތިން މާޔޫސްކަމާއި ރުޅިވެރިކަން ފާޅުވާން ފެށިއެވެ.
“ކަލޭ ގަސްތުގައި ކުރާ ކަމެއް.” ގާއްޑެ ހަޅޭއްލަވައިގަތެވެ. އަމީރާ ލަސްލަހުން ބޯހޫރާލިއެވެ. “ނޫން.” އޭނާ ބުންޏެވެ. “ޔޫ ސްޓިލް ޑޯންޓް ޓްރަސްޓު މީ.” އެ ބަހުން ގާއްޑެއަށް ކުޑަ ބަދަލެއް އައެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ހަރުކަށިވިއެވެ.
“ކަލެއަކީވެސް ހަމަ އާދައިގެ އަންހެނެއް.” އޭނާ ބާރަށް ބުންޏެވެ. “އަހަރެންވީ ކަލޭ ވިއްކާލަން. އޭރުން މި ބޮލުގެ ރިހުން ނިމުމަކަށް އަންނާނެ.”
އެ ބަސްތަކުގެ ބޭނުމަކީ އޭނާގެ ހިތުގައި ޖެއްސުމެވެ. އޭނާ ބިރުގަންނުވާލުމެވެ. އޭނާގެ ދަރަޖަ ހަނދާންކޮށްދިނުމެވެ. ނަމަވެސް އަމީރާ އެއްވެސް ޖެހިލުމެއް ނުވިއެވެ. އޭގެ ބަދަލުގައި އޭނާ ގާއްޑެއާ ގާތަށް ފިޔަވަޅެއް އެޅިއެވެ. އެންމެ ފިޔަވަޅެކެވެ. އެ ދެމެދުގައި އޮތް ދުރުމިން ކުޑަކޮށްލިއެވެ. އެކަމުން ގާއްޑެ ހައިރާންވިއެވެ.
“އަހަރެން މިއީ ހަމައެކަނި އާދައިގެ އަންހެނެއް ނަމަ،” އަމީރާ މަޑުމައިތިރިކަމާއެކު ބުންޏެވެ. “ކަލޭ އަދިވެސް އަހަރެން ދެނެގަތުމަށްޓަކައި މިތާކު ނުހުންނާނެ.” ހިމޭންކަން ވެރިވިއެވެ. ބަރު، ނުރައްކާތެރި ހިމޭންކަމެކެވެ. ގާއްޑެ އަމީރާއާ ދިމާއަށް ބަލަން ހުއްޓެވެ. ކަންތައްތައް އަނެއްކާވެސް ބަދަލުވަމުން ދިޔައެވެ. އެއީ ބާރުވެރިކަމެއް ނޫނެވެ. އޮޅުންބޮޅުންވުމެވެ. ޝައުގުވެރިކަމެވެ. ހިތުގެ ދެބަސްވުމެވެ.
އަމީރާ އޭނާގެ ނަޒަރު ސީދާކޮށްލިއެވެ. ގުޑުމެއް ނެތިއެވެ. “ކަލޭ ތިޔަ ހީކުރާ ވަރަށް އަހަރެން ކަލޭ ދެކެ ބިރެއް ނުގަނޭ.” އޭނާ ކުރިއަށް ގެންދިޔައެވެ.
އެއީ ދޮގެކެވެ. އެކަމަކު އެ ދަނޑިވަޅަށް ބޭނުންތެރި ދޮގެކެވެ.
“ސަބަބަކީ ކަލޭ ކަހަލަ ފިރިހެނުންނަށް.. ބާރުވެރިކަން އިހުސާސް ކުރުމަށްޓަކައި އަހަރެން ކަހަލަ މީހުން ބޭނުންވާތީ.” އެ ބަހުން ގާއްޑެގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާ ކުއްލިއަކަށް އަތް ދިއްކޮށް އަމީރާގެ އަތުގައި ބާރަށް ހިފިއެވެ. އަނިޔާވެރި ގޮތަކަށް ނޫނެވެ. ނަމަވެސް ވަރަށް ބާރަށެވެ. އެއީ އިންޒާރެކެވެ. ނުވަތަ ފަހަރެއްގައި އެހެން ކަމެކެވެ.
“ސަމާލުވޭ!” އޭނާ ބާރަށް ބުންޏެވެ. “ކަލޭ ތިޔަ ހުރަސްކުރަނީ ރަތް ރޮނގެއް!”
އަމީރާގެ އަޑުވެސް ދަށްކޮށްލިއެވެ. ގާއްޑެގެ ރާގާ އެއްވަރަށެވެ. “ފަހަރެއްގައި އަހަރެން އެ ރޮނގު ހުރަސްކުރަން ޖެހެނީ ކަމަށް ވެދާނެ.”
މިހާރު އެމީހުންގެ މޫނު ހުރީ ވަރަށް ކައިރީގައެވެ. މާ ކައިރީގައެވެ. އެ ދެމެދުގައި އުފެދިފައިވާ ޖަޒުބާތަކީ އެއިން އެކަކަށްވެސް މިހާރު ކޮންޓްރޯލް ކުރެވޭ ވަރަށްވުރެ ބާރުގަދަ އެއްޗެކެވެ. މިއީ ހަމައެކަނި ބިރުވެރިކަމެއް ބާރުވެރިކަމެއްވެސް ނޫނެވެ. މިއީ މާ ނުރައްކާތެރި ކަމަކަށް ބަދަލުވަމުންދާ ކަމެކެވެ. މިއީ ނަފްސާނީ ހަނގުރާމައެކެވެ. ކޮންޓްރޯލް ހޯދުމުގެ ހަނގުރާމައެކެވެ. އެންމެ ފުރަތަމަ ބަލިވެ، ހިތްވަރު އެލޭނީ ކާކުތޯ ބެލުމުގެ ހަނގުރާމައެކެވެ.
ގާއްޑެ ލަސްލަހުން އޭނާގެ ގައިން ދޫކޮށްލިއެވެ. ނަމަވެސް މިފަހަރު އޭނާ ފަހަތަށް ފިޔަވަޅެއް އެޅިއެވެ. ދުރުމިން އިތުރުކުރިއެވެ. އެއީ އަމީރާއެއް ނޫނެވެ. އެއީ ގާއްޑެއެވެ.
“ކަލޭ ހީކުރީ އަހަރެން ކަލޭ ބޭނުންވެގެން ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށްތަ؟ ކަލޭ އަހަރެން ގާތަށް އަންނާނެ އަމިއްލައަށް. އެވެސް ރުހިގެން އިތުބާރު ކޮށްގެން.” ގާއްޑޭ ރުޅިވެރިކަމާއެކު ބުންޏެވެ.
އަމީރާ ހަމަޖެހިލައިގެން ހުރެ އޭނާގެ ގަމީސް ރީތިކޮށްލިއެވެ. ހާސްކަމެއް ނެތެވެ. އަވަސްއަރުވާލުމެއް ނެތެވެ.
“ނުބައި މީހަކަށް އިތުބާރު ކުރެވުނީތީ އަހަރެން މިހާރުވެސް ހިތާމަކުރަން.” އޭނާ މަޑުމަޑުން ބުންޏެވެ. “އަހަރެން ދެން އެ ގޯހެއް ނުހަދާނަން.”
އެ ޖުމްލަ އެހެން ހުރިހާ އެއްޗަކަށްވުރެ ބޮޑަށް ގާއްޑެގެ ހިތަށް އަސަރުކުރިއެވެ. ގާއްޑެ އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އޭނާގެ އެ ހިމޭންކަން އޭނާގެ ރުޅިއަށްވުރެ މާ ބާރެވެ. ސަބަބަކީ، ފުރަތަމަ ފަހަރަށް ކަންތައްތައް އޮތީ އޭނާގެ އަތްމަތީގައިތޯ އޭނާއަށް ޔަޤީން ނުވުމެވެ. އަދި އަމީރާއަށް އެކަން އެނގެއެވެ.
މިއީ އަމީރާގެ ހަތިޔާރެވެ. ބޯލަނބާލުމެއް ނޫނެވެ. އަދި ހަމައެކަނި ސަލާމަތްވުމަށް ކުރާ މަސައްކަތެއްވެސް ނޫނެވެ. މިއީ ރޭވުންތެރިކަމެކެވެ. އަދި މިހާރު އަމީރާ އެވަނީ ފުރިހަމައަށް އެ ކުޅިގަނޑުގެ ތެރެއަށް ވަދެފައެވެ.
(ނުނިމޭ)
