ތަފުސީލު
އެމީހާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “މާޒިންގެ ބޮޑުބޭބެ.. އޭނާ މީހުންނަށް ފިލައިގެންނެއް ނޫޅޭ.” އަނެއްކާވެސް މަޑުޖެހުމަކަށްފަހު، “އޭނާއަކީ ހަޤީޤަތް ހިފަހައްޓައިގެން ހުރި އެންމެ ފަހު މީހުންގެ ތެރެއިން މީހެއް.” އެ ރަށް ކުއްލިއަކަށް ކުޑަ ތަނެއްގެ ގޮތުގައި އިހުސާސެއް ނުވިއެވެ. އެއީ މާ ބޮޑު ކަމެއްގެ ތެރެއަށް ވަދެވޭ ފާލަމެއް ކަހަލައެވެ. އަމީރާ އޭނާގެ ދަރިންގެ އަތުގައި ކުރިއަށްވުރެ ބާރަށް ހިފެހެއްޓިއެވެ. މިއީ ސަލާމަތްވުމެއް ނޫނެވެ. މިއީ ވަދެވުމެވެ. ގާއްޑޭއަށްވުރެ ފުން ކަމެއްގެ ތެރެއަށެވެ. ގޭންގުތަކަށްވުރެ ފުން ކަމެއްގެ ތެރެއަށެވެ. މާލޭގެ ކަޅު ހިޔަނިތަކަށްވުރެ ފުން ކަމެއްގެ ތެރެއަށެވެ. މިއީ ހަޤީޤީ ހަނގުރާމައިގެ ފެށުމެވެ.
އެ މީހާ އެމީހުން ގެންދިޔައީ ގެއަކަށް ނޫނެވެ. އޭނާ އެމީހުން ގޮވައިގެން މިސްރާބު ޖެހީ ރަށުގެ އެތެރެއަށެވެ. އަތިރިމައްޗާ ދުރަށެވެ. މީހުންގެ ލޮލަށް ނުފެންނަ ހިސާބަށެވެ. އެހީތެރިކަމެއް ލިބިދާނެ ކޮންމެ ފުރުސަތަކާ ދުރަށެވެ. ވިލަރެސްފުށީގެ އެތެރެއަށް ވަދެވުނު ވަރަކަށް، މާހައުލު ދިޔައީ ހިމޭންވަމުންނެވެ. އެއީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ރޯޅިއެއްގެ ހަރަކާތްވެސް ހީވަނީ ކޮންމެވެސް ބައެއްގެ ކޮންޓްރޯލްގެ ދަށުގައި އޮތްހެންނެވެ. އަމީރާ އޭނާގެ ދަރިން ގަޔާ ކައިރިކޮށްލިއެވެ. އޭނާގެ ކޮންމެ ނަޒަރަކުން މިހާރު ފެންނަނީ ހާސްކަމާއި ހުޝިޔާރުކަމެވެ. މިއީ ހިމާޔަތެއް ނޫނެވެ. މިއީ ބަންދުކުރުމެކެވެ. އެމީހުން މަޑުކުރީ ބޯ ގަސްތަކުގެ ތެރޭގައި ފޮރުވިފައި ހުރި ބާވެފައިވާ ކުޑަ އިމާރާތެއްގެ ކުރިމައްޗަށެވެ. އެތަނުގައި ބޯޑެއް ނެތެވެ. ފަނޑު ބޮއްކެއްގެ އަލި ނޫން އެހެން އަލިކަމެއް އެތަނަކުން ނުފެނެއެވެ. އެ މީހާ ދޮރު ހުޅުވާލިއެވެ. “ވަދޭ.” އޭނާ ކުރުގޮތަކަށް ބުންޏެވެ.
އަމީރާ ވަގުތުން ފިޔަވަޅެއް ކުރިއަކަށް ނޭޅިއެވެ. “ކޮބާ މާޒިންގެ ބޮޑުބޭބެ؟” އޭނާ ސުވާލުކުރިއެވެ. އެ މީހާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އޭނާޔާ ބައްދަލުވާނެ.” އޭނާ ބުންޏެވެ. “އެކަމަކު އެންމެ ފުރަތަމަ، ތިހުރީ ކޮންފަދަ ތަނެއްގައިކަން އަމިއްލައަށް ދެނެގަންނަން ޖެހޭނެ.” އެ ޖުމްލައާއެކު އަމީރާގެ މޭ ތެޅިގަތެވެ. އެއީ އިރުޝާދަކަށްވުރެ ބޮޑަށް އިންޒާރެއްގެ ރާގު ހުރި ވާހަކައަކަށް ވީތީއެވެ.
ކޮޓަރި ކުޑައެވެ. ފަރުނީޗަރެއް ނެތެވެ. މޭޒަކާއި ދެ ގޮނޑި އެކަންޏެވެ. ކަނެއްގައި ހުރި ރޭޑިއޯއަކުން ކެނޑިކެނޑިގެން އަޑުތަކެއް އިވެމުންދިޔައެވެ. އެހެން އެއްވެސް އެއްޗެއް އެތަނަކު ނެތެވެ. އަމީރާގެ ދަރިން އޭނާގެ ފަހަތުގައި ބޮނޑިވެގެން ތިއްބެވެ. އެކުދިން ތިބީ ބިރުން ހިމޭންވެފައެވެ. ވަރުބަލިވެފައެވެ. އަމީރާ އިށީނުމުގެ ބަދަލުގައި ކޮޅަށް ހުއްޓެވެ. އޭނާ ބޭނުންވީ އެއްވެސް ސިފައެއްގައި އޭނާއަކީ ނިކަމެއްޗެއް ނޫންކަން ދައްކާށެވެ.
ދޮރު އަލުން ހުޅުވުނެވެ. މިފަހަރު ވަނީ ދުވަސްވީ މީހެކެވެ. އޭނާގެ ހަށިގަނޑުން ބަލިކަށިކަމެއް ނުފެނެއެވެ. ވަދެގެން އައިސް ކުދިންނަށް ދިނުމަށް މައިލޯ 2 ޕަކެޓާއި ކުޑަ ބިސްކޯދު އުރައެއް އަދި ފެން ފުޅިއެއް ދިއްކޮށްލިއެވެ. އޭނާއަކީ ކަންކަން ކޮންޓްރޯލް ކުރަން ދަންނަ، ވަރުގަދަ މީހެއްކަން ހާމަވެއެވެ. އެއަށްފަހު އޭނާގެ ނަޒަރު ވަގުތުން އަމީރާއަށް ހުއްޓުނެވެ. އަދި އޭނާގެ ދެލޮލުން ފެނުނު އަސަރު ބަދަލުވިއެވެ. އެއީ އަމީރާ ދަންނާތީ ފެނުނު އަސަރެއް ނޫނެވެ. އޭނާގެ ހާލަތު އިހުސާސްވުމުން ފެނުނު އަސަރެކެވެ.
“އަމީރާ.” އޭނާ މަޑުމައިތިރިކަމާއެކު ގޮވާލިއެވެ.
އަމީރާ ހުއްޓުން އެރިއެވެ. “އަހަރެންގެ ނަން އެނގުނީ ކިހިނެއް؟”
އެ މުސްކުޅި މީހާ އަވަސްއަރުވާލައިގެން އިށީންނާކަށް ނޫޅުނެވެ. އޭނާ ހަމައެކަނި އަމީރާއަށް ބަލަހައްޓައިގެން ހުރީއެވެ.
“އަހަރެން ކަލޭގެ ފިރިމީހާ ދަންނަން.” އޭނާ ބުންޏެވެ.
ވަގުތުކޮޅަކަށް ހިމޭންކަން ވެރިވިއެވެ. އެއީ ބަރުދަން ހުރި ހިމޭންކަމެކެވެ. “އޭނާ މަރުވީ އިއްތިފާޤަކުން ނޫން. އަދި އޭނާއަކީ އެންމެ ސާފު ސީދާ މަގުން އުޅުނު މީހެއްވެސް ނޫން.” އަމީރާގެ ނޭވާ ތާށިވި ކަހަލައެވެ. އެންމެ ފަހުން ހަޤީޤަތް ހާމަވާން ފެށީއެވެ. “އޭނާއަކީ ކާކު؟” އަމީރާ މަޑުމަޑުން އަހާލިއެވެ. އެ މުސްކުޅި މީހާ ގާތަށް ޖެހިލިއެވެ. “އޭނާއަކީ ތަޅުދަނޑި ގެންގުޅުނު މީހާ. ވަގު ފެރީގެ މަގުތަކާއި، ކަނޑުމަތިން ކުރާ މުއާމަލާތްތަކާއި، ރަސްމީ އެއްވެސް އިދާރާއަކުން ޤަބޫލުކުރަން ބޭނުންނުވާ ސިއްރު މަގުތަކުގެ ތަޅުދަނޑި ހުރީ އޭނާގެ އަތުގައި.”
އޭނާ މަޑުޖެހިލިއެވެ. “އަދި އޭނާ ހިމޭނުން ހުންނަން ދެކޮޅު ހެދި ހިސާބުން..”
އޭނާ އެ ޖުމްލަ ފުރިހަމައެއް ނުކުރެއެވެ. އޭގެ ބޭނުމެއްވެސް ނެތެވެ. އަމީރާގެ ސިކުނޑި ސުވާލުތަކުން ފުރުނެވެ. އޭނާއަށް މިހާތަނަށް އެނގިފައިވާ ހުރިހާ ކަމެއް އަނެއްކާވެސް ބަދަލުވެގެން ދިޔައީއެވެ. “އަދި ކަލޭ؟” އަމީރާ ސުވާލުކުރިއެވެ. އެ މީހާ ސީދާ އަމީރާގެ ލޮލަށް ބަލާލިއެވެ. “އަހަރެން މީ އޭނާ މުގުރާލަން އުޅުނު އެ ނިޒާމުގެ ބާކީ އޮތް ބައި.” ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު، އެންމެ ފަހުގެ ހަޤީޤަތް އޭނާ ހާމަކުރިއެވެ. “އަދި ގާއްޑޭ..” އޭނާ އިތުރުކޮށްލިއެވެ. އަމީރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. “އޭނާއަކީ ކަލޭގެ ދުޝްމަނެއް ނޫން. އޭނާއަކީ ކަލެއަށް އޮތް އިންޒާރެއް.”
އަމީރާ ބޯ ހޫރާލިއެވެ. “ނޫން. އޭނާ މަސައްކަތްކުރީ އަހަރެންގެ މައްޗަށް ބާރު ފޯރުވަން. އޭނާ އަހަރެނާ އަހަރެންގެ ދަރިންނަށް ބިރުދެއްކި.”
އެ މުސްކުޅި މީހާ ބޯ ޖަހާލިއެވެ. “އެއީ ކަލެއަކީ ނުރައްކާތެރި މަކަރުވެރި މީހެއް ކަމަށް އޭނާއަށް މައުލޫމާތު ދީފައިވާތީ.”
އަމީރާ ސާބިތުކަމާއެކު ބުންޏެވެ. “އަހަރެން މީ ނުރައްކާތެރި މީހެއް ނޫން.”
އެ މުސްކުޅި މީހާގެ މޫނުމަތިން ފަނޑު ހިނިތުންވުމެއް ފެނުނެވެ. “ނޫން. ކަލެއަކީ ކަލޭގެ ފިރިމީހާ ހިމާޔަތްކުރި އަމާނާތް. އަދި އެހެން ހުރިހާ އެންމެން ފޮހެލަން ބޭނުންވާ ސިއްރު.” އެ ކޮޓަރި ކުއްލިއަކަށް މާ ކުޑަވެ، މާ ބަރުވެއްޖެ ކަހަލަ އިހުސާސެއް އަމީރާއަށް ކުރެވުނެވެ. ހީވަނީ ހަޤީޤަތުގެ ބަރުދަން އޭނާއަށް އިހުސާސްވަނީހެންނެވެ. ބޭރުން ފިޔަވަޅުތަކުގެ އަޑު އިވެން ފެށިއެވެ. އެއީ ވަރަށް އަވަސް އަދި ގިނަ ފިޔަވަޅުތަކެކެވެ. އެމީހުން މިތަނަށް ގެނައި މީހާ ވަގުތުން ދޮރާ ދިމާއަށް އެނބުރުނެވެ. އޭނާ ހުރީ ކަންބޮޑުވެފައެވެ. އަމީރާ އޭނާގެ ދަރިންނާ ކައިރިވެލިއެވެ. “އެއީ ކޮން އަޑެއް؟” އޭނާ އަހާލިއެވެ.
ވަގުތުން ހަމަނުޖެހުން ފެށުނެވެ. ބޭރުގައި ހަޅޭއްލަވާ އަޑާއި، ދުވާ އަޑާއި، އަމުރުތައް ނެރޭ އަޑު އިވެން ފެށިއެވެ. އަމާންކޮށް އޮތް ރަށް ކުއްލިއަކަށް ހަލަބޮލިވެއްޖެއެވެ. އެ މީހާ އަލުން އަމީރާގެ ގާތަށް އެނބުރުނެވެ. “އަހަރެމެން ހީކުރި ވަރަށްވުރެ މާ އަވަހަށް އެމީހުންނަށް ކަލޭ ފެނިއްޖެ.” އޭނާ ބުންޏެވެ. އަމީރާގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. “ކާކަށް؟” އެ މުސްކުޅި މީހާ އަމީރާއަށް ބަލާލިއެވެ. މިފަހަރު އެއްވެސް ޖެހިލުމެއް ނެތެވެ. “ގާއްޑޭ.” ހިމޭންކަމުގެ ސިކުންތުކޮޅަކަށްފަހު، ބޭރުން އިންޖީނެއްގެ އަޑު އިވެން ފެށިއެވެ. އެ އަޑު އަންނަނީ ކައިރިވަމުންނެވެ. ވަރަށް ކައިރިއަށެވެ. މުސްކުޅި މީހާ ކޮޓަރީގެ ފަހަތު ފަރާތަށް ޖެހިލިއެވެ. “ކަލޭގެ އިޚުތިޔާރު ފެށޭ ހިސާބަކީ މިއީ.” އޭނާ ބުންޏެވެ.
އަމީރާ ހުއްޓުން އެރިއެވެ. “ކޮން އިޚުތިޔާރެއް؟” އެ މީހާ އަމީރާގެ ލޮލަށް ފުންކޮށް ބަލާލިއެވެ. “ހަޤީޤަތާއެކު ފިލަން ދާނީތޯ ނުވަތަ ދަރިންނާއެކު ސަލާމަތްވާން ދާނީތޯ.” ބޭރުގައި އޮތް އިންޖީނުގެ އަޑު ކެނޑުނެވެ. ފިޔަވަޅުތަކުގެ އަޑު ދޮރާ ދިމާއަށް އަންނަނީއެވެ. އަމީރާ ނޭވާ ހިފަހައްޓާލިއެވެ. ފުރަތަމަ ފަހަރަށް އޭނާއަށް ކަމުގެ ސީރިއަސްކަން ވިސްނުނެވެ. ދޮރުގެ ތަޅު އަނބުރާލި އަޑު އިވުނެވެ. އޭނާ ދެން ވެގެންދާނީ ކޮންފަދަ މީހަކަށްތޯ ނިންމުމަށް އަމީރާއަށް ލިބުނީ ސިކުންތަކަށްވުރެވެސް ކުޑަ ވަގުތުކޮޅެކެވެ.
ދޮރު ކުއްލިއަކަށް ހުޅުވިއްޖެއެވެ. އެއްވެސް ޖެހިލުމެއް، މަޑުޖެހުމެއް ނެތި، ބާރުގަދަ ގޮވުމަކާއެކު ދޮރު އެތެރެއަށް ވެއްޓިއްޖެއެވެ. ބޫޓުތަކުގެ އަޑެވެ. ހަރަކާތްތައް ހުރީ ވަރަށް އަވަސްކޮށް، ރޭވުންތެރިކަމާއެކު، މުޅި މާހައުލު ކޮންޓްރޯލްކުރާ ފަދަ ގޮތަކަށެވެ. ގާއްޑޭ އެތެރެއަށް ވަނީ ހަމައެކަނި ހިނގާފައެއް ނޫނެވެ. އޭނާ ވަދެގެން އައީ ބާރުގަދަ ތޫފާނެއް ފަދައިންނެވެ. އޭނާގެ ފަހަތުން ވަދެގެން އައި މީހުން އެ ކުޑަ ގެ ފުރާލީ، ބަންދުވަމުންދާ ދަންތުރައެއް ފަދައިންނެވެ. ކުދިން ބިރުން ހަޅޭއްލަވައިގަތެވެ. އަމީރާ ވަގުތުން އެ ކުދިން ގަޔާލާ ބޮނޑިކޮށްލިއެވެ. އެ ދުވަސްވީ މީހާ އަވަސްއަވަހަށް ކުރިއަށް ޖެހިލިއެވެ. އަތް އުފުލައިގެން ހުރެއެވެ. އޭނާގެ އަޑުގައި ހާސްކަން ހުރި ނަމަވެސް ސާބިތުކަމާއެކު ބުންޏެވެ. “މިކަން މިހެން ވާކަށް ނޫން އޮތީ.” އޭނާ ބުންޏެވެ. ގާއްޑެ އޭނާއަކަށް ނުބަލައެވެ. އޭނާގެ ދެލޯ ހުއްޓިފައި ހުރީ އަމީރާއަށެވެ. އެ ދެލޮލުން ފެންނަނީ އަލިފާން ފަދަ ނުރުހުމެވެ. “ކަލޭ ފިލީ ދޯ.” އޭނާ ރުޅިވެރިކަމާއެކު ބުންޏެވެ. އެއީ ކޮންޓްރޯލް ކުރެވިފައިވާ އަޑެކެވެ. ނަމަވެސް ހަޅޭއްލެވުމަށްވުރެ އެ އަޑު މާ ނުރައްކާތެރިއެވެ. އަމީރާ އެއްވެސް ޖަވާބެއް ނުދެއެވެ. އޭނާގެ ކުދިންގެ ގައިގައި ބާރަށް ބައްދާލިއެވެ. އެ ދުވަސްވީ މީހާ އެ ދެމެދަށް ވަނެވެ. “އޭނާ މިތަނަށް ގެންނަން ޖެހުނީ.” އޭނާ ބާރުލާފައި ބުންޏެވެ. “އޭނާއަށް ކަންކަން އެނގެން ޖެހޭނެ.” ގާއްޑެ ކުއްލިއަކަށް އޭނާއަށް ބަލާލިއެވެ. އެ ނަޒަރުގައިވަނީ ފިނިކަމާއި ތޫނުކަމެވެ. “އޭނާއަށް ބޭނުންވަނީ ކޮން އެއްޗެއްކަން ނިންމާނީ ކަލެއެއް ނޫން.” އޭނާ ބުންޏެވެ. މުޅިތަނަށް ކުއްލި ހިމޭންކަމެއް ވެރިވިއެވެ. އެ ދުވަސްވީ މީހާ ފަހަތަކަށް ނުޖެހުނެވެ. “ކަލޭ ބޭނުންވިޔަސް ނުވިޔަސް، އޭނާ މިހާރު މިކަމުގެ ތެރެއަށް ވަދެ ނިމިއްޖެ.” އޭނާ ބުންޏެވެ. “މާޒިން އޭނާ އިޚްތިޔާރުކުރީ ސަބަބެއް ނެތިއެއް ނޫން.” ގާއްޑެގެ މޫނުމަތިން ކޮންމެވެސް އަސަރެއް ފާޅުވިއެވެ. އެއީ ޝައްކެއް ނޫނެވެ. އެއީ އެކަން ޤަބޫލުކުރާކަމުގެ ނިޝާނެކެވެ.
އަމީރާގެ އަޑު ނުކުތީ ބާރަށެވެ. “މިއީ ފިލުމެއް ނޫން.” އަމީރާ ބުންޏެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އޭނާ އެ ދެމީހުންނަށް ވަކިވަކިން ބަލާލިއެވެ. ގާއްޑެއަށެވެ. އެ ދުވަސްވީ މީހާއަށެވެ. ބާރާއި ކޮންޓްރޯލާ ދެމެދުގައިވާ ހުސްކަމަށެވެ. “ކަލޭމެން އަހަރެން ފިލަން ފުރުސަތު ދިނީ.” އެ ޖުމްލައިގެ ބަރުދަން ވަރަށް ބޮޑެވެ. އެއީ ދެކޮޅު ނުހެދޭނެ ހަޤީޤަތެކެވެ. އެ ދުވަސްވީ މީހާގެ ހިމޭންކަމުން އެކަން ކަށަވަރުވިއެވެ. ގާއްޑެ ހުރިގޮތުން އެކަން ސާބިތުވިއެވެ. އަމީރާގެ މޭ ފިތޭ ފަދަ އިހުސާސެއް ކުރެވުނެވެ. “މި ހުރިހާ ކަމެއް..” އޭނާ ސިއްރުސިއްރުން ބުންޏެވެ. “އެ އަންހެން ކުއްޖާ.. އެ ދޯނި.. މި ރަށް..” އޭނާ މަޑުމަޑުން ބޯ ހޫރާލިއެވެ. “މިއީ ރޭވިފައިވާ ކަމެއް.” ކުދިން އޭނާގެ ގައިގައި ކުރިއަށްވުރެ ބާރަށް ބައްދާލިއެވެ. މިހާރު އެކުދިންގެ ރުއިމުގެ އަޑު މަޑެވެ. އެކުދިން ތިބީ އޮޅުންބޮޅުންވެފައެވެ. ނުރައްކަލަށްވުރެ ފުން ކަމެއް ހިނގަމުންދާކަން އެކުދިންނަށް އިހުސާސްވަނީއެވެ. ގާއްޑެ ކުރިއަށް ޖެހިލިއެވެ. ލަސްލަހުންނެވެ.
“އާނ.” އޭނާ ބުންޏެވެ. އެއްވެސް އިންކާރެއް ނެތެވެ. ބަހަނާއެއް ނެތެވެ. “ކީއްވެ؟” އަމީރާ އެހިއެވެ. އޭނާގެ އަޑު ކުރެހިފައެއް ނެތެވެ. ނަމަވެސް އޭނާގެ އެތެރެހަށިން ކޮންމެވެސް އެއްޗެއް ބިންދައިގެން ދިޔަ ކަހަލައެވެ. ގާއްޑެ އޭނާއަށް ވަރަށް ފަރުވާތެރިކަމާއެކު ބަލަން ހުއްޓެވެ. “ކަލޭ ކަންތައް ކުރާނެ ގޮތެއް ބަލަން.” އޭނާ ބުންޏެވެ. މަޑުޖެހުމަކަށްފަހު ބުންޏެވެ. “ކަލޭ ފިލާނީތޯ ނުވަތަ ވިސްނާނީތޯ ބަލަން.” އަމީރާގެ ދެލޮލުން ހަރުކަށިކަން ފާޅުވިއެވެ. “އެހެންވީމާ އަހަރެން މިއީ އިމްތިހާނެއްތާ.” މިފަހަރު ވާހަކަދެއްކީ އެ ދުވަސްވީ މީހާއެވެ. މަޑުމަޑުންނެވެ. އެ އަޑުގައި ހިތާމައިގެ އަސަރު ހުއްޓެވެ. “ނޫން.” އޭނާ ބުންޏެވެ. “ކަލެއަކީ ފުރުސަތެއް.” އަމީރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ކޮން ކަމަކަށް އޮތް ފުރުސަތެއް؟” އޭނާ ސުވާލުކުރިއެވެ. އެއިން އެކަކުވެސް ވަގުތުން ޖަވާބެއް ނުދިނެވެ. އަދި އެ ހިމޭންކަން ހުރިހާ އެއްޗެއް ކިޔައިދީފިއެވެ. ބާރުވެރިކަން، ކޮންޓްރޯލް، ބަދަލުކުރުން. އޭނާގެ ފިރިމީހާ އެތަނުގައި ނެތް ނަމަވެސް، އޭނާގެ ހިޔަނި މުޅި ކޮޓަރި ތެރެއަށް ފެތުރިފައިވާ ކަހަލައެވެ. އަމީރާ މިހާރު ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. މިހާރު އޭނާއަކީ ބިރުން ފަހަތަށް ޖެހޭ މީހެއް ނޫނެވެ. “ކަލޭމެން އަހަރެންގެ ބޭނުން ހިފީ.” އޭނާ ބުންޏެވެ. ގާއްޑެގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ. “އަހަރެމެން ކަލެއަށް ފާރަވެރިވީ.” އޭނާ އެ ބަސް އިސްލާހުކުރިއެވެ. އެއީ މާ ނުރައްކާތެރި މާނައެކެވެ. އަމީރާ ދަތްކުނޑިވިކާލިއެވެ. “ކަލޭމެން އަހަރެންގެ ދަރިން ނުރައްކަލުގެ ތެރެއަށް އެއްލާލީ.” މަސްރަހު އަނެއްކާވެސް ބަދަލުވިއެވެ. ކުޑަކޮށް، ނަމަވެސް ހަޤީޤަތުގައެވެ. “އެކުދިންނަށް ދުވަހަކުވެސް ނުރައްކަލެއް ނެތް،” ގާއްޑެ ބުންޏެވެ.
އަމީރާ ހީނގަންނަން އުޅުނެވެ. ނަމަވެސް އެއީ ހިތި ހިނިތުންވުމެކެވެ. ދެން ގާއްޑޭއާ ދިމާލަށް އެނބުރުމަށްފަހު “ކަލޭމެން ކަހަލަ ފިރިހެނުން އަބަދުވެސް ޤަބޫލުކުރާ ގޮތަކީ ތީ. އަހަރެން ދުވަހަކު ވެސް އެނބުރި ކަލޭގެ ހަޑި މުޑުދާރު ދިރިއުޅުމަކަށް ނުދާނަން. ތީ ފިރިހެނެއް ނޫން!” އަނެއްކާވެސް ހިމޭންވިއެވެ. މިފަހަރު އެ ހިމޭންކަން މާ ބޮޑެވެ. އެ ދުވަސްވީ މީހާ އެންމެ ފަހުން ވާހަކަދެއްކިއެވެ. “ކަލޭ މިތަނަށް އަތުވެއްޖެ.” އޭނާ ބުންޏެވެ. މަޑުޖެހުމަކަށްފަހު “ކަލެއަށް މި ފެނުނީ އާންމު މީހުންނަށް ދުވަހަކުވެސް ފެންނަން ނުވާ ކަންތައްތަކެއް.” އަމީރާ ކުއްލިއަކަށް އޭނާއަށް އެނބުރުނެވެ. “އޭގެ ބަދަލުގައި އަހަރެން ދޭންޖެހުނީ ކޮން އެއްޗެއް؟” އޭނާ އެހިއެވެ. އޭނާ ޖަވާބެއް ނުދިނެވެ. ސަބަބަކީ އޭނާއަށް ޖަވާބު ނުދެވޭނެތީއެވެ. އެ ސުވާލުގެ ޖަވާބު އޭނާގެ ކުރިމަތީގައި އެބައޮތެވެ. ބިރުން ތުރުތުރުއަޅަމުންދާ ކުދިންނެވެ. އޭނާގެ މޫނުމަތިން ފެންނަ ވަރުބަލިކަމެވެ. އޭނާގެ ކުދިކުދިވެފައިވާ ދިރިއުޅުމެވެ. އަމީރާ ސިކުންތަކަށް ދެލޯ މަރާލިއެވެ. ހަމައެކަނި އެންމެ ސިކުންތަކަށެވެ. ދެން އޭނާ ގާއްޑެއަށް ބަލާލިއެވެ. ސީދަލަށެވެ. ބިރެއް ނެތިއެވެ.
“އަހަރެން ކަންތައް ކުރާނެ ގޮތެއް ބަލަން ބޭނުންވީ ދޯ؟” އޭނާ ޖަވާބެއް ނުދެއެވެ. ނަމަވެސް އޭނާގެ ސަމާލުކަން އިތުރުވިއެވެ. “މިހާރު ފެނިއްޖެއެއްނު.” އަމީރާ ބުންޏެވެ. މަޑުޖެހުމަކަށްފަހު ލަސްލަހުން “މިހާރު ވަރަށް ފަރުވާތެރިކަމާއެކު ބަލަން ހުރޭ.” ފުރަތަމަ ފަހަރަށް ގާއްޑެގެ މޫނުމަތިން ޔަގީންކަން ގެއްލުނެވެ. ސަބަބަކީ އޭނާގެ ކުރިމަތީގައި އެ ހުރި އަންހެނާއަކީ އޭނާ ކުރިން ދެނެގަތް ބަލިކަށި އަންހެނާއެއް ނޫނެވެ. އަދި އެމީހުން ފެށި ކޮންމެ ކުޅިވަރެއްގައިވެސް އަމީރާ މިހާރު ގޮތް ނިންމައިފިއެވެ. އޭނާ ދެން އެމީހުން ބޭނުންވާ ގޮތަކަށް ނުކުޅޭނެއެވެ. އޭނާ އެ ކުޅިވަރުގެ ޤަވާއިދުތައް ބަދަލުކުރާނެއެވެ. ހިމޭން ވަގުތުކޮޅަކަށްފަހު އަމީރާ ވަހަކަ ދެއްކިއެވެ.
“އަހަރެން ގެންދޭ މާޒިން ބޮޑުބޭބެ ކައިރިއަށް މިހާރު!”
(ނުނިމޭ)
