ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެފްއޭ ކަޕްގެ 13 ވަނަ ތަށްޓާއިއެކު ނިއުރޭޑިއަންޓުން 50 ތަށި ހަމަކޮށްފި!
ފޮޓޯ: ނިއުރޭޑިއަންޓް އެފްބީ ޕޭޖް

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބުން އެފްއޭކަޕްގެ ޗެންޕިއަންކަން 13 ވަނަ ފަހަރަށް ހޯދައިފިއެވެ. މިރޭ ނިއުރޭޑިއަންޓުން ހޯދި މިތައްޓާއިއެކު އެޓީމުން މިވަނީ ގައުމީ ފެންވަރުގެ 50 ތަށި ހަމަކޮށްފައެވެ.

އެފްއޭ ކަޕް 2026 ގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ބައްދަލުކުރީ ނިއުރޭޑިއަންޓާއި ޓީސީ ސްޕޯރޓްސް އެވެ.

ކުއާޓަރ ފައިނަލާއި ސެމީ ފައިނަލް ވެސް ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން ކާމިޔާބުކުރި ނިއުރޭޑިއަންޓް ފައިނަލް މެޗް ކާމިޔާބު ކުރީ 3-0 އިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ނިއުރޭޑިއަންޓުން ޖެހި ފުރަތަމަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. 21 ވަނަ މިނިޓްގައި ޓީސީގެ އޭރިޔާ ތެރެއިން ޢަލީ ފާސިރު (ސެންޓޭ) އަށް ކުރި ފައުލަކާއި ގުޅިގެން ނިއުރޭޑިއަންޓަށް ލިބުނު ޕެނަލްޓީ ގޯލްގެ ތެރެއަށް ފޮނުވާލީ ވެސް އޭނާއެވެ.

ސެންޓޭ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ / ފޮޓޯ: އަދަދު ސްޕޯޓްސް

ފުރަތަމަ ލަނޑު ޖެހިތާ މާގިނައިރެއް ނުވެ ދެވަނަ ލަނޑެއް ޖަހާނެ ފުރުސަތު ވެސް ނިއުރޭޑިއަންޓަށް ލިބުނެވެ. ގޯލް ކުރިމައްޗަށް ސެންޓޭ ހުރަސްކޮށްލި ބޯޅަ ގޯލަށް ޖަހަން މަސައްކަތްކުރި މުޙައްމަދު އިރުފާންގެ ފައިގައި ޖެހިފައި ދިޔައީ ދަނޑިމަތިން ބޭރަށެވެ.

މެޗުގެ ނަތީޖާ ހަމަހަމަކުރަން ގާތްގާތުގައި ޓީސީއަށް ލިބުނު ދެ ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.

ނިއުރޭޑިއަންޓުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ 40 ވަނަ މިނިޓްގައި އަލްހާޖީ ގެރޯއެވެ. އޭރިޔާ ތެރެއިން ގެރޯ ފޮނުވާލި ބާރު ބޯޅަ ގޯލްގެ ތެރެއަށް ވަނީ ޓީސީގެ ކީޕަރު ޑެނިއަލްގެ އަތުގައި ޖެހިފައި ފަހަތަށް ގޮސް އަރިމަތީ ދަނޑީގައި ޖެހިފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޓީސީއަށް ލިބުނެވެ. އެގޮތުން ފޮނުވާލީ އެއް ހަމަލާ ގޯލުދަނޑިއަށް ވެސް އަމާޒުވިއެވެ.

ނިއުރޭޑިއަންޓުން އެ ޓީމްގެ ތިންވަނަ ލަނޑު ޖެހީ 83 ވަނަ މިނިޓްގައި އަލްހާޖީ ގެރޯ އެވެ. ޓީސީގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލް ކުރިމައްޗަށް ޑަ ސިލްވާރ ނަގައިދިން ބޯޅަ ގެރޯ ގޯލްގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ.

އަލްހާޖީ ގެރޯ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ / ފޮޓޯ: އަދަދު ސްޕޯޓްސް

މި ނަތީޖާއާއެކު ފައިނަލް މެޗު ނިމުނުއިރު މި މުބާރާތުގައި ނިއުރޭޑިއަންޓް ކޮޅަށް އެންމެ ލަނޑެއް ވެސް ވަދެފައެއް ނުވެއެވެ.

އަހަރުތަކެއްގެ މެދުކެނޑުމަށްފަހު، ފުރަތަމަ ޑިވިޝަނަށް އެނބުރި އައި ނިއުރޭޑިއަންޓުން ހޯދި މި ކާމިޔާބީއާއެކު އެ ޓީމު ވެގެން ގޮސްފައިވަނީ މި އަހަރުގެ އެންމެ ކާމިޔާބު ތިން ޓީމުގެ ތެރެއިން އެއް ޓީމަށެވެ. މި އަހަރުގެ ލީގު މާޒިޔާއިން ކާމިޔާބު ކުރިއިރު ޤައުމީ މުބާރާތް ކާމިޔާބުކުރީ އޮޑި ސްޕޯރޓްސްއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓަށް މި މެޗުގައި ދެ ލަނޑު ޖަހައިދިން އަލްހާޖީ ގެރޯ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top