ޚުލާސާ:
🫘 ގަވާއިދުން ޗިއާ ސީޑްސް ބޭނުންކުރުމުން ލޭގެ ޕްރެޝަރު ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ. ޚާއްޞަކޮށް ލޭމައްޗަށް ދިއުމުގެ ފުރުޞަތު ބޮޑު މީހުންނަށް މީގެ ފައިދާ ބޮޑެވެ.
🫘 މީގެ ފައިދާތައް ލިބެނީ އޭގައި ހިމެނޭ ސިއްހަތަށް ފައިދާހުރި ފެޓްސް، މިނަރަލްސް އަދި އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުންނެވެ.
🫘 މާހިރުން ވިދާޅުވާ ގޮތުގައި ޗިއާ ސީޑްސްއަކީ ހަމައެކަނި އޭގެ ޒާތުގައި މަސައްކަތްކުރާ އެއްޗެއް ނޫނެވެ. އޭގެ އެންމެ ފުރިހަމަ ނަތީޖާ ފެންނާނީ ހިތުގެ ސިއްހަތަށް ފައިދާހުރި ދިރިއުޅުމުގެ އާދަތަކާއެކު ބޭނުންކުރުމުންނެވެ.
ފައިބަރާއި އެންޓިއޮކްސިޑެންޓްސް ފަދަ މުހިންމު މާއްދާތަކުން މުއްސަނދިވެފައިވާ ޗިއާ ސީޑްސްއަކީ ޔޯގަޓް، އޯޓްމީލް އަދި ސްމޫތީ ފަދަ ތަކެއްޗާ އެއްކޮށްލައިގެން ކެއުމަށް ވަރަށް ފައިދާހުރި އެއްޗެކެވެ. މިއީ ހަޖަމުކުރުމުގެ ނިޒާމަށާއި ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ނަމަވެސް، މި ކުދިކުދި އޮށްތަކުން ލޭގެ ޕްރެޝަރަށް ކުރަނީ ކޮންކަހަލަ އަސަރެއް ހެއްޔެވެ؟ މިކަމާ ގުޅޭގޮތުން އެނގެންޖެހޭ މުހިންމު މަޢުލޫމާތުތައް ތިރީގައި އެވަނީއެވެ.
ޗިއާ ސީޑްސްއިން ލޭގެ ޕްރެޝަރު ދުޅަހެޔޮ މިންވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދެއެވެ.
ކާނާއާ ބެހޭ މާހިރު އެރިން ޕަލިންސްކީ-ވޭޑް ވިދާޅުވާ ގޮތުގައި ގަވާއިދުން ޗިއާ ސީޑްސް ކެއުމަކީ ލޭގެ ޕްރެޝަރު ދުޅަހެޔޮ މިންވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.
2025 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ހަކުރު ބަލި ހުންނަ ނުވަތަ ބަރުދަން އިތުރު މީހުން ދުވާލަކު 2 އާއި 4 ސަމުސަލާ ދެމެދުގެ މިންވަރަކަށް ޗިއާ ސީޑްސް ބޭނުންކުރުމުން، ލޭގެ ޕްރެޝަރުގެ މަތީ ނަންބަރު (ސިސްޓޮލިކް ބްލަޑް ޕްރެޝަރ) އެވްރެޖްކޮށް 3 އާއި 7 މިލިމީޓަރު މާކަރީ އާ ދެމެދުގެ މިންވަރަކަށް ދަށްވެއެވެ.
ޕެން މެޑިސިންގެ ކާޑިއޮލޮޖިސްޓެއް ކަމަށްވާ މައިކަލް މިލާ ވިދާޅުވި ގޮތުގައި، ލޭގެ ޕްރެޝަރު ކުޑަ މިންވަރަކަށް ދަށްވުމަކީވެސް (މިސާލަކަށް 5 މިލިމީޓަރު މާކަރީ) ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހުމުގެ ފުރުޞަތު %10 ދަށްކޮށްދޭނެ ކަމެކެވެ.
އެހެންނަމަވެސް، އެރިން ޕަލިންސްކީ-ވޭޑް ފާހަގަކުރެއްވި ގޮތުގައި، ހަމައެކަނި ޗިއާ ސީޑްސް ކައިގެން ލޭގެ ޕްރެޝަރު ދަށްވާނެ ކަމަށް ބަލައިގެން ނުވާނެއެވެ. ގަވާއިދުން ކަސްރަތު ނުކުރާ ނަމަ ނުވަތަ ކާބޯތަކެތީގެ އާދަތައް ގޯސް ނަމަ، މީގެން ކުރާ ފައިދާ ކުޑަވާނެއެވެ.
ކާނާއާ ބެހޭ މާހިރު މެޑީ ޕަސްކުއަރިއެލޯ ވިދާޅުވާ ގޮތުގައި، ލޭގެ ޕްރެޝަރަށް ބޭނުންކުރާ ބޭސްތަކުގެ ބަދަލުގައި ހަމައެކަނި ޗިއާ ސީޑްސް ބޭނުންކޮށްގެން ފަރުޖެއްސޭނެ ކަމުގެ އެކަށީގެންވާ ހެކި އަދި ނެތެވެ. ރަނގަޅު ކާނާއަކީ ބަލިތަކުން ދުރުކޮށްދޭ އެއްޗެއް ނަމަވެސް، ބޭސް ބޭނުންކުރުމާ ގުޅޭގޮތުން އަބަދުވެސް ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިންމެވެ.
ޗިއާ ސީޑްސްގައި ހިމެނެނީ ކޮން އެއްޗެއް؟
ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ ގިނަ މާއްދާތަކެއް ޗިއާ ސީޑްސްގައި ހިމެނެއެވެ. މީގެ ތެރޭގައި ހިމެނޭ އޮމެގާ-3 ފެޓީ އެސިޑްސްއަކީ ލޭހޮޅިތައް ދުޅަވުން (އިންފްލެމޭޝަން) ކުޑަކޮށްދީ، ލޭހޮޅިތަކުގައި ސަރުބީ ޖެހުން ހުއްޓުވައިދީ، ލޭހޮޅިތައް ހަރުވުމުން ރައްކާތެރިކޮށްދޭ މާއްދާއެކެވެ.
މީގެ އިތުރުން އޭގައި ހިމެނޭ ޕޮޓޭސިއަމް އަދި މެގްނީޒިއަމް ފަދަ މިނަރަލްސްގެ ސަބަބުން ލޭހޮޅިތައް ރިލެކްސްކޮށްދީ، ލޭ ދައުރުވުން ރަނގަޅުކޮށްދެއެވެ. އަދި އޭގައި ހިމެނޭ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ބައެއް ވިހަ މާއްދާތަކުން (ފްރީ ރެޑިކަލްސް ތަކުން) ލޭހޮޅިތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދެއެވެ.
ސަމާލުކަން ދޭންޖެހޭ ކަންތައްތައް:
ދިރާސާތަކުން ދައްކާ ގޮތުގައި ޗިއާ ސީޑްސްގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށްޓަކައި ތިރީގައިވާ ކަންކަމަށް ސަމާލުކަން ދޭންޖެހެއެވެ:
1- ސިއްހީ ހާލަތު: މީގެ ފައިދާ އެންމެ ބޮޑަށް ފެންނަނީ ލޭމައްޗަށް ދިއުމުގެ މައްސަލަ ހުންނަ މީހުންނާއި، ހަކުރު ބަލި ހުންނަ މީހުންގެ އިތުރުން ބަރުދަން އިތުރު މީހުންނަށެވެ.
2- ތައްޔާރުކުރާ ގޮތް: ބައެއް ހޯދުންތަކުން ދައްކާ ގޮތުގައި ޗިއާ ސީޑްސް މުގުރާލައިގެން ބޭނުންކުރުމުން ހަށިގަނޑަށް އޭގެ މާއްދާތައް ދަމައިގަންނަން ފަސޭހަވެއެވެ.
3- ބޭނުންކުރަންވީ މިންވަރު: މާހިރުން ލަފާދޭ ގޮތުގައި ދުވާލަކު 2 އާއި 3 ސަމުސަލުގެ ޗިއާ ސީޑްސް 8 އާއި 12 ހަފުތާ ވަންދެން މެދުކެނޑުމެއް ނެތި ބޭނުންކުރުމުން އޭގެ ނަތީޖާ ފެންނަން ފަށާނެއެވެ. ނަމަވެސް، މަދު މިންވަރަކަށް ބޭނުންކުރި ކަމުގައިވިޔަސް، މިއީ ސިއްހަތަށް ފައިދާހުރި ކާނާއެކެވެ.
ޗިއާ ސީޑްސްއަކީ ފައިބަރުން މުއްސަނދި އެއްޗަކަށް ވާތީ، ފުރަތަމަ ފަށާއިރު ކުޑަ މިންވަރަކުން (މިސާލަކަށް ސައިސަމުސަލެއް ނުވަތަ އެއަށްވުރެ މަދު މިންވަރަކުން) ފަށައި، މަޑުމަޑުން މިންވަރު އިތުރުކުރުމަށް މާހިރުން ލަފާދެއެވެ. އަދި ހަޖަމުކުރުމުގެ ނިޒާމުގެ އެއްވެސް މައްސަލައެއް ހުރި ނަމަ، ޗިއާ ސީޑްސް އާދަކޮށް ބޭނުންކުރަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ ބުއްދިވެރިކަމެކެވެ.
