ޕޮޕް މިއުޒިކުގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ޙަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ބަޔޮޕިކް، މައިކަލް މި ހަފުތާގެ ހުކުރު ދުވަހު އިންޑިއާގެ ސިނަމާތަކުގައި އަޅުވާގޮތަށް ހަމަޖެހިއްޖެއެވެ.
އެންޓޮއިން ފޫކުއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި މައިކަލް ޖެކްސަންގެ ރޯލުން ފެންނާނީ އޭނާގެ ބޭބެގެ ދަރިފުޅު ޖައުފަރު ޖެކްސަންއެވެ. ފިލްމުގައި ޖެކްސަން ފައިވްގެ ކުރީކޮޅުގެ ދުވަސްތަކުން ފެށިގެން 1970 އަދި 1980ގެ އަހަރުތަކުގައި ސޯލޯ ކެރިއަރުގައި އޭނާ ކުރި ދަތުރު ދައްކުވައިދެއެވެ. ނިއާ ލޯންގް ކެތެރީން ޖެކްސަންގެ ރޯލުން ފެންނައިރު، ކޯލްމަން ޑޮމިންގޯ ފެންނާނީ ޖޯ ޖެކްސަންގެ ރޯލުންނެވެ.
ބުކްމައިޝޯ އިން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމަކީ ޔޫއޭ 13+ ރޭޓިންގެ ފިލްމެކެވެ. ފިލްމުގެ ދިގުމިނަކީ ދެ ގަޑިއިރާއި 10 މިނެޓެވެ. އިނގިރޭސި ބަހުން ރިލީޒްކުރާ މި ފިލްމު، ބައެއް ސިނަމާތަކުގައި ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެން ޝޯތައް ދައްކަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެމެރިކާގައި ބުދަ ދުވަހު ޕްރިވިއު ޝޯތައް ފެށޭނެއެވެ. ސިނެމާކް އިން ވަނީ 24.95 ޑޮލަރުގެ މައިކަލް ފެޑޯރާ ހެޓް ޕޮޕްކޯން ބަކެޓެއް ނެރެފައެވެ. އެ ބަކެޓް މިހާރު ވަނީ އޮންލައިނުން ހުސްވެފައެވެ. އޭއެމްސީ ސިނަމާތަކުގައި އޭޕްރިީލް 22 އިން ފެށިގެން މައިކަލް ޖެކްސަންގެ ހަނދާނީ ބްލެންކެޓެއް ޕޮޕްކޯނާއި ބުއިމަކާއެކު ލިބެން ހުންނާނެއެވެ.
