އިންސާނާގެ ހަށިގަނޑުން ބޮޑުކަމުދާ ތަކެތި ބޭރުވުމަށް ހޭދަވާ ވަގުތަކީ، އެ މީހެއްގެ މެޓަބޮލިޒަމް ނުވަތަ ހަށިގަނޑުގައި ހިނގާ ކެމިކަލް މަރުހަލާތަކާއި ގޮހޮރުގެ ސިއްހަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަން އާ ދިރާސާއަކުން ހާމަވެއްޖެއެވެ.
އެމެރިކާގެ ސީއެޓްލްގައި ހުންނަ އިންސްޓިޓިއުޓް ފޯ ސިސްޓަމްސް ބަޔޮލޮޖީ (އައި.އެސް.ބީ) ގެ ސައިންސްވެރިން ކުރި މި ދިރާސާ މި ފަހުން ވަނީ ‘ސެލް ރިޕޯޓްސް’ ނަމަކަށް ކިޔާ ސައިންސް މަޖައްލާގައި ޝާއިއުކޮށްފައެވެ. މި ދިރާސާގައި ގާތްގަނޑަކަށް 1،400 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.
ދިރާސާގެ ނަތީޖާތަކުން ދައްކާ ގޮތުގައި، ކާނާ ކެއުމަށްފަހު އެ ތަކެތި ހަޖަމުވެގެން ހަށިގަނޑުން ބޭރުވުމަށް މާ ގިނަ ވަގުތު ނަގާނަމަ، ގޮހޮރުގައި ހުންނަ ބެކްޓީރިއާތަކުން ޕްރޮޓީން ފީކުރުވައި، އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުންދެނިވި ވިހަ މާއްދާތައް އުފެދެއެވެ. މި ވިހަ މާއްދާތަކުގެ ސަބަބުން ކިޑްނީގެ ބަލިތަކާއި އިންފްލެމޭޝަން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެއެވެ.
އަނެއްކޮޅުން، ބޮޑުކަމުދާ ތަކެތި މާ އަވަހަށް ބޭރުވުމަކީވެސް ސިއްހީ ގޮތުން އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ. މާ އަވަހަށް ބޭރުވާނަމަ، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ދަމައިގަތުމަށް އެކަށީގެންވާ ވަގުތު ނުލިބޭކަން ސައިންސްވެރިން ފާހަގަކުރެއެވެ.
މި ދިރާސާގެ މައިގަނޑު ބޭނުމަކީ، ގޮހޮރުގެ ހަރަކާތްތަކާއި ހަށިގަނޑުގެ އާންމު ދުޅަހެޔޮކަމާ ހުރި ގުޅުން ދެނެގަތުމެވެ. ސައިންސްވެރިން ބުނާ ގޮތުގައި، ބޮޑުކަމުދާ ތަކެތި ހަށިގަނޑުގައި ހުންނަންޖެހޭނީ “ގޯލްޑިލޮކްސް ޒޯން” އެއްގައި ނުވަތަ މެދުމިނުގެ ވަގުތެއްގައެވެ. އެއީ މާ ގިނަ ދުވަސް ނުވެ، އަދި މާ އަވަސްވެސް ނުވާނެ ފަދަ މިންވަރަކަށެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ގިނައިން ފައިބަރު އެކުލެވޭ ކާނާ ކެއުމާއި، ގިނައިން ފެން ބުއިމުގެ އިތުރުން ގަވާއިދުން ކަސްރަތު ކުރުމަކީ ބޮޑުކަމުދާ ތަކެތި ބޭރުވުމަށް ހޭދަވާ ވަގުތު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަންކަން ކަމަށް މި ދިރާސާގައި ލަފާދީފައިވެއެވެ.
