ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އާދަވެ ހިނގުމާ ދުރުހެލިވުމުން ހަށިގަނޑަށް ކުރާނެ ނޭދެވޭ އަސަރުތައް
ކަސްރަތަށް ހިނގުމަކީ ސިއްހަތަށް ފައިދާހުރި ކަމެއް / މުނިއަވަސް ގްރެފިކްސް

ދުވާލަކު އެއްފަހަރު ހިނގާލަން ދިއުން ހުއްޓާލުމަކީ، ހީކުރާ ވަރަށް ވުރެ ބޮޑަށް ތިބާގެ ދުޅަހެޔޮކަމަށް ނުރައްކާވެދާނެ ކަމެކެވެ.

މުހިންމު ނުކުތާތައް:

🚶 ހަރަކާތްތެރިކަން ކުޑަ ދިރިއުޅުމަކީ ދިގު މުއްދަތުގެ ބަލިތަކާއި ސިއްހީ މައްސަލަތަކާ ގުޅިފައިވާ ކަމެކެވެ.

🚶 ހިނގުމަކީ ކޮންމެ ވަގުތެއްގައި އަދި ކޮންމެ ދުވެއްޔެއްގައި ވެސް ކުރެވިދާނެ، ހަށިގަނޑަށް ލުއި ފަސޭހަ ކަސްރަތެކެވެ.

🚶 ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، ކޮންމެ ދުވަހަކު ވެސް ހިނގުމަށް ވަގުތު ހުސްކުރަން އާދަކުރާށެވެ.

ދުވާލަކު އެއްފަހަރު ހިނގާލަން ދިއުމަކީ ހަށިގަނޑާއި ސިކުނޑީގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމެކެވެ. މިއީ ހަށިގަނޑަށް މާ ބޮޑު ބުރައެއް ނުއުފުލައި، މޫޑާއި ސިކުނޑީގެ އިތުރުން ހިތާއި، ކަށިތަކާއި، މަސްތަކާއި އަދި ހަށިގަނޑުގެ މެޓަބޮލިޒަމަށް ވެސް ފައިދާކުރާ ކަމެކެވެ.

ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި، ކޮންމެ ދުވަހަކު ހިނގުމަކީ މުޅި ހަށިގަނޑުގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ އެންމެ ފަސޭހަ އެއް ކަމެވެ. އެހެންކަމުން، ގަވާއިދުން ނުހިނގާ ނަމަ ސިއްހަތަށް ގެއްލުންވުމަކީ އެކަށީގެންވާ ކަމެކެވެ. ގަވާއިދުން ނުހިނގުމުން ކުރިމަތިވެދާނެ މައިގަނޑު މައްސަލަތަކަކީ:

1- ދިގު މުއްދަތުގެ ބަލިތަކަށް މަގުފަހިވުން
ހަރަކާތްތެރިކަން ކުޑަވުމަކީ ހިތުގެ ބަލިތަކާއި މެޓަބޮލިޒަމާ ގުޅުންހުރި މައްސަލަތައް ކުރިމަތިވުމަށް އޮތް ފުރުސަތެކެވެ. މީގެ ތެރޭގައި ހަކުރުބަލީގެ ދެވަނަ ބާވަތާއި، ހިތުގެ ބަލިތަކާއި، ބައެއް ކަހަލަ ކެންސަރު ބަލިތައް ހިމެނެއެވެ. ގިނަ ވަގުތު އިށީނދެގެން އިނުމަކީ ޖިސްމާނީ ސިއްހަތަށް އޮތް ބޮޑު ނުރައްކަލެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު އެންމެ 15 މިނެޓު ހަލުވިކޮށް ހިނގާލުމަކީ ވެސް، ކުއްލި މަރުގެ ނުރައްކާ 20 އިންސައްތަ ކުޑަކޮށްދޭ ކަމެކެވެ.

2- ނަފްސާނީ ދުޅަހެޔޮކަން ކުޑަވުން
ހިނގުމަކީ ހަމައެކަނި ޖިސްމާނީ ކަމެއް ނޫނެވެ. އެއީ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް މުހިންމު ކަމެކެވެ. ގަވާއިދުން ނުހިނގާ ނަމަ، ހިނގުމުގެ ސަބަބުން ސިކުނޑީގެ ކެމިކަލްތަކަށް ލިބޭ ފައިދާ ނުލިބި، މާޔޫސްވުމާއި ހާސްވުން ފަދަ މައްސަލަތައް ކުރިމަތިވެދާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ވަގުތު އިށީނދެގެން އިނުމަކީ ނަފްސާނީ ބަލިތަކަށް މަގުފަހިވާ ކަމެކެވެ.

3- ހަރަކާތްތެރިވުމަށް އުނދަގޫވުން
“ބޭނުން ނުކުރާ ނަމަ، އެ އެއްޗެއް ބޭކާރުވާނެ” މި ބުނުމަކީ ހަށިގަނޑުގެ ގުނަވަންތަކަށް ވެސް އޮތް ހަގީގަތެކެވެ. ގަވާއިދުން ނުހިނގާ ނަމަ، ހުޅުތަކާއި މަސްތަކުގެ ހަރަކާތްތެރިކަން ދަށްވެ، އާދައިގެ ކަންކަން ކުރުމަށް ވެސް އުނދަގޫވެއެވެ. ވަކިން ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް، ގަވާއިދުން ހިނގުމަކީ އެހެން މީހެއްގެ އެހީއާ ނުލައި އަމިއްލައަށް ކަންކަން ކުރުމުގެ ގާބިލުކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

4- ކަށީގެ ދުޅަހެޔޮކަން ދަށްވުން
އުމުރުން ދުވަސްވާ ވަރަކަށް ކަށީގެ ވަރުގަދަކަން ދެމެހެއްޓުމަށް ހިނގުން އެހީތެރިވެދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހަފުތާއަކު ތިން ފަހަރު 30 މިނެޓު ހަލުވިކޮށް ހިނގުމަކީ ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. ގަވާއިދުން ނުހިނގާ ނަމަ، ކަށި ފީވުމުގެ ނުރައްކާ ބޮޑުވެއެވެ.

5- ވިސްނުމާއި ހަނދާނަށް އަސަރުކުރުން
ގަވާއިދުން ނުހިނގުމަކީ ސިކުނޑީގެ މަސައްކަތްތަކަށް ވެސް އަސަރުކުރާ ކަމެކެވެ. ހަރަކާތްތެރިކަން ކުޑަވުމަކީ ހަނދާން ނެތޭ ބަލި (ޑިމެންޝިއާ) ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ. އޭގެ ބަދަލުގައި، ގަވާއިދުން ހިނގުމަކީ ހަނދާން ގަދަވުމާއި، ކަންކަމަށް ސަމާލުކަން ދިނުމުގެ ގާބިލުކަން އިތުރުކޮށްދޭ ކަމެކެވެ.

ކޮންމެހެން ހިނގަން ޖެހޭތަ؟

ހިނގުމަކީ ތިބާއަށް އެންމެ އެކަށީގެންވާ ކަމަކަށް ނުވާ ނަމަ، ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓޭނެ އެހެން ގޮތްތައް ވެސް އެބަހުއްޓެވެ. މުހިންމީ ގިނަ ވަގުތު އިށީނދެގެން ނުއިނދެ، ކޮންމެވެސް ވަރެއްގެ ހަރަކާތެއްގައި އުޅުމެވެ. ބައިސްކަލް ދުއްވުން، ފަތަން ދިއުން، ޔޯގާ، ނުވަތަ ކަސްރަތު ކުރުމަކީ ވެސް ހިނގުމާ އެއްވަރުގެ ފައިދާ ލިބޭނެ ކަންކަމެވެ.

ހިނގުމަށް އާދަކުރާނީ ކިހިނެއް؟

🚶 ކުޑަކޮށް ފަށާށެވެ: އެއްފަހަރާ ގިނަ ވަގުތު ހިނގުމުގެ ބަދަލުގައި، ފުރަތަމަ 5 ނުވަތަ 10 މިނެޓުން ފަށާށެވެ.

🚶 ކޮންމެ ފިޔަވަޅަކީ ވެސް މުހިންމު ފިޔަވަޅެކެވެ: ލިފްޓުގެ ބަދަލުގައި ސިޑި ބޭނުންކުރުން ނުވަތަ ކުޑަކޮށް ދުރުގައި ސައިކަލު ޕާކުކުރުމަކީ ވެސް ކުރެވިދާނެ ކަންކަމެވެ.

🚶 އެކުވެރިންނާއެކު ހިނގާށެވެ: ރަހުމަތްތެރިއަކާއެކު ހިނގަން ދިއުމަކީ އެކަމަށް ޝައުގުވެރިކަން އިތުރުވާނެ ކަމެކެވެ.

🚶 ހަނދާންކޮށްދޭ އެލާމެއް ބަހައްޓާށެވެ: ގިނަ ވަގުތު އިށީނދެގެން އިންނަން ޖެހޭ ނަމަ، ކޮންމެ 30 މިނެޓަކުން ތެދުވެ ހިނގާލުމަށް ފޯނުގައި އެލާމެއް ބެހެއްޓިދާނެއެވެ.

🚶 ކެއުމަށްފަހު ހިނގާލުން: ކޮންމެ ކެއުމަކަށްފަހު ކުޑަކޮށް ހިނގާލުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

މާހިރުން ބުނަނީ:

ހިނގުމަކީ ސިއްހަތަށް ފައިދާހުރި ވަރަށް ފަސޭހަ ކަމެކެވެ. ގަވާއިދުން ނުހިނގުމަކީ ވަގުތުން ބޮޑު ބައްޔެއް ޖެހޭނެ ކަމެއް ނޫން ނަމަވެސް، ދިގު މުއްދަތުގައި އޭގެ ސަބަބުން ހަށިގަނޑު ބަލިކަށިވެ، ދިފާއީ ބާރު ދަށްވެއެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ވެސް ކޮންމެވެސް މިންވަރަކަށް ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ކޮންމެހެން މުހިންމު ކަމެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top