ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މޫދު ކަސްރަތުން ހަށިގަނޑަށް ކުރާ ފައިދާތައް

ގަވާއިދުން ކަސްރަތު ކުރުމަކީ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމާއި، ހިތުގެ ދުޅަހެޔޮކަން އިތުރުވުމާއި، އަދި އަރާމު ނިދި ލިބުމަށް އެހީތެރިވެދޭ ކަމެކެވެ. އެހެންނަމަވެސް، ހިނގުމާއި، ދުވުމާއި، އަދި ބަރު އުފުލުން ފަދަ އާންމު ކަސްރަތުތަކަކީ ހަށިގަނޑުގައި ރިހުން ހުންނަ މީހުންނާއި، ބަލިކަށި މީހުންނާއި، ހަރަކާތްތެރިވެ އުޅުމަށް ދަތިވާ މީހުންނަށް ނުވަތަ ވެއްޓިދާނެތީ ބިރުގަންނަ މީހުންނަށް ކުރަން އުނދަގޫ ކަންތައްތަކެކެވެ.

މޫދު ކަސްރަތަކީ ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭ މާހައުލެއްގައި ދުޅަހެޔޮކަން އިތުރުކުރުމަށް އޮތް ވަރަށް ރަނގަޅު ފުރުސަތެކެވެ. މީގެ ސަބަބުތަކަކީ:

ލުއިކަން: އުނަގަނޑާ ހަމައަށް ފެނަށް އެރުމުން، ފެނުގެ ބާރުން ހަށިގަނޑުގެ ބަރުދަން %50 ލުއިކޮށްދެއެވެ. މީގެ ސަބަބުން ހުޅުތަކަށާއި ކަށިތަކަށް ކުރާ ބާރު ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ.

އެހީތެރިކަން: ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމަށް ދަތިވާ މީހުންނަށް ފެނުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބެއެވެ. ހަމައެއާއެކު، ފެނުގެ ހަރަކާތްތަކުގެ ސަބަބުން ބެލެންސް ހިފެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދެއެވެ. ރާޅު ގިނަވާވަރަކަށް ކަސްރަތު ކުރުމަށް ކުރަންޖެހޭ މަސައްކަތް އިތުރުވެ، ބެލެންސް ހިފެހެއްޓުމަށް ބާރުއަޅައެވެ.

ދެކޮޅުވެރި ބާރު (ރެސިސްޓެންސް): ފެނުގެ އޮލަކަމުގެ ސަބަބުން އޭގެ ތެރޭގައި ހަރަކާތްތެރިވާއިރު ބާރެއް ނުވަތަ ހުރަހެއް ކުރިމަތިވެއެވެ. މިއީ މަސްތަކުގެ ބާރު ގަދަކުރުމަށް (ރެސިސްޓެންސް ޓްރެއިނިން) ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. ހުޅުތަކަށް ކުރާ ބާރު ކުޑަވުމުން، ގިނަ މީހުންނަށް މާ ގިނައިރު ވަންދެން އަދި މާ ގިނަ ފަހަރު ކަސްރަތުތައް ތަކުރާރުކުރަން ފަސޭހަވެއެވެ.

މި ހުރިހާ ފައިދާތަކެއްގެ ސަބަބުން، ކުޅިވަރުގެ ތެރެއިން ލިބޭ އަނިޔާތަކުން ސަލާމަތްވުމަށާއި، ހަށިގަނޑުގެ ބާރާއި ކެތްތެރިކަން އިތުރުކުރުމަށް މިއީ ވަރަށް ފައިދާހުރި ގޮތެކެވެ.

މޫދު ކަސްރަތުން މުޅި ހަށިގަނޑުގެ ބާރާއި، ހިތުގެ ދުޅަހެޔޮކަމާއި، ހަށިގަނޑުގެ ފަހެލިކަން (ފްލެކްސިބިލިޓީ) އިތުރުވެއެވެ. ކޮންމެ އާ ކަސްރަތެއް ފެށުމުގެ ކުރިންވެސް ސިއްހީ މާހިރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.

ފެނަށް އެރުމުގެ ކުރިން އެނގެންޖެހޭ 5 ކަމެއް:

1- ތަފާތު ގޮތްގޮތަށް ކުރެވޭ ކަސްރަތެއް:

މޫދު ކަސްރަތަކީ އެކި ފެންވަރުގެ މީހުންނަށް އެކި ގޮތްގޮތަށް ކުރެވިދާނެ ކަމެކެވެ. އާދައިގެ ގޮތަކަށް ފެނުގެ ތެރޭގައި ހިނގުމުން ފެށިގެން، ފުން ހިސާބުގައި ދުވުމާއި ފެތުން ފަދަ ބުރަ ކަސްރަތުތައް މީގައި ހިމެނެއެވެ.

2- ފަތަން ދަސްކުރާކަށް ނުޖެހޭ:

ފެނާ ކައިރީގައި އުޅޭއިރު ފަތަން އެނގުމަކީ ރަނގަޅު ކަމެއް ނަމަވެސް، މޫދު ކަސްރަތު ކުރުމަށް ފަތަން އެނގުމަކީ މަޖުބޫރު ކަމެއް ނޫނެވެ. މީގެ ގިނަ ކަސްރަތުތަކަކީ ފެނުގެ ތެރޭގައި ކޮޅަށް ހުރެގެން ކުރެވޭ ކަންތައްތަކަށްވާތީ، މޫދުގެ ނުވަތަ ޕޫލްގެ ތިލަ ހިސާބެއް މިކަމަށް ފުދޭނެއެވެ.

3- ފެނުގެ ހޫނުމިން މުހިންމު:

ކުޑަކޮށް ފިނި ފެނުގައި (28-31 ޑިގްރީ ސެލްސިއަސް) ކަސްރަތު ކުރުން އެންމެ ރަނގަޅީ މާ ބޮޑަށް ހަށިގަނޑު ހޫނުވާ މީހުންނަށެވެ. މާ ހޫނު ފެނުގައި (29-33 ޑިގްރީ ސެލްސިއަސް) ކަސްރަތު ކުރުން ރަނގަޅީ ހުޅުތަކުގައި ރިހުން ހުންނަ މީހުންނަށެވެ.

4- އަމިއްލަ ގާބިލުކަމަށް ސަމާލުވުން:

މޫދު ކަސްރަތު ކުރަން ފަސޭހަވުމުން، އާންމުކޮށް ކުރާ ވަރަށްވުރެ ގިނައިރު ކަސްރަތު ކުރެވިދާނެއެވެ. މީގެ ސަބަބުން ކަސްރަތު ނިމުމުން ހީނުކުރާ ވަރަށް ވަރުބަލިކަން އިހުސާސް ކުރެވިދާނެއެވެ.

5- ގްރޫޕް ކަސްރަތުތަކުގައި ބައިވެރިވުން:

ގިނަ ބަޔަކާ އެކު މޫދުގައި ކަސްރަތު ކުރުމަކީ އެކަކު އަނެކަކާ ގުޅުން ބަދަހިވެ، ކަސްރަތު ކުރުމުގެ ޝައުގުވެރިކަން އިތުރުވާނެ ކަމެކެވެ.

މޫދު ކަސްރަތު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، ފެނުގައި ބޭނުންކުރާ ބަރު (ވޯޓަ ވެއިޓްސް)، އަތަށް ލައްވާ އަންގި ނުވަތަ ފެނުގައި އޮވޭނެ ބެލްޓް / ނޫޑްލް ފަދަ ތަކެތި ބޭނުންކުރެވިދާނެއެވެ.

މޫދު ކަސްރަތު ކުރުމަކީ ތަދުވުމުގެ ބިރެއް ނެތި، މަޖާ މާހައުލެއްގައި ކުރެވޭނެ ކަމެއް ކަމަށްވާތީ، ގިނަ ބަޔަކު މިކަމަށް ޝައުގުވެރިވެއެވެ. އަދި ބޯ ނުތެންމާވެސް މި ކަސްރަތުތައް ފުރިހަމައަށް ކުރެވިދާނެއެވެ.

ނޯޓް
މިއީ "ހެލްތު ޑޮޓް އިންފޯ" އިން ނަގާފައިވާ ލިޔުމެއްގެ ތަރުޖަމާއެއް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top