ފޫޅުދިގު ހަންޑި
ސާރާގެ ހުވަފެނީ ދުނިޔެއަކީ އާދައިގެ ކަންތައްތަކެއް ވާ ފަނޑު އިހުސާސެއް ނުވަތަ ކުޑަހިނދުކޮޅެއްގެ ޚިޔާލީ ފޮލާއެއް ނޫނެވެ. ބޮޑެތި، އަސަރުގަދަ، ދިރުންހުރި ވާހަކަތަކެކެވެ. އަދި ހަމައެކަނި ކަރުދާހުގައި ހުންނަ އެއްޗެއް ނޫނެވެ. އެ ވާހަކަތައް އޭނާގެ ފަހަތުން އަސްލަށްވެގެން ދިރުން އާދެއެވެ. ބައެއް ރޭރޭ، ދިވެހި ގަދީމީ ބޯދާ ވާހަކަތައް ހަނދާނާއި ގަލަމުގެ ދެލީގެ ފުނުން ތެދުވެ، އޭނާގެ ހުވަފެންތައް ގަދީމީ، ބިރުވެރި ސިފައަކަށް ބަދަލުކޮށްލައެވެ. ސޯފީއަށް ކިޔައިދޭ ވާހަކަތަކާ، ސާރާ ކުރިމަތިލަނީ އެއީ ހަޤީޤަތެއްހެން ޤަބޫލުކުރަން މަޖުބޫރުވާ ފަދަ ބިރުވެރި ގޮތަކަށެވެ.
މިރޭ ކަނޑެއް އަލިކަމެއް ނެތެވެ. އޭގެ ބަދަލުގައި އޮތީ ކަޅު އަނދިރިކަމެވެ. ބޮޑު ގަނޑުވަރު ފަދަ ގެ ފެންނަން ހުރީ އާދައިގެ ގޮތަކަށް ނޫނެވެ. އެއީ ބިރުވެރި، ނާމާން ތަނެއްގެ ގޮތުގައެވެ. ގޭގެ ވަށައިގެންވާ ގަސްތައް އާދަޔާ ޚިލާފަށް ބިޔަވެފައިވެއެވެ. އޭގެ މޫތަކާއި މުކުރިތައް އުޑާ ދިމާލަށް އަތްފަތުރާލައިގެން ތިބީ ބިރުވެރި އިނގިލިތަކެއް ފަދައެވެ. އަދި ވަށައިގެންވާ ވައި.. ވަނީ ބަރުވެފައެވެ. އެއީ ދިރިހުރި ނޭވާއެއް ފަދައެވެ.
“ސޯފީ؟” ސާރާ ގޮވާލިއެވެ. އެ ބޮޑު، ބިރުވެރި ހިމޭންކަމުގެ ތެރޭގައި އޭނާގެ އަޑު އިވުނީ ވަރަށް މަޑުމަޑުންނެވެ. ޖަވާބެއް ނައެވެ. އެ ހިމޭންކަން މުގުރާލީ އަޑެކެވެ. ތެތް އެއްޗެއް ލަސްލަހުން ދަމާ އަޑެކެވެ. ސާރާ އެނބުރި އެ ދިމާ ބަލާލިއެވެ. އަދި އޭނާއަށް އެ މަންޒަރު ފެނުނެވެ. އަނދިރިގަނޑުގެ ތެރެއިން ނުކުތީ ބޯދާ ވާހަކައެއްގެ ބިރުވެރި އެއްޗެކެވެ. ފޫޅުދިގު ހަންޑިއެވެ. އޭގެ ސިފަ ހަޑިހުތުރެވެ. އިންސާނަކާއި، އެއަށްވުރެ މާ ބިރުވެރި އެއްޗެއްގެ ސިފައާ ދެމެދު ބަދަލުވަމުންދާ ކަހަލައެވެ. އޭގެ އަތްފައި ވަނީ އާދަޔާ ޚިލާފަށް ދިގުވެފައެވެ. ސާރާއަށް ސިހުމެއް ލިބުނީ އޭގެ ފޫޅު ފެނުމުންނެވެ. އިންތިހާއަށް ދިގުވެފައި، ތެޅިތެޅި ދިރުންހުރި ފޫޅެކެވެ. ނިމުމެއް ނެތް މަހުގެ ނަރެއް ފަދައިން އޭގެ ހަށިގަނޑުން ދެމިފައިވެއެވެ. އަދި އެ ފޫޅުގެ ތެރޭގައި އޮޅާލެވިފައި އޮތީ ސޯފީއެވެ. ސާރާގެ ދެލޯ ބޮޑުވެ ނޭވާ ހުއްޓުނެވެ.
“ސާރާ!” ސޯފީގެ އަޑު އިވުނީ ދުރުންނެވެ. އޭނާގެ ރަން މުށިކުލައިގެ ފަށުވި ފަދަ ދިގު އިސްތަށިގަނޑު، އެ އަނދިރިގަނޑުގެ ތެރޭގައިވެސް ވިދަމުންދިޔައެވެ. އެކަމަކު އެ އިސްތަށިގަނޑު ވަނީ އެ މަޚުލޫޤުގެ ފޫޅުތެރޭގައި އޮޅިފައެވެ. އެ މަޚުލޫޤު ސޯފީ ބިމުގައި ދަމަމުން، ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅަމުން، ޖަންގަލީގެ ފުންމިނަށް ގެންދެއެވެ. “ސާރާ ކޮއްކޯ އަހަރެން ސަލާމަތް ކުރޭ!” ސޯފީގެ އަޑު މިހާރު އިވެމުން ދަނީ ވަރަށް ދުރުން އުނދަގުލުން އަންނަހެންނެވެ.
“ދައްތާ! މި އަންނަނީ.. ހިތްވަރުކުރޭ!”
އެ ބިރުވެރި މަޚުލޫޤު އޭނާގެ ބޯ ލަސްލަހުން އަނބުރާލިއެވެ. ހީވަނީ ސާރާގެ އިންތިޒާރުގައި ހުރިހެންނެވެ. އޭގެ ލޯ ހުސްވެފައި، އެހެނަސް ހުރިހާ ކަމެއް އެނގޭ ފަދައެވެ. އެ ފޫޅު އިތުރަށް ބާރުވިއެވެ. އަދި އެއާއެކު ސޯފީ ރޮއިގަތެވެ. ސާރާގެ ހިތުގެ ކެތްތެރިކަން ކޮޅުންލިއެވެ. ބިރުވެރިކަން ބަދަލުވީ ތޫނު، ވަރުގަދަ އަޒުމަކަށެވެ. އޭނާ ބާރަށް ފަހަތުން ދުވަން ފެށިއެވެ. ގަސްތަކުގެ މުކުރިތަކުން އޭނާގެ ހަށިގަނޑުގެ ތަންތަން ކެފެމުން ކެނޑެމުން ދިޔައެވެ. ބިންގަނޑު އޭނާގެ ފިޔަވަޅުތައް ދިރުވާލަން އުޅޭ ކަހަލައެވެ. ނަމަވެސް ސާރާ ކުރިއަށް ދިޔައެވެ. އެއީ ހަމައެކަނި ފިތުރީ އިހުސާސަކަށްވުރެ މާ ފުން އެއްޗެއްގެ ސަބަބުންނެވެ. ބިރަށްވުރެ މާ މަތީ އިހުސާސެކެވެ. ލޯތްބެވެ. އޭނާގެ ކޮންމެ ފިޔަވަޅަކާއެކު ބިންގަނޑު ގުޑަމުންދިޔައެވެ. ގަސްގަހުގެ މޫތައް އޮޅެމުންދިޔައެވެ. ހިޔަނިތައް އޭނާއާ ދިމާލަށް އަންނަމުންދިޔައެވެ. މުޅި ޖަންގަލިވެސް ވަނީ ދިރިފައެވެ. އޭނާއަށް ހުރަސްއަޅާ، އޭނާ އިމްތިހާނު ކުރާ ފަދައެވެ. ނަމަވެސް ސާރާ ހުއްޓައެއް ނުލިއެވެ. އޭނާއަކަށް ހުއްޓައެއް ނުލެވޭނެއެވެ.
މި ހުވަފެނީ ދަތުރު ނިމުމެއް ނެތް ފަދައެވެ. ހީވަނީ އިތުރަށް ދެމެމުން ދިގުވަމުން ދާހެނެވެ. ސާރާ އިމްތިހާން ކުރާހެނެވެ. އޭނާ ކިހާ ދުރަކަށް ދާނެތޯއާއި، ކިހާ ވަރަކަށް ކެތްކުރާނެތޯ ބަލަން އުޅޭ ކަހަލައެވެ. އެންމެ ފަހުން ހުސް ބިމަކަށް ނުކުމެވުނެވެ. އެ މަޚުލޫޤު ހުއްޓުނެވެ. އަދި ސާރާއާ ދިމާލަށް އެނބުރި ރަނގަޅަށް ބަލާލިއެވެ. އިންތިޒާރުގައެވެ. ސޯފީ އޮތީ އޭގެ ފައިދަށުގައެވެ. އޭރުވެސް އޮތީ އޮޅިފައެވެ. ސަލާމަތްވާން މަސައްކަތް ކުރަމުން ދިޔަ ސޯފީގެ ލޯ ވަނީ ސާރާއަށް ހުއްޓިފައެވެ. “ހުއްޓާނުލާ..” އޭނާ މަޑުމަޑުން ބުންޏެވެ.
ސާރާ ކުރިއަށް ފިޔަވަޅެއް އެޅިއިރު ނޭވާ ކުރުވެފައި ހިތް ބާރަށް ތެޅެމުންދެއެވެ. ނަމަވެސް އޭނާގެ އަޑު ސާބިތެވެ. “އޭނާ ދޫކޮށްލާ.” އެއަށްފަހު އަބަދުވެސް ހުރިހާ ހުވަފެނީ ސާރާ އާއި ސޯފީގެ ވާހަކައިގަައި ގެންގުޅޭ ޖާދުވީ އަތް ދަބަސް ހުޅުވާލިއެވެ. ނެގީ ލޮނުމިރުސް ތަށްޓަކާއި ތޫނު ދިގު ކަތިވަޅިއެކެވެ. މުޅި ޖަންގަލި ހިމޭންވިއެވެ. ދެން ވާނީ ކިހިނެއްކަން އެނގޭ ކަހަލައެވެ. ވައިރޯޅިވެސް ނޭވާ ހިފަހައްޓާލި ކަހަލައެވެ. ވަގުތުކޮޅަކަށް ހުރިހާ ކަމެއް ހިމޭންވެ ހުއްޓުނެވެ. އަދި އެއަށްފަހު އެ މަޚުލޫޤު ހީނލިއެވެ. އެ ހިނިތުން ލަސްލަހުން ދެމިގެންދިޔައެވެ. އައިބު ގޮތަކަށެވެ. އޭތި ހުރީ ސާރާއަށް ބަލަހައްޓައިގެންނެވެ. ސާރާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އޭނާގެ އަޑު ތުރުތުރުލީ ނަމަވެސް، އެ އަޑުގައި ވަނީ ސާބިތުކަމެވެ.
“ހަމަ މިހާރު ދޫކޮށްލާ..”
ދެން އެ މަޚުލޫޤު ސާރާ ނަގައި އޭތީގެ ބިޔަ ބޮޑު މެޔާ ލައި ފޫޅު ރަނގަޅަށް އޮޅާލިއެވެ. އެ ހިނދު މުޅި ދުނިޔެ ކުދިކުދިވެގެން ދިޔަ ކަހަލައެވެ. ޖަންގަލީގެ ތެރެއަށް މަރުފަދަ ހިމޭންކަމެއް ވެރިވިއެވެ. ހިޔަނިތައް ވިރިގެން ދިޔައެވެ. ފައިދަށުން ބިންގަނޑު ކަހައިލި ފަދައެވެ. ސާރާއަށް ކުއްލިއަކަށް ހޭލެވުނެވެ. ނޭވާ ކުރުވެ، ކަރުތެރޭގައި ތާށިވި ކަހަލައެވެ. ވަށައިގެންވަނީ ހިމޭންކަމެވެ. އާދަޔާ ޚިލާފު ހިމޭންކަމެކެވެ.
ޖަންގަލީގެ ބިރުވެރިކަމުގެ ބަދަލުގައި، މިހާރު އިވެނީ މެޝިންތަކުގެ މަޑުމަޑު އަޑެވެ. އަނދިރިކަމުގެ ބަދަލުގައި ފެންނަން ހުރީ ހޮސްޕިޓަލުގެ ފަނޑު އަލިކަމެވެ. އަދި އެ ކަނޑާއި އެ ޖަންގައްޔާއި އެ ހުވަފެން އެކީގައި ގެއްލިގެން ހިނގައްޖެއެވެ. އަތުން ދޫވި ފޮތް ތަޅުންގަނޑުމަތީގައި ޖެހުނީ ބާރު އަޑަކާއެކުގައެވެ. ސާރާ ސިއްސައިގެން ގޮސް ބޯ އަނބުރާ ކަހަލައެވެ. އޭނާއަށް ހުރެވުނު ތަނެއް އޮޅުންފިލީ އިރުކޮޅަކުންނެވެ. ސާރާ އިނީ އެނދު ކައިރީގައި ހުރި ގޮނޑީގައެވެ. އޭނާއަށް އެތާ އިންދާ ނިދުނީއެވެ. ސޯފީ އޮތީ އަބަދުވެސް އޮންނަ ހާލަތުގައެވެ. އެއްވެސް ހަރަކާތެއް ނެތެވެ. އަމާންކަމާއެކުގައެވެ. ވަގުތުކޮޅަކަށް ސާރާ އޭނާއަށް ބަލަހައްޓައިގެން އިނެވެ. ވަރަށް ފަރުވާތެރިކަމާއެކުގައެވެ. އޭނާގެ މޭމަތި މަޑުމަޑުން އަރައި ފައިބަމުންދާ މަންޒަރަށެވެ. ބާލީސް މަތީގައި ފެތުރިފައިވާ އޭނާގެ ރަން މުށިކުލައިގެ އިސްތަށިގަނޑަށެވެ. މުޅި ދުނިޔެ ބަދަލުވެގެން ދިޔައިރުވެސް، ފާއިތުވި ފަސް އަހަރު ދުވަހު އެއްވެސް ބަދަލެއް ނައިސް ހުރި އެ މޫނަށެވެ.
“ކޯމާގެ ސަބަބުން ދައްތަ އަހަރެން ކައިރިން ގެއްލިއްޖެ..” އޭނާ ވަރަށް މަޑުމަޑުން ބުނެލިއެވެ. އެ އަޑު ނުކުތީ ކިރިޔާ އިވޭވަރަށެވެ.
ސާރާގެ އިނގިލިތަކުން ސޯފީގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. ފިނިވެފައި، ހަރަކާތެއް ނެތެވެ. “އަހަރެން އަދިވެސް އުންމީދު އެބަ ކުރަން، އިންތިޒާރު އެބަ ކުރަން.” ސާރާގެ ލޯ ފެންކަޅިވިއެވެ. ނަމަވެސް ކަރުނަ އޮހޮރިގަންނާކަށް އޭނާ ފުރުސަތެއް ދޭކަށް ބޭނުމެއް ނުވިއެވެ. ނާއުންމީދުވާން ބޭނުން ނުވަނީއެވެ. ސާރާ މިހާރު އެ ދެމީހުންނަށް ވާވަރަށް ރޮއި ނިންމައިފިއެވެ.
“އަހަރެން އެބަ ހުރިން،” ސާރާ ކުރިއަށް ގެންދިޔައެވެ. އޭނާގެ އަޑު ތުރުތުރުލަމުން ދިޔައެވެ. “ދައްތަ އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރުގައި.. އޭރުން އަހަރެމެންނަށް އަނެއްކާވެސް ކުޅެވޭނެ.” ސާރާގެ ތުންފަތްމައްޗަށް ފަނޑު، ނާޒުކު ހިނިތުންވުމެއް ވެރިވިއެވެ. “ހަނދާން އެބަހުރިތަ.. އަހަރެމެން ކުޅުނު ކުޅިވަރުތައް؟” އޭނާގެ ޚިޔާލުތައް މާޒީގެ ތެރެއަށް ދަތުރުކުރިއެވެ.
އިރުގެ އަލިކަން ވެރިވެފައިވާ ފިނި މެންދުރުތަކަށެވެ. ދޮންވެލިގަނޑު މަތީގައި ހުސްފަޔާ ދުވެ އުޅުނު ހަނދާންތަކަށެވެ. ހިފެހެއްޓުމެއް ނެތި ހޭ ހުނުމުގެ އަޑުތަކަށެވެ. އެއީ ހަމައެކަނި ޚިޔާލީ ވާހަކަތަކެއް ނޫނެވެ. އެއީ އެ ދެބެއިން އުޅުނު ދިރިއުޅުމެވެ. “އަހަރެމެން ކޮންމެ ކަމެއްވެސް ވާހަކައަކަށް ހަދަން ދޯ.” ސާރާ މަޑުމަޑުން ބުންޏެވެ. “ކޮންމެ ކުޑަކުޑަ ކަމެއް.. ކުޅިވަރަކަށް، ޑްރާމާއަކަށް..” އޭނާގެ އަޑު މަޑުވަމުން ގޮސް ކެނޑުނެވެ. އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ. އަދި އެ ވަގުތުކޮޅު ހީވީ އެއްވެސް ކަމެއް ބަދަލުނުވާ ހެންނެވެ.
“މިތަނުގެ ހާލަތަށް ބަލާބަލަ.” އެ އިވުނު އަޑާއެކު އެ ހިމޭންކަން މުގުރައިގެން ދިޔައެވެ. ފިނި، ތޫނު، އަދި ހަރުކަށި އަޑެކެވެ. ސާރާ ލަސްލަހުން ބޯ އަނބުރައިލިއެވެ. އޭނާގެ މަންމަ ދޮރުމަތީގައި ހުއްޓެވެ. އަބަދުވެސް ހުންނަ ފަދަ ހަރުދަނާ ގޮތަކަށެވެ. މަންމަ މުޅި ކޮޓަރިއަށް ނަޒަރު ހިންގައިލީ އޯގާތެރިކަމަކާއެކުއެއް ނޫނެވެ. ނުރުހުމުގެ ނަޒަރަކުންނެވެ. “މެއިޑަށް ގޮވާ،” މަންމަ ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ. “މިތަން ސާފުކޮށް، ތަރުތީބުކުރަން ބުނޭ.” އަދި މަންމަގެ ނަޒަރު ސާރާގެ ފައިދަށުގައި ވެއްޓިފައި އޮތް ފޮތަށް ހުއްޓުނެވެ. އަދި ވަގުތުން މޫނު އަނބުރައިލިއެވެ. އެއްވެސް އަސަރެއް ނެތެވެ. ސާރާ އެއްވެސް ޖަވާބެއް ނުދެއެވެ. ސާރާ ހަމައެކަނި އެތާ އިނީއެވެ. ދެ ދުނި ޔެއެއްގެ ދެމެދުގައެވެ. އޭނާގެ ދައްތަ ސޯފީ ދިރިހުރި ދުނިޔެއާއި، އަދި ސާރާ ދިރިނެތް ދުނިޔެއާ ދެމެދުގައެވެ. އަދި ކޮންމެވެސް ސަބަބަކާ ހުރެ އެ ފެނުނު ހުވަފެން، ހަޤީޤަތަށްވުރެ ބޮޑަށް އިހުސާސް ކުރެވުނެވެ.
(ނުނިމޭ)
