ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ލޯބީގެ ޖުނޫން – ކުރު ވާހަކަ

މާލޭގެ އުސް އިމާރާތްތަކުގެ ތެރެއިން ފެންނަން އޮތް އެންމެ ލަގްޒަރީ އެޕާޓްމަންޓްގެ ބެލްކަނީގައި ހުރި މިކްޔާލް ޤާސިމްގެ ނަޒަރު ހުއްޓިފައިވަނީ ދުރުން ފެންނަން އޮތް ކަނޑުގެ އިން ފަހަނައަޅައި ދާ އުދަރެހަށެވެ. އުމުރުން އެންމެ 32 އަހަރުގައި، ރާއްޖޭގެ ވިޔަފާރީގެ ދުނިޔޭގައި އޭނާއަކީ ނުފޫޒުގަދަ، އެހެންނަމަވެސް ސިއްރުވެރި ޝަޚްސިއްޔަތެކެވެ. ގިނަބަޔަކު އޭނާ ސިފަކުރަނީ “މާލޭގެ ކިންގް” ގެ ގޮތުގައެވެ. އޭނާގެ އެންމެ އިޝާރާތަކަށް މުޅި މާލޭގެ އިގްތިސާދާއި، ބައެއް ފަހަރު ސިޔާސީ މަސްރަހަށްވެސް ލޮޅުން އަރުވާލުމުގެ ގާބިލްކަން އޭނާއަށް ލިބިގެންވެއެވެ.

“ސަރ، މިރޭގެ މީޓިންގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައި،” މިކްޔާލްގެ އެންމެ އިތުބާރުކުރެވޭ އެހީތެރިޔާ، ޚާލިދު މަޑުމައިތިރި އަޑަކުން ބުންޏެވެ.

މިކްޔާލް ބޯޖަހާލިއެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. ކަޅުކުލައިގެ ސޫޓުގައި އޭނާ ފެންނަނީ ނުހަނު ފިރިހެންވަންތަކޮށެވެ. ނަމަވެސް އެ ދެލޮލުގެ އަޑީގައި ފޮރުވިފައިވަނީ އެއްވެސް މީހަކަށް ކިޔައިދޭން ބޭނުންނުވާ ފުން ހިތާމަތަކާއި، އަނދިރި މާޒީއެކެވެ.

ހަމަ އެވަގުތު، މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދޮރުމަތިން ނިކުމެގެން އައި މާޔާގެ މޫނުމަތީގައިވަނީ މައުސޫމް ހިނިތުންވުމެކެވެ. މާޔާއަކީ ނާސިންގް ދާއިރާއިން ކިޔަވަމުންދާ، ދިރިއުޅުމާމެދު ފޮނި އުންމީދުތަކެއް ކުރަމުންދާ އަންހެން ކުއްޖެކެވެ. އާދައިގެ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ މާޔާގެ ދުނިޔެއަކީ އޭނާގެ ފޮތްތަކާއި، އާއިލާއެވެ.

“މާޔާ! މަޑުކޮށްބަލަ،” ފަހަތުން އޭނާގެ އެންމެ ގާތް އެކުވެރިޔާ ނީނާ ދުވަމުން އައެވެ. “މިރޭ އޮތް ފެއަރވެލް ޕާޓީއަށް ދާނަން ދޯ؟”

މާޔާ ހީލިއެވެ. “ނީނާ، އަހަރެން ދާން ބޭނުން. އެކަމަކު ބައްޕަ ގާތު އަހާލަން ޖެހޭނެ. މާލޭގެ މަގުތައް މިހާރު އެހާ އަމާނެއް ނޫނެއްނު.”

މާޔާއަށް ނޭނގޭ ކަމަކީ، އެވަގުތު އެ މަގުން ދުއްވާފައި ދިޔަ ކަޅުކުލައިގެ ބްލެކްޑް-އައުޓް ކާރުގެ ތެރޭގައި އިން މިކްޔާލްގެ ނަޒަރު އޭނާއަށް ހުއްޓިފައިވާ ކަމެވެ. ޓްރެފިކްގައި ކާރު މަޑުކޮށްލި ވަގުތު، މިކްޔާލްގެ ލޮލުގައި އަޅައިގަތީ މަގުގެ އެއްފަރާތުގައި ހީހީފައި ވާހަކަދައްކަން ހުރި މާޔާއެވެ. އެ މައުސޫމްކަމާއި، އެ ހިނިތުންވުމަކީ މިކްޔާލްގެ އަނދިރި ދުނިޔޭގައި ދުވަހަކުވެސް ފެނިފައިވާ އެއްޗެއް ނޫނެވެ.

“އެއީ ކާކު؟” މިކްޔާލް ކުއްލިއަކަށް އަހާލިއެވެ.

ޚާލިދު ހައިރާންވެފައި ބަލާލިއެވެ. މިކްޔާލް އާދައިގެ ކަންކަމަށް ޝައުގުވެރިކަން ފާޅުކުރުމަކީ ނުވާނެ ކަމެކެވެ. “އެއީ ޔުނިވަރސިޓީ ކުއްޖެއްހެން ހީވަނީ، ސަރ. ބަލާލަންވީތޯ؟”

މިކްޔާލް ވަގުތުން ޖަވާބެއް ނުދެއެވެ. އޭނާގެ ނަޒަރު ހުރީ މާޔާއަށް ހުއްޓިފައެވެ. “އާނ. އޭނާގެ ހުރިހާ މައުލޫމާތެއް މިރޭ އިރުއޮއްސުމުގެ ކުރިން އަހަންނަށް ބޭނުން.”

މިއީ މިކްޔާލްގެ ހިތުގައި އުފެދުނު ފުރަތަމަ ޝައުގުވެރިކަމެވެ. އެކަމަކު އެއީ ހަމައެކަނި ޝައުގުވެރިކަމެއް ނޫނެވެ. އެއީ މުޅި އުމުރަށް ދެމިގެންދާނެ، އަދި ދެ މީހުންގެ ދިރިއުޅުން ބަދަލުކޮށްލާނެ ޖުނޫނެއްގެ ފެށުމެވެ.

ޖެހިގެން އައި ދުވަސްތަކުގައި މާޔާއަށް އިހުސާސް ކުރެވެން ފެށީ ކޮންމެވެސް މީހަކު އޭނާއަށް ފާރަލަމުންދާ ކަމެވެ. ޔުނިވަރސިޓީއަށް ދާއިރުވެސް އަދި ގެއަށް އަންނައިރުވެސް، ކަޅުކުލައިގެ ކާރެއް ދުރުގައި އޮންނަތަން އޭނާއަށް ފެނެއެވެ. ނަމަވެސް އެއީ އޭނާގެ ހީއެއް ކަމަށް ނިންމާލައިގެން ހުރީއެވެ.

އެރޭ މާޔާ ހުރީ އޭނާގެ ކޮޓަރީގައި ފޮތްކިޔާށެވެ. ކުއްލިއަކަށް އޭނާގެ ފޯނަށް ނުދަންނަ ނަންބަރަކުން މެސެޖެއް އައެވެ.

*”މިރޭގެ ހަނދުވަރު ވަރަށް ރީތި. އެކަމަކު ތި މޫނުމަތީގައިވާ ހިނިތުންވުމަށްވުރެ ރީއްޗެއް ނޫން”*

މާޔާގެ ހިތް ބާރަށް ތެޅިގަތެވެ. ބިރުގަތް ވަރުން ފޯނު އެނދުމައްޗަށް އެއްލާލެވުނެވެ. މިއީ ކާކު ހެއްޔެވެ؟ އޭނާގެ ނަންބަރު ހޯދީ ކިހިނެއް ހެއްޔެވެ؟

ހަމަ އެވަގުތު، މިކްޔާލް އޭނާގެ އޮފީހުގައި އިނދެ މާޔާގެ ފޮޓޯތަކަށް ބަލަމުންދިޔައެވެ. މާޔާގެ ހުރިހާ މައުލޫމާތެއް އޭނާގެ އަތުގައި މިހާރު އެބަހުއްޓެވެ. އޭނާގެ ބައްޕަގެ ދަރަނިތަކާއި، މާޔާގެ ކުޑައިރުގެ ހުވަފެންތަކާއި، އޭނާ އެންމެ ކާން ބޭނުންވާ ތަކެތީގެ މައުލޫމާތުވެސް މެއެވެ.

“ސަރ، އޭނާގެ ބައްޕަ، އަހުމަދު ފުޅު، ވަނީ ބޮޑު ދަރަންޏެއްގައި ތާށިވެފަ. އެމީހުން އަތުން އެޕާޓްމަންޓް އަތުލަން ބޭންކުން ވަނީ ނޯޓިސް ފޮނުވާފަ،” ޚާލިދު ރިޕޯޓް ދިނެވެ.

މިކްޔާލްގެ ތުންފަތަށް ވިހަ ހިނިތުންވުމެއް އައެވެ. “އެ ދަރަނި އަހަރެން އަދާކޮށްދޭނަން. މާދަމާ އެ ބޭންކާ ވާހަކަދައްކާ. އަހުމަދު ފުޅުގެ ސަލާމަތް އޮތީ ހަމައެކަނި އަހަރެންގެ އަތްމަތީގައި ކަން އޭނާއަށް އަންގައިދީ.”

މިކްޔާލް ބޭނުންވީ މާޔާ އޭނާގެ ގާތަށް އަމިއްލައަށް އައުމަށެވެ. މަޖުބޫރުވެގެން ނަމަވެސް، އެ މައުސޫމް ދޫނި އޭނާގެ ރަން ކޮށްޓަށް ވަންނަން ޖެހޭނެއެވެ.

 

ހަފްތާއެއް ފަހެވެ. މާޔާގެ ގެއަށް އައީ ބޮޑު ތޫފާނެކެވެ. އޭނާގެ ބައްޕަ، އަހުމަދު ފުޅު، ގޭގެ ސިޓިންގްރޫމްގައި އިނީ ބޯހާސްވެފައެވެ.

“ބައްޕާ، ކިހިނެއްވީ؟” މާޔާ ކަންބޮޑުވެފައި އެހިއެވެ.

“ދަރިފުޅާ… އަހަރެމެން މިގެއިން ނިކުންނަން ޖެހިއްޖެ. ބޭންކަކުން ނޫން، މިހާރު މިގޭގެ ވެރިޔަކީ މިކްޔާލް ޤާސިމް ކިޔާ މީހެއް. އޭނާ ބުނަނީ މިއަދު އިރުއޮއްސުމުގެ ކުރިން އޭނާއާ ބައްދަލުކުރަން ދިއުމަށް،” ބައްޕަގެ އަޑުގައިވަނީ މާޔޫސްކަމެވެ.

މިކްޔާލް ޤާސިމް! އެ ނަން އިވުމާއެކު މާޔާގެ ހަނދާނަށް އައީ މަގުމަތިން ފެނުނު ކަޅު ކާރެވެ. އޭނާގެ ހިތް ބުނަމުންދިޔައީ މިއީ އިއްތިފާގެއް ނޫން ކަމަށެވެ.

އެރޭ މާޔާ ނިންމީ އަމިއްލައަށް މިކްޔާލްއާ ބައްދަލުކުރަން ދިއުމަށެވެ. އޭނާގެ ބައްޕަ ބަލިކޮށް ހުރުމުން، އާއިލާގެ ހައްގުގައި އެކަން ކުރަން އޭނާއަށް މަޖުބޫރުވިއެވެ.

މިކްޔާލްގެ އޮފީހަށް މާޔާ ވަދެގެން ދިޔައިރު، އެތަނުގެ ބާރާއި ނުފޫޒު އޭނާއަށް އިހުސާސްވަމުންދިޔައެވެ. ކަޅު ބިއްލޫރި ޖަހާފައިވާ ބޮޑު ކެބިނެއްގެ ތެރޭގައި، ގޮނޑީގައި އިށީންދެލައިގެން އިން މިކްޔާލް ފެނުމުން މާޔާގެ ފައިތިލަ ތުރުތުރުލާން ފެށިއެވެ.

“އިށީނދޭ، މާޔާ،” މިކްޔާލްގެ ބަރު އަޑު މުޅި ކޮޓަރީގައި ގުގުމާލިއެވެ. އޭނާ އެނބުރިލިއިރު، އެ ތޫނު ދެލޯ ހުރީ ސީދާ މާޔާގެ ލޮލަށް ހުއްޓިފައެވެ.

“ތިބޭފުޅާ އަހަރެމެންގެ ގެ އަތުލަން ތިއުޅެނީ ކީއްވެ؟ އަހަރެމެން އެ ދަރަނި ދައްކާނަން،” މާޔާ ހިތްވަރުކޮށްފައި ބުންޏެވެ.

މިކްޔާލް މޭޒުމަތީގައި ދެއަތް ބާއްވާލަމުން މާޔާއާ ގާތަށް ޖެހިލިއެވެ. “އަހަރެން ބޭނުންވަނީ ފައިސާއެއް ނޫން، މާޔާ. އަހަރެން ބޭނުންވަނީ… ތިބާ.”

މާޔާގެ ދެލޯ ބޮޑުވިއެވެ. “ކީކޭ؟”

“އަހަރެންގެ އަންބަކަށް ވުމަށް އެއްބަސްވޭ. އޭރުން މާޔާގެ ބައްޕަގެ ހުރިހާ ދަރަންޏެއް މާފުވާނެ. އަދި ތި އާއިލާއަށް ދުވަހަކުވެސް ދަތިކަމެއް ނުފެންނާނެ،” މިކްޔާލް ވަރަށް އާދައިގެ ގޮތަކަށް ބުންޏެވެ. އޭނާގެ އަޑުގައި އަމުރުވެރިކަން ހުއްޓެވެ.

“ކައިވެންޏަކީ ވިޔަފާރިއެއް ނޫން! އަހަރެން ތިބޭފުޅާ ދަންނަނީކީވެސް ނޫން،” މާޔާ ރުޅިވެރިކަމާއެކު ތެދުވިއެވެ.

“އަދި ދަންނާނެ. ވަގުތު އޮތީ މާޔާގެ އަތުގަ. އެކަމަކު ހަނދާންކުރާތި، މާދަމާ ހެނދުނު އިރުއަރާއިރު ތި އާއިލާ ތިބޭނީ މަގުމަތީގަ،” މިކްޔާލް ފަރުވާކުޑަ ގޮތަކަށް ބުންޏެވެ.

މާޔާ ރޮމުން އެތަނުން ނިކުމެގެން ދިޔައެވެ. ނަމަވެސް އޭނާއަށް އެނގެއެވެ. އޭނާގެ ކުރިމަތީގައި އޮތީ ދެ މަގެކެވެ. އެއީ އަމިއްލަ މިނިވަންކަން ނުވަތަ އާއިލާގެ ސަލާމަތެވެ.

 

މާޔާގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ އޭނާ ހީވެސް ނުކުރާހާ އަވަަށެވެ. އާއިލާގެ މަސްލަހަތަށްޓަކައި، އޭނާ މިކްޔާލްގެ ހުށަހެޅުމަށް އެއްބަސްވިއެވެ. ކައިވެނީގެ ރަސްމިއްޔާތު ބޭއްވުނީ ވަރަށް ކުޑަކޮށް، ސިއްރުވެރި ގޮތަކަށެވެ.

މިކްޔާލްގެ ބޮޑު ގަނޑުވަރެއް ފަދަ ގެއަށް މާޔާ ވަދެގެން ދިޔައީ ބިރުން ހުރެއެވެ. އެއީ ރީތި ތަނެއް ނަމަވެސް، އެތަނުން ފެންނަނީ ފަޅުކަމެވެ.

ކައިވެނީގެ ފުރަތަމަ ރޭ، މިކްޔާލް ކޮޓަރިއަށް ވަދެ މާޔާއަށް ބަލާލިއެވެ. މާޔާ އިނީ އެނދުގެ އެއްފަރާތެއްގައި ގުޅަކެވިގެންނެވެ.

“އަހަރެން ބޭނުމެއް ނޫން މާޔާގެ ހަށިގަނޑު މަޖުބޫރުން ހޯދާކަށް،” މިކްޔާލް ބުންޏެވެ. “އެކަމަކު ހަނދާންކުރާތި، ތިބާއަކީ މިހާރު އަހަރެންގެ މިލްކެއް. އަހަރެންގެ ހުއްދަނެތި މިގޭގެ ހަތަރުފާރުން ބޭރަށް އެންމެ ފިޔަވަޅެއްވެސް އަޅައިގެން ނުވާނެ.”

މާޔާ އިސްއުފުލާލާފައި މިކްޔާލްގެ ދެލޮލަށް ބަލާލިއެވެ. އެ ދެލޮލުން ފެންނަނީ ހަރުކަށިކަމެވެ. “ތިބޭފުޅާ އަހަރެން މިތަނަށް ގެނައީ ކީއްވެ؟ އަހަރެން ކަހަލަ އާދައިގެ ކުއްޖެއްގެ ކިބައިން ތިބޭފުޅާއަށް ލިބޭނީ ކޮން އުފަލެއް؟”

މިކްޔާލް މާޔާއާ ގާތަށް ޖެހިލާފައި، އޭނާގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ. “އެއީ އަދި މާޔާއަށް އެނގެންޖެހޭ ކަމެއް ނޫން. މިވަގުތަށް އެނގެންވީ ކަމަކީ، މާޔާގެ ކިޔެވުން ކުރިއަށް ގެންދެވޭނީ އަހަރެން ބޭނުންވިއްޔާ ކަން.”

މާޔާގެ ލޮލުން ކަރުނަ ފޭދުނެވެ. އޭނާގެ ހުވަފެންތައް ވިއްސިވިހާލިވަމުންދާ ކަމުގެ އިހުސާސް ކުރެވުނެވެ. ނަމަވެސް މިކްޔާލްގެ ހިތް އެއްވެސް ވަރަކަށް މަޑެއް ނުވިއެވެ. އޭނާ ބޭނުންވަނީ މާޔާގެ ކޮންމެ ނޭވައަކީވެސް އޭނާގެ ކޮންޓްރޯލްގެ ދަށުގައިވާ އެއްޗަކަށް ހެދުމަށެވެ.

 

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މާޔާގެ ދިރިއުޅުން އޮތީ ހަތަރު ފާރުގެ ތެރޭގައި ބަންދުވެފައެވެ. ޔުނިވަރސިޓީއަށް ދިއުމުގެ ހުއްދަ މިކްޔާލް ދިނީ ވަރަށް ގިނަ ޝަރުތުތަކަކާއެކުގައެވެ. ކޮންމެ ދުވަހަކުވެސް މިކްޔާލްގެ ބޮޑީގާޑުން މާޔާ ޔުނިވަރސިޓީއަށް ގެންގޮސް، ކްލާސް ނިމެންދެން ބޭރުގައި މަޑުކުރެއެވެ.

ޔުނިވަރސިޓީގައި މާޔާގެ އެކުވެރިންނަށް އޭނާގެ ބަދަލުވުން ފާހަގަކުރެވުނެވެ. އޭނާއަކީ ކުރިން ހީނ ސަމާސާކޮށް އުޅުނު މާޔާއެއް ނޫނެވެ. އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.

“މާޔާ، ކިހިނެއްވެފައި ތިހުންނަނީ؟ އެމީހުން އެތިބީ ކީއްވެ؟” ނީނާ ސިއްރުން އެހިއެވެ.

“އެއީ ބައްޕަ ފޮނުވި ބައެއް. އަހަރެންގެ ސަލާމަތަށް،” މާޔާއަށް ދޮގުހަދަން މަޖުބޫރުވިއެވެ. އޭނާގެ ކައިވެނީގެ ޚަބަރު އޮތީ ސިއްރު ކުރެވިފައެވެ.

އެއްދުވަހަކު، ޔުނިވަރސިޓީން ނިކުންނަނިކޮށް މާޔާގެ ކުރީގެ ރަހުމަތްތެރިއަކު، ފަހުދު، އޭނާއާ ވާހަކަދައްކަން މަޑުކޮށްލިއެވެ. “މާޔާ، ވަރަށް ދުވަސްވެއްޖެ ބައްދަލުނުވާތާ. ހިނގާބަލަ ކޮފީއަކަށް ދާން.”

މާޔާ ބިރުން ކާރާ ދިމާލަށް ބަލާލިއެވެ. އެތަނުގައި ތިބި ބޮޑީގާޑުން އެ މަންޒަރު ބަލަން ތިއްބެވެ. “ނޫން ފަހުދު، އަހަރެން ވަރަށް އަވަހަށް ގެއަށް ދާންޖެހޭ.”

އެރޭ ގެއަށް ދިޔައިރު މިކްޔާލް އިނީ ސިޓިންގްރޫމްގައި މާޔާގެ އިންތިޒާރުގައެވެ. އޭނާގެ އަތުގައި ފަހުދުއާ މާޔާ ވާހަކަދައްކަން ހުރި ފޮޓޯތަކެއް ހުއްޓެވެ.

“މިއީ ކާކު؟” މިކްޔާލްގެ އަޑުގައިވަނީ ނުރައްކާތެރި ގުގުމުމެކެވެ.

“އެއީ ހަމައެކަނި ރަހުމަތްތެރިއެއް،” މާޔާ މަޑުމަޑުން ބުންޏެވެ.

ކުއްލިއަކަށް މިކްޔާލް ތެދުވެ މާޔާއާ ދިމާލަށް ހިނގައިގަތެވެ. އޭނާ މާޔާ ފާރާލައި ފިއްތާލިއެވެ. “އަހަރެން ބުނީމެއްނު، މާޔާއަކީ އަހަރެންގެ މީހެކޭ. އެހެން އެއްވެސް ފިރިހެނަކާ ވާހަކަދައްކައިގެން ނުވާނެ.”

“ތިބޭފުޅާ ތިއީ އިންސާނެއް ނޫން! ތިއީ ނުބައި ގޭންގު ލީޑަރަކަށް ވުރެ ބޮޑު ނުބައި މީހެއް،” މާޔާ ހަޅޭއްލަވައިގަތެވެ.

މިކްޔާލް ހިނިތުންވެލިއެވެ. “އާނ. އަހަރެންގެ ލޯބީގައިވަނީ ޖުނޫން. އަދި އެ ޖުނޫންގެ ތެރޭގައި މާޔާ ބަންދުވާނެ.”

އެރޭ މިކްޔާލް ނިންމީ މާޔާގެ މިނިވަންކަން އިތުރަށް ހަނިކުރުމަށެވެ. އޭނާ މާޔާގެ ފޯނު އަތުލައި، އޭނާގެ ކޮޓަރިއަށް ލައި ބަންދުކުރިއެވެ.

މާޔާގެ ދިރިއުޅުމަކީ މިހާރު ޖަލެކެވެ. ނަމަވެސް، މި ހަރުކަށިކަމުގެ ތެރެއިންވެސް އޭނާއަށް މިކްޔާލްގެ އެހެން ފަރާތެއް ފެންނަން ފެށިއެވެ. ބައެއް ރޭރޭ މިކްޔާލް އޭނާގެ ގާތުގައި އިށީނދެ، އޭނާގެ މާޒީގެ ވާހަކަތައް ކިޔައިދެއެވެ. އޭނާގެ މައިންބަފައިން ކުޑައިރު ނިޔާވި ގޮތާއި، އޭނާ މިހާ ހަރުކަށި މީހަކަށް ބަދަލުވި ގޮތުގެ ވާހަކައެވެ.

“އަހަރެންގެ ދިރިއުޅުމުގައި އެއްވެސް މީހަކަށް އިތުބާރެއް ނުކުރަން،” މިކްޔާލް އެއްރޭ ބުންޏެވެ. “އެކަމަކު މާޔާ ފެނުމުން، އަހަރެންގެ ހިތުގެ ކޮންމެވެސް ތަނެއްގައި މަޑުކަމެއް އުފެދުނު.”

މާޔާގެ ހިތުގައި މިކްޔާލްއާ މެދު އުފެދިފައިވާ ނަފުރަތުގެ ތެރެއަށް ހަމްދަރުދީގެ ކުޑަ މިންވަރެއް ވަނެވެ. “އެކަމަކު ލޯތްބަކީ މަޖުބޫރުން ހޯދޭ އެއްޗެއް ނޫން، މިކްޔާލް.”

މިކްޔާލް މާޔާގެ ބޮލުގައި ފިރުމާލިއެވެ. “ލޯތްބަކީ ކޮބައިކަން އަހަންނަކަށް ނޭނގެ. އަހަންނަށް އެނގެނީ ހަމައެކަނި މިލްކުކުރުން.”

މި ދެމީހުންގެ ދެމެދުގައި އޮތީ ތަފާތު ގުޅުމެކެވެ. އެއްފަރާތުން ބިރުވެރިކަމާއި ނުފޫޒެވެ. އަނެއްފަރާތުން މަޑުމަޑުން އުފެދެމުން އަންނަ ގާތްކަމެކެވެ.

ނަމަވެސް، މިކްޔާލްގެ ދުޝްމަނުން ތިބީ ވަގުތުގެ އިންތިޒާރުގައެވެ. މިކްޔާލްގެ ބަލިފައި ކަމުގައިވާ މާޔާ ހޯދައި، އޭނާގެ ބޭނުން ހިފައިގެން މިކްޔާލް ބަލިކޮށްލުމަށް އެމީހުން ރާވަމުންދިޔައެވެ.

އެއްރޭ، މިކްޔާލް އޮފީހުގައި ހުއްޓާ މާޔާ އުޅޭ ގެއަށް ހަމަލާއެއް ދެވުނެވެ. ވަޅި ހިފައިގެން ތިބި ބަޔަކު ގެއަށް ވަދެ މާޔާ ވަގަށް ނަގަން މަސައްކަތް ކުރިއެވެ.

“މިކްޔާލް! ސަލާމަތްކުރޭ!” މާޔާ ބިރުން ހަޅޭއްލަވައިގަތެވެ.

މިކްޔާލްއަށް މި ޚަބަރު ލިބުމާއެކު، އޭނާގެ ކިބައިން ފެނުނީ އަސްލު “ޖުނޫން” އެވެ. އޭނާ އެއްވެސް ވިސްނުމެއް ނެތި، އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ގެއަށް ދިޔައެވެ.

ގެއަށް ވަދެ، އޭނާ އެމީހުންނާ ކުރިމަތިލިއެވެ. މިކްޔާލްގެ ގައިގެ އެކި ތަންތަނަށް އަނިޔާވި ނަމަވެސް، އޭނާ މާޔާ ސަލާމަތްކުރުމަށް ކުރަމުން ދިޔަ ހަނގުރާމަ ހުއްޓައެއް ނުލިއެވެ. އެންމެ ފަހުން، އޭނާ މާޔާ އެމީހުންގެ އަތްދަށުން ސަލާމަތް ކުރިއެވެ.

މާޔާ ރޮމުން މިކްޔާލްގެ ގައިގައި އޮޅުލައިގަތެވެ. އެވަގުތު އޭނާއަށް އިހުސާސްވީ، މި ހަރުކަށި އިންސާނާއަކީ އޭނާގެ ހިމާޔަތްތެރިޔާ ކަމެވެ.

މި ހާދިސާއަށްފަހު މިކްޔާލް އާއި މާޔާގެ ގުޅުން ބަދަލުވާން ފެށިއެވެ. މިކްޔާލް މާޔާއަށް ދީފައިވާ ހުރަސްތައް މަޑުމަޑުން ލުއިކުރަން ފެށިއެވެ. އޭނާ މާޔާއަށް އިތުބާރު ކުރަން ފެށިއެވެ.

“މިކްޔާލް، އަހަރެން ބޭނުންވަނީ މިކްޔާލްގެ އަސްލު ސޫރަ ދެކެން،” މާޔާ އެއްދުވަހަކު ބުންޏެވެ. “ތި ހަރުކަށިކަމުގެ ފަހަތުގައިވާ އަސްލު އިންސާނާ ދެކެން އަހަރެން ވަރަށް ވަރަށް ބޭނުން.”

މިކްޔާލް ހިނިތުންވެލިއެވެ. އެއީ މާޔާއަށް ފެނުނު އޭނާގެ ފުރަތަމަ ހަގީގީ ހިނިތުންވުމެވެ. “މާޔާގެ ލޯބި އަހަރެން ބަދަލުކޮށްފި، މާޔާ. އަހަރެން މިހާރު ބޭނުންވަނީ މާޔާ މަޖުބޫރުން އަހަރެންގެ ގާތުގައި ބަހައްޓާކަށް ނޫން. މާޔާ ބޭނުންނަމަ މިހާރުވެސް ދެވިދާނެ.”

މާޔާ މިކްޔާލްގެ އަތުގައި ހިފާލިއެވެ. “ނޫން، މިކްޔާލް. މިހާރު އަހަރެން ބޭނުންވަނީ މިތަނުގައި ހުންނަން. އެކަމަކު އަޅެއްގެ ގޮތުގައެއް ނޫން، މިކްޔާލްގެ ބައިވެރިއެއްގެ ގޮތުގަ.”

 

މިކްޔާލްގެ ދިރިއުޅުމަށް އައި ބަދަލާއެކު، އޭނާގެ ވިޔަފާރީގެ އުސޫލުތަކަށްވެސް ބަދަލުތަކެއް އަންނަން ފެށިއެވެ. ކުރިން ބިރުވެރިކަމާއި ނުފޫޒުން ކަންކަން ހާސިލުކުރި މިކްޔާލް، މިހާރު އިސްކަންދެނީ އިންސާފަށެވެ. މާޔާގެ ނުފޫޒުން އޭނާގެ ހިތުގެ ހަރުކަށިކަން ފިލައި، އޯގާތެރިކަން އިތުރުވިއެވެ.

“މިކްޔާލް، މިއަދު އަހަރެމެން ޖެހޭނެ ބައްޕަގެ ގާތަށް ދާން،” ހެނދުނުގެ ނާސްތާގެ ވަގުތުގައި މާޔާ ބުންޏެވެ.

މިކްޔާލް އިސްއުފުލާލައި މާޔާއަށް ބަލާލިއެވެ. “އަހަރެންގެ ސަބަބުން ބައްޕަ އަދިވެސް ހުންނާނީ ބިރުންކަން ނުއެނގޭތަ؟ އަހަރެން އެމީހުންނަށް ދިން ތަކުލީފުތަކަށް މާފުކުރާނެބާއޭ ހިތަށްއަރާ.”

މާޔާ މިކްޔާލްގެ އަތުގައި ހިފާލިއެވެ. “ބައްޕައަށް މިހާރު ހަގީގަތް އެނގޭ. މިކްޔާލް ބަދަލުވެއްޖެކަން ބައްޕައަށް ވިސްނޭނެ. އަދި އަހަރެން އުފަލުގައި ހުރިތަން ފެނުމުން ބައްޕަވެސް އުފާވާނެ.”

އެދުވަހު ހަވީރު އެމީހުން މާޔާގެ ގެއަށް ދިޔައެވެ. ކުރިން ބިރުވެރިކަމާއެކު އެ ގެއަށް ވަދެގަތް މިކްޔާލް، މިއަދު ވަނީ އިހުތިރާމާއެކުގައެވެ. އަހުމަދު ފުޅު ފުރަތަމަ ކުޑަކޮށް ޖެހިލުންވި ނަމަވެސް، މިކްޔާލްގެ މަޑުމައިތިރިކަމާއި މާޔާގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަން ފެނުމުން އޭނާގެ ހިތް ހަމަޖެހުނެވެ.

“ބޭބޭ، އަހަރެން ކުރިން ކުރި ކަންތައްތަކަށް މާފަށް އެދެން،” މިކްޔާލް އިސްދަށަށް ޖަހާލައިގެން ހުރެ ބުންޏެވެ. “މާޔާއަކީ އަހަރެންގެ ދިރިއުޅުމުގެ އެންމެ އަގުބޮޑު ނިޢުމަތް. އޭނާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން.”

އަހުމަދު ފުޅު މިކްޔާލްގެ ކޮނޑުގައި އަތްލިއެވެ. “ކޮން ބޭބެއެއް. އަހަންނަކީ ތިޔަ ދަރިފުޅުގެވެސް ބައްޕަ. ދަރިފުޅާ، މާޒީއަކީ މާޒީ. މުހިންމީ މިއަދު. މާޔާ އުފަލުގައި ބަހައްޓައިދިނުމުން އަހަރެންގެ ހުރިހާ ޝަކުވާއެއް ފިލައިފި.”

އުފާވެރި ދުވަސްތަކެއް ހޭދަވަމުން ދިޔަ ނަމަވެސް، މިކްޔާލްގެ އަނދިރި މާޒީގެ ހިޔަނި މުޅިން ފިލައިގެންނެއް ނުދެއެވެ. އޭނާގެ ކުރީގެ ވިޔަފާރީގެ ބައިވެރިންނާއި ދުޝްމަނުން ތިބީ އޭނާ ބަލިކޮށްލާނެ ފުރުސަތަކަށް ބަލަބަލައެވެ.

އެއްރޭ މިކްޔާލް އޮފީހުން ގެއަށް އައީ ވަރަށް ބޮޑަށް ބޯހާސްވެފައި ހުރެއެވެ. “މާޔާ، އަހަރެމެންނަށް ކުޑަ ދުވަސްކޮޅަކަށް ރާއްޖެއިން ބޭރަށް ދާން ޖެހިދާނެ،” އޭނާ ބުންޏެވެ.

“ކިހިނެއްވީ؟ އަނެއްކާވެސް ނުރައްކަލެއް އޮތީތަ؟” މާޔާ ކަންބޮޑުވެފައި އެހިއެވެ.

“ފާރިޝް އެނބުރި އަތުވެއްޖެ. އޭނާ ބޭނުންވަނީ އަހަރެންގެ ވިޔަފާރި އަތުލަން. އަދި އޭނާއަކީ އެއްވެސް އުސޫލެއް ގެންގުޅޭ މީހެއް ނޫން. އޭނާގެ ނަޒަރު މާޔާއަށް ހުއްޓިދާނެތީ އަހަރެން ބިރުގަނޭ،” މިކްޔާލް ކިޔައިދިނެވެ.

ފާރިޝްއަކީ މިކްޔާލްގެ އެންމެ ބޮޑު ދުޝްމަނެވެ. އޭނާއަކީ ގާނޫނާ ޚިލާފު އެތައް ކަމެއްގައި ބައިވެރިވާ، ރަހުމެއް ނެތް މީހެކެވެ.

“ނޫން މިކްޔާލް، އަހަރެމެން ފިލައިގެން ދުވާނީ ކިހާ ދުވަހަކު؟” މާޔާ ހިތްވަރާއެކު ބުންޏެވެ. “މިކްޔާލް ބުނީމެއްނު ހުރިހާ ކަމެއް ހަމައަކަށް އަޅުވާނަމޭ. މިކަންވެސް ކުރިމަތިލައިގެން ނިންމަން ޖެހޭނީ.”

މިކްޔާލް މާޔާގެ ހިތްވަރަށް ހައިރާންވިއެވެ. އޭނާ މާޔާގެ ނިތްކުރީގައި ބޮސްދިނެވެ. “މާޔާގެ ތި ހިތްވަރަކީ އަހަރެންގެ އެންމެ ބޮޑު ބާރު.”

ޖެހިގެން އައި ހަފްތާގައި ކަންތައްތައް ގޯސްވަމުން ދިޔައެވެ. މިކްޔާލްގެ މުދާ އުފުލާ ބޯޓުތަކަށް ހުރަސްއެޅި، އޭނާގެ އޮފީސްތަކަށް އިންޒާރުގެ މެސެޖުތައް ލިބެން ފެށިއެވެ. ފާރިޝް މަސައްކަތް ކުރަމުން ދިޔައީ މިކްޔާލްގެ ކެތްތެރިކަން ކޮޅުންލައްވާލައި، އޭނާ ކުށުގެ ދުނިޔެއަށް އަލުން ވެއްދުމަށެވެ.

އެއްދުވަހަކު، މާޔާ ޔުނިވަރސިޓީން ނިކުންނަނިކޮށް ބަޔަކު އޭނާ ވަށާލިއެވެ. ނަމަވެސް މިފަހަރު މިކްޔާލް ހުރީ ތައްޔާރަށެވެ. އޭނާގެ ސެކިއުރިޓީ ޓީމުން ވަގުތުން އެމީހުން ހިފެހެއްޓިއެވެ.

މިކްޔާލް ނިންމީ ފާރިޝްއާ ސީދާ ބައްދަލުކުރުމަށެވެ. އޭނާ ފާރިޝްއަށް ގުޅާފައި، މާލެއާ ދުރު ފަޅު ރަށެއްގައި ބައްދަލުކުރަން އެދުނެވެ.

“މިކްޔާލް، ނުދޭ! ތިއީ ވަރަށް ބޮޑު ނުރައްކަލަކަށް ވެދާނެ،” ޚާލިދު އާދޭސްކުރިއެވެ.

“އަހަރެން ދާންޖެހޭނެ، ޚާލިދު. މިއަދު މިކަން ނުނިންމައިފިނަމަ، މާޔާގެ މުޅި އުމުރު އޮންނާނީ ބިރުވެރިކަމެއްގެ ތެރޭގަ،” މިކްޔާލް ސާބިތުކަމާއެކު ބުންޏެވެ.

ބައްދަލުވުން އޮތް ރަށަށް މިކްޔާލް ދިޔައީ އެކަންޏެއް ނޫނެވެ. އޭނާ ވަނީ ފުލުހުންނާ ގުޅިގެން ވަރުގަދަ ރޭވުމެއް ރާވާފައެވެ. އޭނާ ބޭނުންވީ ފާރިޝް ހައްޔަރުކޮށް، ގާނޫނުގެ ކުރިމައްޗަށް ގެނައުމަށެވެ.

ރަށުގައި ފާރިޝް އާއި އޭނާގެ ގޭންގު ތިބީ ހަތިޔާރާއެކުގައެވެ. “މިކްޔާލް ޤާސިމް! ކަލޭ މިހާރު ތިއީ ބޮޑު ފިނޑިއަކަށް ވެއްޖެދޯ؟ އަންހެން ކުއްޖެއްގެ ފަހަތުން ދުވާ، އާދައިގެ ވިޔަފާރިވެރިއަކަށް ވެއްޖެދޯ!” ފާރިޝް މަލާމާތުގެ ރާގަކަށް ބުންޏެވެ.

“ފާރިޝް، އަހަރެން ބަދަލުވީ ފިނޑިކަމުންނެއް ނޫން. ބާރުގެ ހަގީގީ މާނަ ވިސްނުނީމަ. ކަލޭގެ ތި އަނިޔާވެރިކަން މިއަދު މިތަނުން ނިމޭނެ،” މިކްޔާލް ބުންޏެވެ.

ކުއްލިއަކަށް ފާރިޝްގެ މީހުން މިކްޔާލާ ކުރިމަތިލުމެއް ހިންގިއެވެ. މިކްޔާލްގެ ހުޝިޔާރުކަމާއި ފުލުހުންގެ އެހީތެރިކަމާއެކު، ފާރިޝް އާއި އޭނާގެ ބައިވެރިން ބަލިކޮށްލެވުނެވެ. ފާރިޝް ހައްޔަރުކުރެވުނު ވަގުތު، މިކްޔާލްއަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާގެ މާޒީގެ އެންމެ ފަހު ކަޅު ސަފުހާވެސް މިއަދު ލެއްޕިއްޖެއެވެ.

މަސްތަކެއް ފަހެވެ. މާޔާގެ ނާސިންގް ކޯސް ނިމި، އޭނާ އައިޖީއެމްއެޗްގައި މަސައްކަތް ކުރަން ފެށިއެވެ. މިކްޔާލް އޭނާގެ ވިޔަފާރިތައް ހިންގަނީ މުޅިން ތަފާތު ގޮތަކަށެވެ. އޭނާ ވަނީ ‘މާޔާ ފައުންޑޭޝަން’ގެ ނަމުގައި ޗެރިޓީއެއް އުފައްދާ، ބޭސްފަރުވާއަށް ދަތިވެފައިވާ މީހުންނަށް އެހީވާން ފަށާފައެވެ.

އެއްދުވަހަކު ހަވީރު، މާލޭގެ އާޓިފިޝަލް ބީޗުގައި ހިނގާލަން ގޮސް ތިބިއިރު، މާޔާ މިކްޔާލްގެ މޫނަށް ބަލާލިއެވެ. “މިކްޔާލް، އަހަރެމެންގެ މި ދަތުރު ފެށުނު ގޮތް ހަނދާން އެބަހުރިތަ؟”

މިކްޔާލް ހީލިއެވެ. “ކިހިނެއް ހަނދާން ނެތޭނީ؟ އަހަރެން މީ މާޔާގެ ދިރިއުޅުން ބަރުބާދުކޮށްލަން އުޅުނު މީހަކީ. އެކަމަކު މާޔާ އަހަރެންގެ ދިރިއުޅުން އާރާސްތުކޮށްދީފި.”

“ލޯތްބަކީ ހަމައެކަނި ޖުނޫނެއް ނޫން، މިކްޔާލް. އެއީ އެކަކު އަނެކަކަށް މަގުދައްކައިދޭ އަލިކަމެއް،” މާޔާ މަޑުމަޑުން ބުންޏެވެ.

މިކްޔާލް މާޔާގެ އަތުގައި ބާރަށް ހިފާލިއެވެ. “އާނ. އަދި އެ އަލިކަން އަހަރެމެންގެ ދިރިއުޅުމުގައި އަބަދަށް ދެމިއޮންނާނެ.”

އިރުއޮއްސެމުން ދިޔައިރު، އުދަރެހުން ފެންނަ ރަތްވިލާތަކުގެ ތެރެއިން އެ ދެމީހުންގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށްނެވެ. ބާރާއި ނުފޫޒުގެ މައްޗަށް ލޯތްބާއި އިންސާފު ކުރިހޯދައިފިއެވެ. މިކްޔާލްގެ ‘ޖުނޫން’ މިހާރު ވަނީ މުޅި އާއިލާއަށް އޮތް އޯގާތެރިކަމަކަށް ބަދަލުވެފައެވެ.

އަހަރެއް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަަށެވެ. މިކްޔާލްއާއި މާޔާގެ ދިރިއުޅުމަށް އާ އުފާވެރިކަމެއް އަތުވެއްޖެއެވެ. މާޔާ އިނީ ބަލިވެއެވެ. މި ޚަބަރާއެކު މިކްޔާލްގެ އުފާވެރިކަން އިންތިހާއަށް ދިޔައެވެ.

“މިކްޔާލް، އަހަރުމެންގެ ދަރިފުޅަށް ކިޔާނީ ކޮން ނަމެއް؟” މާޔާ އެދުވަހު އެހިއެވެ.

“އަންހެން ކުއްޖަކު ލިބިއްޖެއްޔާ ކިޔާނީ ‘އަމާނީ’. އޭގެ މާނައަކީ އުންމީދު. ސަބަބަކީ މާޔާ އަހަރެންގެ އަނދިރި ދިރިއުޅުމަށް އުންމީދު ގެނެސްދިނީތީ،” މިކްޔާލް ލޯތްބާއެކު ބުންޏެވެ.

މާޔާގެ ދެލޯ ކަރުނުން ފުރުނެވެ. “އަދި ފިރިހެން ކުއްޖަކު ލިބިއްޖެއްޔާ ‘ބާސިލް’ ކިޔާނީ. އެއީ ތިބާ ފަދަ ހިތްވަރުގަދަ، އެކަމަކު އޯގާތެރި މީހަކަށް ވުމަށް.”

މިކްޔާލް މާޔާގެ ގައިގައި ބައްދާލިއެވެ. “އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދަރިފުޅު އަހަރެންގެ މާޒީގެ އެއްވެސް ހިޔަންޏެއްގައި އުޅޭކަށް. އޭނާ ބޮޑުވާނީ މިނިވަންކަމާއި ލޯބީގެ ތެރޭގަ.”

މި ވާހަކައިން އަޅުގަނޑުމެންނަށް އެނގިގެންދަނީ، ކިތަންމެ ބޮޑު ނުފޫޒެއް އޮތް ނަމަވެސް، އަދި ކިތަންމެ އަނދިރި މާޒީއެއް އޮތް ނަމަވެސް، ތެދުވެރި ލޯތްބާއި ހެޔޮލަފާ އިންސާނެއްގެ އެހީތެރިކަމާއެކު ކޮންމެ މީހަކަށްވެސް ބަދަލުވެވިދާނެ ކަމެވެ. މިކްޔާލްގެ ހަރުކަށި ‘ޖުނޫން’ ބަދަލުވީ ދާއިމީ ލޯތްބަށެވެ. މާޔާގެ ކެތްތެރިކަން ބަދަލުވީ އުފާވެރިކަމަށެވެ.

ދިވެހިރާއްޖޭގެ މި ރީތި މާހައުލުގައި، ކަނޑުގެ ރާޅުތަކުގެ މިއުޒިކާއެކު، މިކްޔާލްއާއި މާޔާގެ ލޯބީގެ ވާހަކަ ދެމިއޮންނާނެއެވެ. އެއީ ބިރުވެރިކަމުން ފެށި، އޯގާތެރިކަމުން ނިމުނު، ފުރިހަމަ ލޯބީގެ ދަތުރެކެވެ.

— ނިމުނީ —

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top