ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ބިލެތުން ހައިރާންވާވަރުގެ ފައިދާތަކެއް!
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ބިލެތަކީ ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ ތެރޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެލެވެ. އާންމުކޮށް ބިލެތް ބޭނުންކުރެވެނީ ކެއުމަށްފަހު އަނގަ މީރުކޮށްލުމަށް ކަމަށް ވިޔަސް، މިއީ އޭގައި ސިއްޙީ ގޮތުން ބަލާއިރު ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ ފަތެކެވެ. ބިލެތުގެ ފަތަކީ އެކި ކަހަލަ ބަލިތަކަށް ފަރުވާ ހޯދުމަށް އިހުޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ޤުދުރަތީ ބޭހެކެވެ.

ބިލެތުން ލިބޭ ސިއްޙީ ފައިދާތައް

1 – ހަޖަމުކުރުން ރަނގަޅުކޮށްދިނުން: ބިލެތް ހެފުމުން އަނގަޔަށް ކުޅު އުފައްދާ މިންވަރު އިތުރުކޮށްދީ، ބަނޑުގެ މައްސަލަތަކާއި ގޭސްވުމުން ދުރުކޮށްދެއެވެ.

2 – އަނގައިގެ ދުޅަހެޔޮކަން އިތުރުކޮށްދިނުން: ބިލެތުގައި ހުންނަ އެންޓިބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން އަނގައިން ނުބައި ވަސް ދުވުމާއި، ދަތް ފަނިކެއުމާއި، ހިރުގަނޑުގެ ބަލިތަކުން ރައްކާތެރިކޮށްދެއެވެ.

3 – ނޭވާލާ ނިޒާމަށް އެހީތެރިވުން: މިއީ ނޭވާލާ ނިޒާމަށް ދިމާވާ ދަތިތަކަށްވެސް ފަރުވާއެކެވެ. ކެއްސުމާއި، ނޭވާ ހިއްލުން ފަދަ ކަންކަމުގައި ބިލެތުގެ ފަތް ބޭނުންކުރުމުން ނޭވާލާ ހޮޅިތައް ސާފުކޮށްދީ ލުއިކަން ގެނެސްދެއެވެ.

4 – ފާރުގަނޑު އަވަހަށް ފަސޭހަކޮށްދިނުން: ހަށިގަނޑުގެ ބޭރުގައި ހުންނަ ފާރުގަނޑުތަކުގައި ބިލެތުގެ ދިޔަ އުނގުޅުމުން، އޭގައި ހުންނަ އެންޓިސެޕްޓިކް މާއްދާތަކުގެ އެހީގައި ފާރުގަނޑު އަވަހަށް ފަސޭހަކޮށްދީ، އިންފެކްޝަންތަކުން ސަލާމަތްކޮށްދެއެވެ.

5 – ނަފުސާނީ ދުޅަހެޔޮކަން: ބިލެތަކީ ސިކުނޑިއަށް އަރާމުކަން ގެނެސްދީ، ހާސްކަމާއި ފިކުރުތަކުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.

6 – ދިފާޢީ ނިޒާމު ވަރުގަދަކޮށްދިނުން: މީގައި ގިނަ އަދަދަކަށް ހިމެނޭ ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދީ، އެކި ކަހަލަ ޖަރާސީމުތަކުން ހަށިގަނޑު ސަލާމަތްކޮށްދެއެވެ.

7 – ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުން: ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށް ބިލެތް އެހީތެރިވެދޭކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން، ބިލެތަކީ އަހަރެމެންގެ ތެރޭގައި ވަރަށް އާންމުވަމުން އަންނަ ހަކުރު ބަލީގެ މީހުންނަށް ޤުދުރަތީ ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ.

8 – ހިތުގެ ދުޅަހެޔޮކަން: ބިލެތުގައި ހިމެނޭ އެންޓިއިންފްލެމޭޓަރީ ސިފަތަކުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ނުރަނގަޅު ކޮލެސްޓްރޯލް ދަށްކޮށްދީ، ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމާއި ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.

9 – ބަރުދަން ލުއިކުރުން: ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް ވެސް ބިލެތަކީ ރަނގަޅު އެކުވެރިއެކެވެ. މިއީ ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓް މަތިކޮށްދީ، ސަރުބީ ވިރުވުމަށް އެހީތެރިވެދޭ އެއްޗެކެވެ.

10 – ހަމުގެ ދުޅަހެޔޮކަން: އޮށާޅައާއި ހަމުގެ އެކި ކަހަލަ އެލާޖީތަކަށް ފަރުވާ ކުރުމަށް ބިލެތުގެ ފަތް ބޭނުންކުރެވެއެވެ.

ބިލެތަކީ ހަމައެކަނި ދުފުމަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. މިއީ ސިއްޙީ ގޮތުން ގުނާނުލެވޭހާ ގިނަ ފައިދާތަކެއް އެކުލެވިގެންވާ މުހިންމު ފަތެކެވެ. ނަމަވެސް، ބިލެތުގެ ފައިދާ އެންމެ ފުރިހަމައަށް ލިބޭނީ ފޯކާއި، ދުންފަތާއި، ހުނި ފަދަ ސިއްޙަތަށް ގެއްލުންދޭ ތަކެއްޗާ ނުލައި ބޭނުންކުރުމުންނެވެ. އަދި މާގިނައިން ބިލެތް ބޭނުން ނުކޮށް މެދު މިންވަރަކަށް ބޭނުންކުރުން ވެސް މުހިންމެވެ.

ނޯޓް
ނޯޓް: މިއީ މެޓްރޯޕޮލިސް އިންޑިއާ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިޔުމަކުން ނަގާފައިވާ މަޢުލޫމާތެކެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top