ވެލިދޫ، ނ. އަތޮޅު – ނޫނު އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ވެލިދޫގައި ކުރިއަށްދާ ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ މުބާރާތުގައި މިއަދު ކުޅުނު މެޗުން މަގޫދޫ ވީ.ޓީ ބަލިކޮށް ފޮއްދޫ އެސް.ސީ މޮޅުވެއްޖެއެވެ.
މި މުބާރާތުގެ ތިންވަނަ މެޗުގައި ފޮއްދޫ އެސް.ސީ އާއި މަގޫދޫ ވީ.ޓީ ބައްދަލުކުރި މި މެޗު ފޮއްދޫން ކާމިޔާބުކުރީ 3-0 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ފޮއްދޫ އެސް.ސީގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެކެވެ. އެ ޓީމުން މި ސެޓު ކާމިޔާބުކުރީ 25-14 ގެ ބޮޑު ތަފާތަކުންނެވެ. ނަމަވެސް، ދެވަނަ ސެޓުގައި މަގޫދޫ ވީ.ޓީން ވަނީ ކުޅުން ރަނގަޅުކޮށް، ފޮއްދޫއާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެހެންނަމަވެސް، ސެޓުގެ ފަހު ވަގުތުތަކުގައި ފޮއްދޫން ދެއްކި ހިތްވަރާއެކު މި ސެޓުވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.
މެޗުގެ ފޯރި އެންމެ ގަދަވެގެންދިޔައީ ތިންވަނަ ސެޓުގައެވެ. މި ސެޓުގައި މަގޫދޫ ވީ.ޓީން ލީޑުގައި އޮވެ މެޗު ކާމިޔާބުކުރަން މަސައްކަތް ކުރި ނަމަވެސް، ފޮއްދޫ އެސް.ސީ އިން ވަނީ ފަހަތުން އަރައި 26-24 އިން މި ސެޓު ކާމިޔާބުކޮށް މެޗު ކާމިޔާބުކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ “ކުއީން އޮފް ދަ މެޗް” އަކަށް ހޮވިފައިވަނީ ފޮއްދޫ އެސް.ސީގެ ޖާޒީ ނަންބަރު 11، ލިޔުޝާ އީސާ އެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ފޮއްދޫ އެސް.ސީ ދެން ބައްދަލުކުރަން ޖެހޭނީ މާޅެންދޫ ވީ.ޓީ އާއެވެ. މަގޫދޫ ވީ.ޓީ ދެން ބައްދަލު ކުރާނީ ވެލިދޫ ވީ.ޓީ އާއެވެ. މި 2 ޓީމު ވަނީ މިރޭ ގެ މެޗަށް އެންމެ ފަހުގެ ތައްޔާރު ތައް ވެފައެވެ.
މިރޭ އަންހެން ޑިވިޜަން މެޗަށް ބަލާލާއިރު މިރޭ ކުޅެން ހަމަ ޖެހިފައިވާ މެޗަކީ “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ ޓޯނަމަންޓް” ބާއްވާ ރަށް ކަމަށްވާ ވެލިދޫ އެސް.ސީ އަދި މާޅެންދޫ ވީ.ޓީ އެވެ.
