ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ހުވަފެން – ޗެޕްޓަރ 6
ފޮޓޯ/މުނިއަވަސް ގްރެފިކަސް

ރަންނަމާރި

ދެން އައި ރޭ ސާރާ ވާހަކަ ޚިޔާރުކުރީ ވަރަށް ބޮޑަށް ވިސްނުމަށްފަހުގައެވެ. ފޮތުގެ ބޭރުގަނޑުގައި ފިރުމާލުމަށްފަހު، މަޑުމަޑުން އެ ފޮތް ނެގިއެވެ.

“މިރޭ…” ސޯފީގެ ކައިރީގައި އިށީނދެލަމުން އޭނާ ސިއްރުސިއްރުން ބުންޏެވެ. “އަހަރެމެން މި އެނބުރި ދަނީ އަހަރެމެންގެ އެންމެ ކުރީގެ އެއް ހަޤީޤަތާ ދިމާލަށް.” އޭނާގެ ދައްތަގެ މޫނަށް ބަލައިލަމުން، ނިތްކުރިމަތީގައި އޮތް އިސްތަށިކޮޅު އެއްފަރާތްކޮށްލިއެވެ. “ރަންނަމާރި..” އޭނާގެ އަޑު މަޑުވެލިއެވެ. އެ އަޑުގައި ވަނީ އިޙުތިރާމާއި ކޮންމެވެސް ވަރެއްގެ ސަމާލުކަމެކެވެ. “ކިޔައި އުޅޭ ގޮތުގައި، އެއްޒަމާނެއްގައި ކަނޑު ބޭނުންވީ ޤުރުބާނީއެއް…”

އެ ބަސްތައް އޭނާގެ ދުލުން ބޭރުވި ވަގުތު، މުޅި މާހައުލު ބަދަލުވާން ފެށިއެވެ. ކޮޓަރީގެ ތެރެއަށް ލޮނުގެ ވަހާއި ބާރު ވަޔާއެކު މުޅި ދުނިޔެ ބަދަލުވިއެވެ. މެޝިންތަކުގެ އަޑުގެ ބަދަލުގައި އިވެން ފެށީ އައްސޭރިފަށަށް ރާޅުތައް ބޮއްސުންލައިގެން އައިސް ޖެހޭ ބާރު އަޑެވެ.

ސާރާ ލޯ މަރާލާފައި ހުޅުވާލިއިރު، އެމީހުން ތިބީ ރަށެއްގައެވެ. ނަމަވެސް އެއީ އޭނާއަށް އެނގޭ ރަށެއް ނޫނެވެ. އެއީ މާ ކުރީގެ، މާ އަނދިރި، އަދި ބިރުވެރިކަމުން ވަށާލެވިފައިވާ ރަށެކެވެ. އުޑުމަތި ވަނީ ބޯ ވިލާތަކުން ބަންދުވެފައެވެ. ކަނޑުގެ ރާޅުތައް ހީވަނީ އެ ކަނޑުގެ އަޑީގައި އެއްޗެއް ނޭވާލާހެންނެވެ. ކޮންމެވެސް އެއްޗެއް ބަލަހައްޓައިގެން، އިންތިޒާރުގައި އޮތް ކަހަލައެވެ.

ރަށުގެ މީހުން އަތިރިމައްޗަށް އެއްވެފައި ތިއްބެވެ. އެންމެން ތިބީ ހިމޭނުންނެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމާއި ބިރުވެރިކަމެވެ.

“މިއީ ކޮން ތަނެއް؟” ސާރާ މަޑުމަޑުން އަހާލިއެވެ. ސޯފީ އޭނާގެ ކައިރީގައި ހުއްޓެވެ. މި ދުނިޔޭގައި ސޯފީ ހުރީ ހޭލައެވެ. ނަމަވެސް މިފަހަރު އޭނާގެ މޫނުމަތީގެ ކުލަވަރު ތަފާތެވެ. އޭނާ ހުރީ ވަރަށް ސީރިއަސްކޮށެވެ. “މިއީ ކުރީގެ ވަގުތެއް.” ސޯފީ މަޑުމަޑުން ބުންޏެވެ. “ކަންތައްތައް ނިމުމުގެ ކުރި.” އެވަގުތު ބެރެއްގެ އަޑު މުޅި ސަރަހައްދުގައި ގުގުމާލިއެވެ. އެއްފަހަރު، ދެފަހަރު.

ސާރާ އެނބުރި ބަލައިލިއެވެ. މޫދު ކައިރީގައި ކުޑަ އަންހެން ކުއްޖަކު ހުއްޓެވެ. އޭނާ ހުރީ ހުދު ހެދުމެއްގައެވެ. އެ ކުއްޖާ ދިޔައީ ތުރުތުރުލަމުންނެވެ.

“ނޫން..” ސާރާގެ ނޭވާ ހުއްޓުނު ކަހަލައެވެ. “އެމީހުން އެ އުޅެނީ.. ނޫން..”

“އާނ، އެމީހުން އެ އުޅެނީ އެކަން ކުރަން.” ސޯފީ ބުންޏެވެ.
އެއީ ޤުރުބާނީއެކެވެ. އެ ހަޤީޤަތް ސާރާއަށް އިޙުސާސްވީ ބޮޑު ރާޅެއް ބޯމަތިން ބިނދިގެން ދިޔަ ކަހަލަ ގޮތަކަށެވެ. ކަނޑުގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ. ރަށުގެ މީހުން ފަހަތަށް ޖެހުނެވެ. އަދި އެވަގުތު، އެކަން ހިނގައިފިއެވެ.

ކަނޑުގެ އަނދިރި ފުންމިނުން، އެއްޗެއް އަރައިގެން އަންނަން ފެށިއެވެ. މަޑުމަޑުން، ބިޔަކޮށް، އަދި ބިރުވެރި ގޮތަކަށެވެ. އެ އެއްޗެއް އަރައިގެން އައިއިރު ކަނޑުގެ ފެންގަނޑު ދަނީ އޭގެ ވަށައިގެން އެނބުރެމުންނެވެ.

އެއީ ރަންނަމާރިއެވެ.

އޭގެ ސިފައަކީ ހިޔަންޏަކާއި ހަޤީޤަތަކާ ދެމެދުގައިވާ ބިރުވެރި ސިފައެކެވެ. ލޮލުން ފެންނަނީ ފަނޑު އަލިކަމެކެވެ. އެއީ މާ ކުރީގެ، ނިމުމެއް ނެތް ބާރެއް ފަދަ އެއްޗެކެވެ. އޭގެ ސަބަބުން މުޅި މާހައުލުގެ ވައިގެ ތެތްކަން ބަދަލުވެ، ކަނޑުގެ ރާޅުތައް އޭގެ އަމުރަށް ކިޔަމަންވާ ކަހަލައެވެ.

ސާރާ ބިރުން ފަހަތަށް ޖެހުނެވެ. އޭނާގެ ހިތް ދިޔައީ ބާރަށް ތަޅެމުންނެވެ.

“މިއީ ގޯހެއް.” އޭނާ ބުންޏެވެ. “މިއީ ހަމައެކަނި ވާހަކައެއް ނޫން..”

ސޯފީ އެއްވެސް ޖަވާބެއް ނުދިނެވެ. އެހެނީ ކަންތައްތައް ބަދަލުވެއްޖެއެވެ. އަތިރިމަތީގައި ހުރި އަންހެން ކުއްޖާ މިހާރު އެތަނަކު ނެތެވެ.
އޭގެ ބަދަލުގައި، އެ ބިރުވެރި މަޚުލޫޤު އެނބުރިލިއެވެ. މަޑުމަޑުން، ވަކި އަމާޒަކަށެވެ. އެ އެއްޗެއް ބަލައިލީ ސާރާ އާއި ސޯފީއާ ދިމާލަށެވެ.

“ނޫން…” ސާރާ ސިއްރުސިއްރުން ބުންޏެވެ.

ރާޅުތައް އާދަޔާ ޚިލާފަށް އަތިރިމައްޗަށް އަރަމުން، އެމީހުންނާ ދިމާލަށް ކައިރިވަމުން އައެވެ.

“އޭތި އެ ބަލަނީ އަހަރުމެންނަށް.” ސާރާ ވަރަށް ބޮޑަށް ބިރުގަތެވެ.

ސޯފީ އޭނާގެ އަތުގައި ބާރަށް ހިފިއެވެ. “މިފަހަރު.. އަހަރެމެން ފިލާކަށް ނުދުވާނަން.”

ސާރާ ހައިރާންވެފައި ބަލައިލިއެވެ. “ކީކޭ..؟ ކީއްވެ؟”

ސޯފީގެ ލޮލުން ފެންނަނީ ކުރިއަށްވުރެ ވަރުގަދަ އަދި ސާފު ކަމެކެވެ.

“މިއީ ބިރުވެރިކަމުގެ ވާހަކައެއް ނޫން،” އޭނާ ބުންޏެވެ. “މިއީ ބިރުވެރިކަމުން ބިނާވާ ހަޤީޤަތުގެ ވާހަކައެއް.”

އުޑުމަތީގެ ތޫފާން ކުރިއަށްވުރެ ގަދަވިއެވެ. ކަނޑުގެ ގުގުމުން ބާރުވިއެވެ. ރަންނަމާރި ގާތްވަމުން އައީ ހަމަލާދޭކަށް ނޫނެވެ. އޭތި އައީ އިންތިޒާރުގައި ހުރި ކަހަލަ ގޮތަކަށެވެ. އެމީހުންގެ ފަރާތުން ކޮންމެވެސް ކަމަކަށް އެދޭ ފަދައަކުންނެވެ.

ސާރާގެ ސިކުނޑީގައި ކުރީގެ ވާހަކަތަކާއި، ހުވަފެންތަކާއި، އަދި އޭނާ ކިޔަވާފައިވާ ކަންތައްތައް އެނބުރެން ފެށިއެވެ. ޤުރުބާނީ، ބިރުވެރިކަން، އަދި ކޮންޓްރޯލް.

އޭނާގެ މޭ ތެޅެމުން ދިޔަ ނަމަވެސް، މިފަހަރު އޭނާ ފަހަތަކަށް ނުޖެހުނެވެ. އޭގެ ބަދަލުގައި، އޭނާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ.

“އަހަރެމެން ކަލެއަކަށް އެއްވެސް އެއްޗެއް ނުދޭނަން.” ސާރާ ބުންޏެވެ.

ކަނޑުގެ ރާޅުތައް މަޑުޖެހިލިއެވެ. ސޯފީ އޭނާގެ ކައިރީގައި ހުއްޓިލިއެވެ.

“އިތުރު ބިރުވެރިކަމެއް ނެތް.” ސޯފީ އިތުރުކޮށްލިއެވެ.

ވަގުތުކޮޅަކަށް މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. ދެން، ރަންނަމާރީގެ ކިބައިން އިވުނީ ފުން އަޑެކެވެ. އެއީ ރުޅިވެރިކަމުގެ އަޑެއް ނޫނެވެ. އެއީ ކޮންމެވެސް ކަމެއް ބަލައިގަތް ކަމުގެ އަޑެކެވެ. ތޫފާން މަޑުވާން ފެށިއެވެ. ވިލާތަކުގެ ތެރެއިން އަލިކަން ފާޅުވާން ފެށިއެވެ. ފުރަތަމަ ފަހަރަށް ކަނޑު ހަމަހިމޭންވާން ފެށިއެވެ.

ސާރާގެ ނޭވާ ހަމައަކަށް އެޅުނެވެ. “އޭތި އައީ އެއްޗެއް އަތުލާކަށް ނޫން..” އޭނާ މަޑުމަޑުން ބުންޏެވެ.

ސޯފީ އޭނާއަށް ބަލައިލިއެވެ. “އޭތި އެތާ އޮތީ ބިރުވެރިކަމުން އެއަށް ބާރު ލިބިފައިވާތީ.”

އެ ބަސްތައް ސާރާގެ ހިތުގެ ފުނަށް ފޭދިގެން ދިޔައެވެ. ކުއްލިއަކަށް އޭނާއަށް ހުރިހާ ކަމެއް ވިސްނުނެވެ. ހުރިހާ ބިރުވެރި މަޚުލޫޤުންނަކީ އުފަންވާ އެއްޗެއް ނޫނެވެ. ބައެއް ތަކެއްޗަކީ އިންސާނުންގެ ބިރުވެރިކަމާއި، ހަނުހުރުމުގެ ސަބަބުން އުފެދޭ އެއްޗެހީގެ ގޮތުގައި އޭނާއަށް އިޙުސާސްވިއެވެ.
ކަނޑުގެ އަލިކަން ފަނޑުވެ، މުޅި މަންޒަރު ފިލައިގެން ދާން ފެށިއެވެ.

މިފަހަރު ސާރާ ހޭލެވުނީ ވަރަށް އަމާންކޮށްލާފައެވެ. ބިރުން ސިހިފައެއް ނޫނެވެ. އޭނާގެ އަތް އޮތީ އަދިވެސް ސޯފީގެ އަތުގެ ތެރޭގައެވެ.
ނަމަވެސް މިފަހަރު ތަފާތެވެ. ސޯފީގެ އަތަކީ ހަމައެކަނި އޮތް އަތެއް ނޫނެވެ. އޭނާ ސާރާގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. ވަރަށް ވަރުގަދައަށެވެ.

ސާރާ ހުއްޓުން އެރިއެވެ. އޭނާގެ ލޮލުން ކަރުނަ އޮހިގަތެވެ.

“ސޯފީ..؟”

މޮނީޓަރުތަކުގެ އަޑު ބަދަލުވިއެވެ. އެއިން ފެންނަނީ ކުރިއަށްވުރެ ބޮޑު ދިރުމެކެވެ. ފުރަތަމަ ފަހަރަށް ސާރާއަށް އިޙުސާސްވީ މިއީ ހުވަފެނެއް ނޫން ކަމެވެ. ކޮޓަރިން ބޭރުގައި، އެއްވެސް މީހަކަށް ނުފެންނަ ގޮތަށް، އޭނާގެ މައިންބަފައިން މި މަންޒަރު ބަލަން ތިއްބެވެ. އެމީހުން އެތަނުގައި ތިބީ އުންމީދާއެކުގައެވެ. އެއީ އެމީހުން ވަރަށް ގިނަ ދުވަހު އިންތިޒާރުކުރި ވަގުތެކެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top