އާފުރޭއިރު ސިކުނޑި ވަށައިގެންވާ ދިޔައަށް ހީނުކުރާ ކަހަލަ ބަދަލެއް އަންނަކަން އެމްއާރުއައި ސްކޭންތައް ބޭނުންކޮށްގެން ހެދި އާ ދިރާސާއަކުން ހާމަވެއްޖެއެވެ.
އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސްގެ ރިސާޗް ޓީމެއް ހެދި މި ދިރާސާގައި 22 ބައިވެރިންގެ ބޮލާއި ކަރު އެމްއާރުއައިގެ ޒަރީއާއިން ސްކޭންކުރީ އާފުރުމާއި ފުންކޮށް ނޭވާ ލުމާއި އާންމު ގޮތެއްގައި ނޭވާ ލެވޭ ގޮތް ބެލުމަށެވެ. އާފުރުމާއި ފުންކޮށް ނޭވާ ލުމުގެ ނިޒާމު އެއް ގޮތް ކަމުން، ސްކޭންތަކުގައި އެ ދެ ކަންތައް އެއް ގޮތް ވާނެ ކަމަށް ސައިންސްވެރިން ލަފާކުރިއެވެ. ނަމަވެސް ނަތީޖާ އައީ ހީކުރި ގޮތާ މުޅިން ތަފާތުކޮށެވެ. ފުންކޮށް ނޭވާލާ އިރާ ޚިލާފަށް، އާފުރިލެވުމުން ސެރެބްރޯސްޕައިނަލް ފްލުއިޑް (ސިކުނޑި ހިމާޔަތްކޮށް ނިއުޓްރިއެންޓް ފޯރުކޮށްދީ ކުނި ބޭރުކުރާ ދިޔަ)ސިކުނޑިން ބޭރަށް ދެއެވެ.
“ފުންކޮށް ނޭވާ ލާ އިރު ދައުރުވާ މިސްރާބާ އިދިކޮޅު މިސްރާބަކަށް ސީއެސްއެފް ހަރަކާތްކުރުވީ އާފުރުމުން،” ނިއޯރޯސައިންޓިސްޓް އެޑަމް މާޓިނެކް ވިދާޅުވިއެވެ. “އެ މަންޒަރު ފެނިފައި އަހަރެމެން ތިބީ ހައިރާންވެފައި. މީ ހީކުރި ކަމެއް ނޫން.”
މި ދިރާސާއިން އިތުރަށް ހާމަވި ގޮތުގައި ފުންކޮށް ނޭވާލުމާއި އާފުރުމާ ދެ ކަމުންވެސް ސިކުނޑިން ލޭ ބޭރުވާ މިންވަރު އިތުރުވެ، ތާޒާ ލޭ ވަނުމަށް ޖާގަ ހެދެއެވެ. އާފުރެން ފެށުމުގައި ކެރޮޓިޑް އާޓެރީ މެދުވެރިކޮށް ސިކުނޑިއަށް ވަންނަ ލޭ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި އިތުރުވާ ކަމަށްވެސް ދައްކައެވެ. އޭގެ އިތުރުން ކޮންމެ ބައިވެރިއެއް އާފުރިލާ ގޮތް ތަފާތު ނަމަވެސް، ކޮންމެ ފަހަރަކު އެ މީހެއްގެ ޕެޓާން އެއް ގޮތެވެ. “ކޮންމެ މީހަކު އާފުރިލާ ގޮތް ތަފާތު. ދުލުގެ ހަރަކާތް ބަދަލުވިޔަސް އެ މީހެއްގެ ގޮތް ހަމަ އެއް ގޮތް. ފިންގާޕްރިންޓެއް ފަދައިން އާފުރިލާ ގޮތަށް ބަލައިގެން މީހާ ދެނެގަނެވިދާނެ،” މާޓިނެކް ވިދާޅުވިއެވެ.
ސައިންސްވެރިން ބުނާ ގޮތުގައި މި ހޯދުންތަކުން ކުރެވޭ އެއް ސުވާލަކީ އާފުރުމުގައި ސިކުނޑި ސާފުކޮށްދިނުމުގެ ނުވަތަ ސިކުނޑި ފިނިކޮށްދިނުމުގެ ދައުރެއް އޮވެދާނެތޯއެވެ. “ނިއޯރޯޑީޖެނެރޭޓިވް ބަލިތައް ގުޅިފައިވަނީ ހަށިގަނޑުން ބޭރުކޮށްދޭން ޖެހޭ ތަކެތި (ވޭސްޓް) ޖަމާވުމާ. އުމުރުން ދުވަސްވީ ވަރަކަށް ވޭސްޓް އިތުރުވެދާނެ. ސީއެސްއެފް ސާފުވާ ގޮތާ މި ކަމާ ހުރި ގުޅުން އަދި ކަށަވަރު ނޫން ނަމަވެސް، ފާއިތުވި 10 އަހަރު ތެރޭ އެ ދާއިރާއިން ގިނަ ހޯދުންތަކެއް ކުރެވެމުންދޭ. މިއީ އެ ހޯދުންތަކަށް އިތުރު ބޮޅެއް،” މާޓިނެކް ވިދާޅުވިއެވެ. މި ދިރާސާ ޝާއިއުކޮށްފައިވަނީ ރެސްޕިރެޓަރީ ފިޒިއޮލޮޖީ އެންޑް ނިއޯރޯބައޮލޮޖީ ޖާނަލްގައެވެ.
