ޖަރުމަނުގައި ކުރި އާ ދިރާސާއަކުން ދައްކާ ގޮތުގައި ނިދުމުގެ ކުރިން މެގްނީސިއަމް ސަޕްލިމެންޓެއް ބޭނުންކުރުމުން ނިދުމުގެ މައްސަލަތައް ކޮންމެވެސް މިންވަރަކަށް ރަނގަޅުވެދާނެއެވެ. ނަމަވެސް މި ދިރާސާއާ އެކު މުހިންމު އިންޒާރެއްވެސް ވެއެވެ.
ލައިބްނިޒް ޔުނިވާސިޓީ ހެނޯވާގެ ޖޫލިއަސް ޝޫސްޓާ އިސްވެ ހުންނަވައިގެން ކުރި މި ދިރާސާގައި 18 އަހަރާއި 65 އަހަރާ ދެމެދުގެ 155 ބައިވެރިން ހަތަރު ހަފުތާ ވަންދެން ނިދުމުގެ 30 އާއި 60 މިނެޓާ ދެމެދު ކެޕްސޫލެއް ބޭނުންކުރިއެވެ. ނަތީޖާ ދެއްކި ގޮތުގައި މެގްނީސިއަމް ބިސްގްލައިސިނޭޓް ބޭނުންކުރި މީހުންގެ ނިދުމުގެ މައްސަލަތަކުގެ ސްކޯ 3.9 ޕޮއިންޓް ދަށަށް ދިޔައިރު، ޕްލެސީބޯ ގުރޫޕުން ދަށަށް ދިޔައީ 2.3 ޕޮއިންޓެވެ. މި ތަފާތަކީ ހަގީގީ އަސަރެއް ކަމަށް ބެލެވުނު ނަމަވެސް، އެއީ ކުޑަ ތަފާތެއް ކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.
މެގްނީސިއަމް ބިސްގްލައިސިނޭޓް ފޯމުގައި ގްލައިސީން ނަމަކަށް ކިޔާ އެމީނޯ އެސިޑަކާ ގުޅިފައި ހުރެއެވެ. މެގްނީސިއަމުން ނާރުތައް މައިތިރިކުރުމަށް އެހީތެރިވާއިރު، ގްލައިސީން ހަށިގަނޑުގެ ހޫނުމިން ދަށްކޮށްގެން ނިންޖަށް އެހީތެރިވެދީފާނެ ކަމަށް ބެލެވެއެވެ. ދިރާސާގައި ކޮންމެ ރެއަކު 250 މިލިގްރާމް ބޭނުންކުރިއިރު، ބައިވެރިންގެ 93 ޕަސެންޓް މީހުންނަށް އެއްވެސް ނޭދެވޭ އަސަރެއް ނުފެނެއެވެ. އެކަމަކު ގިނައިން ބޭނުންކުރެވިއްޖެ ނަމަ ބޭރަށް ހިނގުމާއި މޭ ނުބައިކުރުމާއި ބަނޑުގައި ރިއްސުން ފަދަ މައްސަލަތައް ކުރިމަތިވެ، ނިދުމަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެކެވެ.
ނަމަވެސް މި ދިރާސާގެ ލިމިޓޭޝަންތައްވެސް ފާހަގަކުރެވެއެވެ. ބައިވެރިންގެ ގާތްގަނޑަކަށް 80 ޕަސެންޓަކީ އަންހެނުންނެވެ. ނަތީޖާތައް ބިނާވެފައި ވަނީ މައިގަނޑު ގޮތެއްގައި ސުވާލުކަރުދާހުގެ ޖަވާބުތަކުގެ މައްޗަށެވެ. ނިދުމުގެ ވައްޓަފާޅި ބަލާ ޑައިރީ ފުރިހަމަކުރީ 10 ޕަސެންޓަށް ވުރެ މަދު ބައިވެރިންނެވެ. އަދި ނިދީގެ ސްޓޭޖްތަކަށް ހަގީގަތުގައި ބަދަލެއް އައިތޯ ސްލީޕް ލެބް ޓެސްޓަކުން ބެލިފައެއް ނުވެއެވެ.
ސަޕްލިމެންޓެއް ބޭނުންކުރުމުގެ ބަދަލުގައި ކެއުމުން މެގްނީސިއަމް ހޯދުމަކީ ރައްކާތެރި ގޮތެއް ކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ. ބަރަބޯ އޮށާއި ޗިއާ ސީޑްސް އާއި ބަދަނާއި ފެހި ފަތާއި ބީންސް އަދި ހޯލް ގްރެއިންސް ފަދަ ކާނާއިން ފައިބަރާ އެހެނިހެން ނިއުޓްރިއެންޓްސްވެސް ލިބެއެވެ. ކިޑްނީގެ ބައްޔެއް ހުންނަ މީހުންނާއި ގަވާއިދުން ބޭސް ބޭނުންކުރާ މީހުން މެގްނީސިއަމް ސަޕްލިމެންޓް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ. އަދި ދިގު މުއްދަތަށް ނިދުމުގެ މައްސަލަ ހުންނަ ނަމަ ސަޕްލިމެންޓެއް ބޭނުންކުރުމުގެ ބަދަލުގައި ނިދުމުގެ އާދަތައް ރަނގަޅުކުރުމަށް ބިހޭވިއަރަލް ތެރަޕީ ފަދަ ފަރުވާ ހޯދުމަކީ މާ ރަނގަޅު ގޮތެއް ކަމަށް ދިރާސާވެރިން ބުނެއެވެ.
މި ދިރާސާ ޝާއިއުކޮށްފައި ވަނީ ނޭޗާ އެންޑް ސައިންސް އޮފް ސްލީޕް ޖާނަލްގައެވެ.
