ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ހާޝްމީގެ ކުރިއަށް އޮތް ފިލްމު “ގަންމާސްޓާރ ޖީ9″ގެ ވަރުގަދަ ކާރު އެކްޝަން ސީކުއެންސެއްގެ ޝޫޓިންގް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ފިލްމަކީ މީގެ 20 އަހަރު ކުރިން “އާޝިގް ބަނާޔާ އާޕްނޭ” (2005) އިން ބޮޑު ކާމިޔާބީއެއް ހޯދި އިމްރާން ހާޝްމީ އާއި ޑައިރެކްޓަރު އަދިތުޔާ ދަތު އަދި މިއުޒިކް ތަރި ހިމޭޝް ރޭޝައްމިޔާ އަލުން އެކުގައި މަސައްކަތްކުރާ ފިލްމެކެވެ.
ޑައިރެކްޓަރު އަދިތުޔާ ދަތު ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ، މުމްބާއީގެ ގަދަ ހޫނުގައި 8 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްޝަން ސީންތަކަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. މި ޝޫޓިން އޮންނާނީ މެއި މަހުގެ ތެރޭގައެވެ. އަދިތުޔާ އިތުރަށް ބުނި ގޮތުގައި، މުމްބާއީގެ ޝޫޓިންގް ނިންމާލުމަށްފަހު، ޖޫން މަހުގެ ތެރޭގައި އުއްތަރަކަންޑްގެ ރިޝިކޭޝް އަދި މަސޫރީގެ އިތުރުން ދިއްލީގައި 25 އަކަށް ދުވަހު ފިލްމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މި ފިލްމުގެ ގާތްގަނޑަކަށް 40 އިންސައްތަ މަސައްކަތް އަދި ނުނިމި އެބައޮތެވެ. އިމްރާން ހާޝްމީ މިހާރު އަންނަނީ މި ފިލްމުގެ އިތުރުން “އާވާރާޕަން 2” ގެ މަސައްކަތްތައް ވެސް ނިންމަމުންނެވެ. “ގަންމާސްޓާރ ޖީ9” ރިލީޒްކުރާނެ ތާރީޚެއް އަދި ފައިނަލް ނުވި ނަމަވެސް، ޑައިރެކްޓަރު އުންމީދު ކުރަނީ 2026 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2027 ވަނަ އަހަރުގެ ކުރީކޮޅު ފިލްމު ސިނަމާތަކަށް ގެނައުމަށެވެ.
ދީޕަކް މުކުތު އާއި ހުނަރް މުކުތު ޕްރޮޑިއުސްކުރާ މި ފިލްމުގައި އިމްރާންގެ އިތުރުން ޖެނީލިއާ ދޭޝްމުކް އަދި އަޕަރްޝަކްތީ ކުރާނާ ވެސް މުހިންމު ރޯލަކުން ފެންނާނެއެވެ. އަދިތުޔާ ބުނީ ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތްތަކަށް ވަގުތު ބޭނުންވާ ކަމަށާއި، ފިލްމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެއްވެސް އަވަސްއަރުވާލުމެއް ނެތި މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.
