އަލުވި، ބިސް އަދި ޗީޒް އެކުވުމުން އުފެދޭ މީރު ރަހައިގެ ތާސީރާއި އެކު، ހަށިގަނޑަށް ފައިދާހުރި ތަރުކާރީގެ ފައިދާ ލިބިގެންދާނެ ޗީޒީ އަލުވި ބިސްގަނޑު ހަދާނެގޮތް ގެދެނެސްދޭނަމެވެ.

ބޭނުންވާނެ ތަކެތި:

– 1 އަލުވި ބޯކޮށް ވަށްކޮށް ކޮށާފައި މެދުން ލޯވަޅެއް އަޅާފައި

– 3 ކުކުޅު ބިސް

– 1/2 ފިޔާ ކުދިކޮށް އޮށްއޮށަށް ކޮށާފައި

– ލީކްސް ކުދިކޮށް އޮށްއޮށަށް ކޮށާފައި

– 1 ތޮޅިމިރުސް

– 1/2 ޓޮމާޓޯ ކުދިކޮށް އޮށްއޮށަށް ކޮށާފައި

– ރަހަލާވަރަށް ލޮނު

– 1 މޭޒުމަތީ ސަމުސާ ތެޅިމިރުސް

– 2 މޭޒުމަތީ ސަމުސާ ކުކިންގ އޮއިލް

ތައްޔާރުކުރާނޭ ގޮތް:

1- ތަވައެއްގެ ތެރެއަށް ތެޔޮފޮދެއް ޖެހުމަށްފަހު އަލުވި ފޮތިތައް ތެލުލާށެވެ. ދެފަރާތް ރަނގަޅަށް ތެލުލާން ވާނެއެވެ.

2- ބޯތަށްޓެއްގެ ތެރެއަށް ފިޔާ، ޓޮމާޓޯ، ތޮޅިމިރުސް، ބިސް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ލޮނާއި ހިކިމިރުސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

3- ތެލުލާފައިވާ އަލުވިފޮތިތަކުގެ މައްޗަށް، ތަވާގެ ތެރެއަށް ބިހުން ގިރިތަކެތި އަޅާށެވެ. އެއަށްފަހު 5 މިނެޓްވާންދެން މަޑުގިނީގައި ބަހައްޓާއިގެން ފިހާށެވެ. ފިހާއިރު މައްޗެއް ޖަހާފައި ބަހައްޓަން ހަނދާންކުރަން ވާނެއެވެ. ރަނގަޅަށް ކެކުމުން، އޭގެ މައްޗަށް ޗީޒް އެޅުމަށްފަހު އިރުކޮޅެއް ވާންދެން ބަހައްޓާށެވެ.

4- މިހާރު އެހެރީ ޗީޒީ އަލުވި ބިސްގަނޑު ތައްޔާރުކުރެވިފަ އެވެ.

ހަމަ ގާތްގަނޑަކަށް އެއް ރަހަފަތެއް، ކުޑަ ތަފާތަކާއެކު ތިރީގައިވާ ވީޑިއޯއިން:-

 

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.