ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ދަތް އުނގުޅަން އެންމެ ރަނގަޅީ ހެނދުނުގެ ނާސްތާގެ ކުރިންތަ ނުވަތަ ފަހުންތަ؟ – ކަމާބެހޭ މާހިރުންގެ ލަފާ

ހެނދުނު ހޭލައިގެން ދަތް އުނގުޅުމަކީ އަޅުގަނޑުމެން އެންމެންވެސް އާދަކޮށް ކުރާ ކަމެކެވެ. ނަމަވެސް، ގިނަ ބައެއްގެ މެދުގައި އުފެދޭ ބޮޑު ސުވާލަކީ ދަތް އުނގުޅަންވީ ހެނދުނުގެ ނާސްތާގެ ކުރިންތޯ ނުވަތަ ނާސްތާގެ ފަހުންތޯއެވެ؟ “ހެލްތު” މެގަޒިންގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ދަތުގެ ބަލިތަކާބެހޭ ޚާއްޞަ ޑޮކްޓަރުން ވަނީ މިކަމާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ހިއްސާކޮށްފައެވެ.

ނާސްތާގެ ކުރިން ދަތް އުނގުޅުން: އެންމެ ރަނގަޅު ގޮތް

ދަތުގެ މާހިރުންގެ ބޮޑު އިއްތިފާގުން ބުނާ ގޮތުގައި، ހެނދުނު ނާސްތާ ކުރުމުގެ ކުރިން ދަތް އުނގުޅުމަކީ ސިއްހީ ގޮތުން އެންމެ ފައިދާހުރި ގޮތެވެ. މީގެ މައިގަނޑު ސަބަބަކީ ރޭގަނޑު ނިދާފައި އޮންނަ އިރު އަނގައިގެ ތެރޭގައި އުފެދޭ ބެކްޓީރިއާތައް ނައްތާލުމެވެ. ހެނދުނު ހޭލާއިރު އަނގައިން ނުބައި ވަސް ދުވަނީ މި ބެކްޓީރިއާތަކުގެ ސަބަބުންނެވެ.

ނާސްތާގެ ކުރިން ދަތް އުނގުޅުމުން، ދަތްޕިލާގައި ފްލޮރައިޑްގެ ފަށަލައެއް އުފެދިގެންދެއެވެ. މިއީ ކެއުމުގެ ތެރޭގައި އަނގައަށްދާ އެސިޑްތަކުން ދަތުގެ އެނާމަލް ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން، ދަތް އުނގުޅުމުގެ ސަބަބުން ކުޅު އުފެދޭ މިންވަރު އިތުރުވެ، އަނގައިގެ ތެރޭގައި ހުންނަ ނުރައްކާތެރި ބެކްޓީރިއާތައް ނައްތާލުމަށް މަގުފަހިވެއެވެ.

ނާސްތާގެ ފަހުން ދަތް އުނގުޅުމުގައި އޮތް ނުރައްކާ

ބައެއް މީހުން ނާސްތާގެ ފަހުން ދަތް އުނގުޅަން ބޭނުންވަނީ ކެއުމަށްފަހު އަނގައިގެ ތެރޭގައި ހުންނަ ކާނާގެ ބައިތައް ސާފުކުރުމަށެވެ. ނަމަވެސް، މިއީ ރައްކާތެރި ގޮތެއް ނޫން ކަމަށް ޑޮކްޓަރުން އިންޒާރު ދެއެވެ.

ނާސްތާގައި އާންމުކޮށް ހިމެނޭ އޮރެންޖް ޖޫހާއި، ކޮފީ އަދި މޭވާ ފަދަ ތަކެއްޗަކީ އެސިޑިކް ތަކެއްޗެވެ. މިފަދަ އެސިޑިކް ކާނާއެއް ކެއުމަށްފަހު ވަގުތުން ދަތް އުނގުޅައިފިނަމަ، ދަތުގެ ބޭރުން ހުންނަ ރައްކާތެރި ފަށަލަ ނުވަތަ އެނާމަލް މަޑުވެފައި ހުރުމުގެ ސަބަބުން، ދަތް އުނގުޅާއިރު އެ ފަށަލަ ފަސޭހައިން ހަލާކުވެގެންދެއެވެ. މީގެ ސަބަބުން ދަތް ހަލާކުވުމާއި ދަތްތައް ނިކަމެތިވުމަށް މަގުފަހިވެއެވެ.

މާހިރުންގެ އިރުޝާދު

މާހިރުން އިރުޝާދު ދެއްވަނީ:

1- އެންމެ ރަނގަޅު ގޮތަކީ ހޭލައިގެން ނާސްތާގެ ކުރިން ދަތް އުނގުޅުމެވެ.

2- ނާސްތާގެ ފަހުން ދަތް އުނގުޅަން ބޭނުންނަމަ، ކެއުމަށްފަހު މަދުވެގެން 30 މިނެޓާއި 60 މިނެޓާ ދެމެދުގެ ވަގުތެއް މަޑުކުރަންވާނެއެވެ. އެއީ އަނގައިގެ އެސިޑް ލެވެލް އާންމު ހާލަތަކަށް އައުމަށް ފުރުސަތު ދިނުމަށެވެ.

3- ނާސްތާއަށްފަހު އަނގަ ސާފުކުރަން ބޭނުންނަމަ، ފެންފޮދަކުން އަނގަ ދޮވެލުން ނުވަތަ ހަކުރު ނުހިމެނޭ ގަމެއް (ޝުގަރ ފްރީ ޗުވިންގަމެއް) ބޭނުންކުރުން ރަނގަޅެވެ.

ދަތުގެ ސިއްހަތަކީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމަކަށްވާއިރު، މިފަދަ ކުދިކުދި އާދަތަކަށް ސަމާލުކަން ދިނުމަކީ ދިގު މުއްދަތުގައި ދަތްތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް ލިބޭ ބޮޑު ބާރެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top