ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަހު މެޗުން ހަނިމާދޫ މޮޅުވެއްޖެ
ފޮޓޯ: ޓީމް ހަނިމާދޫ ފޭސްބުކް ޕޭޖް

މިހާރު ކުރިޔަށްދާ އެފްއޭއެމް ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ނޯތު ރީޖަން ލީގުގައި މިއަދު ކުޅެވުނީ މި ރީޖަންގެ ފަހު ދެ މެޗެވެ.

އޭދަފުށީ ދަނޑުގައި އޭދަފުއްޓާއި ދިއްދޫ ވާދަކުރިއިރު މަނަދޫ ދަނޑުގައި ބައްދަލުކުރީ މަނަދޫ އާއި ހަނިމާދޫ އެވެ.

މި ރީޖަންގެ ތިން ވަނައިގައި އޮތް ހަނިމާދޫ އާއި ހަތަރު ވަނައިގައި އޮތް މަނަދޫ މިއަދު ބައްދަލުކުރިއިރު މި މެޗަކީ މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުމެވެ.

މި ރީޖަންގެ ފުރަތަމަ މެޗުގައި ވެސް ބައްދަލުކުރީ މި ދެ ޓީމެވެ. އެ މެޗު ހަނިމާދޫ ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗަށް މި ދެ ޓީމު ނުކުތްއިރު މި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ޕޮއިންޓް ޓޭބަލްގެ ތަރުތީބަށް އަންނާނެ އެއްވެސް ބަދަލެއް ނެތެވެ.

މިއަދުގެ މެޗުގައި ވެސް ރަނގަޅަށް ކުޅުނީ ހަނިމާދޫ އެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ވެސް ހޯދީ އެ ޓީމުންނެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ހަނިމާދޫއަށް ނުހިފި ދިޔަވަރަކަށް މަނަދޫ ދިޔައީ މެޗުގެ ތެރެއަށް ވަންނަމުންނެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް މަނަދޫން ވެސް ހޯދިއެވެ.

ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފު ހަނިމާދޫން ފެށީ ކުރީ ހާފަށްވުރެ ވަރުގަދަކޮށެވެ. ގާތްގާތުގައި އުފެއްދި ދެ ފުރުސަތެއް ގެއްލުނު ނަމަވެސް 47 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ހަނިމާދޫން ލީޑު ނެގި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ޚާލިދު އެވެ.

ހަނިމާދޫ ޓީމުގެ އޭރިޔާ ބޭރު ރޮނގު މަތިން ޑީ އޭރިޔާ ތެރެއިން ލިބުނު ފްރީކިކް ވޯލްގައި ތިބި ކުޅުންތެރިންގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މަނަދޫން ނަތީޖާ ހަމަހަމަކުރީ 59 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޢަލީ މުޙައްމަދު އެވެ.

ދެވަނަ ފަހަރަށް ހަނިމާދޫން ލީޑު ނެގީ 78 މިނިޓްގައެވެ. ހަނިމާދޫ ކުޅުންތެރިއަކު މަނަދޫ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ނާއިލް ޔޫސުފަށް ލިބުނުއިރު އޭނާ ހުރީ އޭރިޔާ ތެރޭގައި ހުސްކޮށެވެ. ވަރަށް ހަމަޖެހިލާފައި ނާއިލް ވަނީ އެ ބޯޅަ ގޯލަށް ވައްދާލައިފައެވެ.

ދެވަނަ ހާފުގެ ފަހުކޮޅު ގަދަ ވަޔާއިއެކު ބޯކޮށް ވާރޭ ވެހުނެވެ. މޫސުމަށް އައި ބަދަލާއި ގުޅިގެން ކުޅެން އުނދަގޫވި ނަމަވެސް 84 ވަނަ މިނެޓުގައި މުޙައްމަދު ޒަޔާން ޖެހި ލަނޑާއިއެކު ހަނިމާދޫން ލީޑު ފުޅާކުރި އެވެ.

ހަނިމާދޫން ތިންވަނަ ލަނޑު ޖެހިތާ މާގިނައިރެއް ނުވެ މަނަދޫން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ޖެހި ޢަލީ މުޙައްމަދު އެވެ. ހަނިމާދޫ ޓީމުގެ އޭރިޔާ ބޭރުން އަރިމަތިން ލިބުނު ފްރީކިކް ވޯލްގައި ތިބި ކުޅުންތެރިންގެ ބޯމަތިން ޢަލީ މުޙައްމަދު ވައްދާލީ ސީދާ ގޯލަށެވެ.

މި މެޗާއިއެކު މި ރީޖަންގެ ކުޅުން ނިމުނީއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top