ސިކުނޑީގެ މަސައްކަތްތައް ހަލުވިކޮށް، ސަމާލުކަން ދިނުމުގެ ޤާބިލުކަމާއި ހަނދާން ވަރުގަދަކުރާނީ ކިހިނެއް؟
މިއަދުގެ ބުރަ އަދި ފިއްތުންތައް ބޮޑު މަސައްކަތުގެ މާހައުލުގައި، ސުންގަޑިތަކަށް މަސައްކަތް ނިންމުމާއި، މެދުނުކެނޑި އަންނަ އީމެއިލްތަކަށް ޖަވާބުދިނުމުގައި ސިކުނޑިއަކީ އުފެއްދުންތެރިކަމުގެ މައި އިންޖީނެވެ. ނަމަވެސް، އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ސިކުނޑީގެ ދުޅަހެޔޮކަމަށް ދެނީ ވަރަށް ކުޑަ ސަމާލުކަމެކެވެ. ކެއުން ދޫކޮށްލުމާއި، މާގިނައިން ކެފެއިން ބޭނުންކުރުމާއި، އިންޓަނެޓުގައި ބޭކާރު ވަގުތު ހޭދަކުރުމުގެ ސަބަބުން ސިކުނޑި ވަރުބަލިވެ، ހަނދާން ބަލިވާގޮތް މެދުވެރިވެއެވެ.
މަޝްހޫރު ޑޮކްޓަރ، ޕަލް މަނިކަމް ވިދާޅުވާ ގޮތުގައި، ސިކުނޑި ތޫނުކޮށް ބެހެއްޓުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެއީ ކޮންމެ ދުވަހެއްގެ އާދަކާދަތަކަށް ގެނެވޭ ކުޑަ ބަދަލަކުން ހާސިލުކުރެވޭނެ ކަމެކެވެ. “ސިކުނޑި ހަކަތައިން ފުރާލުމަށްޓަކައި ރަނގަޅު ކާނާ ބޭނުންވަނީ ހަނދާން ގަދަކުރުމަށާއި، ސަމާލުކަން އިތުރުކުރުމަށެވެ. ނުރަނގަޅު ކާނާ ނުވަތަ ޖަންކް ފުޑް ކެއުމަކީ ސިކުނޑީގެ މަސައްކަތްތަކަށް ބުރޫއަރައި، އުފެއްދުންތެރިކަން ދަށްވެ، ހަނދާން ނެތުމަށް މަގުފަހިވާ ކަމެއް.” ޑރ. ޕަލް ވިދާޅުވިއެވެ.
ސިކުނޑީގެ މަސައްކަތްތައް ހަލުވިކޮށް، ސަމާލުކަމާއި ހަނދާން ވަރުގަދަކުރުމަށްޓަކައި ޑރ. ޕަލް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައިވާ 9 އާދައަކީ:
1 – އޮމެގާ-3 ފެޓީ އެސިޑް (އީޕީއޭ އަދި ޑީއެޗްއޭ)
ސިކުނޑީގެ ގާތްގަނޑަކަށް %60 އަކީ ފެޓެވެ. ސިކުނޑީގެ ނިއުރޯންތަކުގެ މެދުގައި މުއާމަލާތްތައް އަވަސްކޮށްދެނީ އޭގެ ބޭރުގައިވާ ފެޓް ފަށަލައަކުންނެވެ. މީގެ ތެރެއިން އެންމެ ފައިދާހުރި ފެޓަކީ އޮމެގާ-3 އެވެ. މީގެ ސަބަބުން ނަފުސާނީ ފިއްތުންތައް ކުޑަވެ، ސަމާލުކަން އިތުރުވެ، ހަނދާން ގަދަވެއެވެ. ކުޑަކުދިންގެ ސިކުނޑި ތަރައްޤީކުރުމަށާއި ބޮޑެތި މީހުންގެ ހަނދާން ނެތޭ ބަލިތަކުން ރައްކާތެރިވުމަށް މިއީ މުހިންމު މާއްދާއެކެވެ. މީގެ އެންމެ މުއްސަނދި މަސްދަރަކީ ސަލްމަން ފަދަ ތެޔޮ މަހެވެ. މަސް ނުކާ މީހުންނަށް “އަލްގޭ” އިން ތައްޔާރުކޮށްފައިވާ ސަޕްލިމެންޓްތައް ބޭނުންކުރެވިދާނެއެވެ. ދުވާލަކު 1.5 އާއި 2 ގްރާމާ ދެމެދުގެ މިންވަރަކަށް އީޕީއޭ އަދި ޑީއެޗްއޭ ހަށިގަނޑަށް ލިބުމަކީ ސިކުނޑީގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
2 – ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް
ހަކުރު ގިނަ ކާނާގެ ސަބަބުން ހަށިގަނޑުގެ ހަކަތަ ކުއްލިއަކަށް މައްޗަށް ގޮސް އަލުން ދަށްވެއެވެ. ނަމަވެސް، “ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް” ބޭނުންކުރުމުން މުޅި ދުވަހު ސިކުނޑިއަށް ބޭނުންވާ ގްލޫކޯޒް އެއްވަރެއްގައި ހިފަހައްޓައިދީ، ސިކުނޑި ތާޒާކަންމަތީ ބަހައްޓައިދެއެވެ.
3 – ފެންވަރު ރަނގަޅު ޕްރޮޓީން
ޕްރޮޓީންގައި ހިމެނޭ އަމިނޯ އެސިޑްތަކަކީ ސިކުނޑީގެ ސެލްތަކުގެ މެދުގައި މުއާމަލާތްކުރާ ކެމިކަލްތައް އުފެއްދުމަށް ބޭނުންވާ މާއްދާތަކެކެވެ. ބިސް، މަސް، ތޯފޫ، ޕަނީރު އަދި މުގު ފަދަ ތަކެތި ކެއުމުގައި ހިމެނުމުން ހަނދާން ގަދަވެ، ކަންކަމަށް ސަމާލުކަން ދިނުމަށް އެހީތެރިވެދެއެވެ.
4 – އެންޓިއޮކްސިޑަންޓްސް
މިއީ ސިކުނޑި ދުޅަވުމުން ރައްކާތެރިކޮށްދޭ މާއްދާތަކެކެވެ. ބެރީސް، ޑާކް ޗޮކްލެޓް އަދި ފެހިކަން ގަދަ ފަތުގެ ބާވަތްތައް ބޭނުންކުރުމުން ސިކުނޑީގެ މަސައްކަތްތައް ހަލުވިވެއެވެ.
5 – ފެން ބުއިން
ހަށިގަނޑުން ފެން މަދުވުމަކީ ސިކުނޑި ވަރުބަލިވެ، ސަމާލުކަން ދޭން އުނދަގޫވާ ކަމެކެވެ. މަސައްކަތުގައި އުޅޭއިރު ކެފެއިން ބޭނުންކުރުމުގެ ބަދަލުގައި ތާޒާ ފެން ބުއިމަށް އާދަކުރާށެވެ.
6 – ކެފެއިން މިންގަނޑެއްގައި ހިފެހެއްޓުން
ކެފެއިންގެ ސަބަބުން ވަގުތީ ގޮތުން ހޭލުންތެރިކަން އިތުރުވި ނަމަވެސް، މާގިނައިން ބޭނުންކުރުމުން ހާސްކަން އިތުރުވެ، ހަށިގަނޑުގެ ހަކަތަ ދަށްވެއެވެ. އެހެންކަމުން މިންގަނޑެއްގައި ބޭނުންކުރުން މުހިންމެވެ.
7 – ސިއްޙަތަށް ފައިދާހުރި ލުއިކާނާ
ބޭކާރު ތެޔޮ އެކުލެވޭ ކާނާގެ ބަދަލުގައި ބަދަން ފަދަ ތަކެތި ލުއިކާނާގެ ގޮތުގައި ބޭނުންކުރުމުން ދާއިމީ ހަކަތައާއި ފައިދާ ސިކުނޑިއަށް ލިބެއެވެ.
8 – ޕްރޮސެސްކޮށްފައިވާ ކާނާއާއި ދުރުހެލިވުން
މާގިނައިން ޕްރޮސެސްކޮށްފައިވާ، ހަކުރާއި ފެޓް ގިނަ ކާނާގެ ސަބަބުން ސިކުނޑީގެ މަސައްކަތްތައް ލަސްވެ، ސަމާލުކަން ދިނުމަށް ހުރަސްއެޅެއެވެ.
9 – އަރާމު ނިދި
މަތީގައި ބަޔާންކުރި ހުރިހާ ފައިދާހުރި މާއްދާތަކެއް ސިކުނޑީގައި ރަނގަޅަށް މަސައްކަތްކުރާނީ އެކަށީގެންވާ އަރާމު ނިދި ލިބިގެންނެވެ. ނިންޖަކީ ސިކުނޑީގެ ދުޅަހެޔޮކަމުގެ އެންމެ މައިގަނޑު ބިންގަލެވެ.
