ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބޭއްވި ރާއްޖެ ޖޫނިއާރ ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ބައިގެ ޗެންޕިއަންކަން ކ.މާފުށީ ސްކޫލް ހޯދައިފިއެވެ.
ހުޅުމާލޭ މިނީ ސްޕޯރޓްސް ކޮމްޕްލެކްސްގައި ކުރިޔަށްދިޔަ މި މުބާރާތުގެ ފައިނަލްގައި ބައްދަލުކުރީ އދ. އަތޮޅު ތަޢުލީމީ މަރުކަޒާއި ކ. މާފުށީ ސްކޫލެވެ. މިއަދު ހަވީރު ކުޅެވުނު މި މެޗުން މާފުށީ ސްކޫލް މޮޅުވީ 2-0 އިންނެވެ. އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް އައި މިދެ ޓީމުގެ ކުރިމަތިލުން ފެނުނީ ދާދި ހަމަހަމަކޮށެވެ.
މެޗު ފަށައިގެން ރަނގަޅަށް ކުޅުނު މާފުށީ ސްކޫލުން ވަނީ މެޗު ފަށައިގެން މާގިނައިރެއް ނުވެ މެޗުގެ ފުރަތަމަ ލަނޑު ޖަހައިފައެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ ލިބުނު ކޯނަރަކުން އެ ޓީމުގެ ކެޕްޓަން މޫސާ މިކިޔާލް ޝަކީބް އެވެ. ވަރަށް ބޮޑަށް ކާވް ކޮށްލާފައި މިކިޔާލް ނަގައިދިން ކޯނަރު އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯލުގެ ތެރެއަށް ވަނީ ކީޕަރުގެ އަތުގައި ޖެހިފައި ކަހަލަ ގޮތަކަށެވެ.

ޓީމް އދ. އަތޮޅު ތަޢުލީމީ މަރުކަޒު / ފޮޓޯ: އެފްއޭއެމް
މާފުށީ ސްކޫލުން ލަނޑު ޖެހިތާ މާގިނައިރެއް ނުވެ އދ. އަތޮޅު ތަޢުލީމީ މަރުކަޒުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދައިފައެވެ. ގާތްގާތުގައި ފުރުސަތުތައް ފަހިކުރި ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހިފޭ ގޮތެއް ނުވިއެވެ.
ލިބުނު މަދު ފުރުސަތުގައި އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ ކ. މާފުށީ ސްކޫލުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ 24 ވަނަ މިނިޓްގައެވެ. މިލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން މޫސާ މިކިޔާލް ޝަކީބް އެވެ. އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޭރިޔާ ބޭރުން މިކިޔާލްއަށް ލިބުނު ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ދެ ކުޅުންތެރިން ކައިރިން ނައްޓާފައި މަތިމަތިން އޭނާ ފޮނުވާލީ ގޯލާއި ދިމާއަށެވެ. މި ބޯޅަ ގޯލުގެ ތެރެއަށް ވަނީ، ބޯޅަ ދިފާއު ކުރަން މަސައްކަތްކުރި ކީޕަރުގެ އަތުގައި ޖެހިފައެވެ.
ދެ ލަނޑުގެ ލީޑެއް ލިބުމާއިއެކު މާފުށީ ސްކޫލުން ވަނީ އެ ޓީމުގެ ގޭމަށް ބަދަލު ގެނެސް ވަރަށް ބޮޑަށް ޑިފެންސަށް އިސްކަން ދީފައެވެ. ކައުންޓާރ އެޓޭކްގައި ލަނޑު ޖެހުމަށް މަސައްކަތް ކުރަމުންދިޔަ މާފުށީ ސްކޫލަށް ފުރަތަމަ ހާފުގެ ފަހުކޮޅު ވެސް ވަނީ ރަނގަޅު ޗާންސެއް ލިބި ބޭނުން ނުކުރެވިފައެވެ.
އދ. އަތޮޅު ތަޢުލީމީ މަރުކަޒުން އުފައްދަމުންދިޔަ ހަމަލާތައް ހުއްޓުވުމުގައި މާފުށީ ސްކޫލްގެ ކީޕަރު ކުރި މަސައްކަތް ފާހަގަ ކޮށްލެވެއެވެ.
ފުރަތަމަ ހާފުގެ ކުޅުން މި ނަތީޖާއާއެކު ނިމުނުއިރު ދެވަނަ ހާފު ފަށައިގެން ރަނގަޅަށް ކުޅުނީ އދ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އަދި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުނު މިމެޗު ނިމުނީ ފުރަތަމަ ހާފުގައި މާފުށީ ސްކޫލުން ޖެހި ދެ ލަނޑާއި އެކު 2-0 އިން އެ ޓީމު މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.
މުބާރާތުގެ ޗެމްޕިއަންކަމުގެ އިތުރުން މުބާރާތުގެ ފެއާރޕްލޭ ޓީމްގެ މަގާމް ވެސް ހޯދީ މާފުށީ ސްކޫލެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް މާފުށީ ސްކޫލްގެ މޫސާ މިކިޔާލް ޝަކީބް ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އެ ސްކޫލްގެ ކޯޗް އަޙްމަދު ނައުފަލް އެވެ.

އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ މޫސާ މިކިޔާލް ޝަކީބް / ފޮޓޯ: އެފްއޭއެމް
މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންނަކީ:
އަޙްމަދު އަރޫޝް އަރީޝް (ދަރުމަވަންތަ ސްކޫލް)، އައްސީދު މުޙައްމަދު ޒާހިދު (އދ. އަތޮޅު ތަޢުލީމީ މަރުކަޒު)، އައިމަން ޢަލީ (އިމާދުއްދީން ސްކޫލް)، މުޙައްމަދު ޔަޒްދާން އަޙްމަދު (މާފުށީ ސްކޫލް)، ސާދިން ޢަބްދުއްރައްޒާގު (މަޖީދިއްޔާ ސްކޫލް)، މޫސާ މިކިޔާލް ޝަކީބް (މާފުށީ ސްކޫލް)، މުޙައްމަދު ނިޖާ ޢަބްދުއްލަތީފް (އދ. އަތޮޅު ތަޢުލީމީ މަރުކަޒު)، ޔޫސުފް ރަޔާން ރިޔާޒް (ކަލާފާނު ސްކޫލް)، ﷲޢަބްދު މުޖާހިދު ސަހީމް (އދ. އަތޮޅު ތަޢުލީމީ މަރުކަޒު)، އަޙްމަދު އިލްފް ސާދިން (ގުރައިދޫ ސްކޫލް)، ސައިމަން އަޙްމަދު ރިޒާ (މާފުށީ ސްކޫލް) އެވެ.
