އަނިޔާވުމުން އާންމުކޮށް ކުރާ ފަރުވާއެއް ކަމަށްވާ އައިސް އެޅުމާ މެދު އައު ދިރާސާއަކުން ސުވާލު އުފައްދައިފިއެވެ.
ފައި ފުރޮޅިގެން ތަނބިކަށްޓަށް ވާ ތަދުން ނުވަތަ މަސްގަނޑެއްގައި ރިއްސުމުން ތަދު ކަނޑުވައި ދުޅަ ތިރިކުރުމަށް އައިސް އެޅުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް، އައު ދިރާސާތަކުން ދައްކާ ގޮތުގައި މީގެ ސަބަބުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވެދާނެއެވެ. އައިސް އެޅުމުގެ ސަބަބުން އަނިޔާ ފަސޭހަވުން ލަސްވެ، ތަދު ދެމިގެންދާ ވަގުތު އިތުރުވުމުގެ ފުރުސަތު އޮވެއެވެ.
‘އެނެސްތީސިއޮލޮޖީ’ މަޖައްލާގައި ޝާއިޢުކޮށްފައިވާ މެކްގިލް ޔުނިވަރސިޓީގެ ދިރާސާއަކުން ދައްކާ ގޮތުގައި، ކްރަޔޯތެރަޕީ (އައިސް ބޭނުންކޮށްގެން ދޭ ފަރުވާ) އިން ފެށުމުގައި ތަދު ކަނޑުވައިދެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި، އަނިޔާ އެއްކޮށް ފަސޭހަވުމަށް ހޭދަވާ މުއްދަތު ދެގުނައަށް ވުރެ އިތުރުވާކަން ވަނީ ފާހަގަކުރެވިފައެވެ.
“މި ނަތީޖާތަކުން ފާހަގަވަނީ އާދަޔާ ހިލާފު ކަމެއް. އެއީ ކުރު މުއްދަތަކަށް ދުޅަ ތިރިކޮށް ތަދު ކަނޑުވައިދޭ ފަރުވާތަކުގެ ސަބަބުން، ހަށިގަނޑު އެއްކޮށް ފަސޭހަވުމަށް ބޭނުންވާ ބަޔޮލޮޖިކަލް މަރުހަލާތަކަށް ބައެއް ފަހަރު ހުރަސްއެޅޭކަން،” ދިރާސާގެ އިސް މުސައްނިފު އަދި އެލަން އެޑްވާޑްސް ސެންޓަރ ފޯ ރިސާޗް އޮން ޕެއިންގެ ރިސާޗް އެސޯސިއޭޓް ލޫކަސް ލީމާ ވިދާޅުވިއެވެ.
ތަދު ކެނޑުނަސް ފަސޭހަވުން ލަސްވެދާނެ
ލީމާ ވިދާޅުވި ގޮތުގައި، ދުޅަ ތިރިކުރުމަށް ބޭނުންކުރާ އާންމު އުސޫލުތަކުގެ ސަބަބުން ދާއިމީކޮށް ކުރާ އަސަރާ މެދު މިހާރު ދަނީ ސުވާލު އުފެދެމުންނެވެ. މީގެ ކުރިން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި އެސްޕިރިން ފަދަ ބޭސްތަކުގެ ސަބަބުން ތަދު ހުންނަ މުއްދަތު އިތުރުވެދާނެއެވެ. އަދި ޖަނަވާރުން ބޭނުންކޮށްގެން ހެދި ދިރާސާތަކުން ވަނީ އައިސް އެޅުމުގެ ސަބަބުން ހަލާކުވެފައިވާ ސެލްތައް އާވުން ލަސްވާކަން ހާމަވެފައެވެ.
މި އައު ދިރާސާއަކީ އައިސް އެޅުމުގެ ސަބަބުން ތަދު ދެމިގެންދާ މުއްދަތަށް ބަދަލު އަންނަކަން ހާމަވި ފުރަތަމަ ދިރާސާއެވެ. މި ހޯދުންތައް ބިނާކޮށްފައިވަނީ ކަސްރަތާ ގުޅުންހުރި އަނިޔާތަކާއި ދުޅަވުމުގެ އަނިޔާތަކަށް ހާއްސަކޮށްގެން މީދާ ބޭނުންކޮށްގެން ހެދި ތަޖުރިބާތަކެއްގެ މައްޗަށެވެ.
އާންމުކޮށް ކުރާ ފަރުވާއަކަށް ފާޑުކިޔުން
އަނިޔާވުމުން އާންމުކޮށް އަމަލުކުރާ ‘ރައިސް’ (RICE) ޕްރޮޓޮކޯލްގައި އައިސް އެޅުން ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ އަރާމުކުރުން (Rest)، އައިސް އެޅުން (Ice)، ބެންޑޭޖް އެޅުން (Compression) އަދި އަނިޔާވި ތަން، މައްޗަށް އުފުލައިގެން ބެހެއްޓުން (Elevation) އެވެ. ކުޅިވަރު ކުޅޭ މީހުންނާއި، ޑޮކްޓަރުން އަދި އާންމު މީހުންވެސް މި އުސޫލަށް ވަރަށް ބޮޑަށް ބަރޯސާވެއެވެ. ނަމަވެސް ދިރާސާވެރިން ބުނާ ގޮތުގައި މީގެ ސަބަބުން ދިގު މުއްދަތަކަށް ކުރާ ފައިދާ ސާބިތުކޮށްދޭ ހެކި މަދެވެ.
އިންސާނުންގެ މައްޗަށް ކުރާ ދިރާސާ އަދި ނުނިމޭ
“މި ނަތީޖާތަކުން އެނގެނީ ދުޅަ ތިރިކުރާ އުސޫލުތަކަކީ ފައިދާހުރި ކަންކަންތޯ ނުވަތަ ނޫންތޯ އަދި އެކަން ކުރަންވީ ވަގުތުތައް އަދަށްވުރެ ބޮޑަށް ދެނެގަންނަން ޖެހޭކަން،” ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ޕްރޮފެސަރ ޖެފްރީ މޮގިލް ވިދާޅުވިއެވެ.
މޮގިލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ހޯދުންތައް އަދި ސީދާ އިންސާނުންގެ މައްޗަށް ތަންފީޒެއް ނުކުރެވޭނެއެވެ. މިހާރު ދަނީ ވިސްޑަމް ދަތް އުފުރުން ފަދަ ކަންކަމަށް ފަރުވާ ހޯދާ ބަލިމީހުންގެ މައްޗަށް މިފަދަ އަސަރެއް ކުރޭތޯ ބެލުމަށް ކްލިނިކަލް ޓްރަޔަލްއެއް ހަދަމުންނެވެ.
