ދުނިޔޭގެ ސިއްހީ ދިރާސާ ކުރާ ފަރާތްތަކުން ފަހުގެ ހޯދުންތަކަށް ބިނާކޮށް ހާމަކޮށްފައިވާ ގޮތުގައި، ގިނަ ދުވަސްތަކަކަށް ބަހާލައިގެން މަޑުމަޑުން ބަރުދަން ލުއިކުރުމަށްވުރެ، އަވަސް މުއްދަތެއްގެ ތެރޭގައި ބަރުދަން ލުއިކުރުމުގެ ނަތީޖާ މާ ފުރިހަމައެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި، ހަލުވިކަމާއެކު ބަރުދަން ލުއިކުރާ މީހުންނަށް އެމީހުން ބޭނުންވާ ލަނޑުދަނޑިއާ ހަމައަށް ވާސިލުވުމުގެ ފުރުސަތު ބޮޑެވެ. މީގެ ކުރިން އާންމުކޮށް ގަބޫލުކުރެވިފައި އޮންނަނީ މަޑުމަޑުން ބަރުދަން ލުއިކުރުމަކީ ސިއްހީ ގޮތުން އެންމެ ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތް ކަމަށެވެ. ނަމަވެސް، އޮސްޓްރޭލިއާގެ ދިރާސާވެރިން ކުރި މި ތަހުލީލުތަކުން އެނގުނު ގޮތުގައި، އަވަހަށް ބަރުދަން ލުއިކުރާ މީހުންގެ ތެރެއިން %81 މީހުން އެމީހުންގެ ލަނޑުދަނޑި ހާސިލުކުރިއިރު، މަޑުމަޑުން ބަރުދަން ލުއިކުރި މީހުންގެ ތެރެއިން އެ އަމާޒަށް ވާސިލުވީ އެންމެ %50 މީހުންނެވެ.
މިކަމުގެ ސަބަބެއް ކަމަށް ދިރާސާވެރިން ބުނަނީ، އަވަސް މުއްދަތެއްގެ ތެރޭގައި ހަށިގަނޑަށް އަންނަ ބަދަލުތައް ފެނުމުން، އެކަން ކުރިއަށް ގެންދިއުމަށް މީހާއަށް ލިބޭ ހިތްވަރު ނުވަތަ ‘މޮޓިވޭޝަން’ އިތުރުވުމެވެ. މަޑުމަޑުން ބަރުދަން ލުއިކުރާ މީހުންނަށް ނަތީޖާ ފެންނަން ގިނަ ދުވަސް ނަގާތީ، ދެބައިކުޅަ އެއްބައި މީހުން ޑައެޓް މެދުކަނޑާލާކަން ވަނީ ފާހަގަކުރެވިފައެވެ.
މީގެ އިތުރުން، މި ދިރާސާއިން ވަނީ އަވަހަށް ބަރުދަން ލުއިކުރުމުން އަލުން ބަރުދަން އިތުރުވާ މިންވަރު އަވަސްވާނެ ކަމަށް ބުނާ ބުނުމަކީ ކޮންމެހެން ހަގީގަތެއް ނޫންކަން ވެސް ހާމަކޮށްފައެވެ. ދެ ގްރޫޕުގެ މީހުންގެ ވެސް ބަރުދަން އަލުން އިތުރުވުމުގެ ފުރުސަތު އޮތީ އެއްވަރަކަށް ކަމަށް ދިރާސާގެ ނަތީޖާތަކުން ދައްކައެވެ.
ނަމަވެސް، ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ ކޮންމެ ގޮތަކަށް ބަރުދަން ލުއިކުރި ކަމުގައިވިޔަސް، އެކަން ކުރަންވާނީ ސިއްހީ ބޭފުޅެއްގެ ލަފާގެ މަތިން، ހަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިއަންޓްސް ލިބޭނެ ފަދަ ރައްކާތެރި ގޮތަކަށް ކަމަށެވެ.
