ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައިއޯއެސް 27 ގައި ސިރީ އަލުން ފަރުމާކުރަނީ

އެޕަލް އިން އައިއޯއެސް 27 އާއެކު ސިރީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ މައިގަނޑު ބޭނުމަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޗެޓްބޮޓްގެ ޒަމާނީ ފީޗާތައް ސިރީގައި ހިމެނުމެވެ. މި ބަދަލުތަކުގެ ތެރޭގައި ސިރީއަށް ހާއްސަ އެޕެއް ތައާރަފްކުރުމާއި، އައިފޯންގެ ‘ޑައިނަމިކް އައިލެންޑް’ އާ ސިރީ ގުޅުވާލުމުގެ އިތުރުން މުޅިން އާ ފަރުމާއެއް ފެނިގެންދާނެއެވެ.

ބްލޫމްބާގްގެ މާކް ގާމަން ރިޕޯޓްކުރާ ގޮތުގައި، މިއަހަރުގެ ޑަބްލިޔުޑަބްލިޔުޑީސީ އިވެންޓް އިޝްތިހާރު ކުރުމަށް އެޕަލް އިން ބޭނުންކުރާ ކުރެހުންތަކުން ސިރީގެ އާ ފަރުމާގައި ހިމެނޭނެ ކުލަތައް ހާމަވެއެވެ. އޭނާ ފާހަގަކުރި ގޮތުގައި ޑަބްލިޔުޑަބްލިޔުޑީސީ ވެބްސައިޓުގައި ބޭނުންކޮށްފައިވާ ކުލަތަކަކީ އައިއޯއެސް 27 ގައި ސިރީގެ އެނިމޭޝަންތަކާއި ލިޔާ ތަންތަނުގައި ބޭނުންކުރާނެ ކުލަތަކެވެ.

ޑަބްލިޔު.ޑަބްލިޔު.ޑީސީ ވެބްސައިޓުގައި ފެންނަން ހުރީ ކަޅު ކުލައިގެ ފަސްމަންޒަރެއްގައި ހުދު ކުލައިގެ ‘ސްވިފްޓް’ ދޫނީގެ ނިޝާނެވެ. މީގެ އިތުރުން ފިޔާތޮށި، ގަދަ ނޫ، ދަނބު އަދި އޮރެންޖް ކުލައިގެ މަޑު ފާހަގަތަކެއް ފެންނަން ހުރެއެވެ. މި ކުލަތަކަކީ މިހާރުވެސް ސިރީ ބޭނުންކުރާއިރު ފޯނުގެ އަރިމަތިން ފެންނަ ކުލަތަކާ އެއްގޮތް ކުލަތަކެއް ނަމަވެސް، އާ ފަރުމާގައި މި ކުލަތައް ފެންނާނީ މާ ބޮޑަށް ގަދަ ނޫން، މަޑު ކުލަތަކެއްގެ ގޮތުގައެވެ.

އެޕަލް އިން މިހާރު ޓެސްޓު ކުރަމުންދާ ސިރީގެ އިންޓަފޭސް ފެންނަނީ މުޅިން ‘ޑާކް’ ކޮށެވެ. މީގައި ‘ލައިޓް މޯޑް’ އެއް އަދި ހިމަނާފައެއް ނުވެއެވެ. ސިރީގެ އާ ފަރުމާގެ ބައެއް ބައިތަކުގެ ފަހަތް ކަޅުކޮށް ހުންނައިރު، ލިޔަން ބޭނުންކުރާ ކާސަރ ހުންނާނީ ކުރިން ބުނެވުނު ކުލަތަކުން ދިއްލި ދިއްލި ހުންނަ ގޮތަށެވެ.

ޗެޓްބޮޓްތަކާ ވާހަކަދައްކާ ފަދައިން ސިރީއާ މުއާމަލާތް ކުރުމަށްޓަކައި އެޕަލް އިން ހާއްސަ އެޕެއް އުފައްދަމުންދެއެވެ. މި އެޕް ފެންނާނީ އާދައިގެ ޗެޓްބޮޓް އެޕްތަކާ އެއްގޮތަށް ނަމަވެސް، އޭގެ ފަރުމާ ހުންނާނީ އައިފޯންގެ ‘މެސެޖަސް’ އެޕާ އެއްގޮތަށެވެ. ސިރީ ބޭނުންކުރަން ފެށުމުން ‘ޑައިނަމިކް އައިލެންޑް’ ގައި ކުޑަ ބޮކިތަކެއް ފަދަ އެނިމޭޝަނެއް ފެންނާނެއެވެ. އަދި ސިރީ ޖަވާބު ހޯދަމުންދާއިރު “ސާރޗިންގ” (ހޯދަނީ) ލިޔުންކޮޅު ދިއްލިފައި ހުންނާނެއެވެ. ސިރީގެ ޖަވާބުތައް ފެންނާނީ ފުސްކޮށް އިންނަ ޕެނަލެއްގައެވެ.

ފޯނުގެ ސްކްރީންގެ މަތިން ތިރިއަށް ދަމާލުމުން، މުޅި ސިސްޓަމްގައި ސާޗް ކުރެވޭނެ އިންޓަފޭސްއެއް ހުޅުވޭނެއެވެ.

މި އިންޓަފޭސް މެދުވެރިކޮށް ސިރީއާ ސުވާލުކުރުމަށްޓަކައި ލިޔެގެން ނުވަތަ އަޑުން ބަސްމަގު ބޭނުންކުރެވޭނެ ‘ސާޗް’ ނުވަތަ ‘އާސްކް’ ބާއެއް ފެންނަން ހުންނާނެއެވެ.

އެޕަލްގެ އަމާޒަކީ ސިރީ މުޅިން އައު ފަރުމާއަކަށް ބަދަލުކޮށް، ކުރިއަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރެވޭ ފެންވަރުގެ އެހީތެރިއަކަށް ހެދުމެވެ. އެޕަލްގެ އަމިއްލަ އޭއައި މޮޑެލްތަކުން އެންމެ އެދެވޭ ނަތީޖާއެއް ނުލިބުމާ ގުޅިގެން، ސިރީގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ގޫގުލްގެ ‘ޖެމިނި’  މޮޑެލްތަކުގެ ލައިސަންސް އެޕަލް އިން ވަނީ ހޯދާފައެވެ. ޖެމިނިގެ އެހީތެރިކަމާއެކު، ގޫގުލް އިން އޭއައި ދާއިރާގައި ފޯރުކޮށްދޭ ގިނަ ފީޗާތަކެއް ސިރީގެ ޒަރީއާއިން އެޕަލް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

އައިއޯއެސް 27 ރަސްމީކޮށް ތައާރަފްކުރާނީ 8 ޖޫން 2026 ގައި ބާއްވާ ޑަބްލިޔު.ޑަބްލިޔު.ޑީސީގެ ކީނޯޓް އިވެންޓުގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top