“އެހެންވީމަ.. އޭރު އިބްރާހީމްބެ ދެއްކި ވާހަކަތަކުގެ އަސްލަކީ މިއީދޯ؟ އެ ރަތް ފިނިފެންމަލާއި ކުޅުނު ފަހުން ދިމާވި ކަންތަކުގެ އަޑީގަ ހުރި މީހަކީ މިއީދޯ؟” ސުވައިލާ ބަލައިލީ ނިހާމް އަށެވެ.
ސުވައިލާގެ ވާހަކަތަކަށް އެއްބަސްވާ ފަދައަކުން ނިހާމް ބޯ ޖަހައިލިއެވެ. ސުވައިލާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އަސީލްއާ ދިމާއަށް ދެވަނަ ފަހަރަށް ބަލައިލި ސުވައިލާގެ ކިބައިން ފެނުނީ އިންތިހާ ދަރަޖައިގެ ރުޅި އާއި ނަފުރަތެވެ.
ހޭވެރިކަން ވީއިރު ވާނެއެއްޗެއް ވެއްޖެއެވެ. އަސީލަށް ވަޖުދީ ހެދީ ދޮގެވެ. އޭނާއަކީ ސިހުރުވެރިއެކެވެ. އޭނާ އަސީލަށް ދެއްކީ އަވާމެންދުރެވެ. ނުބައިވެގެންވީ ފަންޑިތަ އާއި ސިހުރުން އޭނާ ވަނީ އަސީލަށް އެތައް ހުވަފެނެއް ދައްކައިފައެވެ. އޭނާ ބޭނުންވީ ފައިސާ އެވެ. އަސީލްގެ ފަރާތުން އޭނާ ބޭނުންވި ވަރަށް ފައިސާ ލިބުނެވެ. އެކަމުގެ އަޑީގައި އެހެން ސިއްރެއް ވާކަމެއް އަސީލަކަށް ނޭނގެއެވެ. އޭނާ ބޭނުންވި ކަންތައް ހާސިލުވުމާއިއެކު ވަޖުދީ ފުރައިގެން ހިނގައްޖެއެވެ.
އަސީލަށް ފަރުވާ ކުރުމުގެ މަސައްކަތް ޖަމްޝީދު ފެށިއެވެ. ކަންކަން ގޮސްފައިވަނީ ވަރަށް ގޯސް ހިސާބަކަށެވެ. ކާމިޔާބަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކިތަންމެހާ ވެސް ބޮޑެވެ. ހީނުކުރާވަރުގެ ނުރައްކާ އޮޅިތައް ގިރާކުރަން ޖެހެއެވެ.
ފެށިއިރު ވެސް އެ މަސައްކަތް ފަސޭހަ ނުވާނެކަން ޖަމްޝީދަށް އެނގެއެވެ.
ސުވައިލާގެ ސިފައިގައި އަސީލްއާ ބައްދަލުކުރި މަޚުލޫޤު އިނީ އަސީލްގެ ދަރިއަކަށް ބަލިވެއެވެ. އެކަމެއް ހިނގީ އެ މަޚުލޫޤުގެ ރުހުމުގައެއް ވެސް ނޫނެވެ. އެންމެ ފުރަތަމަ ބައްދަލުވުމުގައި ވެސް އަސީލް ވަނީ އޭނާ ބޭނުންވި ކަންތައް ހާސިލުކޮށްފައެވެ. އެއީ އޭނާގެ އާރާއި ބާރުގެ ބޭނުންކޮށްގެންނެވެ.
ދުވަހުގެ މެންދުރެއްކަން ހާއިރެވެ.
މަޒީދާ ރަށަށް އައީ ސްކޫލް ޗުއްޓީއަށެވެ. އޭނާއާއެކު އޭނާގެ ފިރިމީހާ ސަލީހު އާއި ދަރިފުޅު މާއިނާ ވެސް އައެވެ.
ސަލީހުއާ ބެހޭ މަޢުލޫމާތު ވާޝިޔާއަށް ލިބުނީ މަޒީދާގެ މަންމަ ފަރާތުންނެވެ. ހިނގައިގެން އުޅޭ ހާދިސާގެ މަޢުލޫމާތު މަޒީދާއަށް ފޯރުކޮށްދިނީ ވާޝިޔާއެވެ. ކިރިޔާ ވެސް އެހީތެރިކަމެއް ދެވެން އޮތްނަމަ އެކަން ކޮށްދިނުމަށް ވާޝިޔާ އެދުނެވެ. ތަކުރާރުކޮށް އެވާހަކަތައް ދައްކައި އާދޭސް ވެސް ކުރިއެވެ.
ޖަމްޝީދު އާއި ސަލީހު ބައްދަލުކުރީ ޖަމްޝީދުގެ ގެއިންނެވެ. ދެމީހުންގެ މެދުގައި އެތައް ވާހަކައެއް ދެކެވުނެވެ. ސަލީހު ބޭނުންވި ހުރިހާ މަޢުލޫމާތެއް ޖަމްޝީދުގެ ފަރާތުން ލިބުނެވެ. ޖަމްޝީދު ބޭނުންވި އެހީތެރިކަމާއި އެއްބާރުލުން ދޭން ސަލީހު ހުރީ ތައްޔާރަށެވެ.
އަސީލް އާއި ސަލީހު ބައްދަލުކުރިއެވެ. އިތުރަށް އޮޅުންފިލުވަން ސަލީހް ބޭނުންވި ކަންކަން އަސީލް އޮޅުންފިލުވައިދިނެވެ.
ކޮންމެ ކަމެއް އެންމެނަށް އެނގޭކަށް އަދި އަންގާކަށް ވެސް ނުޖެހެއެވެ. ބައެއް ކަންކަން ސިއްރެއްގެ ގޮތުގައި ބާއްވަން ޖެހެއެވެ. އެއީ އެކަމުގެ ބާވަތުންނާއި ހާލަތުންނެވެ.
ސަލީހު އޭނާގެ މަސައްކަތް ފެށިއެވެ. އެހީތެރިކަމަށް ބޭނުންވެ އޭނާ ދިއްކޮށްލި އަތުގައި މަޖުދީ ހިފިއެވެ. ބޭނުންވި ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދޭން ކަރީމް ހުރީ ތައްޔާރަށެވެ.
އެއް މަޤުސަދެވެ. ދެމީހުން ދެތަނެވެ. ދެ މަސައްކަތް ވެސް ތަފާތެވެ. ކަރީމާއި މަޖުދީގެ އެހީތެރިކަމާއިކު ސަލީހު ގަބުރުސްތާނަށް ވަނެވެ. ބަލަން ބޭނުންވި ކަންކަން އަމިއްލައަށް ބެލިއެވެ. ޔަގީން ކުރިއެވެ.
އެކަމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވާން އަސީލް ހުރީ ތައްޔާރަށެވެ. އެނޫން ގޮތެއް އޭނާއަކަށް ނުވެސް ނެތެވެ. ކުރީއްސުރެ އާންމުކޮށް ކުރަމުން އައިކަމަކަށް ނުވާތީ ކުރަން އުނދަގޫވި ނަމަވެސް، ނަމާދުގެ ޖަމާއަތަށް ދާން ފެށިއެވެ. ޤުރުއާން ކިޔަވަން ފެށިއެވެ. ދުޢާތައް ކިޔުމަށް ސަމާލުކަން ދިނެވެ. މަސައްކަތް ފެށުމާއިއެކު އަސީލަށް ބަދަލުތައް އަންނަން ފެށިއެވެ.
ސަލީހުގެ މަސައްކަތަކީ ހަދާފައިވާ ސިހުރު ނައްތާލުމެވެ. ކުރަން އުނދަގޫ ވިޔަސް އޭނާއަށް އެކަން ވާނެއެވެ. އެ ޔަގީންކަން އޭނާއަށް އޮތެވެ.
ނިހާމް އާއި މަޒީދާއަކީ އެކުގައި ތަޢުލީމީ ހަޔާތް ނިންމި ދެ އެކުވެރިންނެވެ. އެ ދެމެދުގައި އޮތް ގާތްކަމާއި އެއްވަރަށް އެ ދެމެދުގައި ޢާއިލީ ގުޅުން ވެސް އޮތެވެ. ސުވައިލާގެ ދެމަފިރިންނާއި ސަލީހުގެ ދެމަފިރިން ބައްދަލުކުރީ ކޮފީއަކުންނެވެ.
ސަލީހު ދެއްކި ވާހަކަތައް ނިހާމްގެ ދެމަފިރިން ކަނުލައި އަޑުއެހިއެވެ. އެކަމަށްޓަކައި ދޭންޖެހޭ އެހީތެރިކަމާއި އެއްބާރު ދިނުމަށް އެއްބަސް ވެސް ވިއެވެ.
ރަށުތެރެއަށް ވެރިވި ނާމާންކަމާއި ކަންބޮޑުވުމުގެ އަސަރުތައް މަޑުމަޑުން ފިލައި ދިޔައެވެ. ކަމެއް ނުވާހާ ހިނދަކު އަނެއްކާ ވެސް އެކަން އޮންނާނީ އެހެނެވެ. އެކަމާއިމެދު ވިސްނާ މީހަކު ކަންބޮޑުވާ މީހަކު ނުހުންނާނެއެވެ. ކަމެއް ދިމާވީމާ އަނެއްކާ ވެސް އެކަމާއި ތެޅިގަންނާނީއެވެ.
ހެނދުނު ހައެއް ޖަހާކަން ހާއިރެވެ. އަލިދީ އައިސް ހޮޓަލަށް ވަތްއިރު މަގުދީ އާއި ބާސިމު ތިބީ ކޮފީ ބޯށެވެ.
ކޮފީއަކަށް އޯޑަރު ދެމުން އަލިދީ ގޮސް އެ މޭޒު ކައިރީ އިށީނެވެ.
“އަނެއްކާ އަނެއް ކަމެއް މި ފެށެނީ.. މިފަހަރު ކިހާވަރަކުން ދާނެބާ؟” އަލިދީ ބަލައިލީ މަގުދީ އަށެވެ.
“މިހާރު ކިހިނެއްވީ؟ ކޮން ކަމެއް ފެށީ؟” ބާސިމު ވެސް ނިންމައިލީ ސުވާލަކުންނެވެ.
“އެއުޅޭ ނިހާމްއާ މަޒީދާގެ ފިރިމީހާ އެބައުޅޭ އެގޭ ގޯތިތެރެ ކޮނެ. ކޮންމެވެސް ފަންޑިތައެއް ނަގަނިއްޔޯ؟” އަލިދީގެ ހިތްހަމަނުޖެހުން ހައްތަހާ ވީ އިތުރެވެ.
“ސާބަސް ކަލެއަށް. މީހަކު ހަމަ އެއްޗެކޭ ބުނެލާއިރަށް ކަލޭ ވާނެ ޤަބޫލުކުރަން.. އެމީހުން އެއުޅެނީ ނިހާމްމެން އަލަށް ހެދި ކޮޓަރިއަށް ފެނާއި ނަރުދަމާ ވައްދަން. އަށެއް ޖަހާއިރު ނިހާމް އޮފީހަށް ދާން ޖެހޭތީއާ، އެ ސޮރަކީ އެކަހަލަ ކަންތައް ކޮށްއުޅޭ ސޮރަކަށް ވާތީ އަވަހަށް އެކަން ނިންމާލަން މިގަޑީ އެ ފެށީ.” ވާހަކަ ދައްކަމުން ދައްކަމުން މަގުދީ ބަލައިލީ ބާސިމު އަށެވެ. މަގުދީގެ ވާހަކައަށް އެއްބަސްވަމުން އެއީ ތެދެކޭ ބާސިމު ބުންޏެވެ.
ސަލީހު އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައިރު، ޖަމްޝީދު ވެސް އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ކަންކަން ގޮސްފައިވާ ހިސާބުގެ ގޮތުން، ހައްލުކުރަން ގިރާކުރަން ޖެހޭ ހުރަސްތައް ގިނައެވެ.
“މަޑުމަޑުން ކުރިއަށް އެބަދޭ.. ހީވަނީ ހަފުތާއެއްހާ ދުވަސްތެރޭ ދެން ހުރިބައި ނައްތާލެވޭނެހެން.” ޖަމްޝީދާއި ސަލީހު ބައްދަލުކުރީ މިސްކިތުން ފޭބިގަޑީ އެތާ ކައިރިންނެވެ.
“ބުނާގޮތަށް ޢަމަލުކުރަންޏާ އޭނާއަށް މިކަމުން ސަލާމަތް ވެވޭނެ. އިންޝާ ﷲ.” ޖަމްޝީދު ހާމަކުރީ އޭނާއަށް އޮތް ޔަގީންކަމެވެ. އެފަދަ އެތައް ތަޖުރިބާއެއް އޭނާ ކޮށްފިއެވެ. މިއަށްވުރެ މާ ނުރައްކާތެރި ކަންކަމާއި ވެސް އޭނާ ކުރިމަތިލައިފިއެވެ. ތަކުރާރުކޮށް އެތައް ކާމިޔާބީއެއް ހޯދައިފިއެވެ.
ކޮންމެ ކަމެއްގައިހެން ދެކޮޅު އޮވެއެވެ. އަސީލަށްޓަކައި ސަލީހާއި ޖަމްޝީދު ކުރަމުންދިޔަ މަސައްކަތް ވަރަށް ގާތުން ބަލަމުން ދިޔަ ފަރާތެއް ވެއެވެ. އެކަން އެހެން ވެދާނެކަން އެ ދެ މީހުނަށް ވެސް އެނގެއެވެ. ތަކުރާރުކޮށް އެތައް ފަހަރަކު އަސީލް ކައިރީ އެވާހަކަ ދައްކައި އެތައް ނަސޭހަތެއް ދީފިއެވެ. ސަމާލުކަން ދޭންވީ ކަންކަމާއި ހަނދާން ނައްތާލައިގެން ނުވާނެކަން ތަކުރާރުކޮށް ހަނދާން ކޮށްދެމުން ދިޔައެވެ.
ހުޅަނގުފަރާތު އުދަރެހުން ފާއްދާލި މަޑު ރަތްކުލަ އާއި ގަދަ ފިޔާތޮށިކުލަ ގުޅުނެވެ. ރަންރީނދޫކުލަ އާއި އޮރެންޖްކުލަ އެތަނުން ފާޅުވިއިރު ފަނޑުފަނޑު ދަނބުކުލައެއް ވެސް ފެންނަން ހުއްޓެވެ. ގަދަ ނުލާއި މަޑު ނޫކުލަ ވެސް ކޮންމެވެސް ވަރަކަށް ފެނެއެވެ. ރަށުތެރެއަށް ފެތުރެމުންދިޔަ އަނދިރިކަމާއިއެކު ހަމަހިމޭންކަން ދިޔައީ އިތުރުވަމުންނެވެ. އިރުއޮއްސުމުގެ ކުރިން ގެއަށް ވަންނަން އިސްކަން ދިން މީހުން އެމީހުންގެ ވާޖިބާއިގެން އަވަސްވެގަތެވެ.
ކޮޓަރި ސާފުކޮށް ނިންމާލުމަށްފަހު، އަސީލް އަވަސްވެގަތީ ފެންވަރާށެވެ. ކޮޓަރި ސާފު ކުރިއިރު ފަސޭހައަކަށް ބޭރަށް ނެރުނު ބައެއް ތަކެތި އަދިވެސް ހުރީ ބޭރުއެވެ.
ކުއްލިއަކަށް ބޮލުގައި ރިއްސައިގަތީ މަޣްރިބު ނަމާދަށް ދާން ގެއިން ނުކުންނަން އުޅެނިކޮށެވެ. ކެތްކޮށްލަން އުނދަގޫވި އެ ތަދާއިއެކު މީހާ އެނބުރުން އަރައިގެން ވެއްޓިދާނެހެން ވެސް ހީވި އެވެ. އަވަހަށް ސޯފާގައި އިށީނދެލީ އެހެން ގޮތެއް ނެތިގެންނެވެ.
ގޭގައި އަސީލް ފިޔަވައި އެހެން އެއްވެސް މީހަކު ނެތެވެ. މަޒީދާ އައިސް ގޯތިތެރެއަށް ވަނީ އެވަގުތެވެ. ވަށައިގެން ހޯދާލަމުން އައިސް ގެއަށް ވަތް މަޒީދާއަށް އަސީލް ފެނުމާއިއެކު އަވަސްއަވަހަށް އެދިމާއަށް އައެވެ.
“ކިހިނެއްވީ؟ މާބޮޑަށް ބޮލުގައި ރިއްސަނީތަ؟ ހިނގާ ކޮޓަރިއަށް ރެސްޓްކޮށްލަން. އަހަރެން ހެލްޕު ވާނަން.” އަސީލާއި ދިމާއަށް ގުދުވަމުން މަޒީދާ ވާހަކަދެއްކިއެވެ.
މަޒީދާއަށް ދިމާއަށް ބަލައިލި ވަގުތު ފެނުނު މަންޒަރާއިއެކު އަސީލްގެ ކަޅި ހުއްޓުނެވެ. އެހެން ހުރިހާކަމެއް ހަނދާނުން ފިލައި ދިޔައެވެ. ލައިގެން ހުރި ޓީޝާޓްގެ ކަރުވަޅު ރަނގަޅު ކުރާކަށް މަޒީދާ ނޫޅެއެވެ. އަސީލަށް ބަލައިލަމުން ހިނިތުންވެލި އެވެ. އެ ހިނިތުންވުން އަސީލްގެ ވިސްނުމާއި ޚިޔާލާއި ކުޅެލިއެވެ. މަޒީދާގެ އެހީއާއެކު އަސީލް ކޮޅަށް ތެދުވިއެވެ. އަސީލް ކޮޓަރިއަށް ދިޔައީ މަޒީދާގެ އެހީތެރިކަމާއިއެކުއެވެ.
މަޒީދާގެ ފަރާތުން ފެނުނު ގާތްކަން އަސީލްގެ ވިސްނުން ތަޣައްޔަރު ކޮށްލިއެވެ. އެ ބީހުންތައް އޭނާގެ ހިއްސުތަކަށް ބާރު ފޯރުވި އެވެ. މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެއެވެ.
އެނދުގައި އިށީންނަން މަސައްކަތްކުރި ވަގުތު އަސީލް ކޮށްލި ހަރަކާތާއިއެކު އެނދުމައްޗަށް ވެއްޓުނީ ދެމީހުން އެކުގަ އެވެ. އަސީލް އޮތީ މަޒީދާގެ ގައިމަތީއެވެ. ލިބުނު ފުރުސަތާއިއެކު އަސީލްގެ ހަރަކާތް އަވަސްވިއެވެ.
“މީހަކަށް ފެނިދާނެ.” މަޒީދާ ބަލައިލީ ކޮޓަރީގެ ދޮރާއި ދިމާއަށެވެ.
އަސީލް އަވަސްއަވަހަށް ތެދުވެގެން ގޮސް ކޮޓަރީގެ ދޮރުލައްޕައި ތަޅުލިއެވެ.
އެނދާއި ދިމާއަށް އައި އަސީލަށް މަޒީދާ ދައްކައިލީ ކޮޓަރީގެ ލައިޓެވެ. ހަށިގަނޑުން ބައެއް ހާމައަށް އޮތް މަޒީދާގެ މޫނުމަތިން ފާޅުވީ ލަދުވެތިކަމެވެ.
ވީގޮތް ވިސްނުމާއިއެކު އަސީލް ގޮސް އެ ލައިޓްތައް ނިވާލައި ނިދާބޮކި ދިއްލިއެވެ. ކޮޓަރިތެރެއަށް ވެރިވި ފަނޑު އަލިކަމާއިއެކު މަޒީދާގެ ކިބައިން ހިތްހަމަޖެހުމެއް ފެނުނެވެ.
އަސީލް ބޭނުންވި ފުރުސަތު މަޒީދާ ދިނެވެ. އެއްވެސް ލަދުވެތިކަމެއް ޖެހިލުމެއްނެތި މަގު ފަހިކޮށްދިނެވެ. އެ ފުރުސަތަށް ފެންބޮވައިގެންފައިވަނީ އަސީލް އެކަންޏެއް ނޫނެވެ. މަޒީދާ ވެސް އެވަރެވެ.
(ނުނިމޭ)
