ޒޯޔާ ކާރަށް އަރާ ދުއްވާލިއެވެ. އަޔާންވެސް އޭނާގެ ގެއިން ނުކުމެ ކާރުގައި ދުއްވާލިއެވެ. ދެމީހުންގެ މަންޒިލަކީ އެއް މަންޒިލެކެވެ. ހުރިހާ ޝަކުވާއެއް އެއްފަރާތްކޮށްލާފައި އާ ފެށުމަކުން ފެށުމުގެ ވަގުތު އައީއެވެ. ދެމީހުންގެ ހިތްވެސް ވަނީ އަވަސްވެފައެވެ. ބައްދަލުވުމުގެ ކެތްތެރިކަން ކުޑަވެފައެވެ.
އަޔާން ޒޯޔާއަށް ގުޅިއެވެ. ޒޯޔާ ފޯނު ނަގައި ސްޕީކަރަށް ލާފައި ސީޓު މަތީ ބޭއްވިއެވެ. ދެމީހުންވެސް ލޯބީގެ ވާހަކަތައް ދައްކަމުން، ކެތްތެރިކަމެއް ނެތި ދަތުރު ދިގުވެގެން ކުރިއަށް ދިޔައިރު، ދެމީހުންނަށްވެސް ކާރުގެ ދުވެލި ބާރުކުރެވޭ ކަމެއް އިޙުސާސެއް ނުކުރެވެއެވެ. ކުއްލިއަކަށް މަގަކުން ނުކުތް ކާރާއެކު ޒޯޔާގެ ހަޅޭކުގެ އަޑު އަޔާންއަށް އިވުނެވެ. ދެ ކާރު ޖެހުނު އަޑުފަށްގަނޑާއެކު އަޔާންގެ ސަމާލުކަން މަގުން ކައްސާލައި ފޯނަށް ދެވުނެވެ.
“ޒޯޔާ!” އަޔާން ހަޅޭއްލަވައިގަތް ވަގުތު އޭނާގެ ކާރު އެނބުރިގަނެގެން ދިޔައެވެ. ދެން ވީގޮތެއް އޭނާއަކަށް ނޭނގުނެވެ.
އިސާހިތަކު މީހުން އެއްވާން ފަށައިފިއެވެ. މުޅި ތަނުގައި ލޭގެ ކޯރެއް ހެދުނުއިރު ކާރުގެ ކުރީކޮޅު އޮތީ ފުނޑުފުނޑުވެފައެވެ. ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާއިރު، އަޔާންގެ ގައިގެ އެތަން މިތަނަށް ބިއްލޫރިކޮޅުތައް ވަދެފައިވެއެވެ. އޭނާގެ ހޭވެރިކަމެއް ނެތެވެ.
“އަވަހަށް އެމްބިއުލާންސަކަށް ގުޅާ.” އެތަނުން އެކަކު ބާރު އަޑުން ގޮވާލިއެވެ.
“އަވަހަށް ފުލުހުންނަށް ގުޅާ.” އެހެން މީހަކު ބުނެލިއެވެ.
ފުލުހުންނާއި އެމްބިއުލާންސަށް އެތަނަށް އާދެވުނީ އެކުއެކީގައެވެ. ކާރުގެ ދޮރުފަތްގަނޑު ނައްޓާލައިގެން އަޔާން ހޮސްޕިޓަލަށް ގެންދިޔައިރު، އަނެއްކޮޅުން ޒޯޔާވެސް އޮތީ ހަމަ އެފަދަ ހާލަތެއްގައެވެ. އޭނާގެ މުޅި މޫނު ލެއިން ފޯވެފައި ހަށިގަނޑުގައި ގިނަ ޒަޚަމްތަކެއް ހުރިއިރު، އޭނާގެވެސް ހޭވެރިކަމެއް ނެތެވެ. އޭނާވެސް ހޮސްޕިޓަލަށް ގެންދިޔައިރު ހާލަތު ވަރަށް ނާޒުކެވެ.
އެމަޖެންސީ ހާލަތުގައި ދެމީހުންވެސް އޮޕަރޭޝަނަށް ވެއްދިއިރު، ޑޮކްޓަރުން ތިބީ ތައްޔާރަށެވެ. ޒޯޔާގެ އޮޕަރޭޝަން ޑޮކްޓަރު ފައިސަލް އޮޕަރޭޝަން ފެށުމަށް ގާތްވި ވަގުތު ޒޯޔާގެ މޫނު ފެނުމުން ހުއްޓުން އެރިއެވެ. ނަމަވެސް ވަގުތުގެ ނާޒުކުކަމާއި އޭނާގެ އިންސާނީ ވާޖިބައިގެން އަވަސްވެގަތެވެ.
ގިނަ ގަޑިއިރުތަކަކަށް ދެމިގެންދިޔަ އޮޕަރޭޝަނަށްފަހު ޑޮކްޓަރު ފައިސަލް ނުކުތްއިރު އޭނާގެ ހިތުގެ ހައިޖާނުގަނޑު ކިހާ ބޮޑުކަން އެކަކަށްވެސް ނޭނގެއެވެ. އޭނާގެ މޫނުމަތިން ސާބިތުކަން ދެއްކި ނަމަވެސް އޭނާ ހުރީ ހިތާއި ސިކުނޑީގެ ހަނގުރާމައާ ހެދި ވަރުބަލިވެފައެވެ.
ފައިސަލް ފެނުމާއެކު އާފިޔާއަށް ހުއްޓުން އެރިއެވެ. އަދި އެވަގުތު ދުވަމުން ކަހަލަ ގޮތަކަށް އައިސް އެތަނަށް މަޑުކުރި އާފިޔާގެ ފިރިމީހާ ނަސީރަށްވެސް ވީ ހަމަ އެފަދަ ގޮތެކެވެ.
“ފައިސަލް! ކަލޭ ލަންޑަންގައެއް ނޫންތަ؟” ނަސީރު ކުޑަކޮށް ހައިރާންވެފައި އަހާލިއެވެ. އޭނާ ބޯޖަހާލިއެވެ.
ކުއްލިއަކަށް އާފިޔާ ރޮއިގަންނަމުން ގޮސް ފައިސަލް ގައިގައި ބައްދައިގަތެވެ. ފައިސަލް އާފިޔާގެ ކޮނޑުގައި ފިރުމާލަމުން ހިތްވަރުދިނެވެ.
“އޭނައަކަށް އެއްވެސް ކަމެއް ނުވާނެ. އަހަރެން މިހިރީނު.” ފައިސަލް ބުންޏެވެ. އަދި އާފިޔާ އޭނާގެ ގަޔާއި ދުރުކޮށްލިއެވެ.
“ފައިސަލް. އަހަރެންގެ ދަރިފުޅު ކިހިނެއް؟” ނަސީރު އަހާލިއެވެ. ފައިސަލް ކުޑަކޮށް ހިންދިރުވާލައި ހަމަޖެހިލިއެވެ.
“ފައިސަލް. ދޮގުނުހަދާ ތެދުތެދަށް ބުނައްޗޭ. އަހަރެންގެ ދަރިފުޅު ކިހިނެއް؟” ނަސީރު އަނެއްކާވެސް އެހިއެވެ.
“އަހަރެމެން ކުރިން ކިތަންމެ ގާތްވެފައި ކިތަންމެ ރަނގަޅަށް ދަންނަ ބަޔަކަށް ވިޔަސް، މިވަގުތު އަހަންނަކީ ހަމައެކަނި ޑޮކްޓަރެއް. އަހަރެން ގާތް ބައެކޭ ކިޔާފައި ހިތްހަމަޖައްސައިދޭން ދޮގެއް ނުހަދާނަން. އަދި ކަމެއް ސިއްރެއްވެސް ނުކުރާނަން. އެއީ އަހަރެންގެ ވާޖިބާ ޚިލާފު ކަމެއް.” ފައިސަލް ވަރަށް މަޑުމައިތިރިކަމާއެކު ބުންޏެވެ. ނަސީރު ބޯޖަހާލިއެވެ.
“ޒޯޔާއަށް ވަރަށް ބޮޑަށް އަނިޔާ ލިބިފައި ހުރީ. ޚާއްސަކޮށް ބޮލަށް. އޮޕަރޭޝަން ކާމިޔާބު. ފުރާނައަށް ނުރައްކަލެއް ނެތް ނަމަވެސް އަދި ވަކި އެއްޗެއް ބުނަން ދަތި. އިތުރު އެއްޗެއް ބުނަން އެނގޭނީ ހޭއެރީމަ. އެހެންވީމަ ގިނަގިނައިން ދުޢާކުރޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” ފައިސަލް އެހެން ބުނުމަށްފަހު ދިޔައީ އޭނާގެ އިތުރު މަސައްކަތްތަކަށެވެ.
“ފައިސަލްއަކީ އަހަރެންގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން މާތް ﷲ މެދުވެރި ކުރެއްވި މީހެއް. އެހެންވެ މިއޮއް ހުރިހާ ދުވަހު ލަންޑަންގައި ހުރެފައި ރާއްޖެ އައިސް، އޭނަ އުޅޭ ހޮސްޕިޓަލަށް އަހަރެމެންގެ ދަރިފުޅު ގެނެވި، އޭނަގެ އަތުން އޮޕަރޭޝަން ކުރެވުނީ.” އާފިޔާގެ ހިތް ވަނީ ޝުކުރުން ފުރިފައެވެ.
“އެކަމަކު ކިހިނެއްވީ އެކްސިޑެންޓެއް؟ އަހަރެން ލަފައިގެން ގެއަށް އައިތަނާ މަންގަލާ ބުނީ.” ނަސީރު އެހިއެވެ.
“މީ ހައްތާވެސް އެ އަޔާންގެ ކަންތައް. އޭނަގެ ސަބަބުން މިހެން މިވީ. އޭނަގެ ސަބަބުން އަހަރެމެންގެ ދަރިފުޅަށް މި ހުރިހާ ދެރައެއް މި ލިބެނީ.” އާފިޔާ ރުޅިވެރިކަމާއެކު ބުންޏެވެ.
“އަޔާންއޭ!” ނަސީރު ހައިރާންވެފައި ބުނެލިއެވެ.
“އާނ. އޭނަ އަމިއްލައަށް ޒޯޔާ ފޮނުވާލާފައި. އަމިއްލައަށް ނުގުޅިނަމަ ޒޯޔާއެއް ނުދިޔައީސް.” އާފިޔާ ހުރިހާ އިލްޒާމެއް އެޅުވީ އަޔާންގެ ބޮލުގައެވެ.
އެވަގުތު އާފިޔާގެ ލޮލުގައި އަޅައިގަތީ ވަރަށް ހާސްވެފައި ދުރުގައި ގޮނޑިއެއްގައި ތިބި އަފްޒާ އާއި ރިޔާޒެވެ. އެމީހުން ފެނުމުން އާފިޔާއަކަށް ކެތެއް ނުކުރެވުނެވެ. ބާރު ހިނގުމެއްގައި އެދިމާލަށް ދާން ފެށުމުން ނަސީރުވެސް އޭނާގެ ފަހަތުން ދިޔައެވެ. އާފިޔާ އެ ދާގޮތަށް ގޯހެއް ހަދާނެކަން ނަސީރަށް ޔަޤީނެވެ. ވުމާއެކު އޭނާ އާފިޔާގެ އަތުގައި ހިފަހައްޓައި ހުއްޓުވިއެވެ.
“އާފިޔާ. މީ ހޮސްޕިޓަލޭ. މިތާނގަ އަޑުގަދަކޮށް ޑްރާމާގަނޑެއް ހިލުވާލަން ނޫޅެބަލަ.” ނަސީރު އާފިޔާ މައިތިރިކުރެވޭތޯ ބެލިއެވެ.
“ދޫކޮށްލާ އަހަރެންގެ ގައިން. އެމީހުން ހިތް ނުފުރިގެން އެއައީ އަހަރެމެންގެ ދަރި ދުނިޔޭގައި ހުރިތޯ ނެތްތޯ ބަލަން. އެމީހުންނަށް އެމީހުންގެ އަސްލު ފެންވަރު ދައްކަން އެބަޖެހޭ. ދޫކޮށްލާށޭ!” އާފިޔާ ހީވަނީ ހޭބުއްދި ފިލާފައިވާހެންނެވެ. އޭނާއަކަށް އެހެން މީހަކު ދައްކާ އެއްވެސް ވާހަކައެއް ނުވިސްނެއެވެ.
އެއްލި ކަޅިއަކުން އަފްޒާއަށް އާފިޔާ ފެނުނެވެ. އޭނާ ރިޔާޒްގެ ގައިގައި ކޮއްޓާލާފައި އާފިޔާ ދައްކާލިއެވެ. އަދި ދެމީހުން އެކުގައި އެދިމާލަށް ހިނގައިގަތެވެ.
“ދައްތަ މިތާ؟” އަފްޒާ އަހާލިއެވެ.
“ކަލޭމެން މާ ނޭނގޭ ކަމަށް ހަދައިގެން އައިސް އަހަންނަށް ބަހުން ޖަހާނެ ކަމެއް ނެތް އިނގޭ އަފްޒާ. އަހަރެންގެ ޒޯޔާއަށް ކަމެއް ވެއްޖެއްޔާ އަހަރެން ކަލޭމެން އެކަކުވެސް ދޫކޮށެއް ނުލާނަން.” އާފިޔާ ހަޅޭއްލަވައިގަތެވެ.
“ކީކޭ؟ ޒޯޔާ.. ޒޯޔާއަށް ކިހިނެއްވީ؟” އަފްޒާ އަވަސްއަވަހަށް އެހިއެވެ.
“ގޮސް ކަލޭގެ ލޯބިވާ ޅިޔަނު ގާތު އަހާބަލަ. އޭނަގެ ސަބަބުން މިއަދު އަހަރެންގެ ދަރިފުޅު މަރާ ހަނގުރާމަ ކުރަނީއޭ އެ.” އާފިޔާގެ އަޑު ބާރެވެ. އަފްޒާއަށް އަނގަމަތީ އަތް އަޅާލެވުނެވެ.
“އަދި ލަދެއް ނެތިގެން އަހައިފިޔެއްނު ކިހިނެއްހޭ ވީ؟ އެއްވެސް އެއްޗެއް ނޭނގޭކަމަށް ހަދައިގެން އައިސްފިއެއްނު މާ ހެޔޮކަމަށް ދެއްކެން.” އާފިޔާ ހީވަނީ އެއްފަހަރުން އޭނާގެ ހިތުގައި ހުރި ހުރިހާ ރުޅިއަކާއި ނަފުރަތެއް ބޭރުކޮށްލަން އުޅޭހެންނެވެ.
“އާފިޔާ! ހަމަޖެހިބަލަ. މީ ހޮސްޕިޓަލޭ.” ނަސީރު އަދިވެސް އާފިޔާ މައިތިރިކުރެވޭތޯ ބެލިއެވެ.
“ރިޔާޒް. އަހަންނަށް ރަނގަޅީ ކަލޭމެން މިތަނުން ދިޔައިއްޔާ.” ނަސީރު ބުންޏެވެ.
“އަހަރެމެން ކީއްވެ ދާން ޖެހެނީ؟ މުއްސަނދިންނަށް ނުވީމަ؟ އަހަރެންވެސް ވަރަށް މަސައްކަތްކޮށްފިން އެއްޗެކޭ ނުބުނެ ހުރެވޭތޯ. ތީ އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮގެ އަނބިމީހާގެ މައިންބަފައިންނަށް ވީމަ. އަހަރެންނަށްވުރެ އުމުރުން ދޮށީ ވީމަ. އެކަމަކު އަހަންނަށް ހީވަނީ ކަލޭމެންނަށް އިޙުތިރާމު ކުރުމަކީ ބޭކާރު ކަމެއްހެން. އެއީ ކަލޭމެންނަކީ އެހެން މީހުންނަކީ އެއްވެސް ބައެއް ނޫންކަމަށް ދެކޭ ބައެއް ވީމަ. ބަލަ ކަލޭމެންގެ ދަރިފުޅު އެކަންޏެއް ނޫނޭ މަރާ ހަނގުރާމަ ކުރަނީ. އަޔާންވެސް އޮތީ ހަމަ އެހާލުގައި. އަދިވެސް ހޭނާރާ.” ރިޔާޒް ގާތަށްވެސް ރުޅިއައެވެ.
ރިޔާޒްގެ ވާހަކައިން ނަސީރަށް ހައިރާންކަމެއް ލިބުނެވެ. ރިޔާޒް ދުވަހަކުވެސް އެމީހުންނާ އެގޮތަށް ވާހަކަދައްކާފައެއް ނުވެއެވެ. އަނެއްކޮޅުން އަޔާން ވެސް އޭނަގެ ދަރިފުޅާ އެއް ހާލެއްގައި އޮތް ވާހަކަ ބުނުމުން އޭނާގެ ހިތަށް ގޮތެއް ވީހެން ހީވިއެވެ. ކިތަންމެ ނުރުހުނު ނަމަވެސް އެއީ އޭނާގެ ދަނބިދަރިފުޅެވެ.
“ފެނޭތަ؟ އަޑުއިވޭތަ އެބަ؟ އެހެރީ އެމީހުންގެ ވާހަކަ ހުރިގޮތް. އަހަރެންގެ ދަރިފުޅަށް ދެވުނު ދެރަ ކުޑަވެގެން އައިސް އަހަރެމެންނަށް އެ އެއްޗެހި ކިޔަނީ. އަޔާންގެ ސަބަބުން އަހަރެންގެ ޒޯޔާގެ ދިރިއުޅުން ބަރުބާދުވެއްޖެ.” އާފިޔާ ރޮމުން ނަސީރަށް ބުންޏެވެ.
“ހުއްޓާލާ! އަޔާންގެ ސަބަބުންނެއް ނޫން ޒޯޔާގެ ދިރިއުޅުން ހަލާކުވީ. އަދި އަޔާންގެ ދިރިއުޅުން ހަލާކުވީ ޒޯޔާގެ ސަބަބުންނެއް ވެސް ނޫން. އެ ދެމީހުންގެ ދިރިއުޅުން ހަލާކުކުރި މީހަކީ ތީ. އެ ދެމީހުންގެ ދޭތެރޭ ޖެހޭ މައްސަލަތަކުގެ އަސްލަކީވެސް ތީ. ތި މައިމީހާގެ ދުލުން ކުރި ބަދުދުޢާ އެ ދެމީހުންގެ ދިރިއުޅުން ހަލާކުކުރީ. ހަނދާންވޭތަ އެ ދެމީހުން ކައިވެނިކުރަން ނިންމީމަ ބުނި ވާހަކަ. ދުވަހަކުވެސް ހަމަޖެހިގެން ނޫޅެވޭނެޔޭ. ތި ދިރިއުޅުން ދުވަހަކުވެސް ކުރިއަކަށް ނުގެންދެވޭނެޔޭ. އިނީމަ ދެން ބުނީ ކީކޭ؟ ޒޯޔާގެ ބަނޑުން އަޔާންގެ ދަރިއަކު ދުވަހަކުވެސް ނުވިހާނެޔޭ. ނުލިބޭނެޔޭ. ކިހިނެއްވީ؟ އެފަކީރު ބަލިވެ އިނީ އެންމެ ފަހަރަކު. އެކަމަކު ތި މައިމީހާގެ ދުލުން ކުރި ބަދުދުޢާގެ ސަބަބުން އެ ދަރިފުޅު އުފަންވެސް ނުވަނީސް ވަކިވީ. އެވެސް ކަލޭގެ ގެއިން. ކަލޭގެ ވިހަ ބަސްތަކުން ސަލާމަތްވާން ގެއިން ނުކުންނަނިކޮށް ކަލޭގެ ގޭގެ ސިޑިން ވެއްޓިގެން. އޭގެ ފަހުން ޑޮކްޓަރު ބުނި ވާހަކަ ހަނދާން އެބަހުރިތަ؟ ޒޯޔާއަށް ދެން ދުވަހަކުވެސް ދަރިޔަކު ނުލިބޭނެޔޭ. ބުނެއެއްނު މައިމީހާގެ ދުލުން ދަރިއަކަށް ބަދުދުޢާ ނުކުރާށޭ! އެބަސް ދިމާވާނެޔޭ! އަޔާންއޭ ކިޔާފައި އަނގަ ނުހުޅުވާތި!” އަފްޒާ ގާތަށް އައި ރުޅީގައި ހުރިހާ ވާހަކައެއް ގޮވާލިއެވެ.
އާފިޔާ ހުރިތަނަށް ތިރިވިއެވެ. އޭނާގެ ކުށް އިޙުސާސްވީހެން ހީވެއެވެ. ނަސީރަށް އެ އިވުނު ވާހަކަތަކުން ބައެއް ވާހަކަތަކަކީ އާ ވާހަކަތަކެވެ. ޒޯޔާގެ ދަރިފުޅު ވަކިވި ހާދިސާގެ ހަޤީޤަތެއް އޭނައަކަށް ނޭނގެއެވެ. އެކަން އާފިޔާ ވަނީ އޭނައަށް ސިއްރުކޮށްފައެވެ. އޭނާ އާފިޔާއަށް ބަލައިލީ ތަފާތު ގޮތަކަށެވެ.
ރިޔާޒް، އަފްޒާ ގޮވައިގެން ދިޔައިރު އަފްޒާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އޭނާއަށް އަޔާންއަކީ ޅިޔަނެއް ނޫނެވެ. އެ ދެމެދުގައި ވަނީ ކޮއްކޮއަކާ ދައްތައަކާ ދެމެދުގައިވާ ފަދަ ވަރުގަދަ ގުޅުމެކެވެ. އޭނާ އެގެއަށް އައި ފުރަތަމަ ދުވަހުން ފެށިގެންވެސް އަޔާން އޭނައާ ދޭތެރޭ ކަންތައް ކުރީ އަމިއްލަ ދައްތައަކާ ދޭތެރޭ ކަންތައް ކުރާހެންނެވެ. ރިޔާޒަށްވުރެ އަޔާން ގާތީވެސް އޭނައާއެވެ. ހުރިހާ ވާހަކައެއް ހިއްސާކުރުމުގެ އިތުރަށް އަޔާންއަށް އޭނާގެ އެއްވެސް އެދުމެއް ބޮލާލައި ޖަހާކަށް ނުކެރެއެވެ. އޭނާގެ ނަސޭޙަތް އަޔާން އަޑުވެސް އަހާ އެއާ އެއްގޮތަށް އަމަލުކުރެވޭތޯވެސް ބަލައެވެ.
“ރިޔާޒް. އަޔާންއަށް އެހެން އެވީ އަހަރެންގެ ސަބަބުން. އަހަރެން އޭރު އޭނައަށް އެއްޗެހި ކީމަ އޭނަ ގެއިން ނުކުމެގެން ދިޔައީ. ދިޔަފަހުން ދެން..” ރިޔާޒްގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ރޮމުން އަފްޒާ ބުންޏެވެ.
“އަފޫ. ތިހެން ނުބުނޭ. އަމިއްލަ މީހާ ކުށްވެރި ނުކޮށްބަލަ. އަފޫ ދެއްކި ވާހަކައެއް ދެއްކީ އަޔާންއަށް ވިސްނައިދޭން. އަޔާންއަށް ވިސްނޭނެ ގޮތަށް ވާހަކަދައްކަން މިއަދު ތިބީވެސް އަހަރެމެންނެއްނު. އަފޫ ދައްކާ ވާހަކަ އޭނަ އެންމެ ފަސޭހައިން ޤަބޫލުވެސް ކުރާނީ. އަޔާން ގެއިން ނުކުމެގެން ދިޔައީ ރުޅިއައިސްގެނެއްވެސް ނޫން. އެހެންވީމަ އަމިއްލަ މީހާ ކުށްވެރިނުކުރޭ.” ރިޔާޒް އަފްޒާގެ ކޮނޑާއެކު އަތުގައި ފިރުމަމުން ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ.
ކޮއްކޮގެ ހާލަތާމެދު ކިތަންމެ ދެރަވި ނަމަވެސް އޭނާ މިއަދު ހިތްވަރުކުރަން ޖެހޭނެއެވެ. އޭނާ ހިތްވަރު އެލުވާލައިފިނަމަ އަފްޒާއަކަށް ކެތެއް ނުކުރެވޭނެއެވެ. އަނެއްކޮޅުން އަޔާން ހޭއަރާއިރު އަޔާންއަށް ހިތްވަރުދީ އެހީވާންވެސް ހުރީ އޭނާއެވެ. ވީއިރު ހުރިހާ ހިތާމައެއް ހިފަހައްޓާލައިގެން ނަމަވެސް އެހެން މީހުންގެ ކުރިމަތީގައި އޭނާ ހިތްވަރުކުރަން ޖެހޭނެއެވެ.
ހޮސްޕިޓަލުގެ ވާޑްގައި އަޔާން އޮތްއިރު އޭނާގެ މޫނަށް ބަލަހައްޓައިގެން ރިޔާޒް އިނެވެ. އޭނާގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތްއިރު އޭނާގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. ބޮލުގައި ބެންޑޭޖް އޮޅާފައި އޮތްއިރު މޫނުގައި ޒަޚަމްތައް ހުއްޓެވެ. އެއް އަތް ބިންދައިގެން ގޮސްފައިވާއިރު، ފައިގައިވެސް އެކިވަރުގެ ޒަޚަމްތައް ހުއްޓެވެ. އަޔާން މިހާ ނިކަމެތި ހާލެއްގައި އޮއްވާ އޭނާ މީގެ ކުރިން ދުވަހަކުވެސް ނުދެކެއެވެ. އަބަދުވެސް ހިތްވަރުގަދަ، ވަރުގަދަ މީހެއްގެ ގޮތުގައި އޭނާއަށް ފެނުނު އަޔާން މިއަދު މިފަދަ ހާލެއްގައި އޮތްތަން ފެނުމުން އޭނާގެ ހިތަށް ވަނީ ބަޔާންކުރަން ނޭނގޭ އަސަރެއް ކޮށްފައެވެ.
އަނެއްކޮޅުން ޒޯޔާގެ ހާލެއް ނޭނގޭތީވެސް ރިޔާޒް ކަންބޮޑުވިއެވެ. އަޔާންގެ އަނބިމީހާ ނަމަވެސް އޭނާ ޒޯޔާ ދުށީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ގޮތުގައެވެ. ޒޯޔާވެސް އޭނާއަށް އިޙުތިރާމުކުރީ ހަމަ އެފަދައިންނެވެ. ޒޯޔާގެ ހާލު އަމިއްލަ ލޮލުން ދެކިލަން ބޭނުންވި ނަމަވެސް ކުރިން ހިނގި ކަންތަކަށްފަހު އޭނާއަށް ވަނީ އެ ފުރުސަތު ނުލިބޭނެކަން ޔަޤީންވެފައެވެ. އާފިޔާ އެ ހުރިހާ ކަމެއްގެ އިލްޒާމު އެޅުވީ އޭނާގެ ލޯބިވާ ކޮއްކޮއާއި އާއިލާގެ ބޮލުގައެވެ.
ފަތިސް ނަމާދުގެ ބަންޤީގެ އަޑާއެކު އަޔާންގެ ހަށިގަނޑަށް ހަރަކާތެއް އައެވެ. އޭނާގެ އަތުގެ އިނގިލިތަކުން ފެށިގެން މަޑުމަޑުން އައި ހަރަކާތް އޭނާގެ މޫނާއި ހަމައަށް ފޯރިއެވެ. ބޮލާއި މުޅި ހަށިގަނޑުގައި ހުރި ގަދަ ރިހުމުގެ އަސަރުތައް މޫނުމަތިން ފާޅުވިއެވެ. ދެލޯ ތަޅުވާލުމަށްފަހު މަޑުމަޑުން ލޯ ހުޅުވާލިއެވެ. ސަމާލުވެގެން އިން ރިޔާޒް ދެލޯ ފޮހެލަމުން ކައިރިވެލިއެވެ.
“އަހަރެންގެ ބޯ..” ވަރަށް އުނދަގުލާއި ވޭން އެކުލެވިފައިވާ އަޑަކުން އަޔާން ބުންޏެވެ. ތެދުވަން އުޅުމުން ރިޔާޒް އޭނާ ހިފެހެއްޓިއެވެ.
“އަޔާން. މަޑުމަޑުން އޮވެލާ.” ރިޔާޒް މަޑުމަޑުން ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ. އަދި ރީތިކޮށް އޮތުމަށް ބުނެފައި ޑޮކްޓަރަށް ގޮވަން ދިޔައެވެ.
ޑޮކްޓަރު އައި އިރު އަޔާން ދެލޯ މަރާ ތަގުޅިކޮށްލައިގެން އޮތްއިރު އޭނާގެ ގައިގައި އަޅަމުންދިޔަ ވޭނުގެ ގަދަކަން ފެންނަ މީހަކަށް އެނގޭހާވެއެވެ. އޭގެ އިތުރުން އޭނާއަށް ވަމުންދިޔަ އިތުރު އުނދަގޫތަކަކީ އެހެން މީހަކަށް ހިތަށްވެސް ނުގެނެވޭނެ ފަދަ ކަންތައްތަކެކެވެ.
އަނެއްކޮޅުން ޒޯޔާ ހޭއެރިއިރު އާފިޔާއާއި ނަސީރު ތިބީ އޭނާގެ ގާތުގައެވެ. އޭނާގެ ގައިގައި އަޅަމުންދިޔަ ގަދަ ވޭނާއެކު އޭނާގެ ހަރަކާތްތައް ވަރަށް ތަފާތެވެ. ނުވެސް ދަންނަ ބަޔަކަށް ބަލާފަދަ ބީރައްޓެހި ނަޒަރަކުން އޭނާ އެމީހުންނަށް ބަލަމުން ދިޔައެވެ. އެމީހުން އޭނާގެ ގައިގައި އަތްލުމުން އޭނާ އެމީހުންގެ އަތް ފޮޅުވާލިއެވެ. އަދި މަޑުމަޑުން ދުރަށް ޖެހިލިއެވެ.
“އޮށޯވެލާ. އަރާމުކޮށްލާ. ދަރިފުޅަށް މިވަގުތު އަރާމުކުރުން ވަރަށް މުހިންމު.” ނަސީރު ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ.
“ތީ.. ތީ އަހަރެންގެ ޑޮކްޓަރުންތަ؟” ޒޯޔާ އިރުގަނޑެއް ވަންދެން ބަލަން އިނުމަށްފަހު މަޑުމަޑުން އެހިއެވެ.
(ނުނިމޭ)
