ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އުމުރުން ދުވަސްވާއިރު ސިއްހަތު ސަލާމަތުން ބަހައްޓަން ބޭނުންތަ؟ ނިދަންވީ މިހާ އިރު!

ދުޅަހެޔޮކަންމަތީ އުމުރުން ދުވަސްވުމަށް ނުވަތަ “ސަކްސެސްފުލް އޭޖިންގް” އަށް އެންމެ މުހިންމު ކަމަކީ ރޭގަނޑު 7 ގަޑިއިރާއި 8 ގަޑިއިރާ ދެމެދު ނިދުން ކަމަށް ދާދިފަހުން ކުރެވުނު އާ ދިރާސާއަކުން ދައްކައިފިއެވެ.

“ބީ.އެމް.ސީ ޕަބްލިކް ހެލްތު” މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި، އުމުރުން 45 އަހަރުން މަތީގެ 3,386 މީހުންގެ ނިދުމުގެ އާދަތަކަށް ވަނީ ބަލާފައެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އުމުރުން ދުވަސްވާއިރު މީހާގެ ހަށިގަނޑާއި ސިކުނޑިއަށް އަންނަ ބަދަލުތަކާއި ނިދުމާ ހުރި ގުޅުން ދެނެގަތުމަށެވެ.

ދިރާސާވެރިން ފާހަގަކުރި ގޮތުގައި، ކާމިޔާބުކަމާއެކު އުމުރުން ދުވަސްވުން ނުވަތަ ދުޅަހެޔޮކޮށް ހުރުމުގެ މާނައަކީ ބޮޑެތި ބަލިތަކުން (ހަކުރު ބަލި، ކެންސަރު، ހިތުގެ ބަލި ފަދަ) ސަލާމަތްވެފައިވުމާއި، ހަށިގަނޑުގެ ގުނަވަންތައް ރަނގަޅަށް މަސައްކަތް ކުރުމާއި، ސިކުނޑީގެ ހަރަކާތްތައް ހަލުވިކޮށް ހުރުމުގެ އިތުރުން ނަފުސާނީ ގޮތުން ދުޅަހެޔޮކޮށް ހުރުމެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި ރޭގަނޑު ޤަވާއިދުން 7 ގަޑިއިރާއި 8 ގަޑިއިރާ ދެމެދު ނިދާ މީހުންނަށް މި ދެންނެވި ދުޅަހެޔޮކަން ލިބުމުގެ ފުރުސަތު އެހެން މީހުންނަށްވުރެ އެތައް ގުނައެއް އިތުރެވެ. ނަމަވެސް، ރޭގަނޑު 6 ގަޑިއިރަށްވުރެ މަދުން ނިދާ މީހުންނާއި، އާދަޔާ ޚިލާފަށް ގިނައިރު (8 ނުވަތަ 9 ގަޑިއިރަށްވުރެ ގިނައިން) ނިދާ މީހުންނަށް ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ސިއްޙީ މާހިރުން ބަޔާންކުރާ ގޮތުގައި ނިދުމަކީ ހަށިގަނޑުގެ ސެލްތައް މަރާމާތުކޮށް، ސިކުނޑީގެ މަސައްކަތްތައް ތަރުތީބުކުރުމަށް ލިބޭ ވަގުތެކެވެ. އެހެންކަމުން، ޒުވާން އުމުރުން ފެށިގެން ނިދުމުގެ ވަގުތުތަކަށް ސަމާލުކަންދީ، ކޮންމެ ރެއަކުވެސް އެއް މިންވަރަކަށް ނިދުމަށް އާދަކުރުމަކީ މުސްކުޅިވާ އުމުރުގައި ބަލިތަކުން ދުރުވެ، އުފާވެރި ދިރިއުޅުމެއް އުޅުމަށް އޮތް އެންމެ ބޮޑު އެހީއެވެ.

މި ދިރާސާއަކީ އާންމު ސިއްޙަތު ރަނގަޅުކުރުމަށްޓަކައި ނިދުމުގެ މުހިންމުކަން އަންގައިދޭ މުހިންމު ހޯދުމެކެވެ. އިސްލާމީ ރީތި އާދަކާދަތަކުގައިވެސް ހަށިގަނޑަށް އަރާމުދިނުމާއި، މެދުމިންގަނޑެއްގައި ކަންކަން ބެހެއްޓުމަށް ބާރުއަޅާފައިވާއިރު، މިފަދަ ސިއްޙީ ހޯދުންތަކުން އެކަންކަމުގެ މުހިންމުކަން އިތުރަށް ހާމަވެގެންދެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top