ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – ހަތްވަނަ ބައި
ފޮޓޯ: މުނިއަވަސް ގްރެފިކްސް

“ރިޔާޒް. އަހަންނަށް އެނގޭ މިވަގުތު މީ ކިހާ އުނދަގޫވާނެ ވަގުތެއްކަން. އެކަމަކު އަޔާން އާދައިގެ ދިރިއުޅުމެއް އުޅޭތަން ދެކެން ބޭނުންކަމަށް ވަންޏާ މިގޮތަށް ކަންތައް ކުރަން ޖެހޭނެ. އަޔާންގެ ހަނދާންތައް އެނބުރި އަންނަންދެން. އުންމީދުކުރަން މި ހާލަތުގެ ނާޒުކުކަން ވިސްނޭނެކަމަށް.” ފާއިޒް ބުންޏެވެ.

ރިޔާޒް ބޯޖަހާލި ނަމަވެސް އެކަމާ އޭނާގެ ހިތެއް އެއްބަހެއް ނުވެއެވެ. އަޔާންއާއި ޒޯޔާ ވަކިކުރުމަކީ އެ ދެމީހުންގެ ހަނދާންތައް ދުވަހަކުވެސް އަނބުރާ ނައިސްދާނެ ސަބަބެކެވެ. އަދި އެވަގުތު އާފިޔާގެ މޫނުމަތީގައިވާ އަސަރުތަކުން އެކަން އެގޮތަށް ވިޔަނުދޭން އޭނައަށް ކުރެވުނު ހުރިހާ ކަމެއް ކުރާނެކަން ރިޔާޒަށް އެނގުނެވެ.

“އެކަމަކު އަޔާންއާ ޒޯޔާ ވަކިކުރާނީ ކިހިނެއް؟ އެއީ ދެމަ..”

“ޚަބަރުދާރު! އަޔާން ޒޯޔާގެ ކުރިމައްޗަށް ގެންނަން މަސައްކަތްކޮށްފިއްޔާ އަހަންނަށްވުރެ ނުބައި މީހަކު ނުހުންނާނެކަން ހަނދާން ބަހައްޓާތި. ޕޮލިސް މެދުވެރިކޮށްގެންވެސް އަހަރެން ތިކަން ހުއްޓުވާނަން.” އަފްޒާގެ ވާހަކަ މެދުކަނޑާލަމުން އާފިޔާ ރުޅިވެރިކަމާއެކު ބުންޏެވެ. ނަސީރު އާފިޔާގެ އަތުގައި ހިފަހައްޓަމުން އޭނާ ހުއްޓުވަން އުޅުނެވެ.

“ޒޯޔާއާ އަޔާން ދުވަހަކުވެސް ބައްދަލެއް ނުވާނެ. ދުވަހަކުވެސް ނުވާނެ.” އާފިޔާ ބުނަމުން ދިޔައެވެ.

“ތީ ޒޯޔާގެ މަންމަތަ؟ ނޫނީ ދުޝްމަނެއްތަ؟” އަފްޒާ ކަރުނައިގެ ތެރެއިން ރުޅިވެރިކަމާއެކު އެހިއެވެ.

“އަހަރެމެން ކިހިނެއް އެ ދެމީހުން ދުރުކުރާނީ؟ އެ ދެމީހުން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވޭ. އެއީ ދެމަފިރިން.” އަފްޒާ ބުންޏެވެ.

“އަހަރެމެންނެއް އެ ދެމީހުން ދުރެއް ނުކުރަން. އެއީ ޒޯޔާގެ ނިންމުން.” އާފިޔާ ބުނެލިއެވެ.

“ޒޯޔާ ދުވަހަކުވެސް އެހެނެއް ނުނިންމާނެ. ނިންމަން ކީއްކުރަން، އޭނަ އެގޮތަކަށް ނުވެސް ވިސްނާނެ. އަހަންނަށް އޭނަގެ މައްޗަށް ފުރިހަމައަށް އިތުބާރު އެބައޮތް.” އަފްޒާ ޔަޤީންކަމާއެކު ބުންޏެވެ.

“އެހެންތަ؟ އެހެންވިއްޔާ އަމިއްލަ ލޮލުން ބަލާ.” އާފިޔާ އޭނާގެ ކޮނޑުގައި އަޅުވާފައިވާ އަތްދަބަސް ހުޅުވާލާފައި ނެގީ ފަށްޖަހާފައި އޮތް ފޯމެވެ. އަދި އެ އަފްޒާއާ ދިމާއަށް ދިއްކޮށްލިއެވެ.

“ތީ ކޯއްޗެއް؟”

“ވަރީގެ ފޯމު. ތީގައި ޒޯޔާ އަމިއްލައަށް ސޮއިކޮށްފައި ތިއޮތީ. ޤަބޫލުނުކުރެވެންޏާ އަމިއްލަ ލޮލުން ބަލާބަލަ.” ރުޅިވެރިކަމާއެކު އާފިޔާ ބުންޏެވެ.

އަފްޒާ އެ ފޯމުގައި ހިފިއިރު އާފިޔާގެ މޫނަށް ބަލާލިއެވެ. އެ ދަތި ވަގުތުގައިވެސް އޭނާގެ މޫނުމަތީގައިވި ކާމިޔާބީގެ އަސަރުތައް އަފްޒާއަށް ފާހަގަވިއެވެ.

އަފްޒާ ފޯމު ބަލާލުމާއެކު އޭނާގެ އަތުން ފޯމު ދޫވީ އާފިޔާ ބުނި ބަހަކީ ތެދު ވީމައެވެ.

“މީ އޮޅުވާލުމަކުން ކޮށްފައި އޮތް ކަމެއް. ޒޯޔާ ހަމަހޭގައި ހުރެގެން މިޔަކު ސޮއެއް ނުކުރާނެ. އަހަންނަށް ހަމަ ޔަޤީން.” އަފްޒާ ބުންޏެވެ.

“ހަޤީޤަތް ޤަބޫލުނުކުރުން ތީ ކަލޭގެ އަމިއްލަ މައްސަލައެއް.” އާފިޔާ ބުންޏެވެ.

އާފިޔާގެ ހިތުގައި އޮތީ މަކަރުވެރިކަމެވެ. ވަގުތުގެ ނާޖާއިޒު ފައިދާ ނަގައިގެންވެސް އޭނާ ބޭނުންވި ކަންތައް ވެއްޖެއެވެ. އަޔާންއާއި ޒޯޔާ ވަކިކުރެވިއްޖެއެވެ. ވަރީގެ ފޯމުގައި އަޔާންގެ ސޮއި އަދި ނެތް ނަމަވެސް ދެން އެކަން ކުރާކަށް މާ އުނދަގުލެއްވެސް ނުވާނެއެވެ. އޭނާ އެ ފޯމު ދަބަހަށް ލީ ހެނދުނު ގަޑީގައި ޒޯޔާގެ ބައެއް ސާމާނު ބަލައި ގެއަށް ދިޔަ ވަގުތުއެވެ. އޭގެ ބޭނުންކުރާނެ ގޮތެއް ވިސްނަމުން ދަނިކޮށް ނަސީބު އޭނައަށް އެހީވީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.

“އާނ އަދި އެއްވާހަކަ. މިއަދަށްފަހު ކަލޭމެންގެ ތެރެއިން އެކަކުވެސް ޒޯޔާއާ ބައްދަލުކުރަން އަދި ގުޅަންވެސް މަސައްކަތްކޮށްގެން ނުވާނެ. އެގޮތަށް ކަން ކޮށްފިއްޔާ އަހަންނަށްވުރެ ނުބައި މީހަކު ނުހުންނާނެ. މީ ހަމަ ބުނެލާ އެއްޗެއް ނޫން. އައި މީން އިޓް.” އާފިޔާ ރުޅިވެރިކަމާއެކު ބުންޏެވެ.

“އާފިޔާ! ކީކޭ ތި ކިޔަނީ؟ ވިސްނައިގެން ވާހަކަ ދައްކާ!” ނަސީރު އަމުރުވެރިކަމާއެކު ބުންޏެވެ.

“އައި މީން އިޓް!” ނަސީރުގެ އަތް ފޮޅުވާލާފައި އާފިޔާ ޒޯޔާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

ރިޔާޒާއި އަފްޒާއަށް ބަލާލާފައި ނަސީރު އާފިޔާގެ ފަހަތުން ދިޔައެވެ. އަފްޒާގެ ލޮލުން ކަރުނަތައް އޮހިގަތެވެ. ރިޔާޒް އޭނާ ގޮވައިގެން ޑޮކްޓަރުގެ ކޮޓަރިން ނުކުތެވެ. އަދި އޭނައަށް ހިތްވަރު ދިނެވެ.

*****

އަފްޒާ ހުރީ އަޔާންގެ ކޮޓަރީގައެވެ. އޭނާ އެ ކޮޓަރީގައި ހުރި ޒޯޔާ އާއި އަޔާންގެ ފޮޓޯތައް ނަގަމުން ރައްކާތެރިކަމާއެކު ކަރުދާސް ފޮށިގަނޑަކަށް އަޅަމުން ދިޔައެވެ. ކޮންމެ ފޮޓޯގަނޑަކާއެކު އޭނާގެ ހިތުން އެތިކޮޅެއް ވަކިކޮށްލެވޭ ފަދަ އިޙުސާސެއް އޭނައަށް ކުރެވެމުން ދިޔައެވެ. ލޯބިވާ ކޮއްކޮއަށްޓަކައި ކުރަން މަޖުބޫރުވި ކަމަކީ ދުވަހަކުވެސް ކުރަން ހިތަށްވެސް ނާރާ ފަދަ ބަޔާންކުރަން ދަތި ވޭނެއް ހިތަށް ލިބެމުންދިޔަ ކަމެކެވެ.

ހަ މަސްދުވަހުގެ ބުރަ މަސައްކަތާއެކު އަޔާން ކުރެހި ޒޯޔާގެ ތަސްވީރު ރައްކާކުރުމުގެ ކުރިން އޭނާއަށް އެ ފޮޓޯއަށް އެތައް އިރަކު ބަލަން ހުރެވުނެވެ. އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފަހަރަކަށްވުރެ ފަހަރެއް ވީ އިތުރެވެ. އެވަގުތު ރިޔާޒް ކޮޓަރިއަށް ވަދެގެން އައެވެ.

“އަފޫ.” ރިޔާޒްގެ އަޑަށް އަފްޒާ އަވަސްއަވަހަށް މޫނު ފޮހެލަމުން ހިނިތުންވެލެވޭތޯ މަސައްކަތްކުރިއެވެ.

“މިހާރު އަޔާން ކިހިނެއް؟” އަފްޒާ އަހާލިއެވެ.

“ރަނގަޅު. ނިދިފައި އޮތީ. މިއަދު ދޫކޮށްލާނެ ވާހަކަ ބުނީމަ އަޔާން އަންނަންވާއިރަށް ކޮށްލަން ޖެހޭ ކަންކަން ކޮށްލަން މި އައީ.” ރިޔާޒް ބުންޏެވެ.

“އަފޫ ރަނގަޅުތަ؟” ރިޔާޒް އެހެން އެހީ އަފްޒާގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވީމައެވެ. ރިޔާޒްގެ ސުވާލާއެކު އަފްޒާގެ ބަޑި ފަޅައިގެން ދިޔައެވެ. އޭނާ ރިޔާޒްގެ މޭގައި ބޯ ޖައްސާލައިގެން ހުރެ ރޮމުން ދިޔައެވެ. ރިޔާޒް އަފްޒާގެ ބުރަކަށީގައި ފިރުމަމުން ހިތްވަރު ދެމުން ދިޔައެވެ.

“އަފޫ. ދެން ހުއްޓާލަބަލަ. ޑޮކްޓަރުވެސް ބުންޏެއްނު މަޑުމަޑުން ކަންތައްތައް ރަނގަޅުވާނެޔޭ.” ރިޔާޒް ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ.

“ކިހިނެއް ރަނގަޅުވާނީ؟ އަހަރެމެން އަޔާންގެ ދިރިއުޅުމުން ޒޯޔާގެ ވަސްވެސް މި ފިލުވާލަނީ. މުޅިން ނެތް މީހަކަށް މި ހަދާލަނީ. ދެން ކިހިނެއް ހުރިހާ ކަމެއް ރަނގަޅުވާނީ؟ އަޔާން އެންމެ ލޯބިވަނީ ޒޯޔާދެކެ. އެކަމަކު އަހަރެމެން އެ ދެމީހުން އަބަދަށް މި ވަކިކޮށްލަނީއޭ ރިޔާޒް. އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ. އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ.” އަފްޒާ ރޮމުން ބުންޏެވެ.

“ހުއްޓާލާ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އަޔާންގެ ހަނދާންތައް ވަރަށް އަވަހަށް އަންނާނެ.” ޔަޤީންކަމެއް ނެތްނަމަވެސް ރިޔާޒް އަފްޒާއަށް ހިތްވަރު ދިނެވެ.

*****

އާފިޔާ ގޭގެ ބޭރުގައި އަލިފާންގަނޑެއް ރޯކޮށްލައިގެން ހުއްޓެވެ. އޭނާ ޒޯޔާ އާއި އަޔާންގެ ފޮޓޯތަކުން ފަހަރަކު ފޮޓޮއެއް ވީދާލާފައި އަލިފާންގަނޑަށް އުކަމުން ދިޔައިރު، އެ މޫނުގައިވަނީ އިންތިހާ ދަރަޖައިގެ ރުޅިއާއި ނަފުރަތެވެ. އެވަގުތު ގޭތެރެއިން ނުކުމެގެން އައި ނަސީރަށް އެމަންޒަރު ފެނުމުން އައިސް އާފިޔާ ހުއްޓުވިއެވެ.

“އާފިޔާ! ކީއް ތި ކުރަނީ؟ މޮޔަވެގެންތަ ތި އުޅެނީ؟” ނަސީރު ބާރު އަޑުން އެހިއެވެ.

“ޒޯޔާގެ ދިރިއުޅުމުން އަޔާން މުޅިން ފޮހެލަނީ. އަނދާ އަޅިއަށް ހަދާލަނީ.” އާފިޔާ ރުޅިވެރިކަމާއެކު ބުންޏެވެ.

“މީ ޒޯޔާގެ ދިރިއުޅުމޭ. އަޔާންއަކީ އޭނަގެ ފިރިމީހާ. އަހަރެމެންނަކަށް އެއްވެސް ޙައްޤެއް ނޯންނާނެ އޭނަގެ މާޒީ ފޮހެލުމުގެ. މާދަންވެސް އޭނަގެ ހަނދާންތައް އައިސްގެން އަޔާންއާ ބެހޭގޮތުން ސުވާލުކުރީމަ ކީއްކުރާނީ؟ މި ފޮޓޯތަކާއި އަލްބަމްތަކުގެ ވާހަކަ އެހީމަ ކީއްކުރާނީ؟” ނަސީރު ހުރީ ވަރަށް ރުޅިއައިސްފައެވެ. އާފިޔާގެ ކަންތައް މިހާރު އެދަނީ މާ މައްޗަށެވެ.

“އެދުވަހުގެ އިންތިޒާރޭ މި ކުރަނީ. އެދުވަސް އައުމުގެ ކުރިން އަހަރެން ޒޯޔާގެ ދިރިއުޅުމުން އަޔާންއޭ ކިޔުނު ސުންޕާގެ ވަސްވެސް ފިލުވާލާނަން.” އާފިޔާގެ އަޑުވެސް ބާރެވެ.

“ތިހިރީ ހަމަ ރަނގަޅަށްވެސް މޮޔަވެފައި. އެ ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާވަރު ނޭނގެނީތަ؟ ނޫނީ ތި އަމިއްލަ އެދުމާ ހެދި އެއްވެސް އެއްޗެއް ނުފެންނަނީތަ؟” ނަސީރު ބުންޏެވެ.

“ކޮން ލޯތްބެއް؟ ތިބުނާ ލޯތްބެއް ވެގެން މިވީ ހަ އަހަރު ދުވަހު އޭނަ އަހަރެމެންގެ ޒޯޔާއަށް ހިތްދަތިކަން ނޫން ކޯއްޗެއް ދިނީ؟ އެކަމަކު ދެން ހެޔޮ. މިހާރު ފުދޭވަރު ވެއްޖެ. ދެން އެ ސުންޕާގަނޑުގެ ހިޔަނިވެސް އަހަރެންގެ ޒޯޔާގެ ދިރިއުޅުމަށް އެޅުނަކަ ނުދޭނަން. މިހާ ހިސާބުން ޒޯޔާގެ ދިރިއުޅުން އޭނަ އާ ފެށުމަކުން ފަށާނީ. އޭރުން އުފާވެރިކަން ނޫން އެއްވެސް އެއްޗެއް ނުވާނެ. ތި ރުއިމާއި ޒުވާބުތަކެއް ނޯންނާނެ.” އާފިޔާ ބުންޏެވެ.

“އާފިޔާ! ވިސްނޭތޯ މަސައްކަތްކޮށްބަލަ!”

“ކަލޭ ވިސްނޭތޯ މަސައްކަތްކޮށްބަލަ! އަހަރެމެންގެ ދުޢާ އިޖާބަކުރެއްވީމަ ކިހިނެއްތަ ތި އުޅެނީ؟ އަހަރެމެންނަށް ޒޯޔާގެ ދިރިއުޅުން އަލުން އާ ފެށުމަކުން ފެށުމުގެ ފުރުސަތެކޭ މި ލިބުނީ. ވިސްނަބަލަ.” އާފިޔާގެ އަޑު ތަންކޮޅެއް މަޑުވިއެވެ.

“އާފިޔާ! ޒޯޔާގެ ހަނދާންތައް އެނބުރި އައިމަ ކިހިނެއްހޭ ހަދާނީ؟ އެކަމާ ވިސްނަބަލަ.”

“ނަސީރޫ! ކަލޭ އަބަދު އެހެން ތި އަހަނީ ކީއްވެތަ؟ އެދުވަހެއް ދުވަހަކުވެސް ނާންނާނެ. އަދި އެދުވަސް އަޔަސް އޭރުން އެ ވާނީ ޒޯޔާގެ ދިރިއުޅުމުގެ މުޅިން އާ ދުވަހަކަށް. އޭރު އޭނަ ހުންނާނީ ދިރިއުޅުމުގައި މާ ކުރިއަށް ގޮސްފައޭ. އޭނަގެ ދިރިއުޅުމުގައި އަޔާންއޭ ކިޔުނު ސުންޕާގަނޑެއްގެ ހިޔަނިވެސް ނުހުންނާނެ.” އާފިޔާގެ އަޑު އަނެއްކާވެސް ބާރުވިއެވެ.

“ކަލޭ ތިހިރީ ހަމަ ރަނގަޅަށްވެސް މޮޔަވެފައި. ކަލޭ ތީ އޭނަގެ މަންމަތަ ނޫނީ ދުޝްމަނެއްތަ؟” ނަސީރު ރުޅިވެރިކަމާއެކު އެހިއެވެ.

“ޒޯޔާގެ ހަނދާންތައް އެނބުރި ނާންނަހާ ދުވަހަކު އޭނަގެ ދިރިއުޅުން އޮންނާނީ ހުސްކަމެއްގައި. ދުވަހަކުވެސް ފުރިހަމަނުވެ. ވިސްނޭތޯ މަސައްކަތްކޮށްބަލަ.” ނަސީރު އަނެއްކާވެސް އާފިޔާއަށް ވިސްނައިދެވޭތޯ ބެލިއެވެ.

“ނުބައި. މުޅިން ނުބައި. ޒޯޔާގެ ދިރިއުޅުން ދެން އަދި ފުރިހަމަވާނީ. އާ މާހައުލެއްގައި، އާ ބައެއްގެ ކައިރީގައި. ނަސީރޫ. ޒޯޔާއަށްޓަކައި އަހަރެމެން މިކަން ކުރަން އެބަ ޖެހެޔޭ.” އާފިޔާ ބުންޏެވެ.

*****

“އަފޫ! އަހަރެމެން އަޔާންގެ ދިރިއުޅުމުން މި ހުރިހާ ކަމެއް ފޮހެލަނީކީ ނޫނޭ. ދުވަސްކޮޅަކަށް މި ކަންކަން ފޮރުވާލަނީ. މިވަގުތު ނަސީބު އަހަރެމެންނާ އެހީނުވިޔަސް ނަސީބު އަތުގައި ހިފާ ދުވަހުން މި ފޮރުވާ ހުރިހާ ކަމެއް އެމީހުން އަމިއްލައަށް ހޯދާނެ. އެހެންނޫނަސް އަހަރެމެން މި ހުރިހާ ކަމެއްވެސް މި ކުރަނީ އެމީހުން ވީހާވެސް އަވަހަކަށް ރަނގަޅުވޭތޯއެއްނު. އަހަރެމެން އެދެނީ ވީހާވެސް އަވަހަކަށް އެ ދެމީހުންނަށް އެކަކު އަނެކަކަށް ދެނެގަނެވި އަލުން ބައްދަލުވުން.” އުންމީދުން ފުރިގެންވާ ފަދަ ގޮތަކަށް ރިޔާޒް ބުނެލިއެވެ.

“ރިޔާޒް. ތީ އަހަރެމެން ބޭނުންވާ ގޮތޭ. އެކަމަކު އެ އަންހެނާ، އާފިޔާ ސަލީމް އެކަން އެހެން ވިޔަކަ ނުދޭނެޔޭ. އެ އެކްސިޑެންޓަށްފަހު އޭނައަށް އެ ލިބުނީ ރަނުގެ ފުރުސަތެއް އަޔާންއާ ޒޯޔާ ވަކިކޮށްލާނެ. އެ ދެމީހުން ވަކިކޮށްލީ އެ.” އަފްޒާގެ ލޮލުން ކަރުނަ އައެއް ކަމަކު އާފިޔާ ހިތަށް އެރުމުން އޭނާގެ އަޑަށް ރުޅިވެރިކަން ވެރިވިއެވެ.

“އަފޫ. ހިތްވަރުކުރޭ! އަހަރެމެންގެ އަޔާންއާ ޒޯޔާ އެއްވެސް މީހަކަށް ވަތްކެއް ނުކުރެވޭނެ.” ރިޔާޒް ބުނެލީ ޔަޤީންކަމާއެކުގައެވެ.

*****

ހޮސްޕިޓަލުން ދޫކޮށްލުމުން ރިޔާޒާއި އަފްޒާ އަޔާން ގޮވައިގެން ނުކުންނަން ދިޔައިރު އަޔާންގެ މާބޮޑު ފިކުރެއް ނެތެވެ. އޭނާ ޗާބީ ދީފައިވާ ބުދެއް ފަދައިން ކުރިއަށް ދިޔައިރު، ކުރިމަތިން ޒޯޔާ ގޮވައިގެން އާފިޔާ އާއި ނަސީރު އައެވެ. ޒޯޔާގެ ނަޒަރު ހުރީ ތިރިއަށެވެ. ދެ އާއިލާ ކުރިމަތިން ބައްދަލުވި ވަގުތު ހުރިހާ ކަމެއް ބަދަލުވޭތޯ އަފްޒާއަށް އުންމީދު ކުރެވުނެވެ. އަޔާން އާއި ޒޯޔާގެ ނަޒަރު ދިމާނުވި ނަމަވެސް އެ ދެމީހުން ނުހަނު ކައިރިވިއެވެ. ނޭނގުމުގެ ތެރޭގައެވެ. ދެމީހުންގެ އަތް ބީހިލިއެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top