މަހުގެ ހަށިގަނޑުގެ ތެރެއިން ފެނުނު ހައިރާންކުރުވަނިވި ހޯދުމަކާއެކު، ކަނޑުތަކާ ބެހޭގޮތުން އަހަރެމެންނަށް އެނގިފައިވާ މަޢުލޫމާތުތަކަށް ބޮޑު ބަދަލެއް އަތުވެދާނެއެވެ.
ސައިންސްވެރިން މިހާރު ވަނީ މަހުގެ ބަނޑުތެރޭގައި ދިރިއުޅޭ ކުދިކުދި ޖަރާސީމުތަކެއް (މައިކްރޯބްސް) ދުނިޔޭގެ ކަނޑުތަކުގެ ކެމިސްޓްރީ ބަދަލުކުރުމުގައި އެހީތެރިވެދޭކަމުގެ ހެކިތަކެއް ހޯދާފައެވެ.
ޔުނިވަރސިޓީ އޮފް މިއާމީ ރޯސެންސްޓީލް ސްކޫލް އޮފް މެރިން، އެޓްމޮސްފިއަރިކް، އެންޑް އާތު ސައިންސްގެ ކުރީގެ ދަސްވެނިވި ދަރިވަރު އެންތަނީ ބޮނަކޯލްޓާ އިސްވެ ހުންނަވައި ކުރިއަށްގެންދެވި މި ދިރާސާއިން ދައްކާ ގޮތުގައި، މަހުގެ ގޮހޮރުގައި ހުންނަ ބެކްޓީރިއާތައް އެ މަސްމަހާ މެހީގެ ހަށިގަނޑާ ގުޅިގެން ‘ކެލްސިއަމް ކާބޮނޭޓް’ އުފެއްދުމުގައި މަސައްކަތް ކުރެއެވެ. މިއީ ކަނޑުގެ ކެމިސްޓްރީގައި މުހިންމު ދައުރެއް އަދާކުރާ އަދި ކާބަން ރައްކާކުރުމުގައި (ކާރބަން ސިންކް) ބޮޑު ހިއްސާއެއްވާ މާއްދާއެކެވެ. މީގެ ކުރިން ބެލެވިފައި އޮތީ މިއީ ހަމައެކަނި މަހުގެ ހަށިގަނޑުން ހިނގާ މަސައްކަތެއްގެ ގޮތުގައެވެ. ނަމަވެސް، މި ހޯދުމާއެކު އެ ގަބޫލުކުރުންތަކަށް މިވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
މަސްމަހާމެހި، ޖަރާސީމު އަދި ކަނޑުގެ ކެމިސްޓްރީ
ކަށި ހުންނަ މަސްތައް (ޓެލިއޯސްޓްސް) އެ އެއްޗެހީގެ ހަށިގަނޑުގައި ފެން ހުންނަންޖެހޭ މިންވަރު ހިފެހެއްޓުމަށްޓަކައި މެދުނުކެނޑި ކަނޑުގެ ލޮނުފެން ބޮއެއެވެ. މި މަރުހަލާގެ ތެރެއިން، އެ ތަކެތީގެ ގޮހޮރުން އިތުރުވާ ކެލްސިއަމް އާއި ކާބޮނޭޓް އަޔަންތައް ބޭރުކުރެއެވެ. މި މާއްދާތައް ހަށިގަނޑުން ބޭރުވަނީ ‘އިކްތިއޯކާބޮނޭޓްސް’ ކިޔާ ހަރު ކެލްސިއަމް ކާބޮނޭޓް ގުޅަވަރުތަކެއްގެ ގޮތުގައެވެ.
މިއަދާ ހަމައަށް ސައިންސްވެރިން ގަބޫލުކޮށްގެން ތިބީ އިކްތިއޯކާބޮނޭޓް އުފެދެނީ މުޅިންވެސް މަހުގެ ހަށިގަނޑުގެ މަސައްކަތުން ކަމަށެވެ. ނަމަވެސް، އައު ދިރާސާއިން ދައްކާގޮތުގައި މީގައި ޖަރާސީމުތަކުގެ ބައިވެރިވުން ވަރަށް ބޮޑެވެ.
މި ދިރާސާގެ އިސް އެއް މުސައްނިފު ކަމަށްވާ މާޓިން ގްރޮސެލް ވިދާޅުވި ގޮތުގައި، މަހުގެ ގޮހޮރުގައިވާ ޖަރާސީމުތަކުގެ ދައުރު މަހުގެ ދިރުމާއި ދުނިޔޭގެ ކަނޑުގެ މާއްދާތައް ދައުރުވާ ނިޒާމުގައި ކުރިން ހީކުރި ވަރަށް ވުރެ މާ ފުޅަލެވެ. ކުރިން ހީކުރެވުނީ މިއީ ހަމައެކަނި މަހުގެ ހަށިގަނޑުން ހިންގާ ކަމެއް ކަމުގައި ވިޔަސް، މިއީ މަހާއި އޭގެ ގޮހޮރުގައި އުޅޭ ޖަރާސީމުތަކާ ދެމެދު އޮންނަ ގާތް ގުޅުމެއްގެ ނަތީޖާއެއްކަން މިހާރު އެނގެއެވެ.
ލޮނުގެ މިންވަރު ތަފާތު ހާލަތްތަކުގައި މަސް ޓެސްޓުކުރުން
މި މަރުހަލާ ތަހުގީގު ކުރުމަށްޓަކައި، ރިސާޗަރުން ވަނީ ‘ގަލްފް ޓޯޑްފިޝް’ ބޭނުންކޮށްގެން ލޮނުގެ މިންވަރު ތަފާތު ފެނުގައި ދިރާސާކޮށްފައެވެ. މި މަސްތައް ބެހެއްޓުނީ މީރުފެނާއި ލޮނުފެން މަސްހުނިވެފައިވާ ފެނުގައާއި، އާދައިގެ ކަނޑުގެ ލޮނުފެނުގައާއި، އަދި އާދަޔާ ހިލާފަށް ލޮނުގަދަ ފެނުގައެވެ.
ދިރާސާ ކުރި ޓީމަށް ފާހަގަކުރެވުނު ގޮތުގައި، ލޮނު މަދު ފެނުގައި ގެންގުޅުނު މަސްތަކުން އިކްތިއޯކާބޮނޭޓް އުފައްދާފައެއް ނުވެއެވެ. ނަމަވެސް، އާދައިގެ ލޮނުފެނުގައި އުފެއްދި މިންވަރަށް ވުރެ ލޮނުގަދަ ފެނުގައި އެ މާއްދާ އުފެއްދި މިންވަރު އިތުރުވެގެން ދިޔައެވެ.
މި ދިރާސާގައި ގޮހޮރުގެ އެކި ބައިތަކުންނާއި، އުފެދުނު އިކްތިއޯކާބޮނޭޓްތަކުން އަދި އެ ތަކެތި އުޅުނު ފެނުން ސާމްޕަލް ނަގައިގެން ޑީ.އެން.އޭ އަދި އާރް.އެން.އޭ ތަހުލީލުކުރިއެވެ. މީގެ ބޭނުމަކީ އެތަނުގައި ހުރި ޖަރާސީމުތަކާއި މަހުގެ ހަށިގަނޑުގެ ޖީންތައް މަސައްކަތްކުރާ ގޮތް ދެނެގަތުމެވެ.
މަހާއި ޖަރާސީމުގެ ގުޅުމުގެ ހެކިތައް
ސައިންސްވެރިންނަށް ފެނުނު ގޮތުގައި މަހުގެ ގޮހޮރުގައާއި އުފެދުނު އިކްތިއޯކާބޮނޭޓްތަކުގައި ގިނަ އަދަދަކަށް ‘ވައިބްރިއޯ’ ބެކްޓީރިއާ ހުއްޓެވެ. ޖީން ތަހުލީލުތަކުން ދެއްކި ގޮތުގައި، މި ބެކްޓީރިއާތަކުގައި އިކްތިއޯކާބޮނޭޓް އުފެއްދުމަށް އެހީތެރިވެދޭ ސިފަތަކެއް އެކުލެވިގެންވެއެވެ.
މި ހޯދުންތަކުން ދޭހަވަނީ، މި ޖަރާސީމުތަކަކީ ހަމައެކަނި މަހުގެ ބަނޑުތެރޭގައި ދިރިއުޅޭ އެއްޗެއް ނޫން ކަމަށާއި، އެއީ މަހުގެ ހަށިގަނޑާ ގުޅިގެން މި މަޢުދަން އުފެއްދުމުގައި އަމަލީ ގޮތުން ބައިވެރިވާ އެއްޗެއް ކަމެވެ.
ކަނޑުގެ ދުޅަހެޔޮކަމާއި ކާބަން ރައްކާކުރުމަށް މީގެން ކުރާނެ އަސަރު
މި ހޯދުމުގެ ސަބަބުން ކަނޑުގެ ދިރުންތަކުން ކަނޑުގެ ކެމިސްޓްރީއަށާއި ކާބަން ސައިކަލަށް އަސަރުކުރާ ގޮތާ މެދު އައު ތަސައްވުރެއް ލިބިގެންދެއެވެ. ކުރިއަށް އޮތް ދިރާސާތަކުން މިކަން ކަށަވަރުވެއްޖެ ނަމަ، މިއީ ކަނޑުގައި ކާބަން ރައްކާކުރުމަށާއި ކަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި ކުރިން ހީކުރި ވަރަށް ވުރެ މާ ބޮޑު ދައުރެއް ކުދިކުދި ޖަރާސީމުތަކުން އަދާކުރާކަމުގެ ހެއްކަކަށް ވާނެއެވެ.
