ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އިވްރިޝާ – އެޕިސޯޑް 02

އަލުން ކިޔައިލަން: އިވްރިޝާ – އެޕިސޯޑް 01

“އެއްވެސް މީހަކު ނެތޭ–” އަހަރެންގެ ޖުމުލަ ފުރިހަމަ ނުވަނީސް، ކާރުގެ ފަހަތުން އިވުނު ބާރު އަޑަކާއެކު، އަހަރެންގެ ބޯ ގޮސް ކާރުގެ ހުންގާނުގައި ޖެހިއްޖެއެވެ. ކާރުގެ ބިއްލޫރިތައް އަހަރެންގެ ހަށިގަނޑަށް ވަންނަމުން ދިޔައިރު، އަހަރެން ވިއްސައިގެން ގޮސް ވެއްޓުނީ ކުރިމަތީގައި އޮތް ވިނަގަނޑު މައްޗަށެވެ.

މުޅި ހަށިގަނޑަށް އިހުސާސްވަމުން ދިޔައީ ނުހަނު ވަރުގަދަ ތަދެކެވެ. ބޮލާއި، މޫނާއި، މުޅި ހަށިގަނޑު ރިހެމުން ދިޔައެވެ.

ލޯ ހުޅުވަން މަސައްކަތް ކުރި ނަމަވެސް، ލޮލެއް ނުހުޅުވުނެވެ. ނާންގެ ނަމުން ގޮވާލަން އުޅުނު ނަމަވެސް، އަނގައިން ބަހެއް ބޭރެއް ނުވިއެވެ. އެތައް މަސައްކަތެއް ކުރުމަށްފަހު، އެންމެ ފަހުން ހަށިގަނޑަށް ވެރިވަމުން ދިޔަ ކަނު އަނދިރިކަމުގެ ތެރެއަށް އަހަރެން ޣަރަގުވެއްޖެއެވެ. މުޅި ދުނިޔެ ހިމޭންވެއްޖެއެވެ…

އެޕިސޯޑް 02

ބުދަ ދުވަސް، 23 ސެޕްޓެމްބަރ 2017 (4 އަހަރު ފަހުން)

(އެންގޭޖްމެންޓަށް ބާކީ ދެ ދުވަސް)

އަހަރެމެން އެ ބޮޑު ޝޮޕިންގ މޯލަށް ވަނީމެވެ. އެތަނުގެ ބޮޑުމިނާއި ފުރިހަމަކަން ފެނިފައި އަހަރެން ހުރީ އަންތަރީސްވެފައެވެ. އަހަރެންގެ ދެލޯ އެތަން މިތަނަށް ހިންގަމުން ދިޔައިރު، ގަންނަން ބޭނުންވާ ތަކެތީގެ ދެބައިކުޅަ އެއްބައި އޭރުވެސް އަހަރެންގެ ހިތުން ކަނޑައަޅައި ނިމިއްޖެއެވެ.

މުޅި ތަން އޮތީ މީހުންތަކުން ފުރި ބާރުވެފައެވެ. ބައެއް މީހުން އަންނަނީއެވެ. އަނެއް ބަޔަކު ދަނީއެވެ. އަދި ބައެއް މީހުން އެކި ދިމަދިމާ ބަލަމުން ހިނގަމުން ދެއެވެ.

“އިވްރިޝާ، ތަންކޮޅެއް އަވަހަށް ހިނގާބަލަ!” އަހަރެންގެ ރުޅިގަދަ ބޭބެ ހަމްޒާ، އަހަރެން ކޮއްޕާލަމުން ބުންޏެވެ.

“ކަލޯ! ތިހާ ގަދަކަމުން ކޮއްޕަން ޖެހޭތަ؟” އަހަރެން ޝަކުވާގެ ރާގަކަށް އޭނާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ބުނީމެވެ.

އޭނާ އަހަންނަށް ދޫނެރުމަށްފަހު، އަހަރެންގެ އިނގިލީގައި ޖެހިއެވެ. އަސްތާ! ހަމްޒާ އުޅޭގޮތުން އޭނާއަކީ ގޭގެ އެންމެ ދޮށީ ދަރިފުޅުކަން ގަބޫލުކުރަންވެސް ދަތިވެއެވެ.

“ޑޮންކީއެއްހެން ކީއްވެތަ މަޑުޖެހިފަ ތި ހުންނަނީ؟” އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން އަނެއްކާވެސް އެހިއެވެ.

“އެކަމަކުވާ ދޯ… ތީ ހާދަ ޒާތްކޮޅު ބޮޑު މީހެކޭ ހުވާ މިބުނީ!” — އަހަރެން ހިތްހަމަ ނުޖެހިފައި ހުރި ވަރުން ބުނެލީމެވެ.

“ކަލޭމެން ތި އުޅޭ ގޮތަކުން ހުވާ މިބުނީ މަގޭ ބޯ ގޮވާނެ! ހިމޭނުން ތިބޭ!” — އަހަރެންގެ އަންހެން ކޮއްކޮ، ތަސްނީމް، އަހަރުމެންގެ ކޯޅުމުގެ ތެރެއަށް ވަންނަމުން ބުންޏެވެ. “ޔޫ ގައިސް އާ ބަންޗް އޮފް އިމަޗުއަރ ލޫޒަރސް!”

ލޮލުން ހިތްހަމަ ނުޖެހުން ފާޅުކޮށްލަމުން، އަހަރުމެންގެ ވަށައިގެން ތިބި މީހުން އަހަރުމެންނަށް ލޯއަޅަމުން ދިޔަ މަންޒަރު ދައްކަމުން ތަސްނީމް ވާހަކަ ދެއްކިއެވެ.

“ކަލޭ އަނގަމަޑުންލައިގެން ހުރެބަލަ!” ތަސްނީމްގެ އަނގަމތީގައި އަތް އަޅަމުން ހަމްޒާ އިންޒާރުދިނެވެ. “ތީ އަހަރުމެންގެ ކޮއްކޮ. އެހެންވީމަ ތީ މަށާ އިވްރީއަށް ވުރެން ހަގު މީހެއްކަން ހަނދާންނައްތާނުލާތި!… އޯކޭ؟”

ތަސްނީމް ބޯ ޖަހައިލަމުން ކުދިކިޔަމުން މާފަށް އެދުނެވެ. “ކޮންތާކަށްތަ އަހަރުން ފުރަތަމަ ވަންނާނީ؟” އަހަންނަށް ބަލައިލަމުން އޭނާ އަހައިލިއެވެ.

“ހެދުން ހުރި ތަނަކަށްނު މިހިރަ ޑަންބޯ ސިސް!” އަހަރެން އަތުން އިޝާރާތްކުރަމުން ބުނީމެވެ.

“ވެލް ޔޫ ލޫސަރސް ޝުޑް ގޯ ފަސްޓް. އައި ސްޓިލް ޑޯންޓް ނޯ ދަ ރީޒަން މޯމް ސެއިޑް އައި ޝުޑް ޑްރައިވް ޔޫ ގައިސް! އިޓްސް ނޮޓް ލައިކް ޔޫ ކާންޓް ޑްރައިވް” ފޫހިވެފައި ހުރެ ހަމްޒާ ބުންޏެވެ. އަދި އަތް ހޫރާލުމަށްފަހު އެތަނުން ހިނގައިގަތެވެ.

“ހިނގާ ދާން!” ތަސްނީމް އަހަރެންގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ފިހާރައާ ދިމާލަށް މިސްރާބު ޖެހިއެވެ.

ކިޔުންތެރި ތިޔަ ތިބީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ކަންނޭނގެއެވެ. އަހަރެންގެ ނަމަކީ އިވްރިޝާ މުޙައްމަދެވެ. އަހަރެންގެ އުމުރަކީ 22 އަހަރެވެ. ސެޕްޓެމްބަރު މަހުގެ 25 ވާ ހުކުރު ދުވަހަކީ އަހަރެންގެ އެންގޭޖްމަންޓް އޮންނަ ދުވަހެވެ. އަހަރެން އެންގޭޖްވަނީ ވޭތުވެދިޔަ ދެ އަހަރު ދުވަހު ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ އާއެވެ. އޭނާގެ ނަމަކީ ޢލީ ޚާލީލް އެވެ. އޭނާއަކީ އަހަރެންގެ ހަޔާތުގެ ލޯތްބެވެ.

އެންގޭޖްމަންޓް އޮންނާނީ އަހަރެމެންގެ އުފަން ގައުމު ކަމަށްވާ ދިވެހިރާއްޖޭގައެވެ. ނަމަވެސް އަހަރެން ދިރިއުޅެނީ މަންމަ އާއި ކޮއްކޮމެންނާއެކު ލަންކާގައެވެ. އަހަރެން ބޮޑުވީ މިތަނުގައެވެ.

“އިވްރިޝާ، ބޭނުންވާ ހެދުންތަކުގެ ތަފްސީލު ބުނެބަލަ،” ތަސްނީމް ވަރަށް ޝައުޤުވެރިކަމާއެކު އެހިއެވެ.

އަހަރެން ކޮނޑު އަރުވާލުމަށްފަހު ތުންފަތުގައި ދަތްއަޅާލީމެވެ. “މި ފެޝަނުގެ ކަންކަމުގައި އަހަރެން ހާދަ ދެރައޭ. މަޑުކުރޭ އަމާނީއަށް ގުޅާލާނަން، އޭނާ އުޅޭ ގެ މިތަނާ ވަރަށް ކައިރިވާނެ.”

އަހަރެންގެ ކޮނޑުގައި އޮތް ދަބަހުން ފޯނު ނަގައި، އެންމެ ގާތް އެކުވެރިޔާއަށް ގުޅާލީމެވެ.

“ހޭއި އީވް!” ފޯނުގެ އަނެއްކޮޅުން އޭނާ ބުންޏެވެ. އަހަރެން ފޫހިވެގެން އެއްޗެކޭ ބުނެލީމެވެ. އޭނާ އަހަރެންގެ ނަމަށް ‘އީވް’ ކިޔާތީ އަހަރެން ވަރަށް ފޫހިވެއެވެ.

“ހޭއި އަމާނީ. މޯލަށް އާދެވިދާނެތަ؟ އަހަރެން މި އުޅެނީ ހެދުމެއް ހޯދަންވެގެން،” އަހަރެން އާދޭސްކުރާ ރާގަކަށް ބުނީމެވެ.

މިވެސް ކިޔާލަން:  ކައިވެނީގެ ގުޅުމެއްގައި "އަމާންކަން" ނުވަތަ "ހަމަޖެހުން"

“އެއްވެސް މައްސަލައެއް ނެތް. މިދަނީ އިރުކޮޅަކުން،” އޭނާ ފޯނު ބޭއްވިއެވެ. އަހަރެންގެ ފޯނު ދަބަހަށް ލީމެވެ.

“އޭނާ އަންނަންވާއިރަށް އަހަރެމެން ބަލަން ފަށަމާ. އަހަރެން ބޭނުމީ ވަރަށް ރީތި، ކްލާސީ އަދި ހިތްގައިމު ހެދުމެއް. ޚަލީލް ހިތްހަމަޖެހޭ ފަދަ ހެދުމެއް ހޯދަން އަހަރެން ބޭނުން،” އަހަރެން ހިނިތުންވެލަމުން މަޑުމަޑުން ބުނީމެވެ.

ޚަލީލް އަހަރެންގެ ރީތިކަމަށް ތައުރީފުކޮށް ބައްދާލާނެ ގޮތާއި، އެކުގައި ފިލްމެއް ބަލަން ތިބޭނެ ގޮތް މިހާރުވެސް އަހަރެންގެ ޚިޔާލަށް އަންނަން ފަށައިފިއެވެ.

“އޯކޭ. އޭނާ އަންނަނީ ކޮން އިރަކުން؟” ދަނބު ކުލައިގެ ޗައިނީޒް ހެދުމެއް ބަލަމުން ތަސްނީމް އެހިއެވެ.

“އޭނާ ބުނީ އޮފީސް ނިންމާފައި އަންނާނެ ކަމަށް. މި ދުވަސްކޮޅު އޭނާ އުޅެނީ ވަރަށް ބިޒީކޮށް،” އަހަރެން ބުނީމެވެ.

“ރާއްޖޭގަ ތިބި ގާތް އެންމެންވެސް ތިބީ އޭނާއާ ބައްދަލުކުރަން ކެތްމަދުވެފަ. އުއްމީދު ކުރަނީ އެންމެންނަށްވެސް އޭނާ ކަމުދާނެ ކަމަށް،” ކޮނޑުމަތީގައި ދެ ހެދުމެއް އަޅުވައިގެން ހުރެ ތަސްނީމް ބުންޏެވެ.

“އާނ، ހަމަޔަގީނުންވެސް ކަމުދާނެ. އޭނާއަކީވެސް އައްޑޫ މީހެއްނު. އަހަރެން ރާއްޖެ މަތިން ވަރަށް ހަނދާންވޭ،” އަހަރެން ހިނިތުންވުމާއެކު ބުނީމެވެ.

އަހަރެމެން ލަންކާއަށް ބަދަލުވީ މީގެ ހަތަރު އަހަރު ކުރިން މަންމަ އާއި ބައްޕަ ވަކިވި ހިސާބުންނެވެ. އެއީ މަންމައަށާއި އަހަރެމެންނަށް ވަރަށް ހިތްދަތި ދުވަސްވަރެކެވެ.

ބައްޕައަކީ އަބަދުވެސް ވަރަށް އަމިއްލަ އެދުން ބޮޑު މީހެކެވެ. އޭނާ ވަނީ މަންމަގެ އިހުސާސްތަކާ އެތައް ފަހަރަކު ކުޅެފައެވެ. އޭނާއަކީ ނުހަނު މުއްސަނދި މީހެކެވެ. އެ ފައިސާގެ ސަބަބުން އޭނާ ބޮޑާވެ، މަގު އޮޅުނީއެވެ. އެހެން އަންހެނުންނާ ގުޅުން ބާއްވަން ފެށިއެވެ. އެ ދުވަސްވަރު އަހަރެންގެ އުމުރަކީ 17 އަހަރެވެ.

އެއްފަހަރަކު ބައްޕަ ކޮޓަރި ތެރޭގައި އެހެން އަންހެނަކާއެކު އުޅެނިކޮށް އަހަރެންނަށް ފެނުނެވެ. އެކަމުން އަހަރެންގެ ހިތް މުޅިން ކުދިކުދިވިއެވެ. އެ ވާހަކަ މަންމަ ގާތު ނުބުނުމަށް އެދި އޭނާ އާދޭސްކުރިއެވެ. އަދި އަހަރެންނަށް ދޭ ޚަރަދު ބޮޑުތަނުން އިތުރުކުރިއެވެ. އޭރު އަހަރެންނަކީ މައުސޫމް އަދި ބަސްއަހާ ކުއްޖަކަށް ވުމުން، މަންމަ ގާތު އެ ވާހަކައެއް ނުބުނަމެވެ.

މަންމައަށް އެކަން އެނގުނީ ކުއްލިއަކަށް ބައްޕަގެ އޮފީހަށް ދިޔަ ދުވަހަކު، ބައްޕަ އެހެން އަންހެނަކާއެކު އުޅެނިކޮށް ފެނުމުންނެވެ. ވަގުތުން މަންމަ ވަރިވާން އެދުނެވެ. ބައްޕަވެސް ހުރީ އެގޮތް ބޭނުންވެފައި ކަމުން، ވަރަށް އުފަލާއެކު ވަރީގެ ލިޔުމުގައި ސޮއިކުރިއެވެ.

މަންމަ އަހަރެމެން ގޮވައިގެން ލަންކާއަށް ބަދަލުވީ ރާއްޖޭގައި ތިބި މަންމަގެ އާއިލާ އާއި ހުރިހާ ކަމެއް ދޫކޮށްލުމަށްފަހުއެވެ. ބައްޕަ އަބަދުވެސް ހަމްޒާ އަށާއި ތަސްނީމް އަދި އަހަރެންނަށް ފައިސާ އާއި ހަދިޔާ ފޮނުވައެވެ. ނަމަވެސް އަހަރެން ދުވަހަކުވެސް އެ ތަކެއްޗެއްގައި ނުހިފަމެވެ. ބައްޕަ މަންމައަށް ބޭވަފާތެރިވި ހިސާބުން، އޭނާއަށް އަހަރެންގެ ހިތުގައި އޮތް އިހުތިރާމް ގެއްލިއްޖެއެވެ. ހަމްޒާ އާއި ތަސްނީމް އަދިވެސް ބައްޕައާ ވާހަކަދައްކައެވެ. ބައްޕަ ކުރި ކަންތައްތަކެއް އެމީހުންނަކަށް ނޭނގެއެވެ. އަދި މަންމަވެސް އެމީހުންނަށް އެ ވާހަކަ ކިޔައިދޭކަށް ބޭނުމެއް ނުވިއެވެ. މަންމައަކީ ހާދަހާ ހިތްހެޔޮ އަންހެނެކެވެ.

“އޭއް … އަމާނީ އަތުވެއްޖެ!” ތަސްނީމް އުފަލުން ހަޅޭއްލަވައިގަތް އަޑަށް އަހަރެންގެ ޚިޔާލީ ދުނިޔެއިން ބޭރުވިއެވެ. އަހަރެން އެނބުރިލިއިރު އަމާނީ އަންނާތީ ފެނުނެވެ.

އޭނާ ހުރީ ޖީންސަކާއި އަންހެންވަންތަ ޓޮޕެއްގައެވެ. ބޮލުގައި ކަޅު ކުލައިގެ ފޮތިގަނޑެއް އޮޅާލާފައި އޮތެވެ. އަމާނީއަކީ ފުވައްމުލަކަށް ނިސްބަތްވާ ދޮން ހަންގަނޑެއް ލިބިފައިވާ ރީތި ކުއްޖެކެވެ. އަހަރެމެންނަކީ ކުރީއްސުރެ ދަންނަ ބަޔަކަށް ވިޔަސް، އަހަރެން ރާއްޖެ ދޫކޮށް ދިޔުމުން ގުޅުން ކެނޑުނީއެވެ. އަހަރެމެން އަލުން ބައްދަލުވީ އޭނާ ޔުނިވަރސިޓީއަށް ކިޔަވަން ލަންކާއަށް އައި ހިސާބުންނެވެ. މިއީ މިހާރު އޭނާގެ ފަހު އަހަރެވެ. އަހަރެން އަދި މި އުޅެނީ ހަތަރުވަނަ އަހަރުގައެވެ. އަހަރެން ކިޔަވަނީ މެޑިސިން އެވެ. އޭނާ ކިޔަވަނީ އިނގިރޭސި ބަހެވެ.

“ހޭއި އީވް،” އޭނާ އަހަރެންގެ ގައިގައި ބައްދާލުމަށްފަހު ތަސްނީމްގެ ގައިގައިވެސް ބައްދާލިއެވެ. އަހަރެން އޭނާގެ ގައިން ދުވި މީރުވަސް ބަލާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލީމެވެ. އަމާނީގެ ގައިން އަބަދުވެސް ދުވަނީ އެ މީރުވަހެވެ. އެއަށް ކިޔަނީ ކީކޭ ހެއްޔެވެ؟ އާނ، ‘ތުރާރެން ވޫތާ’އެވެ.

“އޯކޭ، އަހަރެމެން ޖެހޭނެ ވަރަށް އަވަސްކުރަން. އަދި ގެއަށް ގޮސް ފޮށިތައްވެސް ބަންދުކުރަން ޖެހޭނެ. ސަޅި ހެދުމެއް ފެނިއްޖެއްޔާ ނަގާ،” އަހަރެން ތަސްނީމް އަދި އަމާނީއަށް އިރުޝާދު ދިނީމެވެ.

“ހަމަ އެކަނި ސަޅި ހެދުމެއްތަ؟ ޚަލީލްއާ އެއްކޯށް ކޮންމެވެސް ވަރަކަށް ސަކަރާތް ޖަހާލެވޭ ކަހަލަ ސެކްސީ ހެދުމެއްވެސް ބޭނުންވާނެ ނޫންތަ؟” އަމާނީ ލާނެތް ގޮތަކަށް ހީލަމުން ބުންޏެވެ.

އަހަރެން ލަދުން ހުރެ އޭނާގެ ކޮނޑުގައި ޖަހާލީމެވެ. “އަމާނީ! އަހަރެންގެ ކޮއްކޮވެސް މިތާ އެބަހުއްޓޭ!”

“އިވްރިޝާ، ހަމަޖެހިބަލަ. އަހަރެންގެ އުމުރަކީ މިހާރު 17 އަހަރޭ،” ތަސްނީމް ބުންޏެވެ.

އަހަރެން ބޯޖަހާލީމެވެ. އެއަށްފަހު އަހަރެމެން ތިން މީހުން ވަކިވަކިން ހެދުން ހޯދަން ދިޔައީމެވެ.

ވިޔަފާރި ނިންމާލިއިރު، އަހަރެމެން ތިބީ އަތް ފުރެންދެން ކޮތަޅުތައް ހިފައިގެންނެވެ. ހެދުން ގަނެ ނިމިގެން، އަހަރެމެން ދިޔައީ އަންހެނުންގެ އެތެރެއިންލާ އަންނައުނު ވިއްކާ ބަޔަށެވެ. އެއަށްފަހު މޭކަޕް ސާމާނާއި، ފައިވާނާއި، ގަހަނާ ވިއްކާ ބަޔަށް ދިޔައީމެވެ.

މިވެސް ކިޔާލަން:  ރިހިރަންފުށި - ޗެޕްޓަރ 12

އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް މިހާރު ގަންނަން ޖެހެއެވެ. ސަބަބަކީ ކައިވެނި ކުރެވެންދެން ދެން އަހަރެން ލަންކާއަށް ނާންނާނެތީއެވެ.

“އަމާނީ، ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެމެންނާއެކު ގެއަށް ދާން އަންނާނަންތަ؟” ކާރުގެ ޑިކީއަށް ހުރިހާ ކޮތަޅުތަކެއް ލުމަށްފަހު އަހަރެން އެހީމެވެ.

އޭނާ ބޯ ހޫރާލިއެވެ. “ނޫނޭ، އަހަރެންވެސް ޖެހޭނީ ދެން ގޮސް ފޮށި ތައްޔާރުކުރަން. މި ކައިވެންޏަށްޓަކައި އަހަރެންވެސް މިހިރީ ވަރަށް އުފަލުން!” އޭނާ އަހަރެންނާ އެކު ހިނިތުންވެލިއެވެ.

“އަމާނީ، އަހަރެންވެސް ހަމަ އެހެން. ފައިނަލީ، މަށާ ޚަލީލްއާއި ދެމަފިރިންގެ ގޮތުގައި އެކުގައި އުޅެވޭނެ ހަމަ ކުޑަ ދުވަސްކޮޅެއް ފަހުން. އައޭމް ސޯ ޑެސްޕަރޭޓް.”

“ކައިވެނި ކުރާ ދުވަސް ކަނޑައަޅައިފިތަ؟” އޭނާ އެހިއެވެ.

“ނޫން، އެންގޭޖްމަންޓް ދުވަހު މަންމަ އެކަން އިއުލާނުކުރާނީ. އަހަރެމެން ބޭނުންވަނީ ޑިސެމްބަރު މަހު ކައިވެނި ކުރަން.”

އޭނާ ބޯޖަހާލައި، އަހަރެންގެ ގައިގައި ބައްދާލާފައި ގުޑްބައި ކިޔުމަށްފަހު ޓެކްސީއެއް ހުއްޓުވިއެވެ.

އަހަރެން އަހަރެމެންގެ ކަޅު ކުލައިގެ ޓޮޔޯޓާ އެސް.ޔޫ.ވީ އަށް އެރީމެވެ. އަދި ހަމްޒާ ކާރު ދުއްވާލިއެވެ.

*****

“މަންމާ! މި އަންހެން ކުދިން އަހަރެން މަރާލަން އެބައުޅޭ،” ގެއަށް ވަދެވުނު ގޮތަށް ހުރިހާ ކޮތަޅުތަކެއް ދޮރުމައްޗަށް ދޫކޮށްލަމުން ހަމްޒާ ހަޅޭއްލަވައިގަތެވެ.

އަހަރެން ފޫހިވެގެން މޫނު އަނބުރާލީމެވެ. ތަސްނީމް ހީލާފައި ބުންޏެވެ. “ހަމްޒާ، ކަލޭ ހާދަހާވާ ޑްރާމާ ބޮޑޭ.”

އޭނާ މަންމަގެ ކައިރީގައި ސޯފާގައި އިށީނދެ، މަންމަގެ ގައިގައި ބައްދާލިއެވެ. “އޯހް މަންމާ، މިހާރު އަހަރެން މިވީ ޑްރާމާ ކުއީން އަކަށް.”

އަހަރެން ލޯ އަޅާލުމަށްފަހު ޖެކެޓް ބާލާފައި، މަންމަގެ ކުރިމަތީގައި ހުރި ސޯފާގައި ބަންޑުން އޮށޯވެލީމެވެ.

“އިވްރިޝާ، ކީއްވެތަ އަހަރެންގެ މި ފަކީރު ދަރިފުޅު މަރާލަން ތިއުޅެނީ؟” މަންމަ ލާނެތް ގޮތަކަށް އަހަރެންނާ ދިމާއަށް ބަލާލަމުން އެހިއެވެ.

“ތިޔަ ‘ބޭބީ’ އަކީ، ތަސްނީމް އެ ބުނިހެން އެއްވަނަ ދަރަޖައިގެ ޑްރާމާ ކުއީންއެއް. ހަމްޒާ، ކަލޭގެ އުމުރަކީ 26 އަހަރު، އެކަމަކު ތި އުޅެނީ 13 އަހަރުގެ ކުއްޖެއްހެން،” އަހަރެން އޭނާއާ ދިމާއަށް ބަލާލީމެވެ.

އަހަރެން ބޮލުގައި އަތް އުނގުޅާލުމަށްފަހު ބޫޓު ބޭލީމެވެ. ފައިގައި ރިއްސާވަރުންނާއި ބޮލުގައި ރިއްސަން ފެށުމުން އަހަރެން ހުރީ ވަރަށް ވަރުބަލިވެފައެވެ.

ހުރިހާ ކޮތަޅުތަކެއް ފެނުމުން އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. އެ ހުރިހާ އެއްޗެއް ފަތްޖަހާފައި ފޮށްޓަށް އަޅަން ޖެހޭނެއެވެ.

އާހް… ކައިވެނި ކުރުމަކީ ހާދަ ބުރަ ކަމެކެވެ.

އަދި އަރާމުކޮށްލާނެ ވަގުތެއްވެސް ނުލިބޭނެއެވެ. މާދަމާ އަހަރެމެން ރާއްޖެއަށް ފުރަން ޖެހެއެވެ.

“އިވްރިޝާ، ބޭނުންވި ހުރިހާ އެއްޗެއް ލިބުނުތަ؟” މަންމަ އަހަރެންގެ ޚިޔާލުތައް މެދުކަނޑާލަމުން އެހިއެވެ.

އަހަރެންގެ މަންމައަކީ 45 އަހަރުގައިވެސް ވަރަށް ރީތި އަންހެނެކެވެ. އޭނާގެ ހަންގަނޑު އޮމާންވެފައި، މޫނު އަލިވެފައި ރީއްޗެވެ. އަހަރެންނަށް ލިބިފައިވަނީ އޭނާގެ ދިގު ނޭފަތާއި، ފިޔާތޮށި ކުލައިގެ ތުންފަތާއި، ފަށުވިކޮޅެއް ފަދަ ކަޅު އިސްތަށިގަނޑެވެ.

އޭނާއަކީ ފަލަ މީހެއް ނޫނެވެ. އެކަމަކު ހިކި މީހެއްވެސް ނޫނެވެ. އެއީ ހަމަ ‘މަންމަ’ އެވެ.

“އާނ، ހީވަނީ މިހާރު ހުރިހާ އެއްޗެއް ހަމަވެއްޖެހެން،” ތެދުވަމުން އަހަރެން މަޑުމަޑުން ބުނީމެވެ. “އަހަރެން ގޮސް ފޮށި ތައްޔާރުކުރަން ފަށާނަން.”

ސޯފާގެ ކައިރިން ހިނގާފައި ގޮސް، ވާތްފަރާތުން ހުރި ފުރަތަމަ ދޮރުން ވަނީމެވެ.

އެއީ އަހަރެންނާއި ތަސްނީމްގެ ކޮޓަރިއެވެ. އަހަރެމެންގެ އެޕާޓްމަންޓުގައި ތިން ކޮޓަރިއާއި، ދެ ފާޚާނާއާއި، ސިޓިންގ ރޫމަކާއި، ބަދިގެއެއްގެ އިތުރުން ކުޑަ ގޯއްޗެއް އޮވެއެވެ.

އަހަރެން އެގެދެކެ ލޯބިވަނީ އެތަނުން އަބަދުވެސް މަންމަގެ ވަހާއި ގޯތިތެރޭގައި ހައްދާފައިވާ ޗަމްޕާޕޫލް މާ ގަސްތަކުގައި އަބަދުބެ ފޮނިފައިވާ މާތަކުން މީރުވަސް ދުވާތީއެވެ. އަހަރެން ހިތްހަމަނުޖެހޭ އެއް ކަމަކީ ފާޚާނާ މަދުވުމެވެ.

މަންމަގެ ކޮޓަރީގައި ފާޚާނާއެއް ހުރެއެވެ. އަނެއް ފާޚާނާ ހުންނަނީ ކޮރިޑޯގެ ކޮޅުގައެވެ. އެ ފާޚާނާ އަހަރެމެން ޖެހެނީ ހަމްޒާއާ ހިއްސާކުރާށެވެ. ހަމްޒާއަކީ ކޮންމެ ދުވަހަކުވެސް އުނދަގޫ ބޮޑު މީހެކެވެ.

އަހަރެން ދޮރު ހުޅުވާލާފައި ކޮޓަރިއަށް ވަނީމެވެ. އެއީ ދެ އެނދު ހުރި، މުށި ކުލައިގެ ދަގަނޑު ކުލައެއް ލާފައިވާ، އަދި ގަދަ ކުލައިގެ ފަރުދާ ދަމާފައިވާ ސާދާ ކޮޓަރިއެކެވެ. އަހަރެންނާއި ތަސްނީމަކީ ކޮޓަރި ޒީނަތްތެރިކުރުމަށް މާ ބޮޑު ޝައުޤުވެރިކަމެއް ހުންނަ ބައެއް ނޫނެވެ. ނަމަވެސް މަންމައަކީ އެކަމަށް ވަރަށް ލޯބިކުރާ މީހެކެވެ.

ތަސްނީމް ބައެއް ކޮތަޅުތައް ހިފައިގެން ވަދެ ތަޅުންގަނޑު މަތީގައި ބެހެއްޓުމަށްފަހު، އިތުރު ކޮތަޅުތައް ބަލާ ދިޔައެވެ. އަހަރެން އެނދުގެ ދަށުން ބޮޑު ފޮށި ނަގައި، އައިޕޮޑުން ލަވަ އަޑުއަހަމުން އެއްޗެހި އަޅަން ފެށީމެވެ.

ހެދުންތައް ފޮށްޓަށް އަޅަމުން ދިޔައިރު، އަހަރެން ހުރީ އިންތިހާއަށް ވަރުބަލިވެފައެވެ. އަހަރެން ތެދުވީ ހަމައެކަނި މަޣްރިބް ނަމާދަށް ވުޟޫކުރަން ފާޚާނާއަށް ދިއުމަށެވެ.

ހެދުންތައް އަޅާ ނިމި، މިހާރު މި އުޅެނީ ގަހަނާތަކާއި މޭކަޕް ސާމާނުތައް ތަރުތީބުކުރުމުގައެވެ.

މިވެސް ކިޔާލަން:  ވީއެމް 101 : އިމަޖެންސީ ޑިކްލަރޭޝަން

ކުއްލިއަކަށް ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. “އިވްރިޝާ، ކަލޭގެ އެ މޮޔަ ލޯބިވެރިޔާ އަތުވެއްޖެ،” ހަމްޒާ ފޫހިވެފައި ބުންޏެވެ.

“އޭނާ ކަލެއަށްވުރެ މާ މޮޅުވާނެ!” އަހަރެން ތެދުވެ ހަށިގަނޑު ދަމާލަމުން ހަޅޭއްލަވައިގަތީމެވެ. ގިނައިރު އިށީނދެގެން އިނުމުން ފޫކަޅުގައި ހުރީ ރިއްސާލާފައެވެ.

“ކަލޭ ތިހެން ހީކުރިޔަސް، އޭނާގެ މޫނަށްވުރެ އަހަރެންގެ ފޫކޮޅުވެސް މާ ރީތިވާނެ!” ހަމްޒާ މިހެން ބުނެފައި ދޮރުގައި ޖަހާލުމަށްފަހު ދިޔައެވެ.

އަހަރެން ދޮރު ހުޅުވާލާފައި، ޚަލީލް ފެނުމާއެކު ހިނިތުންވެލާފައި ގޮސް އޭނާގެ ގައިގައި ބައްދާލީމެވެ. އަހަރެންގެ ބޯ އޭނާގެ މޭގައި ލައްކޮށްލީމެވެ.

“ޚަލީލް ތި އުޅެނީ ހާދަހާ ބިޒީކޮށްލައިގެންނޭ ދޯ،” އަހަރެން މަޑުމަޑުން ބުނީމެވެ.

“ލޯބިވާ، އަހަރެންނަށް މާފުކުރޭ،” އޭނާ އަހަރެންނާއެކު ކޮޓަރިއަށް ވަންނަމުން ބުންޏެވެ. “އަހަރެން ވަރަށް ބިޒީވީ. މިއަދު އޮފީހުގައި ވަރަށް ބުރަކޮށް އުޅެންޖެހުނީ.”

އަހަރެން ފުން ނޭވާއެއްލާފައި، އެނދުގައި އިށީނދެގެން އިން އޭނާގެ ދެފައި ދޭތެރޭގައި ކޮޅަށް ހުރީމެވެ.

“އާނ، އެކަމަކު ޚަލީލް ޕްރޮމިސްކުރީމެއްނު އަންނާނަމޭ. އަހަރެން ވަރަށް ރީތި ހެދުންތަކެއް ލައިގެން ބެލިން، އެކަމަކު ޚަލީލަކަށް އެއެއް ނުފެނުނު.”

އޭނާ މޫނު ހަދާލާފައި އަހަރެންގެ އުނަގަނޑުގައި ބައްދާލިއެވެ. “އައޭމް ސޯ ސޮރީ. އަހަރެން އިވްރީއަށް ކޭކާއި މާ ގެނައިން.”

އަހަރެން އުފަލުން ހަޅޭއްލަވައިގަނެ، އޭނާގެ މޫނަށް ބަލާލުމަށްޓަކައި ބޯ ހިއްލާލީމެވެ. “ކޮބާ އެތަކެތި؟”

“އަހަރެން ތަސްނީމް އަތަށް ދިނީ ފްރިޖަށް ލާން،” އޭނާ ޖަވާބު ދިނެވެ. “ލޯބިވާ، އާދެބަލަ އަހަރެންގެ ގާތަށް އަރާމުކޮށްލަން،” މިހެން ބުނެ އޭނާ އަހަރެން އޭނާގެ އުނގުމަތީގައި ބޭނދިއެވެ.

އޭނާ އަހަރެންގެ ފަލަމަސްގަނޑުގައި އަތް ހާކާލައި، ކަންފަތްދަށުގައި މަޑުމަޑުން ބުންޏެވެ. “އިވްރީ ކުރު ހެދުން ލީމާ އަހަރެން ވަރަށް ގަޔާވޭ. އޭރުން އިވްރީގެ މި ރީތި ފައި ފެންނަން ހުރޭ.”

އަހަރެން ހީލާފައި އޭނާގެ ކޮނޑުގައި ބޯ އަޅާލީމެވެ. އޭނާގެ އަތް މައްޗަށް އަރުވައި، އަހަރެންގެ ފޫކަޅުގައި އަތްލާން ފެށުމުން އަހަރެން ސިހިފައި ބަލާލީމެވެ. “ލޯބީ، އަހަރެމެން މިކަހަލަ ކަންތައް ކޮށްގެން ނުވާނެއެއްނު.”

އޭނާގެ ރީތި މުށި ކުލައިގެ ލޮލުން އަހަރެންގެ ލޮލަށް ބަލާލިއެވެ. “އަހަރެމެން ވަރަށް އަވަހަށް ކައިވެނި ކުރާނަމެއްނު. އެއީ އެހާ ބޮޑު ކަމެއް ނޫން،” އޭނާ ކޮނޑު އަރުވާލަމުން ބުންޏެވެ.

“އާނ، އަހަރެންނަށް އެނގޭ،” އަހަރެން އޭނާގެ އުނގުމަތިން ތެދުވީމެވެ. “އެކަމަކު އަހަރެން ބޭނުމީ ކައިވެންޏަށްފަހު އެކަންކަން ކުރަން.”

އޭނާ އެހާ އޯގާތެރި ނޫން ގޮތަކަށް އަހަރެން ދުރަށް ކޮށްޕާލާފައި، އޭނާގެ ތުނބުޅީގައި އަތް ހާކާލިއެވެ. “ބަލަ އިވްރިޝާ، ތީކީ މަށަށް ނަސޭހަތް ދެވޭނެ މީހެއް ނޫން، އެހެންވީމާ އަނގަ މަޑުންލައިގެން ހުރޭ!”

އަހަރެން ސިހިފައި އޭނާގެ ކޮނޑުގައި އަތްލީމެވެ. “ތި ބުނި އެއްޗެއްގެ މާނައަކީ ކޮބާ؟!”

“އިވްރީ ނަމާދުކޮށް ރޯދަ ހިފިޔަސް، އިވްރީ ކުރާހާވެސް ކަމަކީ އެއީ. ބޭރަށްދާއިރު ހަށިގަނޑު ނިވާކުރަނީކީ ނޫން. ލަނީ ކުރު އަދި ހަށިގަނޑު ހާމަވާ ކަހަލަ ހެދުން. އިސްތަށިގަނޑު އޮންނަނީ އަބަދު ނިއުޅުވާލާފަ. މިގޮތަށް ކިޔާނެ ކިތަންމެ ކަމެއް އެބަހުރި!” އޭނާ ރުޅިގަދަވެފައި އެނދުން ތެދުވަމުން ބުންޏެވެ.

އަހަރެންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އޭނާ އެ ބުނި ވާހަކަތަކުން އަހަރެންގެ ހިތުގައި ވަރަށް ބޮޑަށް ރިއްސާލިއެވެ. އޭނާ އެ ބުނީ ތެދެކެވެ. އެކަމަކު އޭނާ އެހާ އިހާނެތިކޮށް އެހެން ބުނީ ކީއްވެ ހެއްޔެވެ؟

“ވާއު ޚަލީލް،” އަހަރެން ލޮލުން ފޭބި ކަރުނަ ފޮހެލަމުން ބުނީމެވެ. “ހަމައެކަނި އަހަރެން ޒިނޭކުރަން އިންކާރު ކުރީތީތަ ކަލޭ ތިހާ ނުލަފާކަން ތިޔަ ދައްކާލީ؟”

ޚަލީލް މަލާމާތުގެ ހިނިތުންވުމަކާއެކު އޭނާގެ ޖީންސްގެ ޖީބަށް އަތް ބާނާލިއެވެ. “ޖިންސީ ގުޅުން ހިންގާ ވާހަކައެއް އެކަކުވެސް ނުބުނޭ! އަހަރެން ބޭނުންވީ ހަމައެކަނި ކުޑަކޮށް ލޯބިކޮށްލަން! އަހަރެމެން އެކުގަ މިހާ ގިނަ ދުވަސްވީއިރު، އިވްރީ އަދި އެއްފަހަރުވެސް އަހަރެންނަށް ރަނގަޅު ކިސްއެއްވެސް ނުދެމެއްނު.”

އަހަރެން އޭނާގެ ކައިރިއަށް ޖެހިލާފައި، އޭނާގެ ކޯތާފަތާއި ތުނބުޅީގައި އަތްލީމެވެ. “އަހަރެން ބޭނުމީ ކައިވެންޏަށްފަހު އެކަންކަން ކުރަން. އޭރުން އެއީ ވަރަށް ޚާއްޞަ ކަމަކަށް ވާނެ.”

އޭނާ ފޫހިވެފައި އަހަރެންގެ އަތް ދުރަށް ޖައްސާލިއެވެ. “އިވްރިޝާ، ތީ ތަފާތު މީހެއް. އަހަރެން މިދަނީ، އިވްރިޝާ ތި ފޮށި ތައްޔާރުކޮށް ނިންމާ.” އޭނާ އަހަރެންގެ އަތަށް ދޮނެއް ދިނެވެ.

އަހަރެން ހިނިތުންވެލާފައި، ނިއުޅިފައި ހުރި އިސްތަށިކޮޅެއް ރީތިކޮށްލީމެވެ. އަހަރެން ޚަލީލްއާއެކު ބޭރަށް ނިކުމެ އޭނާއަށް އަލްވަދާއު ކިޔުމަށްފަހު އެނބުރި ކޮޓަރިއަށް އައިސް ފޮށި ތައްޔާރުކުރުމުގެ ބުރަ މަސައްކަތް ކުރިއަށް ގެންދިޔައީމެވެ. އިރުކޮޅެއް ފަހުން މަންމައާއި، ތަސްނީމް އަދި ހަމްޒާ އައިސް އަހަރެންނަށް އެހީވިއެވެ. ނޭނގި ހުއްޓާ ހުރިހާ ކަމެއް ނިމިއްޖެއެވެ.

އަހަރެމެން އެންމެން އެކަކު އަނެކަކަށް އުފާވެރި ރޭގަނޑަކަށް އެދި، ނިދަން ދިޔައީމެވެ.

ނިދިޖެހުމުގެ ކުރިން އަހަރެންގެ ހިތަށް އެރީ އެންމެ އެއްޗެކެވެ.

ދިވެހިރާއްޖެއަށް ދެވެން ކައިރިވަނީއެވެ.

*****
ނުނިމޭ

ނޯޓް
ނޯޓް: މިއީ ޚިޔާލީ ވާހަކައެކެވެ. މި ވާހަކަ އެ ނަމަކަށް ނިސްބަތްކޮށްފައިވާ އިވްރިޝާ އަކީ ވަރަށް ޔުނީކް ނަމެއްކަމަށްވާތީ އިޚްތިޔާރުކުރި ނަމެކެވެ. 2013 ވަނަ އަހަރު މި ވާހަކަ އަހަރެން ލިޔަން ފެށިއިރު، މުނިއަވަސްގައި އުޅޭ އިވްރިޝާއަކީ އުޅޭ މީހެއްކަންވެސް ނުދަންނަ މީހެކެވެ. މި ވާހަކައިގައި އުޅޭ މީހުންނަކީ ޚިޔާލަށް އުފައްދާފައިވާ އައްތަ (ކެރެކްޓަރ) ތަކެކެވެ.
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top