ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – ތޭރަވަނަ ބައި
ފޮޓޯ: މުނިއަވަސް ގްރެފިކްސް

“މޭމް. ތިހެންނެއް ކަންތަކެއް ނުކުރެވޭނެ. އޯޑަރު ދިނީވެސް އެހާ ކުޑަ ވަގުތުކޮޅެއް އޮއްވާ. ނިމިނިމި އޮއްވާ ތިހެންނެއް ނުހެދޭނެ.” އަޔާން ހިތްހަމަނުޖެހުނު ނަމަވެސް އޭނާގެ އަޑުން އެކަމެއް ނުދައްކައެވެ.

“ކުރެވޭނެ. ތިއުޅެނީ އަހަންނަކީ ކާކުކަން ނޭނގިގެން. އަހަރެން މީ އާފިޔާ ސަލީމް.” އެ ނަން އިވުނު ވަގުތު އަޔާންގެ ނިތްކުރިއަށް ރޫ އަރައިގެން ދިޔައެވެ.

“މޭމް.” އަޔާން އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އާފިޔާ ފޯނު ކަނޑާލައިފިއެވެ. އަޔާންއަށް އެ ނަން ވަރަށް ގާތް ނަމެއްހެން ހީވި ނަމަވެސް ހަނދާނަކަށް ނައެވެ.

“އަޖައިބެއް ކަހަލަ މީހެއް.” އަޔާން އަމިއްލައަށް އެހެން ބުނެލާފައި ގޮސް އެ ކުރެހުމުގެ ފަހުބައި ނިންމާލުމުގެ މަސައްކަތް ފެށިއެވެ.

*****

އެރޭ އޮންނަ ނަތާޝާގެ ޝޯވއަށް ދިޔުމަށް އަޔާން ތައްޔާރުވަމުން ދިޔައެވެ. ނަތާޝާއަކީ ތަމްސީލު ކުޅޭ މޮޅު ފަންނާނެކެވެ. ވޭތުވެދިޔަ ހަތް މަސްދުވަހު ނަތާޝާގެ ހުރިހާ ތަމްސީލަކަށް ބޭނުންވާ ކުރެހުންތަކެއް ތައްޔާރުކޮށްދިނީ އަޔާންއެވެ. މިރޭ އޮންނަ ތަމްސީލުގެ ކުރެހުންތައްވެސް ތައްޔާރުކުރީ ހަމަ އަޔާންއެވެ.

ތައްޔާރުވެގެން ދާން ނުކުންނަމުން އޭނާ ފޯނުން ނަތާޝާގެ ދަޢުވަތު ކާޑު ބަލާލިއެވެ. އޭގައިވާ ތަނުގެ ނަން ފެނުމުން އަޔާންގެ މޫނުމައްޗަށް އެރި ކުލަވަރުތައް ބުނެދޭކަށް ނޭނގެއެވެ. އޭނާ ވަގުތުން ނަތާޝާއަށް ގުޅިއެވެ.

“ކޮބާ؟ އެ ދޮރުން ވަދޭ.” ނަތާޝާ އަޔާންގެ ވާހަކަ އަޑުވެސް ނާހާ ބުންޏެވެ.

“މޮޔަވީތަ؟ މިއޮއް ބޮޑު މާލެއާ ހުޅުމާލޭންވެސް ތިނޫން ތަނެއް ނުފެނުނީތަ ޝޯވ ބާއްވަން؟” އަޔާންގެ އަޑުގައިވާ ނުރުހުމުން ނަތާޝާއަށް ފާހަގަވިއެވެ.

“އަހަންނަށް އެނގެޔޭ ކުރިން ބުނިނަމަ އަޔާން ނާންނާނެކަން. އެހެންވެ އަޔާން ގާތު ނުބުނީ ކުރިން. ބުނީމެއްނު ސަޕްރައިޒެކޭ. ކިހިނެއް ވަނީ އަހަރެންގެ ސަޕްރައިޒް؟” ނަތާޝާ އެހިއެވެ.

“އަހަންނެއް ނުދަމޭ. ދެން ނުވެސް ދާނަން.” އަޔާން ބުންޏެވެ.

“އޭ ދެން ފަނި ނުހަދާ އާދޭ. އަޔާން ނައިއްސިއްޔާ އަހަރެން ޝޯވ ކެންސަލް ކޮށްލާނަން.” ނަތާޝާ ބުންޏެވެ.

“އަހަރެން ތިތަނަށް ގޮއްސިއްޔާ އޭނަޔާ ޒުވާބުކުރަން ޖެހޭނީ. އަހަރެން ބޭނުމެއް ނޫން އޭނަ ފެންނާކަށްވެސް. ނަތާ ކުރިއަށް ގެންދޭ.” އަޔާން އޭނާ ދާން ބޭނުންނުވާ ސަބަބު ވަރަށް ސާފުކޮށް ބުނެދިނެވެ.

“އަޔާން ނައިއްސިއްޔާ ހަމަ އަސްލަށްވެސް އަހަރެން ޝޯވ ކެންސަލް ކޮށްލާނަން.” ނަތާޝާ ދެރަވެފައި ބުންޏެވެ.

“އަހަރެން ބްލެކްމެއިލް ކުރަނީތަ؟” އަޔާން އެހިއެވެ.

“އުހުނ. އަންނަން ބޭނުން ނެތިއްޔާ ނަޔަސް ހެޔޮ. އެކަމު އޭރުން އަޔާންގެ މަސައްކަތާ އެކީގަ އަހަރެންގެ މުޅި ޓީމުގެ މަސައްކަތްވެސް ބޭކާރު ވާނީ. އަހަރެން ޝޯވ ކެންސަލް ކޮށްލާނީ. ގޮތް ނިންމާނީ ތިކޮޅުން.” ނަތާޝާ ބުންޏެވެ.

އެންމެ ފަހުން އަޔާން ދާން އެއްބަސްވިއެވެ. އަފްޒާ އާއި ރިޔާޒް އަދި ރާއިޒުވެސް ގޮވައިގެން ޒޯޔާސް ކެފޭއަށް ދިޔައިރު އަފްޒާމެންނަކަށް އެއީ ޒޯޔާގެ ކެފޭއެއް ކަމެއް ނޭނގެއެވެ. އަޔާންއެއް ވެސް އެވާހަކައެއް ނުދައްކައެވެ.

ޝޯވ ފެށިއްޖެއެވެ. ޝައުޤުވެރިކަމާއެކު ބަލަމުން ދިޔައިރު އަފްޒާއަށް ސިފަވަމުން ދިޔައީ އަޔާން އާއި ޒޯޔާއެވެ. ކުރިމަތީ ކުޅެވެމުން ދިޔަ ތަމްސީލުގައި އެ ދެމީހުންގެ ދިރިއުޅުމާ ވައްތަރު ގޮތްތަކެއް އެބަހުއްޓެވެ. އެ ދެމީހުން ވަކިކޮށްލުމަށް އަންހެންކުއްޖާގެ މަންމަ ކުރި މަސައްކަތްތައް އާފިޔާއާ ވަރަށް ބޮޑަށް ގުޅުވާލެވުނެވެ.

“މީ އަހަރެންގެ މުޅި އުމުރުގައިވެސް ބެލި އެންމެ ފެންވަރު ދަށް ތަމްސީލު. ޒޯޔާ ކޮބައިބާ؟” އާފިޔާ ކައިރީގައި އިން ނަސީރާ އިތުރަށް ގާތްވެލަމުން ބުނެލިއެވެ.

އެމީހުން އެއްބަރި ކުރީގައި އިން އަފްޒާއަށް ޒޯޔާގެ ނަން އިވުމާއެކު ދެލޯ ބޮޑުވިއެވެ. އެ އިވުނީ ހަމަ ހަޤީޤަތުގައިވެސް އާފިޔާގެ އަޑުތޯ ބަލާލަން އޭނާ މަޑުމަޑުން ފަހަތަށް އެނބުރިލިއެވެ. އެހެން މީހަކަށް ފާހަގަނުވާ ވަރަށެވެ. އާފިޔާ ފެނުމާއެކު އޭނާ އަވަސްއަވަހަށް އެނބުރިލައި ރިޔާޒް ގައިގައި ކޮއްޓާލިއެވެ.

“ރިޔާޒް! ފަހަތް ބަލާލަބަލަ. މަޑުމަޑުން އިނގޭ.” އަފްޒާ މަޑުމަޑުން ބުނެލިއެވެ. ރިޔާޒް އެނބުރި ބަލާލިއެވެ. އަދި އެނބުރި އަފްޒާއަށް ބަލާލިއެވެ.

“އަފޫ! މީ ކޮންމެވެސް ދުވަހަކުން ވާނެ ކަމެއްކަން އެނގެއެއްނު. އަހަރެމެން މި އުޅެނީ އެއް ރަށެއްގައި. ދިމާވާނެ ދުވަހެއް އަންނާނެތާ.” ރިޔާޒް މަޑުމަޑުން ބުނެލިއެވެ.

“ދެން ކިހިނެއް ހަދާނީ؟” ކަންބޮޑުވެފައި އަފްޒާ އެހިއެވެ.

“ކިހިނެއްހޭ ހަދާނީ؟ ޝޯވ ނިމޭއިރަށް އެމީހުންނަށްވުރެ ކުރިން އަހަރެމެން މިތަނުން ދާނީ.” ރިޔާޒް ވަރަށް ހަމަޖެހިލާފައި ބުންޏެވެ. ހަމަޖެހޭކަން ދެއްކި ނަމަވެސް އޭނާ އިނީ ކަންބޮޑުވެފައެވެ. އެ ދެބައިމީހުން ބައްދަލުވެއްޖެނަމަ އެކަން ރަނގަޅު ގޮތަކަށް ނިމިގެން ނުދާނެކަން އެނގޭތީއެވެ.

“ރިޔާޒް! ހިނގާ މިހާރު ދާން. އާފިޔާއަށް އަހަރެމެން ފެންނާކަށް ބޭނުމެއް ނޫން.” އަފްޒާ އަނެއްކާވެސް ބުނެލިއެވެ.

“އަފްޒާ! ޝޯވގެ މެދުތެރެއިން ތެދުވެގެން ދިޔުމަކީ ރަނގަޅު ކަމެއް ނޫން. އަހަރެމެން ތެދުވެއްޖެއްޔާ ޔަޤީނުންވެސް އެމީހުންނަށް އަހަރެމެން ފެންނާނެ. ތި މަޑުން އިނދެގެން ޝޯވ ބަލާބަލަ.” ކުޑަކޮށް ހިތްހަމަނުޖެހިފައި ރިޔާޒް ބުންޏެވެ.

އަފްޒާގެ ކަންބޮޑުވުން އިތުރުވަމުން ދިޔައެވެ. ނުބަލަން އުޅުނެއްކަމަކު އޭނައަށް ނުބަލައެއް ނީނދެވެއެވެ. އާފިޔާއަށް އެމީހުން ފާހަގަވޭތޯ، ފެނިއްޖެތޯ ބަލާލެވެއެވެ. އެއްފަހަރަކު އޭނައަށް ފަހަތް ބަލާލެވުނު ވަގުތު އާފިޔާއަށްވެސް އެދިމާ ބަލާލެވުނެވެ. ދެމީހުންގެ ނަޒަރު ދިމާވި ވަގުތު އަފްޒާ ހިނިތުންވެލިއެވެ. މާހައުލުގެ ސަބަބުން ކުރަން މަޖުބޫރުވި ކަމެކެވެ.

“މިމީހުން މިތާ ކީއްކުރަނީ؟ އަހަރެން ހިތަށް އަރާ މިތަނަށް ނާދެވުނު ނަމައޭ.” ކައިރިގައި އިން ނަސީރުގެ ގައިގައި ކޮއްޓާލާފައި އަފްޒާމެން ދައްކާލަމުން އާފިޔާ ބުންޏެވެ.

“އާފިޔާ! މީ ޕަބްލިކް އޭރިއާއެއް. މިތަނަށް ކޮންމެ މީހަކަށްވެސް އާދެވިދާނެ. މިއީ އަމިއްލަ ޕާޓީއެއް ނޫނެއްނު.” ނަސީރުގެ ވާހަކައިން އާފިޔާ ތުން އަނބުރާލިއެވެ.

“ރިޔާޒް! އެ ދެމީހުން މިތާ ތިބިއްޔާ ޒޯޔާވެސް މިތާ އުޅޭނެ. އަޔާނަށް ޒޯޔާ ފެނިއްޖެއްޔާ ކިހިނެއް ވާނީ؟” އަފްޒާ ހާސްވެފައި އެހިއެވެ.

“އަފްޒާ! ޒޯޔާ މިތާކު ނެތޭ. އޭނަ މިތާ އުޅޭނަމަ އޭނަގެ އާއިލާއާއެކު މިތާ އިނީސް. ތިހާ ބޮޑަށް ހާސްނުވެ ހަމަޖެހިބަލަ.” ރިޔާޒް އަފްޒާގެ ހިތްހަމަޖައްސައިދިނުމަށްޓަކައި ބުނިނަމަވެސް އޭނާގެ ސިކުނޑީގައިވެސް އެ ހުރިހާ ޚިޔާލުތަކެއް އެނބުރެމުން ދިޔައެވެ.

“މި މީހުން މިތާ ތިބިއްޔާ އަޔާންވެސް މިތާ އުޅޭނެ. އެ ދެމީހުން ބައްދަލުވެއްޖެއްޔާ ވާނެ ގޮތެއްވެސް ނޭނގެ.” އާފިޔާ ކަންބޮޑުވުމާއެކު ނަސީރު ގާތު ބުންޏެވެ.

“އާފިޔާ! ހަމަޖެހިބަލަ.” ނަސީރު އާފިޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“މި ހުރިހާ ކަމެއްވެސް މިވީ ކަލޭގެ ސަބަބުން. ޒޯޔާއަށް ކެފޭއެއް ހުޅުވައިނުދިންނަމަ މިކަހަލަ އެއްވެސް ކަމެއް ނުވީސް. ގޭގައި ހުރިއިރު އޭނަ ހުރީ ކޮންޓްރޯލްގެ ދަށުގައި.” އާފިޔާ ހިތްހަމަނުޖެހިފައި ނަސީރު ކުށްވެރިކުރިއެވެ.

“އާފިޔާ ޕްލީޒް! ހަމަޖެހިބަލަ. ތިހާ ހާސްނުވެބަލަ. އަޔާންއެއް ފެންނާކަށްވެސް ނެތެއްނު.” ނަސީރު އާފިޔާ ހަމައަކަށް އެޅުވޭތޯ ބެލިއެވެ.

“ޒޯޔާވެސް ފެންނާކަށް ނެތް. އެމީހުން ތިބީ ކޮންތާކު ކަމެއްވެސް ނޭނގެ.” އާފިޔާ ބުންޏެވެ.

“އަހަރެން މި ގުޅަނީ ޒޯޔާއަށް.” އާފިޔާ އެހެން ބުނަމުން ފޯނު ނެގިއެވެ. ނަސީރު އެއްޗެކޭ ނުބުނެއެވެ. އޭގެ އެއްވެސް ފައިދާއެއް ނެތީމައެވެ.

“ނުއެއް ގުޅޭ. ކޮންތާކުބާ ވީ؟” އާފިޔާ ނަސީރު ގާތު ބުންޏެވެ.

“އާފިޔާ! ކިހިނެއް ވެގެންތަ ތި އުޅެނީ؟ އޭނައަކަށް ކަމެއް ނުވާނެޔޭ. އޭނަ ފޯނު ޗާޖު ހުސްވީ ކަމަށް ވެދާނެ. ތި.. ހަމަޖެހިބަލަ.” ނަސީރު ހިތްހަމަނުޖެހުނެވެ.

ޝޯވ ނިމުމާއެކު ރިޔާޒްމެންނަށްވުރެ ކުރިން، އާފިޔާގެ ދެމަފިރިން ނުކުތެވެ. އެމީހުން އެތާނގައި ޒޯޔާގެ އިންތިޒާރުގައި ތިއްބާ ރިޔާޒްމެން ނުކުތެވެ. އަޅާނުލާ ދާންވެގެން އުޅެނިކޮށް ރާއިޒު އާފިޔާއަށް ގޮވާލިއެވެ. އަދި ޒޯޔާ ކޮބައިތޯ އެހިއެވެ. އަފްޒާއަށް ބަލާލެވުނީ ރިޔާޒަށެވެ.

“ރާއިޒު. މިހާރު ޒޯޔާއަކީ ދޮންބެދައްތައެއް ނޫން. އެހެންވީމަ އެހެން ނުކިޔައްޗޭ ދެން.” އާފިޔާ މަޑުމައިތިރިކަމާއެކު ބުނިނަމަވެސް އެ އަޑުގައިވާ ހިތް ނުބައިކަން ސާފުކޮށް ފާޅުވެއެވެ.

“އާފިޔާ!” އަފްޒާ ކުރިއަށް ޖެހިލި ވަގުތު ރިޔާޒް އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

“އަފްޒާ! ހިމޭނުން ހުރޭ. އެއްވެސް ކަމަކާ ނުލާ އިތުރަށް ވާހަކަ ދައްކައިގެން އެއްވެސް ފައިދާއެއް ނުވާނެ. އަޔާންވެސް މިތާ އެބައުޅޭ އޭނައަށް ޝައްކުވެދާނެ.” ރިޔާޒް މަޑުމަޑުން ބުންޏެވެ.

އެވަގުތު އެތަނަށް ނަތާޝާ އައެވެ. އަފްޒާ އެމީހުންގެ ޝޯވ ވަރަށް ސަޅިކަމަށް ބުނެ މަރުޙަބާ ކިޔެވެ. އަދި ރާއިޒު ނަތާޝާއާއެކު ދުރަށް ފޮނުވާލިއެވެ.

“އަހަންނަކަށް ނޭނގެ ކަލޭމެންވެސް ތަމްސީލު ބަލަން އަންނަ ކަމެއް. އަދި އެވެސް އަހަރެންގެ ދަރިފުޅުގެ މިހާ ފެންވަރު ރަނގަޅު ކެފޭއަކަށް.” އާދައިގެ މަތިން އާފިޔާ އޭނާގެ މުއްސަނދިކަން ދައްކަން ފެށިއެވެ.

“ކީކޭ؟ މި ކެފޭއަކީ ޒޯޔާގެ ތަނެއްތަ؟” ރިޔާޒް ހައިރާންވެފައި އަހާލިއެވެ.

“އާނ. މީ ޒޯޔާގެ ކެފޭއެއް.” އާފިޔާ ފަޚުރުވެރިކަމާއެކު ބުނެލިއެވެ.

އެވަގުތު އަފްޒާގެ ހަނދާނަށް އައީ އެ ކެފޭއާ ބެހޭގޮތުން އަޔާން ދެއްކި ވާހަކަތަކެވެ. ކެފޭގެ ވެރިމީހާއާ ބެހޭގޮތުން ދެއްކި ވާހަކަތަކެވެ. އެހެންވީއިރު އަޔާން އެ ދެއްކީ ޒޯޔާގެ ވާހަކަތާއެވެ. އެ ދެމީހުން ބައްދަލުވެސް ވެއްޖެއެވެ.

“އަހަރެންގެ ޒޯޔާއާ އަޔާން ބައްދަލުވެ، އޭނައަށް އެއްވެސް ކަމެއް ވެއްޖެއްޔާ އަހަރެން ކަލޭމެންނަށް ހަދާލާނެ ގޮތް ކަލޭމެން ހިތަށްވެސް ނުގެނެވޭނެ.” އާފިޔާގެ ދުލުން ނުކުންނަ ބަސްތައް ޒަހަރެއް ފަދައެވެ.

“ފުރަތަމަ ކަމަކީ މީ ޒޯޔާގެ ކެފޭއެއް ކަމެއް އަހަރެމެންނަކަށް ނޭނގެ. އަދި ދެވަނަ ކަމަކީ ޒޯޔާއާ އަޔާން ބައްދަލުވެގެން ޒޯޔާއަށް ގެއްލުމެއް ވާނަމަ، ޒޯޔާއާ ބައްދަލުވެގެން އަޔާންއަށްވެސް ހަމަ އެވަރުގެ ގެއްލުމެއް ވާނެ. އެނގިއްޖެތަ؟” އާފިޔާ ގާތަށް ރުޅިއައެވެ.

“މަންމާ!” ދުރުން އިވުނު ޒޯޔާގެ އަޑަށް އެންމެން އެއްފަހަރާ ބަލާލިއެވެ. ޒޯޔާ ބާރުބާރަށް ހިނގާފައި އައިއިރު އޭނާގެ ނަޒަރު ހުރީ ހަމައެކަނި އާފިޔާއާ ނަސީރަށެވެ. ނަމަވެސް އެމީހުންނާ ހަމައަށް އާދެވުމާއެކު އޭނާގެ ނަޒަރު އަފްޒާމެންނަށް ބަދަލުވިއެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top