ދިވެހި ޕްރިމިއާ ލީގު 2026/2027 ކޮލިފައިންގައި ކުލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ސްޕޯރޓްސްއިން، ލީގު ކޮލިފައިންގެ އެއްވަނައަށް ޖެހިލައިފިއެވެ.
ކޮލިފައިންގެ އަށްވަނަ މެޗުގައި ބައްދަލުކުރީ، ދިވެހި ޕްރިމިއާ ލީގު 2025/2026 ގެ ހަތްވަނަ މަޤާމް ހޯދި ޓީސީ އާއި އަށްވަނަ މަޤާމް ހޯދި ގްރީން ސްޓްރީޓްސްއެވެ.
ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ކުރީކޮޅު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފައެވެ.
ލަނޑެއް ޖެހޭތޯ ދެ ޓީމުން ވެސް ކުރަމުން އައި މަސައްކަތް ކާމިޔާބުކުރީ ޓީސީއިންނެވެ. 36 ވަނަ މިނިޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޓީސީއަށް ލީޑު ނަގައިދިނީ އިބްރާހިމް އޮލަޑިމެޖި ޖިމޯހްއެވެ. މި ޕެނަލްޓީއަކީ ޓީސީ ކުޅުންތެރިއަކު ބޯޅަ ހިފައިގެން އޭރިޔާ ތެރެއިން ކުރިޔަށް ދާން މަސައްކަތްކުރި ވަގުތު ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު ކުރި ފައުލްއަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ފުރަތަމަ ހާފު ނިމުނީ 1-0 އިން ޓީސީ ކުރީގައި އޮވެގެންނެވެ.
ނަތީޖާ ހަމަހަމަ ކުރެވޭތޯ ގްރީން ސްޓްރީޓްސްއިން ކުރަމުންދިޔަ މަސައްކަތް ދެވަނަ ހާފުގައި އިތުރު ކުރިއެވެ. ކުރިން ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު އެއްވަރުވި ނަމަވެސް ދެވަނަ މެޗުން، ބޮޑު ތަފާތަކުން އެ ޓީމު ވަނީ ބަލިވެފައެވެ. ލީގުގައި ދެމިއޮތުމަށް އެ ޓީމަށް އޮތީ މޮޅެއް މަޖުބޫރުވެފައެވެ.
ނަތީޖާ ހަމަހަމަ ކުރެވޭތޯ ގްރީން ސްޓްރީޓްސްއިން މަސައްކަތް ކުރަމުން ދަނިކޮށް ޓީސީން ވަނީ ލީޑު ފުޅާކޮށްފައެވެ. 83 ވަނަ މިނިޓްގައި ޓީސީއަށް މި ލަނޑު ޖަހައިދިނީ ބޯޑު ޕްރިންސްއެވެ. ބޮޑު އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް ތިރިތިރިން ޕްރިންސް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ބޯޅަ ނަގަން ޑައިވް ކުރި، ގްރީން ސްޓްރީޓްސްގެ ކީޕަރުގެ ގައިދަށުންނެވެ.
ޓީސީން އެ ޓީމުގެ ލީޑު ފުޅާކޮށް ކޮލިފައިންގެ އެއްވަނަ ޔަޤީންކުރީ 86 ވަނަ މިނިޓްގައި އައިހަމް ހަމްދޫން ޖަހައިދިން ރީތި ގޯލާއި އެކުއެވެ. ޓީސީގެ އޭރިޔާ ބޭރުން މަތިމަތިން އައިހަމް ހަމްދޫން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ބޯޅަ ހޯދަން ފުންމައިގެން އެރި ގްރީން ސްޓްރީޓްސްގެ ކީޕަރުގެ އަތް މަތިންނެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ޓީސީއަށް އެއްވަނަ ލިބުނީ 7 ޕޮއިންޓާއި ފައިދާ 6 ލަނޑާއިއެކުއެވެ. ދެވަނައިގައި އޮތް ދިއްދޫއަށް 6 ޕޮއިންޓް ލިބިފައިވާއިރު ފައިދާ ގޯލެއް ނެތެވެ.
ދިވެހި ޕްރިމިއާ ލީގު 2026/2027 ކޮލިފައިންގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ގައްދޫ އާއި ބިސްބުރެވެ.
