ލިޔުނީ: ޙުސައިން ޝިނާން – ހަފްތާ އެމްވީ

ފުރަތަމަ ބައި ގެ ތެރެއިން… އެވަގުތު އަހަންނަށް އިނދެވުނު ތަނެއްވެސް ނޭނގުނެވެ. އެ ފޮޓޯތަކުން ފެންނަން އެހުރީ އަހަރެން ދުވަހަކުވެސް ގަބޫލުކުރަން ބޭނުންން ވާ ކަހަލަ މަންޒަރު ތަކެއް ނޫނެެވެ..

 

ފޮޓޯ ތަކުން ފެންނަން ހުރީ އަހަރެން އެކުއްޖަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަޒޫއެވެ. އަދި ރަހުމަތްތެރިޔާގެ ވާހަކައިން އެ ޕާރޓީ އަށް ހަރަދު ކުރީ ފަޒޫ ކަންވެސް އަހަންނަށް އެނގުނެވެ. ރުޅި އަންނާކަށް އަހަންނަކަށް ނޭގުނެވެ. ވީ ދެރައެއްގެ ބޮޑުކަމުންނެވެ. ހިތްވަރު ކޮށްލައިގެން ކޮފީ އިން ނިކުމެގެން ހިނގައިގަތީ މިސްރާބެއް ނެތިއެވެ. ލޯ ތެރޭގައި ތާށިވެފައި ހުރި ކަރުނަތަށް ފެންކޯރެއް ފަދައިން އޮހިގެން ދިޔައެވެ.

 

ހިތްހަމަ ޖެހެންދެން އެދުވަހު ރޯލީމެވެ. އެއަށްފަހު އަހަރެން ގަސްތު ކުރީ ފަޒޫ އާއި ދިމާކުރުމަށް ފަހު ރަނގަޅަށް ބަވާލާށެވެ. އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީތީއެވެ. ހިތުގައި ރޯވެފައި ހުރި އަލިފާންގަޑު ފިނިމަޑު ވުމުގެ ކުރިން އަހަރެން ފަޒޫ އަށް ގުޅީމެވެ. އަދި، އޭނާ ހުރިތަނަކަށް ސައިކަލުގައި ވަރަށް ބާރަށް ދިޔައިމެވެ. ސޯސަންމަގުގައި ހުރި ފިހާރައެއް ކައިރީގައި މަޑުކޮށްގެން ހުރި ފަޒޫ ކުރިމައްޗަށް ވާ ގޮތަށް އަހަރެން ސައިކަލު މަޑު ކޮށްލީމެވެ. އޭނާ ފެނުމުން އަނެއްކާވެސް އަހަރެންނަށް ރޮވެން ފެށުނެވެ.

 

ކުރަން ހިތުލައިގެން އައި ކަންތަށް ކުރާނެހާ ހިތްވަރެއް އަހަރެންގެ ގައިގައި ނެތެވެ. ފަޒޫ ގެ ފޯނު ހަލާކުވުމުން އަހަރެން ގެންގުޅުނު އެސް9 ފޯނެއް ފަޒޫ އަތުގައި އޮތް ކަން ހަނދާނަށް އައެވެ. ރޮވިފައި ހުރި އަހަރެންނަށް އަޑު ނެރެވުނު ގޮތަކަށް އަޑު ނެރެގެން ފޯނު ދޭން އެދުނީމެވެ. އެވަގުތު އަހަރެންނަށް އޭނާގެ މޫނު މަތިން ހިތްހަމަ ނުޖެހުމުގެ ކުލަވަރު ފެންނަމުން ދިޔައެވެ. ފޯނު ގައި އޮތް އޭނާގެ ސިމް ނެގުމަށް ފަހު އަހަރެން ފޯނު ހިފައިގެން ގެއަށް އައީ ހަދާނެ ގޮތްހުސްވެފައި ހުރި ހާލެއްގައެވެ.

 

ގެއަށް ވަދެ އަހަރެން ވަނީ ފާހަނައަށް ފެންވަރާލުމަށެވެ. ވީކަމެއް ނުވި ކަމަކަށް ނެހެދޭނެ ކަން ގަބޫލު ކުރަމެވެ. ފެންވަރާލައިގެން އެދުގައި އޮށޯވެލި ތަނުން ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުނެވެ. ދޮރު ހުޅުވާކަށް ބޭނުމެއް ނުވިއެވެ. އަހަންނާއި ދޭތެރޭ އެފަދަ ގޮތަކަށް ކަންތައް ކުރި އަންހެނެއް ދެނެއް އަހަރެންގެ ދިރިއުޅުމަށް ވަދެވިގެން ނުވާނޭ ކަމަށް އަހަރެން ބުނަމުން ދިޔައީ، ދޮރުގައި ޓަކި ޖަހަނީ ފަޒޫ ކަމަށް ހީކޮށެވެ.

 

ދޮރު ނުހުޅުވާ މަޑު ކޮށްގެން ހުރީ، ފަޒޫ ދޮރުގައި ޓަކި ޖެހުމަށް ފަހު ގޮސްދާނެ ކަމުގައި ހީކޮށެވެ. ޓަކި ޖެހުން ހުއްޓުމަކަށް އަންނަ ގޮތެއް ނުވުމުން، އަހަންނަށް ދޮރު ހުޅުވަން މަޖުބޫރު ވިއެެވެ. ރުޅި އައިސްގެން އަހަރެން ހުރީ ދާހިއްލާ ފޯވެފައި އެވެ. ދެލޯ ބޮޑު ކުރުމަށް ފަހު ބާރަކަށް ދޮރު ހުޅުވައިލައިފީމެވެ. ދޮރު މަތީ ގައި ހުރި މީހާ ފެނިފައި އަހަންނަށް ރުޅިގަނޑު މައިތިރި ކުރަން މަޖުބޫރު ވިއެވެ.

 

”މިދިޔަ މަހުގެ ކުލި ނުދައްކަމެއްނު އަދި.. ދޭން ބުނި ދުވަހަށް ވެސް ނުދެވުނު. ބޭބެ އަށް ނެތް ދެން އިތުރު ގޮތެއް“ ދޮރު މަތީގައި ހުއްޓިގެން ހުރި ގޭގެ ވެރިފާތް ވަރަށް ދެރަވެފައި ބުންޏެވެ. އަހަރެންނަށް ހަދާނެ ގޮތެއް ނޭނގުނެވެ. ދޭނެ ޖަވާބެއްވެސް ނެތެވެ. މިހާރު ވަޒީފާ އެއްގައިވެސް ނޫޅެމެވެ. އަތުގައި ރުފިޔާއެއްވެސް ނެތެވެ. ދެން އެންމެ ރަނގަޅު ގޮތަކީ އެތަނުން ނިކުތުން ކަމަށް އަހަރެން ގަބޫލު ކޮށްގެން އެ ގެއިން ނިކުންނަން ތައްޔާރުވީމެވެ.

 

ފޮއްޓެއް ނެތުމުން، އަހަރެން އައީ ގެންގުޅު ކުޑަ ދަބަހަކަށް ދެ ތިން ހެދުން އަޅައިގެން ބާކީ ހުރި އެއްޗިސް އެ ގެއަށް ދޫކޮށްލާފައިއެވެ. ފަޒޫ ގެ އަވާއިގައި ޖެހި ދުރުކޮށްލި ރަހުމަތްތެރިންނަށް ލަދެއް ނެތި ގުޅާ އެހީ އަށް ވެސް އެދުނީމެވެ. މާލޭގައި އެންމެންވެސް އުޅޭނީ ވަރަށް ދަތި ކޮށް ކަން އަހަރެން ގަބޫލު ކުރަމެވެ. އެއިން އެއްވެސް ރަހުމަތްތެރިއެއްގެ އެހީތެެރިކަމެއް އަހަރެންނަކަށް ނުލިބުނެވެ.

 

ދެން އަހަރެން ގުޅަން ފެށީ އަހަރެންގެ އާއިލާ މީހުންނަށެވެ. އުމުރުން 14 އަހަރުގައި މަންމަ ނިޔާވުމުން އަހަރެންގެ ކަންތައް ބެލެހެއްޓި ދައްތަ އަށް އަހަރެން ގުޅަން އުޅުނީމެވެ. އެކަމަކު އަހަރެންނަށް އެ ދައްތަގެ ފަރާތުން އެންމެ އެކަށޭނެ އެހީ އެއް ނުލިބޭނެވެ. ދައްތަ ދިރިއުޅެމުން ދަނީ ރަށުގައި ކަމަށް ވެފައި ދައްތަ އަކީ އެހާ ތަނަވަސް މީހެއް ވެސް ނޫނެވެ. އަހަރެންގެ އާއިލާގައި މުއްސަނދި 2 ވިޔަފާރިވެރިޔަކުވެސް މާލެގައި ތިބެއެވެ. އެމީހުންނަށް ގުޅުމަށް ފަހު އަހަރެން ނިދާލާނެ ތަންކޮޅެއް ދެއްކުމަށް އެދުނީމެވެ. އެ މީހުންގެ ވާހަކައިން އެނގުނުހާވެސް އެއްޗަކީ އަހަންނަށް އެމީހުންގެ ފުރާޅުގެ ދަށުން އެއްވެސް ޖާގަ އެއް ދޭން ބޭނުން ނުވާކަމަށެވެ.

 

މަސްވެރިންގެ ޕާރކްގައި އަހަރެން އެރޭ ނިދަން މަޖުބޫރުވިއެވެ. ގެންގުޅުނު ދަބަހަށް ބޯ އަރުވައިގެން އަހަރެން ނިދަން އޮތް އިރު އަހަރެންގެ ދެލޮލުން ކަރުނަތަށް އޮހެމުންދެއެވެ. ބަނޑުހައިވިއެވެ. ހީކަރުވައެވެ. ވަރުބަލިވެއެވެ. މަންމަ އަބަދުވެސް އަހަރެން ކައިރީގައި ބުނާއެއްޗެއް ކަންފަތުގައި ހަރުލާފައި ހުރެއެވެ. އަހަރެންނަކީ ވަރަށްވެސް ހިތްވަރުގަދަ ކުއްޖެކެވެ. އާނއެކެވެ. ވަރަށް ވެސް ހިތްވަރު ގަދަ އެވެ. އަހަރެން މިއަދު މިވަނީ ވަންނާނެ ތަނެއް ނެތި ހާލުގައި ޖެހިފައިއެވެ. ކާނެ އެއްޗެއްވެސް ނެތިފައިއެވެ. އެއީ އަހަރެންގެ މައްސަލައެއްކަމަށް ހުދު އަހަރެންވެސް ގަބޫލު ކުރަމެވެ.

 

ދުވަސް ތަށް ގުނަމުން ގޮސް 2 ހަފްތާ ވަރު ވެއްޖެއެވެ. މަސްވެރިންގެ ޕާރކުގައި އެއްރޭ ނިދިއްޔާ ޖެހިގެން އަންނަ 3 ދުވަހު ހުންނަނީ ނުނިދާއެވެ. ވަޒީފާ އެއް ލިބޭތޯ ވަރަށް ގިނަ ގުނަ މަސައްކަތް ކުރެވިއްޖެއެވެ. މިއަދު ކާނެއެއްޗެއް ލިބިއްޖެއްޔާ ދެން ކާއެއްޗެއް ލިބޭނެ ދުވަހެއް ވެސް ނޭނގެއެވެ. އެންމެ އަންހެނެއްގެ ސަބަބުން، އަހަރެން ދިރިއުޅުން މުޅިން ބަރުބާދު ކޮށްލި އިރު އަހަރެންގެ ކުށަކީ ކޮބައިތޯ އަހަންނަށް އަހަރެންގެ ނަފްސާ ސުވާލުވެސް ކުރެވެއެވެ.

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.