ލިޔުނީ: ޙުސައިން ޝިނާން – ހަފްތާ އެމްވީ

މިއީ ހުވަދު އަތޮޅަށް ނިސްބަތްވާ ދިވެހި ޒުވާނެއްގެ ހަޔާތުގެ މައްޗަށް ލިޔެވިފައި އޮތް ހަޤީޤީ ވަހަކައެވެ. މި ވާހަކަ ލިޔެވިފައި ވަނީ އެނާ ކިޔައިދިން ގޮތަށް އެއްވެސް އުނިއިތުރު ކަމެއް ނުގެނެހެއެވެ. އަދި މި ވާހަކައިގައި އަސްލު ނަން ނޫން އެހެން ނަންތައް ބޭނުން ކޮށްފައިވަނީ އެ ޒުވާނާ ގެ އެދުމުގެ މަތިންނެވެ.

 

އަހަރެންގެ އުމުން މިހާރު 22 އަހަރެވެ. އިސްކޮޅު ދިގު، ހަމުގެ ކުލަ އަލި މީހުންގެ ލިސްޓުގައި އަހަރެން ހިމެނޭނެވެ. އުފަން ރަށް ދޫކޮށް ފުރަ މާލެ އަށް ދިރިއުޅުން ބަދަލުވާން ޖެހުނީ ރަށުގައި އުޅުނު އިރު ހިތާވެގެން އުޅުނު އަންހެން ކުއްޖާގެ އާއިލާ، އަހަރުމެން ދެ މީހުންގެ ގުޅުމަށް އިންކާރު ކޮށް އެ ގުޅުން އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތެއް ނުވުމުން އެކަމުގެ ހިތާމައިގައި ރަށުގައި އިތުރަށް ހުންނަން ބޭނުން ނުވުމުން ކަމަށް ބުނެވިދާނެވެ.

 

އަހަަރުމެން ދެމީހުންގެ ގުޅުމަށް އަންހެން ކުއްޖާގެ އާއިލާއިން ގަބޫލު ނުވި ސަބަބު އަހަރެން ގަބޫލު ކުރަމެވެ. ސުކޫލް ނިމުނު ގޮތަށް ނިކުމެވުނީ މަގު މައްޗަށެވެ. ވަޒީފާ އަކަށް ދިޔުމުގެ ބަދަލުގައި އެންމެ ރަނގަޅު ވިސްނުމަކަށް އައީ ޅަ ޒުވާން އުމުރުގައި މަޖާ ކޮށްލުމަށެވެ. މަޖާ މާނަ މި ކުރަނީ، މިހާރުގެ މަގުމަތީގެ ޒުވާނުން އުޅޭހެން މަގު އޮޅިގެނެއް ނޫނެވެ. މަސްތުވާތަކެއްޗެއް ދުވަހަކުވެސް ބޭނުމެއް ނުކުރަމެވެ. އެންމެ ކުޑަމިނުން ސިނގިރޭޓެއްހާ މިންވަރުވެސް ނުބޮމެވެ. ހަމަ އެކަނި މައްސަލައަކަށް ވީ، އަހަރެން ގެ ޒިންމާދާރު ކަން ކުޑަވުމުންނެވެ.

 

މާލެ އަށް ދިރިއުޅުން ބަދަލުކޮށް ވަޒީފާ އެއް ހޯދީމެވެ. އަމިއްލަ ރަށް މަތިން ހަނދާން ނައްތާލަން ބޭނުން ވިއެވެ. ދިރިއުޅުން އާފެށުމަކުން ފަށަން ނިޔަތް ގަނެގެން ހުރި އަހަންނަށް ގެ ކައިރީން އަބަދުހެން ފެންނަ ރީތި އަންހެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅުނީމެވެ. ރަށު ކޮޅުން ހިތާވެގެން ހުރި އަންހެން ކުއްޖާ މަތިން ހަނދާން ނައްތާލުމުގެ ބޭނުމުގައިވެސްމެއެވެ.

 

ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށް ވެސް ރަނގަޅަށެވެ. އުއްމީދު ކޮށްގެން ހުރީ އަހަރެން ގެ ދިރިއުޅުން ހަމަޔަކަށް އެޅުނީކަމަށެވެ. ފަޒްނާ (އަސްލު ނަމެއް ނޫން) އަކީ ހަތަަރު ކަށިމަތި މާލެ ކުއްޖެކެވެ.

 

ފަޒޫ އާއި އަހަންނާއި ދެމީހުންގެ ގުޅުމަށް ހީނަރު ކަމެއް އަންނަން ފެށީ ދެމީހުންގެ ގުޅުމަށް 5 ވަރަކަށް މަސް ވީ ފަހުންނެވެ. އަހަރުމެންގެ ތެރޭގައި ޖެހުނީ އެންމެ އާންމު މައްސަލައެވެ. ނަމަވެސް މިފަހަރު ބޭވަފާތެރިވީ ފިރިހެނަކު ނޫނެވެ. ފަޒޫ ފުރަތަމަ ފަހަރަށް އަހަންނަށް ބޭވަފާތެރި ވީއެވެ. އެނާ ވަޒީފާ އަދާ ކުރާ އޮފީހުގައި އުޅޭ ކުއްޖާކައި ގުޅުމެއް ހިންގި ކަން އަހަންނަށް ފަޅާ އެރީ، އޭނާގެ ފޯނުން ފެނުނު މެސެޖް ތަކުންނެވެ. ފުރަތަމަ ފަހަރު ކަމުން މައާފު ކޮށް، ލޯބިން އުޅުނީމެވެ.

 

އެއް ފުޅައްމަތިން ފުއްމާލި ބަކަރި އަނެއް ފުޅައްމަތިންވެސް ފުއްމާލާނޭ ބުނާ ވާހަކަ އަކީ އަހަންނަށް އާ ވާހަކައެއް ނޫނެނެވެ. ނަމަވެސް، އެކަން ޤަބޫލު ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ފަޒޫ ގެ ޝަކުވާ އަކަށް ދެންވެގެން ދިޔައީ، އަހަރެން އެނާ އަށް ވަގުތު ނުދިނުމެވެ. އެކަން ހައްލު ކުރެވޭތޯ އަހަރެން އަހަންނަށް ވެވެން ހުރި ހުރިހާ ކަމެއް ކޮށްދިނީމެވެ. އޮފީސް ނިމުމާއި އެކު ފަޒޫ ކައިރިއަށް އަހަރެން ދަމެވެ. އަނެއް ދުވަހު އޮފީހަށް ދާން ޖެހެންދެން އަހަރެން އެނާ އަށް ހުރިހާ ވަގުތެއް ހުސްކުރީމެވެ. ނަތީއްޖާ އަކަށް ވީ، އަހަރެން ގެ ރަހުމަތްތެރިންނާއި ގުޅުން ކުޑަވެ އެކުވެރިން ގެއްލުމެވެ. އެންމެ ފަހުން އޮފީހަށް ނުދެވި، ވަޒީފާއިން ވެސް އަހަރެން ވަކި ކޮށްފިއެވެ.

 

ދިރިއުޅުމުގައި އެކަނި ނުވެ ހުރީ ފަޒޫ އަހަރެންގެ ހަޔާތުގައި ހުރުމުންނެވެ. ވަޒީފާއިން ވަކިވުމުން އަހަރެންގެ އަތްމަތި ދަތިވާން ފެށިތަނާހެން ފަޒޫ އަހަންނާއި ދުރުވާން މަސައްކަތް ކުރިއެވެ. މިފަހަރު މައްސަލަ އަކަށް ވީ އަހަރެން އަތުގައި ފައިސާ ނެތުމުންނެވެ. އެކުގައި ކިޔަވަން އުޅުނު ރަހުމަތްތެރިއަކު އަހަންނަށް ދިން ވަގުތީ މަސައްކަތެއް ކޮށްގެން -/5000 ރުފިޔާ ހޯދީމެވެ. އަހަރެންގެ ބޭނުމަށް -/1000 ރުފިޔާ ނެގުމަށް ފަހު ބާކީ އޮތް -/4000 ރުފިޔާ އަހަރެން ފަޒޫ އަށް ދިނީމެވެ. އެ ދުވަހަކީ އަހަރެންނަށް އޭނާގެ ހަޤީޤީ ކުލަ އެނގުނު ދުވަހެވެ. ލާރީ ދިނުމާއި އެކު އޭނާ އަށް ވީގޮތެއް ޚުދު އަހަންނަށް ކިޔައިދޭކަށް ވެސް ނޭނގުނެވެ. އަހަރެން ދެކެ އެނާ ވާ ލޯބި ބަޔާން ކޮށްދިން ގޮތެއްވެސް ނޭނގެއެވެ. ލޯބީގެ އުލްފަތުން އޭނާ އަހަރެން ފޮޅުވާލިއެވެ.

 

ޖެހިގެން އައި ދުވަހު އަހަންނަށް އޭނާގެ ޚަބަރެއް ނުވެއެވެ. އެދުވަހު އިރު އޮއްސެން ކައިރި ވެފައި ހުއްޓާ އަހަރެންނަށް އޭނާގެ މެސެޖް އެއް ލިބުނެވެ. މެސްޖުގައި ވަނީ “ ހޭ؟ ސޮރީ ފޯން ނުނެގުނީމަ.. ހިއްމަފުށީގައި މިއުޅެނީ އޮފީސް ކަމެއްގައި. މާދަން މާލެ ގޮއްސަ ޚަބަރެއް ވާނަން..“

 

މެސެޖް ފެނުމުން ހަގީގަތުގައި ވެސް އަހަރެން ރުޅިއައެވެ. ނަމަވެސް އެކަމާއި އަޅައެއް ނުލަމެވެ. އަހަންނަކީ ކަންތައްތަކާއި ޒުވާބު ކޮށް އުޅޭ މީހަކަށް ނުވުމުން ކަމަށް ވެސް ވެދާނެއެވެ. އޭނާ މެސެޖް ގައި ބުނެފައި ވާ ގޮތަށް ފަޒޫ މާލެ އައިސް އަހަންނަށް ގުޅިއެވެ. އަދި ހަމަ އެ ފޯން ކޯލުގައި އޭނާ އަށް ހެދުމެއް ގަނެދޭން އެދުނެވެ. އަހަރެން ގެ އަތުގައި ރުފިޔާ އެއް ނެތް ވާހަކަ ބުނުމަށް ފަހު އަހަރެން އޭނާ އަތަށް ދިން ލާރި ކޮބައިތޯ ސުވާލު ކޮށްލީމެވެ. ފަޒޫގެ ފޯނު ކަނޑާލީ އޭނާ އަތުގައި އެއްވެސް ރުފިޔާއެއް ނެތް ކަމަށް ބުނުމަށް ފަހު އެވެ.

 

އެދުވަހު ރަހުމަތްތެރިއަކާއި އެކު އަހަރެން ކޮފީ އަކަށް ދިޔައިމެވެ. އޭނާ އަކީ ރަހުމަތްތެރިންނަށް ވަރަށް ވެސް ރަނގަޅު މީހެކެވެ. ނަމަވެސް އަހަރެން އޭނާ ދެކެ ހިތްހަމަ ނުޖެހޭ ކަމެއް ހުރެއެވެ. އެއީ އޭނާ އަކީ ރަލާއި، ޕާޓީ ޑްރަގްސް ނަގައިގެން އުފަލާއި މަޖަލުގައި އުޅޭ މީހަކަށް ވީމައެވެ.

 

ކޮފީ މޭޒުގައި ވެސް އޭނާ ދެއްކި ވާހަކަ އަކީ އޭނާ އާއި އެހެން ކުއްޖަކު ހަރަދު ކޮށްގެން 5 މީހުންގެ ގުރޫޕެއް ހިއްމަފުއްޓަށް ޕާޓީ ކުރަން ދިޔަ ވާހަކައެވެ. މަޖާ ކުރުމުގައި ހައްދުފަހަނަޅާއިފައި ހުރި ޕާޓީ ގެ ފޮޓޯތަކެއް އޭނާގެ ފޯނުން އަހަންނަށް ދައްކާލިއެވެ.

 

އެވަގުތު އަހަންނަށް އިނދެވުނު ތަނެއްވެސް ނޭނގުނެވެ. އެ ފޮޓޯތަކުން ފެންނަން އެހުރީ އަހަރެން ދުވަހަކުވެސް ގަބޫލުކުރަން ބޭނުންވާ ކަހަލަ މަންޒަރު ތަކެއް ނޫނެެވެ…….

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.