ލިޔުނީ: ޙުސައިން ޝިނާން – ހަފްތާ އެމްވީ

ހަތަރު ވަނަބައި ގެ ތެރެއިން… ވަޒީފާއަކަށް ފެންބޮވައިގަނެފައި ހުރި އަހަރެން އެ ދުވަހު ގެ އިންޓަވިއު ނިންމާލީ ދޮގެއް ހެދުމަށް ފަހު އެވެ. ޖަވާބުގައި އަހަރެން ބުނެލީ، އަހަރެންނަކީ އަބަދުވެސް ބުރަ މަސައްކަތް ކޮށްގެން ފައިސާ ހޯދަން ބޭނުންވާ މީހަކަށް ވީމައެވެ…

ވަޒީފާ ލިބޭތޯ އަހަންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރީމެވެ. ﷲ ގެ އިރާދަފުޅުން އަހަންނަށް ވަޒީފާ ހަމަޖެހުނު ވާހަކަ ފޯނުން ގުޅައިފައި ބުންޏެވެ. އަދި، ވަޒީފާއަށް ނިކުންނަން ޖެހޭ ގަޑިތަށް ވެސް ބުންޏެވެ. ވީ އުފަލެއްގެ ބޮޑު ކަމުން އަހަރެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހިގެން ދިޔައެވެ. ބައްޕައަށް ގުޅައި އަހަންނަށް ވަޒީފާ ހަމަޖެހުނު ވާހަކަ ބުނުމަށް ފަހު އަހަރެން ވަޒީފާއަށް ދާން ބޫޓެއް ގަންނަން ބޭނުންވާ ކަމަށް ބުނެ ބައްޕަ އަތުން އަހަރެން 500 ރުފިޔާ ހޯދީމެވެ.

ވަޒީފާ އަށް ދާން ފަށައިފީމެވެ. ކުރަން ޖެހުނު މަސައްކަތު ގެ ބުރަ ކަމުން ދެވަނަ ދުވަހު ވަޒީފާއަށް ދާން ބޭނުން ވެސް ނުވިއެވެ. އަހަރެން ބޮޑުވެފައި ހުރީ ކުޑައިރުން ފެށިގެން އެއްވެސް ކަހަލަ ބުރަ މަސައްކަތެއް ކޮށްގެނެއް ނޫނެވެ. ބަރު ފޮށިގަނޑު ތަކާއި، ބަސްތާ ތަށް ކޮނޑަށް ލައިގެން ކުރަން ޖެހުނު މަސައްކަތުގެ ބުރަ ކަން އަހަރެންނަށް އިހުސާސް ވާން ފެށީ އަދި ކިރިޔާއެވެ. ނަމަވެސް އަހަރެންނަށް ވަޒީފާއަށް ވުރެ މުހިއްމު އެއްޗެއް ނެތެވެ. ބޭނުންވަނީ ފައިސާއެވެ. ކިތައްމެ ބުރަކޮށް އުޅެން ޖެހުނަސް މައްސަލައެއް ނެތް ކަމަށް ހަދާލައިގެން އަހަރެން ހުންނަން މަޖުބޫރު ވިއެވެ.

ވަޒީފާ އަށް ދާން ފެށިތާ، ހަފްތާއެއް ވީ ފަހުން އަހަރެން އުޅެމުން އައި ގެއިން ނިކުންނަށް ޖެހުނެވެ. އައްޔަ މީހަކާއި އިންނަން ބޭނުންވުމުން އަހަރެންނަށް ޖެހުނީ އުޅޭނެ އެހެން ގެއެއް ހޯދާށެވެ. އެއިރުވެސް ޝަމްނާ އަހަރެން ކައިރީގައި ހުއްޓެވެ. އޭނާގެ އާޅާލުމާއި ކުލުނު އަހަރެންނަށް ލިބެމުން ދިޔައެވެ. އެކަމަށް އަހަރެން އުފާ ކޮށް ޝުކުރުވެސް އަދާ ކުރަމުއެވެ.

ދިރިއުޅޭނެ ތަނެއް ހޯދަން ބަލާއިރު، އަހަރެންނަށް އުޅެވޭނެ ވަރުގެ ކޮޓަރިއެއްގެ އަގު ވަރަށް ވެސް ބޮޑެވެ. އެކަނި ދިރިއުޅެން މާލެއިން ކޮޓަރިއެއް ނަގައިފިއްޔާ އަހަރެންގެ މުސާރަ އެއްކޮށް ހުސްވާނީ ކުލި ދައްކައިގެންނެވެ. މި ހުރިހާ ވާހަކަތަށް ވެސް ނާނު އާއި ހިއްސާ ކުރަމުން، އޭނާ އަހަންނަށް އެހީތެރި ކަމެއް އެކަމަށް ދޭނެ ކަމަށް ބުންޏެވެ. އަދި އަހަރެންނާއި އެކު ތަނެއް ކުއްޔައް ހިފައިގެން ބަދަލުވާނެ ކަމަށް ބުނުމުން އަހަރެން މަސައްކަތް ފެށީ ކުއްޔަށް ދޭނެ ތަނެއް ހޯދުމުގައި އެވެ.

އެއްރޭ އަހަރެން ބޭރުގައި އުޅެނިކޮށް، އަހަންނަށް ޒަމްމު ފެނުނެވެ. އަދި އޭނާ އަށް ވެސް އަހަރެން ފެނުނެވެ. ދެ މީހުންގެ ހަތަރު ކަޅި ހަމަވި އިރު އޭނާ ގެ ރީތި ހިނިތުންވުން އަހަރެންނަށް އަމާޒު ކޮށްލިއެވެ. އަހަންނަށްވެސް ބޭއިހްތިޔާރުގައި ހީނލެވުނެވެ. ހަގީގަތުގައި ވެސް އަހަރެން އުފާވިއެވެ. ބާރު ދުވެލީގައި އަހަރެންގެ ދުއްވަން އިން އުޅަނދު މަޑު ކޮށްލީ ނާނު މެން ގޭގެ ދޮރުމައްޗަށެވެ. އަދި ނާނު އަށް ގުޅުމަށް ފަހު އޭނާ ބޭރަށް ނެރެ އަހަރެން އެވާހަކަ ބުނީމެވެ. އަދި، އޭނަ ކައިރީގައި އަހަރެންނަށް ޒަމްމު ލިބޭނެ ގޮތެއް ހަދައިދިނުމަށް ވެސް އެދުނީމެވެ.

ނާނު އަކީ މީހުންނާއި ވާހަކަ ދައްކަން މޮޅު އަދި ވަރަށް ރަނގަޅަށް މީހުންނަށް ވިސްނުވައި ދިނުމަށް މޮޅު މީހެއްކަން އަހަރެންނަށް އިނގެއެވެ. އެކަމަށް އަހަރެން ނާނު އަށް ބަރޯސާ ވަމެވެ. އަހަރެން ގެ އިތުބާރު ނާނު އަށް އޮތަސް އަހަރެންނަށް ޒަމްމު އަނބުރާ ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނުކުރަމެވެ. އަހަރެން ކަހަލަ މީހެއް ކަައިރިއަށް އޭނާގެ އުފާވެރި ދިރިއުޅުން ދޫކޮށްފައި ނާންނާނެ ކަން އަހަރެން ގަބޫލު ކުރަމެވެ. އެރޭ ދަންވަރު ޑިއުޓީ އޮތުމުން އަހަރެން ޑިއުޓީ އަށް ދިޔައީ ބްރޭކް ގަޑި ލިބުމުން އަހަރެން ބަލާ އައުމަށް ނާނު ކައިރީގައި ބުނުމަށް ފަހު އެވެ.

ޑިއުޓީ ގައި އަހަރެން ބުރަ މަސައްކަތުގައި އުޅުމަށް ފަހު ލިބުނު ބްރޭކް ގަޑީގައި އަހަރެން ނާނު އަށް ގުޅީމެވެ. އަދި ލަސްތަކެއް ނުވެ އޭނާ އަހަރެން ބަލާ އައެވެ. ސައިކަލަށް އަރަން އުޅެނިކޮށް އަހަންނަށް ފޯނެއް ކަމަށް ބުނެ އަހަރެންގެ އަތަށް ނާނު އޭނާގެ ފޯނު ދިނެވެ. އެ ފޯނު ނެގުމަށް ފަހު އަހަރެން ހަލޯ ކިޔައިލީމެވެ. ޖަވާބުގައި އެކޮޅުން ވާހަކަ ދެއްކި މީހާ އަހަރެންގެ ނަމުން އަހަންނަށް ގޮވާލިއެވެ. އޭނާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއި އެކު އަހަރެންނަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ.

ބައިގަޑި އިރު ވަންދެން އަހަރެން ފޯނުން ވާހަކަ ދެއްކީމެވެ. އަދި ފޯނު ބޭއްވުމަށް ފަހު އަހަރެން ނާނުގައި ބައްދާވެސް ލީމެވެ. އަހަރެން ހުރީ ހައިރާން ވެފައިއެވެ. އަހަންނާއި ފޯނުން ވާހަކަ ދެއްކީ ޒަމްމު އެވެ. އަދި ޒަމްމު އަހަރެން ދެކެ ކުރިން ވީ ލޯބި ވާކަމަށް ވެސް ބުންޏެވެ. އަހަރެން ވަރަށް ވެސް އުފާވެއްޖެއެވެ. ޖަވާބު ބޭނުން ވާ ބައިވަރު ސުވާލު ތަކެއެއް ހުރުމުން ނާނު އާއި އެ ސުވާލުތަށް އަހަރެން އެކީ އެކައްޗަކަށް އަމުނާލީމެވެ. ނަމަވެސް އޭނާ ޖަވާބު ދިނުމުގެ ބަދަލުގައި އަހަރެން ކައިރީގައި ބުނީ ޒަމްމު އާއި ޝަމްނާ އާއި ދެމީހުން ތެރެއިން ކޮންމެވެސް އެކަކު ދޫކޮށްލާށެވެ. އަހަރެން ޒަމްމު ދެކެ ވާ ލޯބި ދޫކޮށްލަން ބޭނުމެއް ނުވިއެވެ. އަދި ހަމަ އެހެންމެ އަހަރެން އެންމެ ހާލުގައި ޖެހުނު އިރު އެހީ ވެދިން ޝަމްނާ ދޫކޮށްލާކަށްވެސް ބޭނުމެއް ނުވިއެވެ.

ގޮތް ހުސްވެއްޖެއެވެ. ނާނު ގެ ނަސޭހަތަކީ ދެ ތަށިން ކާން އުޅެފިއްޔާ އެއްވެސް ތައްޓެއް ހުސްނުވެ ހުރެ ބަނޑު ފުރޭނީ ކަމަށެވެ. ވަރަށް ވެސް ފުންމާނަ އެއް ދޭހަވާ އިބާރާތެއް ބުނެލުމުން އަހަނަށް ކޮންމެވެސް އެކަކު ދޫކޮށްލަން މަޖްބޫރުވިއެވެ.

ވަރަށް ވެސް ދެރަވެފައި އަހަރެން ފޯނު ނަގައި ގުޅައިފީމެވެ. ދެރެވެފައި ހުއްޓަސް އަހަރެން ވާހަކަ ދެއްކި ގޮތުން އަހަރެން ހުރީ ދެރަވެފައި ކަމެއް ނޭނގޭނެވެ. އެކޮޅުން ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުދީ އަހަރެން ފޯނު ކަނޑާލީ އަހަންނަށް އެ ވަގުތުން ފެށިގެން ނުގުޅުމަށާއި އަދި އަހަންނާއި ބައްދަލު ކުރަން މަސައްކަތް ނުކުރުމަށް ބުނުމަށް ފަހު އެވެ.

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.