ލައިލާ މަޖުނޫނު، ރޯމިޔޯ އަދި ޖޫލިއެޓް އަދި ދޮންހިޔަލަ އާއި އަލިފުޅުގެ ވާހަކައަކީ ލޯބީގެ މަޝްހޫރު ވާހަކަ ތަކެކެވެ. މިވާހަކަ ތަކުގެ ތެރެއަށް ބަންގްލާދޭޝް ފިރިހެނަކާއި އެމެރިކާ އަންހެނެއްގެ އާދަޔާޚިލާފު ލޯބީގެ ވާހަކަ އިތުރުކޮށްލަން މިވަނީ ޖެހިފައެވެ. ނަމަވެސް މިއީ ކުރިން މި ދެންނެވި ވާހަކަތައް ފަދައިން ހިތާމަވެރި ނިމުމެއް އައިސްފައިވާ ވާހަކައެއް ނޫނެވެ. ޑިޒްނީގެ ފެއަރީ ޓޭލްތައް ފަދައިން އުފާވެރިކޮށް ނިމިފައިވާ ވާހަކައެކެވެ.

ދައްކަން މިއުޅެނީ ބަންގްލާދޭޝް ފިރިހެނެއް ކަމަށްވާ އައްޕު މަންޑަލް އާއި އެމެރިކާގެ ކެލިފޯނިއާގެ އަންހެނެއްކަމަށްވާ ސާރާ ކުންގެ ވާހަކައެކެވެ. މިހާރު މި ޖޯޑަކީ އުފާވެރި ކައިވެންޏަކުން ބަނދެވިފައިވާ ދެމީހުންވެ. އެކަމަކު އައްޕު އާއި ސާރާ ދިމާވީ ކިހިނެތްބާއޭ މިހާރު ހިތަށް އަރައިފިދޯ އެވެ.

މިދެމީހުންގެ ލޯބީގެ ވާހަކަ ފެށެނީ މީސްމީޑިޔާގެ ވެބްސައިޓެއް ކަމަށްވާ ފޭސްބްކް ތެރެއިންނެވެ. ދެމީހުން ބައްދަލުވީ 2017 ވަނަ އަހަރު ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ފޭސްބްކް ގްރޫޕެއްގެ ތެރެއިންނެވެ. އައްޕޫ އާއި ސާރާ ފޭސްބްކް ރަހުމަތްތެރިންނަށް ވެގެންގޮސް ދެމީހުންގެ ގުޅުން ބަދަހިވާން ފެށިއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް، މަޑުމަޑުން ދެމީހުންގެ ރަހުމަތްތެރިކަން ބަދަލުވީ އެކަކު އަނެކަކާއި ގަޔާވުމަށެވެ. އެންމެ ފުރަތަމަ އައްޕޫ އާއި ގަޔާވާންފެށީ ސާރާ އެވެ. އާދައިގެ ގޮތަކަށް ކުރަމުން އައި ޗެޓްކުރުން ތައް ލޯބީގެ މެސެޖުތަކަކަށް ބަދަލުވެގެންގޮސް އެންމެފަހުން ވީޑިއޯ ކޯލްތަކަށްވެސް ބަދަލުވީ އިސާހިތަކުންނެވެ. މިގޮތުން ދެމީހުންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ހިނގައްޖެއެވެ.

އޮންލައިންކޮށް، އެތަކެއް ހާސް މޭލެއްގެ ދުރުގައި ތިބެގެން އުފެދުނު ގުޅުން އަހަރަކަށް ދިގުދެމިގެން ދިޔުމަށްފަހު ދެމީހުން ނިންމީ ކައިވެނި ކުރުމަށެވެ. މިދިޔަ ހަފުތާގައި ބަންގަލާދޭޝްގެ ޑާކާ އެއަރޕޯޓަށް ސާރާ އައިސް މަޑުކޮށްލީ އައްޕު ކައިރިއަށެވެ. އަލަށް ބަައްދަލުވި ނަމަވެސް އައްޕޫގެ ފަރާތުން ލިބިގެންދިޔައީ ވަރަށް ހޫނު މެހެމާންދާރީ އެކެވެ. އެތަނުން އެމީހުން ދަތުރު ފެށީ އައްޕުގެ އަވަށް ކަމަށްވާ ބަރިސަލް އަށެވެ. އައްޕޫގެ އާއިލާ އާއި ބައްދަލުވީ އެހިސާބުންނެވެ.

އިސާހިތަކުން ކައިވެނިކުރާނެ ވަގުތާއި ސާޢަތް ކަނޑައެޅިއެވެ. ކައިވެނީގެ އެކިއެކި ރަސްމިއްޔާތުތައް ފެށިއްޖެ އެވެ. އައްޕޫ އާއި ސާރާ އަކީ ކިރިސްތިއަނުންކަމުން، ދެމީހުންގެ ކައިވެނީގެ މަރުހަލާ އެއްމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ފައްޅިގައެވެ. ބެންގާލީ ޖޯޑަކަށްވާތީ ބެންގާލީ ކައިވެނީގެ އެންމެހައި އާދަކާދަ ތަކެއް އޭގެ ފަހުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރިއެވެ.

ރަސްމިއްޔާތުތައް ބޭއްވުނީ ބަންގްލާދޭޝްގެ ބަރިސާލް ބަންޑަރް މަގުގައި ހުންނަ ހޮޓަލެއްގައެވެ. އައްޕުގެ ކައިވެނީގެ ޚަބަރުތައް އަވަށްތެރޭގައި ފެތުރުމާއެކު އެތަކެއް ސަތޭކަ މީހުން އައްޕުގެ ބިދޭސީ އަނބިމީހާ ބަލައިލުމަށް އެތަނަށް ދިޔައެވެ.

އައްޕު އާއި ސާރާ އެމެރިކާގައި ކައިވެނި ކުރުމަށްވެސް ކުރިން ނިންމި އެވެ. ނަމަވެސް އައްޕުގެ ވިސާ ކަންތައް ހަމަނުޖެހިގެން އެކަން ކެންސަލް ކުރީއެވެ. ސާރާ ބަންގްލާދޭޝް އަށް އައީ އެހެންވެގެންނެވެ. ސާރާ މިހާރު ވަނީ ބެންގާލީބަސް ދަސްކޮށްފައެވެ. އައްޕުގެ އާއިލާ މީހުންނާއި ރަނގަޅު ގުޅުމެއް ބޭއްވުމަށް ބޭނުންވާތީ އެވެ.

މި ޒަމާނުގައި، މީސްމީޑިޔާ ތެރެއިން އެތަކެއް ބައިވަރު ފޭކް ލޯބީގެ ވާހަކަތައް ފެންނަމުން ދެއެވެ. ނަމަވެސް މިއީކީ އެފަދަ ފޭކް ވާހަކައެއް ނޫނެވެ. އައްޕު އާއި ސާރާ މިވަނީ ލޯބީގެ މަތިވެރި ގުޅުމުން ގުޅުމަށްޓަކައި އެހެން އެއްވެސް ހުރަހެއް ބާއްވަން ނުޖެހޭ ކަމެވެ.

އައްޕޫ އާއި ސާރާ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.