މި ދުވަސްވަރަކީ ރާއްޖޭގެ މޫސުންވެސް ވަރަށް ބޮޑަށް ހޫނުވަމުންދާ ދުވަސްވަރަކަށް ވުމާއެކު، ރޭގަނޑު ނިދާއިރު ހޫނުގެ އުނދަގޫ ބޮޑުވުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ. ދެކުނުގެ މަޖައްލާއެއް ކަމަށްވާ “ސަދަން ލިވިންގް” ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، އޭސީގެ ބޭނުން ކުޑަކޮށްގެން ވެސް ކޮޓަރި ފިނިކޮށް ބެހެއްޓުމަށް ބައެއް ފިޔަވަޅުތައް އެޅިދާނެއެވެ.
ނިދަން ބޭނުންކުރާ ސާމާނު ރަނގަޅަށް އިޚްތިޔާރުކުރުން
ނިދާއިރު ބޭނުންކުރާ ބެޑްޝީޓާއި ބާލީސް އުރައަކީ ވައި ދައުރުވާ ފަދަ ތުނި ފޮތީގެ ތަކެއްޗަށް ވާންޖެހެއެވެ. ޚާއްސަކޮށް ކޮޓަން ފޮއްޗަކީ ހޫނު ހިފަހައްޓާ މިންވަރު ކުޑަ، ފިނިކަން އިޙުސާސްކޮށްދޭ އެއްޗެކެވެ.
ނިދުމުގެ ކުރިން އެނދު ފިނިކުރުން
ނިދަން އެރުމުގެ ކުޑަވަގުތުކޮޅެއް ކުރިން އެނދު ފިނިކޮށްލުމަކީ އަރާމު ނިންޖަކަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން، ނިދަން ބޭނުންކުރާ ހެދުމަކީ ވެސް ލުއި، ފަސޭހައިން ވައި ދައުރުވާ ފަދަ ހެދުމަކަށް ވާންޖެހެއެވެ.
ފަންކާގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން
ކޮޓަރީގައި ހުންނަ ސީލިންގް ފަންކާ ނުވަތަ ޓޭބަލް ފަންކާ ބަހައްޓާއިރު، ކޮޓަރީގައި ހުންނަ ހޫނު ވައި ބޭރުވާނެ ގޮތަކަށް ބެހެއްޓުން މުހިންމެވެ. ފަންކާގެ ކުރިމަތީގައި އައިސް ކިއުބް ނުވަތަ ފިނި ފެން ފުޅިއެއް ބެހެއްޓުމަކީ ފިނި ވައި މުޅި ކޮޓަރިއަށް ފަތުރައިދޭނެ ކަމެކެވެ.
ކުޑަދޮރުތަކާއި ދޮރުފަތްތަކުގެ ބޭނުން ހިފުން
ދުވާލުގެ ވަގުތުތަކުގައި އިރުގެ ދޯދިތައް ކޮޓަރިއަށް ވަނުން ހުއްޓުވުމަށްޓަކައި ބޯ ދޮރުފޮތި ބޭނުންކޮށްގެން ކުޑަދޮރުތައް ނިވާކުރަންޖެހެއެވެ. މިއީ ކޮޓަރި ހޫނުވިޔަ ނުދިނުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ. އަދި ރޭގަނޑު ބޭރުގެ މޫސުން ފިނިނަމަ، ކުޑަދޮރުތައް ހުޅުވާލައިގެން ވައި ދައުރުކުރުވިދާނެއެވެ.
އިލެކްޓްރޯނިކް ސާމާނާއި ބޮކިތައް ނިއްވާލުން
ކޮޓަރީގައި ހުންނަ ކޮމްޕިއުޓަރު، ޓީވީ އަދި އެހެނިހެން ބައެއް އިލެކްޓްރޯނިކް ސާމާނުތަކަކީ ބޭނުންނުކުރި ނަމަވެސް ހޫނު އުފައްދާ ތަކެއްޗެވެ. އެހެންކަމުން ނިދާއިރު މިތަކެތި ނިއްވާލުމަކީ ބުއްދިވެރިކަމެކެވެ. ހަމައެއާއެކު، އާދައިގެ ބޮކިތަކުގެ ބަދަލުގައި އެލް.އީ.ޑީ ބޮކި ބޭނުންކުރުމަކީ ކޮޓަރީގެ ފިނިހޫނުމިން ދަށްކޮށްދޭނެ ކަމެކެވެ. ސަބަބަކީ އެލް.އީ.ޑީ ބޮކިތަކަކީ އާދައިގެ ބޮކިތަކާ ޚިލާފަށް ހޫނުކަން މަޑު އެއްޗަކަށް ވާތީއެވެ.
މި ކަންތައްތަކަށް ސަމާލުކަން ދިނުމަކީ ކަރަންޓު ޚަރަދު ކުޑަވުމުގެ އިތުރުން، ގަދަ ހޫނުގައިވެސް ހިތްހަމަޖެހޭ އަރާމު ނިންޖެއް ލިބުމަށް މަގުފަހިވާނެ ކަންކަމެވެ.
