އެމެރިކާގެ ޕަރޑޫ ޔުނިވަރސިޓީގެ ދިރާސާކުރާ ފަރާތްތަކުން ވަނީ، އާދައިގެ ކުލަތަކަށްވުރެ ބޮޑަށް އިރުގެ ދޯދިތައް ރިފްލެކްޓްކޮށްދޭ (އަނބުރާ ފޮނުވާލާ) ޚާއްސަ ހުދު ކުލައެއް އުފައްދާފައެވެ. މިއީ އިމާރާތްތަކުގެ ހޫނުމިން މަޑުކޮށް، ހަކަތަ ބޭނުންކުރާ މިންވަރު ދަށްކުރުމަށް ލިބިގެންދިޔަ އުންމީދީ ކުރިއެރުމެކެވެ.
“ނޭޗަރ ކޮމިއުނިކޭޝަންސް” މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި ބުނާގޮތުން، މި ކުލަ ބޭނުންކުރުމުން އިރުގެ އަލީގެ 98 އިންސައްތައަށްވުރެ ބޮޑު ބައެއް އަނބުރާ ފޮނުވާލައެވެ. އާދައިގެ ހުދު ކުލަތަކުން ރިފްލެކްޓްކޮށްދެނީ ގާތްގަނޑަކަށް 80 އާއި 90 އިންސައްތައާ ދެމެދުގެ މިންވަރެކެވެ. މި ކުލައިގެ އެންމެ ޚާއްސަ ސިފައަކީ، އިރުގެ ސީދާ އަލި އެޅިފައި ހުންނައިރުވެސް، ވަށައިގެންވާ ވައިގެ ހޫނުމިނަށްވުރެ ބޮޑަށް އެ ތަނެއް ފިނިކޮށްދިނުމުގެ ޤާބިލުކަން ލިބިފައިވުމެވެ.
މި ކުލަ މަސައްކަތްކުރާ ގޮތް
މި ކުލަ ތައްޔާރުކުރުމުގައި ބޭނުންކޮށްފައިވަނީ ތަފާތު ސައިޒުތަކުގެ “ބޭރިއަމް ސަލްފޭޓް” މާއްދާގެ ކުދި އެތިކޮޅުތަކެކެވެ. މީގެ ސަބަބުން އިރުގެ އަލީގެ ތަފާތު ރޭޑިއޭޝަންތައް ފަސޭހަކަމާއެކު ބޭރުކޮށްލައި، ހޫނު ހިފެހެއްޓުން އެންމެ ކުޑަކޮށްދެއެވެ.
މީގެ މުހިންމުކަން
މި ދިރާސާގައި އިސްކޮށް އުޅުއްވި ސައިންސްވެރިޔާ ޝޫލިން ރުއާން ވިދާޅުވި ގޮތުގައި، އިމާރާތްތަކުގެ ފުރާޅުގައި މި ކުލަ ލުމުން އެތެރޭގެ ހޫނުމިން ވަރަށް ބޮޑަށް ދަށްކޮށްދެއެވެ. މީގެ ސަބަބުން އޭސީ ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ކަރަންޓަށް ކުރާ ޚަރަދާއި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މަގުފަހިވެގެންދާނެއެވެ.
ކުރިއަށް ހުރި ފުރުޞަތުތައް
މި ކުލަ އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭނެ ގޮތްތައް ހޯދުމަށް ސައިންސްވެރިންގެ ޓީމުން ދަނީ އުފެއްދުންތެރިންނާއެކު މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އިމާރާތްތަކުގެ އިތުރުން، ދަތުރުފަތުރުކުރާ އުޅަނދުތަކާއި ރަށްފުށުގެ ހޫނުމިން ކުޑަކުރުމުގެ މަޝްރޫޢުތަކުގައި މި ކުލަ ބޭނުންކުރުން ހިމެނެއެވެ.
