އިސްލާމްދީނަކީ އޯގާތެރިކަމާއި، ރަޙުމާއި، ލޯބީގެ މަތިވެރި އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ދީނެކެވެ. އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ދަރިންނަށް އޯގާތެރިވުމަށް މި ދީން ނުހަނު ބޮޑަށް ބާރުއަޅައެވެ. މިގޮތުން ބަަފަޔަކު އޭނާގެ އަންހެން ދަރިންނަށް ދޭ ލޯތްބާއި، އެކުދިންގެ ގައިގައި ލޯބިން ބައްދައިލުމާއި ބޮސްދިނުމަކީ އިސްލާމީ ރަހުމާއި ކުޅުނުގެ ތެރެއިން ހިމެނޭ، ދީން ހުއްދަކުރާ ރީތި ސިފައެކެވެ.
ކީރިތި ރަސޫލާ ﷺ ގެ ސީރަތަށް ބަލާއިރު، ދަރިންނަށް ލޯބި ދެއްވުމުގައި އެކަލޭގެފާނަކީ މުޅި އުންމަތަށް ހުރި އެންމެ ރީތި ނަމޫނާއެވެ. ރިވާވެގެންވާ ގޮތުގައި، އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވަޑައިގަންނަވާ ހިނދު، ރަސޫލާ ﷺ ތެދުވެވަޑައިގެން އެކަމަނާއާ ބައްދަލުކުރައްވައި، އަތްޕުޅުގައި ހިއްޕަވައި، އެކަމަނާގެ ނިތްކުރިފުޅަށް ބޮސްދެއްވައި، އެކަލޭގެފާނު އިންނަވާ ތަނުގައި އެކަމަނާ ބައިންދަވައެވެ. މިއީ ބަފަޔަކު އޭނާގެ އަންހެން ދަރިއަކަށް ކުރަންޖެހޭ ގަދަރާއި ދޭންޖެހޭ ލޯބި ވަރަށް ސާފުކޮށް ހާމަކޮށްދޭ ދަލީލެކެވެ.
އިސްލާމީ ފިޤުހުގެ ނަޒަރަކުން ބަލާއިރު، ބަފަޔަކު އޭނާގެ އަންހެން ދަރިފުޅުގެ ބޮލުގައި ނުވަތަ ނިތްކުރީގައި ނުވަތަ ކޮލުގައި ލޯބިން ބޮސްދިނުމަކީ ހުއްދަ ކަމެކެވެ. މިއީ އެއްވެސް ހާލެއްގައި ޝަހުވަތްތެރިކަމެއް ނެތް، ބަފައެއްގެ ހިތުގައި ދަރިއަކަށް އޮންނަ ސާފު ތާހިރު ލޯބި ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ދަރިކަނބަލުން ޢާއިޝަތުގެފާނު ބަލިވެ އޮންނަވަނިކޮށް، ވަޑައިގެން އެކަމަނާގެ ކޮލަށް ބޮސްދެއްވިކަން ޞަޙީޙުލް ބުޚާރީގެ ރިވާޔަތްތަކުން އެނގެން އޮވެއެވެ.
ނަފްސާނީ ގޮތުން ބަލާއިރުވެސް، ބަފަޔެއްގެ ފަރާތުން ލިބޭ މިފަދަ ލޯތްބާއި އޯގާތެރިކަމަކީ އަންހެން ކުއްޖެއްގެ ޝަޚުޞިއްޔަތު ބިނާކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ބަފަޔަކު ދަރިފުޅު ގައިގައި ބައްދައިލުމުން އެކުއްޖާއަށް އިހުސާސްވަނީ ރައްކާތެރިކަމާއި އަމާންކަމެވެ. މީގެ ސަބަބުން އެކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ބޭރު ތެރޭގެ ނުބައި ނުފޫޒުތަކުން ސަލާމަތްވުމަށް ބާރަކަށްވެއެވެ.
ނަމަވެސް، އިސްލާމްދީނަކީ ކޮންމެ ކަމެއްގައިވެސް އަދަބުތަކާއި ހުދޫދުތަކެއް ކަނޑައަޅާފައިވާ ދީނަކަށްވާތީ، ދަރިން ބޮޑެތިވަމުން އަންނަ ވަރަކަށް ބައެއް ކަންކަމަށް ސަމާލުވާންޖެހެއެވެ. އެގޮތުން ބޮސްދިނުމުގައި ތުންފަތަށް ބޮސްދިނުމަކީ އެންމެ އެދެވިގެންވާ ގޮތެއް ނޫންކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އޭގެ ބަދަލުގައި ނިތްކުރި ނުވަތަ ބޯ ފަދަ ތަންތަނަށް ބޮސްދިނުމަކީ ބަފައެއްގެ ގަދަރާއި ލޯބި އެންމެ ފުރިހަމައަށް ރަމްޒުކޮށްދޭ ގޮތެވެ.
އަންހެން ދަރިންގެ ގައިގައި ބަފައިން ލޯބިން ބައްދައިލުމާއި ބޮސްދިނުމަކީ އިސްލާމީ ރީތި އަދަބުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެއީ އާއިލީ ގުޅުން ބަދަހިކޮށްދޭ، ދަރިންގެ ހިތްތަކުގައި ބަފައިންނަށް އޮންނަ ލޯބި އިތުރުކޮށްދޭ މަތިވެރި އަމަލެކެވެ. މިކަމުގައި އޮތީ އިސްލާމީ ހަމަތަކުގެ މަތިން، ސާފު ތާހިރު ނިޔަތަކާއެކު ދަރިންނަށް ލޯބި ދިނުމެވެ. އެއީ ދަރިން ބޮޑެތިވެގެންދާއިރު، އެކުދިންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ، މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ހެދުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ.
ރިފަރެންސް:
– https://sunnah.com/tirmidhi:3872
– How the Prophet Treated His Daughter Fatimah
މި ލިޔުމާމެދު:
އަޅުގަނޑަކީ ދީނީ ޢިލްމުވެރިއެއް ފަދައިން ދީނީ ޢިލްމު ދަންނަ މީހެއް ނޫނެވެ. ނަމަވެސް އަޅުގަނޑަށް އެނގިހުރި މިންވަރަކުން، ރާއްޖޭގެ ބައެއް ޢިލްމުވެރިންގެ ލިޔުންތަކާއި ބޭރުގެ ބައެއް ދީނީ ޢިލްމީ ވެބްސައިޓްތަކުން ލިބުނު މަޢުލޫމާތު ބޭނުންކޮށްގެން މި ލިޔުން ލިޔެލީމެވެ.
