ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޭޕް ވާޑޭ ބަލިކޮށް އާޖެންޓީނާ ގަދަ 16 އަށް ދަތުރުކޮށްފި
ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އާޖެންޓީނާ ކުޅުނު މެޗު ކާމިޔާބުކޮށް ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ، ގިނަ ބަޔަކަށް ހައިރާންކަން ގެނެސްދީ ދެވަނަ ބުރުން ޖާގަ ހޯދި ކޭޕް ވާޑޭ އާއި ގުރޫޕް ސްޓޭޖްގެ ތިން މެޗުން މޮޅުވެގެން ދެވަނަ ބުރަށް އައި އާޖެންޓީނާއެވެ.

ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު، ގިނަ ވަގުތު މެޗު ލީޑުކުރަމުންދިޔަ އާޖެންޓީނާއަށް ލީޑު ނަގައިދިނީ، ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއެވެ. މެސީ މި ލަނޑު ޖަހާފައިވަނީ ލިސަންޑްރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި ހާފު ނިމުނީ، ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފުގައި ކޭޕް ވާޑޭއިން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅަށް ކުޅެފައެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ކޭޕް ވާޑޭއަށް އެކަން ކާމިޔާބުވީ ދެވަނަ ހާފުގެ ސާދަވަނަ މިނިޓްގައެވެ. ކޭޕް ވާޑޭގެ ކެޕްޓަން ރަޔާން މެންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޭޕް ވާޑޭއަށް މި ލަނޑު ޖަހައިދިނީ ޑެރޯއި ޑުއާޓޭއެވެ.

ދެވަނަ ފަހަރަށް އާޖެންޓީނާއިން ލީޑު ނެގުމަށް ކުރަމުން އައި މަސައްކަތް ހުއްޓުވުމުގައި ކޭޕް ވާޑޭގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ މެޗުގެ ފުރިހަމަ ވަގުތާއި ހަމައަށް ކާމިޔާބު ހޯދާފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށްޓަކައި ކުޅުނު ފަނަރަ މިނިޓްގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ދެވަނަ ފަހަރަށް އާޖެންޓީނާއިން ލީޑު ނެގިއެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ޖަހަން އެހީތެރިވި ލިސަންދްރޯ މާޓިނޭޒްއެވެ.

އާޖެންޓީނާއަށް ދޫ ދިނުމެއްނެތި ކުޅެމުންދިޔަ ކޭޕް ވާޑޭއިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ ފަނަރަ މިނިޓްގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ފަހުކޮޅުއެވެ. ހިތްގައިމު ރީތި ލަނޑެއްގެ ގޮތުގައި ފާހަގަކޮށްލެވުނު މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކަބްރާލްއެވެ.

އާޖެންޓީނާ މެޗުން މޮޅުވި ލަނޑަކީ، ފަނަރަ މިނިޓްގެ ދެވަނަ ހާފުގެ ފަހުކޮޅު ކުރިސްޓިއަން ރޮމޭރޯ ބޮލުން ގޯލަށް ފޮނުވާލި ބޯޅައެއް ކޭޕް ވާޑޭގެ ޑިފެންޑަރު ޑިނޭ ބޯޖަސްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.

ގަދަ 16 ބުރުގައި އާޖެންޓީނާ ބައްދަލު ކުރާނީ މިސްރާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top